އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސައިފި

Facebook
Twitter
WhatsApp
05174D95-DCFB-41E8-AA88-B0ED4BFA8198

އީރާނުން މި އަހަރުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި 105 މީހުން ދަންޖައްސާފައި ވާކަމަށް އދ. އިން ބުނެފިއެވެ.

ޖެނީވާގައި ބޭއްވި ބައްދަލުވުމަކަށް އދ. ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓުރެސް އިސްވެ ހުންނަވައިގެން ތައްޔާރުކުރައްވައި ހުށަހެޅުއްވި ރިޕޯޓެއްގައި އީރާނުން ގިނަ އަދަދެއްގެ ބަޔަކު ދަންޖައްސަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތްޕުޅުން އެ ރިޕޯޓު ހުށަހެޅުއްވީ އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ ނައިބު ރައީސް ނަދާ އަލްނާޝިފް އެވެ. އޭނާ ވިދާޅުވިގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާރިޗު މަހުގެ 20 ވަނަ ދުވަހާހަމައަށް އީރާނުން ވަނީ 105 މީހުން ދަންޖެއްސުމުގެ އަދަބު ދީފައެވެ. އެކިއެކި ކުށްކުށުގައި 2020ގައި އީރާނުގައި 260 މީހުން ދަންޖައްސާފައި ވާއިރު 2021ގައި 310 މީހުން ދައްޖާސާފައި ވެއެވެ. ދަންޖެއްސި މީހުންގެ ތެރޭގައި 14 އަންހެނުން ވެސް ހިމެނެއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް: ކަންބޮޑުވުން ފާޅުކުރެއްވި

އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ ރިޕޯޓުގައި ވާގޮތުން އީރާނުގައި ވަރަށް އާދައިގެ ކުށް ކުރާ މީހުންނަށް މަރުގެ އަދަބު ދިނުން އިތުރުވަމުންދާކަން ފާހަގަކޮށްފައި ވެއެވެ. އާދައިގެ ކުށްކުށުގެ ގޮތުގައި އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމާއި އޭގެ ވިޔަފާރި ކުރުމެވެ. ނަދާ އަލްނާޝިފް ވިދާޅުވި ގޮތުގައި މާރިޗު މަހު މަރުގެ ހުކުމް ތަންފީޒު ކުރެވުނު މީހުންގެ ތެރެއިން 52 މީހުންނަކީ މަސްތުވާ ތަކެތީގެ ކުށުގައި ދަންޖެއްސި މީހުންނެވެ.

ނަދާ: އީރާނުން ދަންޖައްސާކަމަށް ވިދާޅުވޭ

ނަދާ ވިދާޅުވިގޮތުގައި 2021 އޮގަސްޓު މަހުން ފެށިގެން 2022 ވަނަ މަހުގެ މާރިޗު މަހާ ދެމެދު ބާލިޣު ނުވާ ދެކުދީން ވެސް ދަންޖައްސާފައި ވެއެވެ. އަދި 85 ކުޑަކުދީންނަށް މަރުގެ ހުކުމްކޮށް ދަންޖައްސަން ތައްޔާރުކޮށްފައި ވެއެވެ. އަދި ކުޑަކުއްޖަކު ދަންޖެއްސުމަށް މީގެ 18 އަހަރު ކުރިން ކުރި ހުކުމެއް މިއަހަރުގެ ފެބުރުއަރީ މަހު ސްޕްރީމް ކޯޓުން ވަނީ ބާޠިލުކޮށްފައެވެ. 

އީރާނުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ ނާއިބު މަހުދީ ޢަލީ ޢިބާދީ ވިދާޅުވީ އީރާނާ ބެހޭ ގޮތުން އދ. އަށް ހުށަހެޅުނު ރިޕޯޓަކީ ދޮގު ރިޕޯޓެއްކަމަށާއި އޭގައި ތެދުވެރިކަމެއް ނެތްކަމަށާއި އެއީ ވަކި ފަރާތަކަށް ޖެހިފައިވާ ރިޕޯޓެއް ކަމަށެވެ. އަދި އެފަދަ ރިޕޯޓުތައް ހުށަހެޅުމުގެ ބޭނުމަކީ އީރާނުގެ އަގު ބައިނަލް އަގުވާމީ މައިދާނުގައި ވައްޓާލުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

2 Responses

  1. އެންޓޯނިއޯ ގުޓްރެސް އަށް ކެރޭނެބާ އެމެރިކާގައި މިހާތަނަށް އެއްވެސް ކުށެއް ނުކުރާ ކިތައް ކިޔަވާކުދިން ބަޑިޖަހާ މަރާލައިފިކަމުގެ ރިޕޯރޓެއް ނެރެން. ނުކެރޭނެކަން ކަށަވަރު. ވަޒީފާގަނޑު ގެއްލޭނެ ވިއްޔާ…

  2. ތިއެންމެން ހިއުމަން ރައިޓްސްއޭ ކިޔައިގެން ވަރަށް ރޯނެވެ. އެހެނަސް އެއީ ވަކި ގައުމެއްގައި ޙުކުމް ތަންފީޒް ކުރީމައެވެ. ނަމަވެސް އެމެރިކާ އާއި އެގުރޫޕްގެ ބައިވެރީން ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށް ކާޕެޓް ބޮންއަޅައި މިލިޔަނުން މިލިޔަނުން ގައުމު ތަކުގައި މީހުން މެރިޔަސް ނުރޯނެއެވެ. ލޯވެސް ކަނުވާނެއެވެ. ކަންފަތްވެސް ބީރުވާނެއެވެ. މިސާލަކަށް އިޒްރޭލު ޒައަރނިސްޓުން ފަލަސްތީނު އަތުލައިގެން ތިބެ މަރަމުން ގެންދާ މިސްލިމުން. އެހެނަސް ބައްލަވާލައްވާ ޔޫކުރޭނޭ ޔޫކުރޭނޭ ކިޔައިގެން ރޯވަރު. ޕުޓިން ގެ ނުލަފާކަމޭ ނުލަފާކަމޭ. މިވެރިންގެ ނުލަފާކަމެއް އިންސާނިއްޔަތުން ދެކެފައެއްނުވާކަހަލަ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް