ބާ އިމްތިހާން ލަސްކޮށްނުދެވޭނެ

Loading

Facebook
Twitter
WhatsApp

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބާ އިމްތިހާނު ބާއްވާ ތާރީހް އިތުރަށް ލަސްކުރެވެން ނެތްކަމަށް ބާ ކައުންސިލުން ބުނެފިއެވެ.

ބާ ކައުންސިލުން އިމްތިހާނު ލަސްކުރެވެން ނެތްކަމަށް ބުނީ މި އިމްތިހާނު ލަސްކުރުމަށް އެދި ގިނަ ލޯޔަރުންތަކެއް ގޮވަމުން ދަނިކޮށެވެ.

އެ ގޮވާލުންތަކަށް ގޮތެއް ނިންމުމަށް ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް ރޭ  ބޭއްވުމަށްފަހު ބާ ކައުންސިލުން ނރުނު ބަޔާނުގައި ބުނީ ބާ އިމްތިހާން ޑިވެލޮޕްކުރުމަށް ފާއިތުވި ތިން އަހަރު އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށާއި އިދާރީ ގޮތުން އެތަކެއް ތައްޔާރީތަކެއްވެ، ހަރަދުތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް އެކިފަހަރު މަތިން އިމްތިހާނާބެހޭ ގިނަ މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަމަށާ އަދި  އިމްތިހާނުގެ ތަފްސީލީ ސިލަބަސް ވަނީ ގާނޫނީ ފަންނަށް ވަނުމަށް ޝައުގުވެރިވާ މީހުންނަށް ފޯރުކޮށްދީފައި ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެގޮތުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ފޯރަމެއްގައި 600އަށްވުރެ ގިނަ ބައިވެރިން ތިބި ކަމަށް ވެސް ބާ ކައުންސިލުން ވަނީ ބުނެފައެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު އެ ސިލަބަސް ގެޒެޓްކޮށް އެ ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެ ކަމަށް ވެސް ބާ ކައުންސިލުން ބުނެއެވެ.

އެގޮތުން އިމްތިހާނުކުރެވޭ ދާއިރާތައް 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހު ގެޒެޓްކޮށް، އެކިފަހަރު މަތިން އިމްތިހާން ލަސްކޮށްފައިވާ ކަންވެސް ބާ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައި, އިމްތިހާނު ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީހުގެ 90 ދުވަސް ކުރިން ބާ އިމްތިހާނު ބާއްވާނެ ތާރީހު އިއުލާނު ކުރަން ޖެހޭ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި އެ މައުލޫމާތު މިދިޔަ މާޗު މަހުގެ 24 ވަނަ ދުވަހު ބާ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ.

”އެހެންކަމުން 25 ޖޫން 2022ގައި ބޭއްވުމަށް އިންތިޒާމުކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވަނީ ކަނޑައަޅާފަ,“ ބާ ކައުންސިލްގެ އެކްސްކޯގެ ނިންމުން ހާމަ ކުރަމުން އެ ބަޔާނުގައި ބުނެފައިވެއެވެ.

އިމްތިހާން ލަސްކުރުމަށް އެދޭ ފަރާތްތަކުގެ ޝަކުވާއަކަށްވީ 2019 އިން ފެށިގެން މި އަހަރާ ދޭތެރޭ ލޯ ޑިގްރީ ނިންމި ދަސްވެނިން ޑިގްރީ ނިންމާފައިވަނީ ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތީސް އެހެން ސިލިބަހެއްގެ މައްޗަށް ކަމަށްވުމެވެ.

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގައި ބާ އިމްތިހާނު ފުރިހަމަކުރަން ޖެހޭ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް