ޢިބުރަތް ލިބިގަތުން، އަނިޔާވެރި ނުވުން 

Loading

Facebook
Twitter
WhatsApp


އަލްއިމާމުއް ޛަހަބީ رحمه الله ވިދާޅުވެފައިވެއެވެ.

ތިމަން ކަލޭގެފާނަށް ބަޔަކު މީހުން ކިޔައިދިނެވެ.

ކޮނޑުހުޅާ ހަމައިން އަތް ބުރިކޮށްފައިވާ، މީހަކު މަގުމަތީގައި ހުރެ މީސްތަކުންނާއި މުޚާޠަބުކޮށް ގޮވަމުން ދިޔައެވެ. ތިމަންނާ އަށް ބަލާ ޢިބުރަތް ލިބިގަންނާށެވެ. އެއްވެސް މީހަކު އަނެކާއަށް އަނިޔާވެރި ނުވާށެވެ. ތިމަންމެން އޭނާގެ ގާތަށް ގޮސް ބުނީމެވެ. އޭ އަޚާއެވެ! ތިބާގެ ވާހަކަ ނިކަން ކިޔައިދީ ބަލާށެވެ. އެމީހާ ބުންޏެވެ. 

ތިމަންގެ ވާހަކައަކީ ވަރަށް އަޖާޢިބު ކުރުވަނިވި ވާހަކައެކެވެ. ތިމަންނާ އަކީ މީސްތަކުންނަށް އަނިޔާވެރިވަމުން ދިޔަ ޖަމާޢަތެއްގެ މީހަކީމެވެ. އެއްދުވަހަކު މީހަކު ވަރަށް ބޮޑު މަހެއް ހިފައިގެން ދާ މަންޒަރު ތިމަންނާއަށް ފެނުނެވެ. ތިމަންނާ އެ މަސް ބޭނުންވިއެވެ. އެމީހާގެ ގާތަށް ގޮސް ތިމަން ބުނީމެވެ. ތިމަސް ތިމަންނާއަށް ދޭށެވެ. 

އެމީހާ ބުންޏެވެ. ތިމަން މިދަނީ މިމަސް ވިއްކައިގެން ލިބޭ ފައިސާ އިން ތިމަންގެ ދަރިންނަށް ކާބޯތަކެތި ގަންނާށެވެ. ތިމަން އޭނާގެ ގައިގާ ތަޅާ އަނިޔާކޮށް ގަދަކަމުން އެމަސް އަތުލީމެވެ. އެ މަސް ހިފައިގެން ދަނިކޮށް، ތިމަންގެ އަތުގެ އިނގިލީ ގައި މަސް ދަތް އެޅިއެވެ. ވީ ތަދެއްގެ ބޮޑުކަމުން ތިމަން ހޭނެތުނު ހެން ހީވިއެވެ. އަދި ތިމަން ގެ އަތް ވަރަށް ބޮޑަށް ވިހަވެ ދުޅަވެގެން ދިޔައެވެ. އަނެއް ދުވަހު ޑަކްޓަރުގެ ގާތަށް ގޮސް އިނގިއްޔަށް ތަދުވާ ވަރުން ކެތްކުރަން ދަތި ވާހަކަ ބުނީމެވެ.

ޑަކްޓަރު ބުންޏެވެ. އެއީ އެ މަސް ދަތް އެޅުމުގެ ސަބަބުން ވާ ތަދެކެވެ. އެ އިނގިލި ބުރިކޮށް ނުލައިފިނަމަ ޖެހޭނީ ވިހައިގެ ސަބަބުން އަތް ބުރިކޮށްލާށެވެ. ޑަކްޓަރު އެހެން ބުނުމުންތިމަން ގެ އިނގިލި ބުރިކޮށްލަން އެއްބަސްވީމެވެ. އެއާއި އެކުވެސް އަތަށް ތަދުވާވަރުން ތަނެއްގައި ހަމަޖެހިލައިގެން އޮވެވޭ ވަރެއް ނުވިއެވެ. ތިމަން ގާތު ބުނެވުނެވެ. ތިބާގެ އަތުގެ ކުޑަހުޅުން ބުރި ކޮށްލާށެވެ. ނޫންނަމަ މުޅިއަތަށް އެވިހައިގެ ސަބަބުން ތަދުފެތުރޭނެއެވެ. 

އެގޮތަށް ޢަމަލު ކުރުމުން ވެސް ތަދު ކަނޑައިގެންދާ ގޮތެއް ނުވިއެވެ. ހަމަ ތަދުވީ ހައްތާ ބޮޑެވެ. ފުރަތަމަ ފަހަރަށް ވުރެ ވެސް ތަދު ބޮޑުވެގެން ދިޔައެވެ. ދން ޑަކްޓަރު ބުނީ އަތް ކޮނޑުހުޅުން ބުރިކޮށް ނުލައިފިނަމަ މުޅިހަށިގަނޑަށް ތަދުފެތުރިގެން ދާނެކަމުގައެވެ. 

ބަޔަކު ތިމަންގާތުގައި އެއްސެވެ. ތިކަން ފެށެން މެދުވެރިވީ ކީއްވެގެން ހެއްޔެވެ؟ ދެން ތިމަން އެމީހުންނަށް އެ މަހުގެ ވާހަކަ ކިޔައި ދިނީމެވެ. އެމީހުން ބުޏެވެ. އެންމެ ފުރަތަމަ ވެސް މަސްވެރިޔާގެ ގާތަށް ގޮސް އޭނާގެ ފަރާތުން ހިތްހަލު ހޯދިނަމަ ތިކަން ތިގޮތަށް ނުވީހެވެ. ތިބާގެ ހަށިގަނޑުގެ ގުނަވަނަކަށް ފަހު ގުނަވަނެއް ބުރިކުރާކަށް ނުޖެހުނީހެވެ. ތިބާގެ މުޅިހަށިގަނޑަށް ތަދުފެތުރުމުގެ ކުރިން އަވަހަށް އެމީހާގެ ގާތަށް ގޮސް އެމީހާގެ ހިތް ޙަލާލު ހޯދާށެވެ. 

ކަލޭ ތިމަސް ފޭރިގަތް މީހާކައިރިއަށް ގޮަސް މަޢާފަށް އެދރުހުންހޯދާށެވެ. ދެންފަހެ، އޭނާ ހޯދުމަށްޓަކައި ތިމަން އެއްއަވަށުން އަނެއް އަވަށަށް ދަތުރު ފެށީމެވެ. އޭރު އެތަދު ވަނީ މުޅި ހަށިގަނޑަށް ފެތުރިފައެވެ. 

އޭރު އެތަދު ފަޔާ ހަމަޔަށް ފޯރާފިއެވެ. އެމީހާ އާއި ބައްދަލުވުމުން ދެފައިގާ ހިފައި ރޮއި އާދޭސްކޮށް މަޢާފަށް އެދުނީމެވެ. މާތް ﷲ އަށްޓަކައި މަޢާފު ކުރުމަށް އެދުނީމެވެ. އޭނާ ބުންޏެވެ. ތިބާއަކީ ކާކު ހެއްޔެވެ. ތިމަން ބުނީމެވެ. މިއީ ތިބާގެ އަތުން ގަދަކަމުން އެއްކަލަ މަސް އަތުލި މީހާއެވެ. ތިމަންނާއަށް ވެގެން ދިޔަ ގޮތުގެ ވާހަކަ ކިޔައި ދިނީމެވެ. 

ތިމަންގެ ޙާލަތު ފެނުމުން އޭނާ ބުންޏެވެ. ތިބާގެ ޙާލަތު ފެނި، ތިމަން ތިބާއަށް މަޢާފު ކޮށްފީމެވެ. ތިމަން އޭނާއަށް ބުނީމެވެ. ސާހިބާއެވެ. މާތް ﷲ އަށްޓަކައި ބުނެބަލާށެވެ. ތިމަން ތިބާގެ އަތުން ގަދަކަމުން އެ މަސްއަތުލުމުން ތިމަންގެ މައްޗަށް ދުޢާ ކުރީމު ހެއްޔެވެ؟ އޭނާ ބުންޏެވެ. އާއެކެވެ. ތިމަން ދެންނެވީމެވެ. ”ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ތިމަންގެ ބަލިކަށިކަމުގެ މައްޗަށް އޭނާގެ ގަދަކަން ދައްކައި އަނިޔާވެރިވެ ތިމަންނަޔާއި ތިމަންގެ ޢާއިލާގެ ރިޒުޤު އަތުލިފަދައިން، އިބަރަސްކަލާނގެ ކުޅަދުންވަންތަކަށް އޭނާގެ މައްޗަށް ދައްކަވާނދޭވެ!

“ ތިމަން އެމީހާއަށް ބުނީމެވެ. އޭ ސާހިބާ އެވެ. ކަލޭގެ ކަލާނގެ ގަދަފަދަ ވަންތަކަމާއި، ކުޅަދުންތަކަން ތިމަންނާއަށް ދައްކަވައިފިއެވެ. ތިމަން ތައުބާ ވެއްޖައީމެވެ. އިރާދަ ކުރެއްވިއްޔާ، ތިމަން ދިރި ދުނިޔޭގައި ހުރިހާ ދުވަހަކު އެ އަނިޔާވެރި ގުރޫޕް މީހުންގެ ކުރިމަތީގައި ހުރަހަކަށް ވާނަމެވެ. އަނިޔާ ލިބޭ މީހުންގެ އެހީތެރިއެއްގެ ގޮތުގައި އަހުރެން ހުންނާނަމެވެ. (كتابالكبائر،113) ‎﴿وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنقَلَبٍ يَنقَلِبُونَ﴾‏(سورة الشعراء 227) ”ނިކަންހުރެ އަނިޔާވެރިވި މީހުންނަށް، އެއުރެން رجوع ވާހުށީ ކޮންތަނަކަށްކަން އެނގޭހުށްޓެވެ“.

Loading

One Response

  1. އަނިޔާވެރިވުން މާތްﷲ ސުބުޙާނަހު ވަރަޢާލާ ވަނީ މަނާކުރަށްވައި ބޮޑު ޙަރާމް ކަމެއް ކަމުގައި ލައްވާފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް