ބައިނަލްއަގްވާމީ ސިޔާސީ ރަދީފުގައި ޓެރަރިޒަމާއި އިސްލާމީ ޖިހާދު

104
Islamic Jihaad news

މިއިީ މިއަދު ބައިނަލްއަގްވާމީ މުޖްތަައުގައިވާ މައިގަނޑު ބޮޑެތި މައްސަލަތަކުގެ އަސްލެވެ. ވަކިން ޚާއްސަކޮށް އިސްލާމީ ދުނިޔެ އާއި ހުޅަނގާ ދެމެދުގައިވާ އަރައިރުމުގެ މައިގަނޑު ތަނބެވެ.

މިވަގުތު ދުނިޔެއަށް ނުރައްކަލަކަށް ވެފައިވަނީ ހަމައެކަނި ޓެރަރިޒަމް ހެއްޔެވެ؟ ނުވަތަ އިސްލާމީ ޖިހާދު ހެއްޔެވެ؟ މިއީ ދެ ބައި މީހުންވެސް މުޅިން ތަފާތު ދެ ގޮތަކަށް ޖަވާބުދޭ ސުވާލުތަކެވެ.

އެއްބަޔަކު މާނަކުރާ ގޮތުގައި މި ވަގުތު ދުނިޔެއަށް ނުރައްކަލަކަށް ވެފައިވަނީ ޓެރަރިޒަމެވެ. އިސްލާމީ ޖިހާދެއް ނެތެވެ. ޖިހާދުގެ ނަމުގައި ވާހަކަ ދެއްކި ނަމަވެސް އަސްލަކީ ޓެރަރިޒަމް ކަމުގައިވެސް އެ ފަރާތްތަކުން ބުނެއެވެ.

ބައިނަލްއަގްވާމީ މުޖްތަމަ އަށް ނުރައްކަލަށް ވެފައިވަނީ އިސްލާމީ ޖިހާދު ކަމުގައި ދުނިޔޭގެ އިރުމައްޗާއި ހުޅަނގުގެ ބޮޑެތި ބާރުތައްވެސް މިއަދު ދައުވާ ކުރެއެވެ. ޓެރަރިޒަމަކީ އިސްލަމުން ދީނަށް ނަސްރުދިނުމަށްޓަކައި ކުރާ މަސައްކަތް ކަމުގަ އިސްލާމުންނަށް ގަބޫލުކުރެވޭ އިސްލާމީ ޖިހާދު ކަމުގައި ބުނާ ނަމަ، އެ ޓެރަރިޒަމް އުފަންކުރުވުމުގެ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ ހުޅަނގުގެ ބާރުގަދަ އިސްތިޢުމާރީ ބާރުތަކެވެ.

މުސްލިމަކު އެނޫން އެހެން ބަޔަކާ ދެކޮޅަށް ދޭ ކޮންމެ ހަމަލާ އަކީ ޖިހާދަކަށް ނުވެއެވެ. ހަަމަ އެފަދައިން ބާރުގެ ބޭނުންކުރާ ކޮންމެ ފަހަރަކު އެ ހިންގަނީ ޓެރަރިޒަމް ކަމުގައިވެސް ނުބުނެވޭނެއެވެ. މިސާލަކަށް އެމެރިކާ އިރާގު ސުންނާފަތިކޮށް އެތަކެއް މިލިއަށް މީހުން މެރުމަކަށްވެސް ޓެރެރިޒަމްއޭ ކިޔާ އަޑެއްނާހަމެވެ. ނުވެސް އިވޭމެއެވެ.

ހަމައެެހެންމެ މުސްލިމުން އެނޫން މީހުންނާ ދެކޮޅަށް ދޭ ޙަމަލާތައް އިސްލާމީ ޖިހާދުކުރުމުން ބޭރުވެ އުދުވާނަކަށް ވެގެންދާ ޙާލަތްތައް ވެސް އާދޭމެއެވެ. ވުމާއެކު މި ޙާލަތު އެހެން ދީންތަކުގެ މީހުން ހިންގާ މިފަދަ ހަރަކާތްތަކަށް ނިސްބަތް ވާނެ ކަމުގައި ވެސް ގަބޫލު ކުރަން ޖެހެއެވެ. މިސާލަކަށް ނިއުޒިލޭންޑްގެ ކުރައިސްޗާޗްގެ މިސްކިތަކަށް ކުރިސްޓީއަނުން ދިން އުދުވާނީ ޙަމަލައާއި މަރާލި 50 އަށްވުރެ ގިނަ މުސްލިމުން ހަދާންކޮށްލަމާތޯއެވެ. އަދި އެ ޙަމަލަ ހިންގި މީހާއަކީ ވައިޓް ސުޕްރަމަސީއަށް ވަކާލާތުކުރާ އެމެރިކާގެ ރައިސް ޓްރަމްޕުގެ ވައިޓްސުޕުރަމަސީ އަށް ތާއިދުކުރާ މީހެއްމެއެވެ.

ދުނިޔޭގައި ޓެރަރިޒަމް މާނަ ކުރެވޭ ގޮތަށް ބަލާއިރު، ހަނގުރާމައިގައި ބައިވެރި ނުވާ އާންމުންނާ ދެކޮޅަށް ދޭ ހަމަލާތައް  ބޮޑަށް ފާހަގަ ކޮށްލެވެއެވެ.

ދާދިފަހުން ރަޝިޔާގައި ހިނގާ ދިޔަ، ރަހީނު ކުރުމުގެ ޓެރަރިސްޓް ހަމަލާ އަށް ފަހު، އިޒްރޭލުން ވަނީ “ބައިނަލްއަގްވާމީ ޖިހާދާ ދެކޮޅަށް” ރަޝިޔާ އަށް އެހީވެދޭން ތައްޔާރަށް އޮތް ކަމުގައި ބުނެފައެވެ. މިތާނގައި އިޒްރޭލުން އިޝާރާތް ކޮށްފައި ވަނީ، ޗެޗްނިޔާގެ މުސްލިމުން، އެމީހުންގެ ފުރިހަމަ ހައްގުތައް ހޯދުމަށް ކުރަމުންދާ މަސައްކަތް ތަކަށެވެ.

އެއްވެސް އޮޅުމެއް ނެތް ގޮތުގައި އިސްލާމީ ޖިހާދާ ދެކޮޅަށް އުދުވާނީ ހަމަލާތައް ދިނުމުގައި ކާމިޔާބުތަކެއް ހޯދިފައި ނުވިޔަސް، އެފަދަ އުދުވާންތައް ހިންގުމުގައި އެންމެ ބޮޑު ތަޖުރިބާއެއް ޙާސިލު ކޮށްފައިވާނޭ ބަޔަކީ އިޒްރޭލު ކަން ކަށަވަރެވެ.

ފަލަސްތީނު މީހުންގެ ބިންތައް ފޭރިގެން އޮތް އިޒްރޭލުގެ އުދުވާންތަކށް ދެކޮޅަށް ފަލަސްތީނު މީހުން ދޭ ޙަމަލާތައް ޓެރަރިޒަމްގެ ގިޔުގަނޑުގެ ތެރެއަށް ފެއްތޭނެ ގޮތެއް ނެތްކަމަށް ދުނިޔޭގެ ގިނަ ތަޙުޒީބީ ގައުމުތަކުންނާއި ޢާންމުފަރުދުންވެސް ދެކޭމެއެވެ. ހަމަ އެފަދައިން އިރާގު މީހުން އެމެރިކާގެ އަޅުވެތި ކަމުން މިންޖުވުމަށް އެގައުމުގައި ގަދަކަމުން ވެރިވެގަނެގެން އުޅޭ އެހެން ގައުމު ތަކުގެ ކުލީ ސިފައިންނާއި ދެކޮޅަށް ދެމުންގެންދާ ޙަމަލާތައް ވެސް ޓެރަރިޒަމްގެ ގޮތުގައި މާނައެއް ނުކުރެވޭނެކަމުގައި ޢަދުލުއިންސާފަށް ލޯބިކުރާ ގިނަބަޔަކު ދެކޭމެއެވެ.

ނަމަވެސް އިރާގުގައި އިރާގު ރައްޔިތުންނާ ދެކޮޅަށްދޭ ކާރު ބޮމުގެ ޙަމަލާތައް އިސްލާމީ ޖިހާދުގެ ގޮތުގައި މާނަ ކުރެވިދާނެތޯ އެއީ ކުރެވޭ ސުވާލެކެވެ. ޗެޗްނިޔާގެ މިނިވަން ކަމަށް ގޮވާލި ބަޔަކު، ރަޝިޔާގެ އޮސޭޓިއާ ޖުމްހޫރިއްޔާގައި އެއްވެސް ކުށެއްނެތް އާންމުންގެ ހާހެއްހާ މީހުން ރަހީނުންގެ ގޮތުގައި ހިފަހައްޓައި އޭގެ ތެރެއިން ބަޔަކު މަރާލި ހާދިސާއަކީވެސް އިސްލާމީ ޖިހާދު ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

ޓެރަރިޒަމާ ދެކޮޅަށް ބޮޑެތި ބާރުތަކުން ހަނގުރާމައެއް ފަށާފައިވާއިރު ޓެރަރިޒަމްގެ އަސްލާމެދު ވިސްނާލައިފައެއް ނުވެއެވެ. ނުވަތަ ގަސްދުގައި ނުވިސްނޭކަމަށް ހަދަނީކަމަށްވެސް ބެލެވިދާނެއެވެ.  އަދި މި ކަމުގެ އަސްލަށް ބަލާ އިރު މިހަނގުރާމައިގެ ހަގީގީ އަމާޒަކީ އިސްލާމީ ދުނިޔެ ބަލިކަށިކޮށްލުންކަން ދުވާލުގެ އިރު ފަދައިން މިހާރު ސާބިތުވެއެވެ. ފުރަތަމަ އަފުގާނިސްތާނު ދެން އިރާގު ދެން ލީބިޔާ ދެން ސީރިއާ ފަހަރަކު ގައުމެއް ސުންނާފަތިކޮށް އެގައުމުތަކުގެ މުއްސަދިކަން މިވަނީ އިސްލަމުންގެ ޢަދުއްވުން ފޭރިގަނެފައެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުން މަސައްކަތް ކުރަނީ ހަގީގަތުގައި އެބުނާ “ޓެރަރިޒަމް” އިތުރަށް ދިރުވައި އާލާ ކުރުމަށޭ ބުނެވިދާނެއެވެ. އަދި މުސްލިމުންގެ ޙައްގުތައް ވެވުނު ކޮންމެ ގޮތަކުން ނިގުޅައިގަތުމަށެވެ. އެއަށްފަހު މި ޙައްގުތައް ހޯދުމަށް މުސްލިމުން ކުރާ ކޮންމެ ކަމެއް ޓެރަރިޒަމްގެ ގޮތުގައި މާނަ ކުރާނީއެވެ. މިއަދު މި ޙަގީގަތް ބަލާލި ކޮންމެ ދިމާލަކުން މިދަނީ ފެންނަމުންނެވެ. އިސްރޭލުގެ ޢުދުވާނި ޙަމަލަތަކާއި ލައިވް ޓީވީކުރިމަތީގައި ރޭގަނޑާއި ދުވާލު ވަރަށް ފާޅުކޮށް އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި މިލިޓްރީ އެހީއާއިއެކު އެހިންގާ ގަތުލުޢާންމުތަކަކީ މީގެ އަލިގަދަ ދަލީލެވެ. މިޢުދުވާން މުސްލިމުންނާއި ދެކޮޅަށް ހިންގަނީ މުސްލިމުގައުތަކުގައި ވެރިކަމުގެ ބާރުވެރިންގޮތުގައި އެގައުމުތަކުގައި އުޅޭ މުސްލިމު އެޖެންޓުންނާއި ގުޅިގެނެވެ.

ކުރުގޮތަކަށް ބުނަންޏާ ޓެރެރިޒަމް ޑިފައިންކުރެވޭނެގޮތެއް މިވަނީ ނުވެފައެވެ. ވީމާ ބާރުގަދަ ފަރާތަކުން ކިތަންމެ ޢުދުވާންތަކެއް ހިންގާ އެތަކެއް މިލިއަށް ކުށެއްނެތް ޢާންމުނެއް މަރާ ސުންނާފަތިކުރިޔަށް އެބައިމީހުން ޢަދުލު އިންސާފުގެ ކުރިމައްޗަށް ގެނެވޭނޭގޮތެއްނެތެވެ. މުސްލިމު ދުނިޔެވަނީ ބޮޑު ހަމަނުޖެހުންގަނޑެއްގެ ތެރޭގައެވެ. މުސްލިމްވެރިންގެ ކޯޅުންގަނޑާއިހެދި ދެ ބިލިއަށް މުސްލިމުން މިވަނި އެކުރިކަމެއްނެތް ހަތުރުންތަކަށް ވެފައެވެ.

3 ހިޔާލުތައް

  1. މިދުނިޔޭގެ އުސޫލު ދެން މިހާރު ދަސްވެއްޖެއެވެ. އެއީ އަޑުހަރުކޮށް ޢަދުލުއިންސާފުގެ ވާހަކަޔާއި ޑިމޮކްރަސީގެ ވާހަކަ ދައްކައިގެން ރައްޔަތުން ބޯކާލައި ވެރިކަމާހެދި ހޭމަރުވާބަޔަކު ޗަރުކޭސް ކުޅުމެވެ. އަސްލު ޖަންގަލީގެ އުސޫލެވެ. ކުދި ޖަނަވާރު ވާނީ ބޮޑު ޖަނަވާރުގެ ޝިކާރަކަށެވެ. ކާލީމާ ނުމުނީއެވެ. ހަމަ ކަނޑުގެ ވެސް އުސޫލެވެ. ބޮޑުމަސް ކުދިމަސް ކާލަނީއެވެ. ދެރައީ މަމެންވެސް އެ ހޮޅިވާހަކަތަކަށް ހެއްލެވޭތީއެވެ. ދެން މަވާ ސަލާމް.

  2. ހުރިހާ ދެބޯގެރިއެއް ދުއްވާ ގައުމުތަކުގައި ފިތުނަ އުފެއްދުމުގެ ބޮޑޭއަކީ ސީދާ އެމެރިކާއެވެ. އެމީހުންގެ ބާރު ގަދަވީމާ އެސަރުކާރުން ނުނާ ބަޔަކީ ޓެރެރިސްޓުންނެވެ. އެކަން ގަބޫލު ނުކޮށްފިނަމަ ދަތިކުރުމުގެ ފިޔަވަޅު އަޅާނެއެވެ.

  3. އިސްލާމް ނުވަތަަ ޢަރަބި ނަމެއް ކިޔައިފިމީހަކު މޮޔަވެގެން މީހެއްގެ ގަޔަށް އެރިޔަސް އެވާނީ އިސްލާމިކް ޓެރަރިޒަމްއަށް . އެހެން ދީނެއްގެ މީހަކު ބޮންގޮށްވިޔަސް ކާޕެޓްބޮން އަޅާ އަވަރެއް ގޮއްވާލިޔަށް ބަޑިޖަހާ ގަތުލު ޢާންމު ހިންގިޔަސް އޭނާގެ ދީނާ ގުޅުވައިގެން ޚަބަރު ނަހަދައެވެ. އެއީ ކީއްވެބާ؟ މުނާފިގު ކަންބޮޑީދޯ؟ އެގޮތަށް ފޭކް ޚަބަރު ޖައްސައިގެން އިސްލިކް ފޯބިއާ މިވަނީ ފަތުރާފައެވެ. އިސްލާމީ ގައުމުތަކުގައި ވެރިކަން ކުރަން ތިބި މީހުންގެވެސް ގޮތެއް ނެތީމައެވެ. އެންމެންވެސް ދުނިޔެ ބަނޑުދަށުލާންވެގެން އުޅެބާލާތީ ވެގެންއުޅޭގޮތެވެ. ވަރަށް ދެރަވަރު.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ