އެމެރިކާގެ ރައީސް ބައިސިކަލުން ވެއްޓިވަޑައިގަތުން: ބޮޑު ވެއްޓިވަޑައިގަތުމެއް

Loading

Facebook
Twitter
WhatsApp

އެމެރިކާގެ ރައީސް ޖޯ ބައިޑެން ބައިސިކަލެއްގައި ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ބިންމައްޗަށް ވެއްޓިވަޑައިގެންފިއެވެ. އެ މަންޒަރު މިހާރު ވަނީ މުޅިދުނިޔެއަށް ފެތުރިގެން ގޮސްފައެވެ. 

އުމުރުފުޅުން 79 އަހަރުފުޅުގެ ބައިޑެން ވެއްޓިވަޑައިގަތުމާއެކު ހަށިފާރުވެރިއެއްގެ އެހީގައި ފުންމައިގެން ތެދުވެވަޑައިގެންނެވިއެވެ.

ބައިޑެން ވެއްޓިވަޑައިގަތް އިރު އަނބިކަނބަލުން ވެސް އަރިހުގައި ބައިސިކަލްގައި ވަޑައިގެންނެވިއެވެ. ބައިސިކަލް ދުއްވަމުން ގެންދެވީ އެމެރިކާގެ ޑެލަވެއާގެ އަތިރިމައްޗާ ކައިރި ސަރަހައްދެއްގައި ހަދާފައިވާ ޕާކެއްގައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ބައިޑެން ވެއްޓިވަޑައިގެންނެވިކަމަށް ވަނީ ފާލުގަނޑުގައި ބޫޓުކޮޅު ތާށިވެ ނުނެއްޓުމުގެ ސަބަބުންނެވެ.

ބައިޑެން ތެދުވެވަޑައިގެން ވިދާޅުވިއެވެ. ”އަޅުގަނޑު ރަނގަޅު.“

ބައިޑެން ވެއްޓިވަޑައިގަތުމަށްފަހު ތެދުވެވަޑައިގަންނަވަނީ

ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމަށްވާ އެމެރިކާގެ ރައީސް ބައެއް މީހުން ސިފަކުރަނީ ދުނިޔޭގެ ރައީސްގެ ގޮތުގައެވެ. ދުނިޔެ ހިންގަވާ ރައީސްގެ ގޮތުގައެވެ. ދުނިޔޭގެ ގައުމުތަކަށް ބޭނުން އެއްޗެއް ހައްދަވާ ރައީސްގެ ގޮތުގައެވެ.

”ދުނިޔޭގެ ރައީސް “ ބަޑެން ބައިސިކަލުން ވެއްޓިވަޑައިގެންނެވި ވާހަކައަކީ އެތައް މިލިއަން ބަޔަކަށް ހިތާމަވެރި ޚަބަރެކެވެ. ކުއްލި ސިހުމެއް ގެނެސްދިން ޚަބަރެކެވެ. އަދި އެތައް މިލިއަން ބަޔަކު އެ ޚަބަރު ނެގީ ޖޯކެއްގެ ގޮތުގައެވެ. ނަމަވެސް އުފާވެރި ޚަބަރަކީ ރައީސް ބައިޑެންއަށް ހާނީއްކައެއް ލިބިވަޑައިނުގެންނެވިކަމެވެ.

ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގެ ބޭފުޅަކު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ރައީސަށް ބޭސްފަރުވާ ކުރައްވަން ޖެހިވަޑައިނުގެންނެވިކަމަށެވެ. ދުވަހުގެ އެހެން ހުރިހާ ވަގުތެއްގައި ވެސް ރައީސް އާއިލާގެ ބޭފުޅުން އަރިހުގައި ވަގުތު ހޭދަކުރެއްވިކަމަށެވެ.   

އެމެރިކާގެ އެންމެ މުސްކުޅިފުޅު ރައީސްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައިޑެންގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން އަބަދުވެސް ތަފާތު ވާހަކަތައް ދެކެވެމުން ދެއެވެ. އޭނާގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އޭނާ ދެވަނަ ދައުރަކަށް 2024ގައި ވާދަކުރެއްވުމަކީ ރަނގަޅު ގޮތެއްތޯ ނުވަތަ ނޫންތޯ އެމެރިކާގެ އެތައް މިލިއަން ބަޔަކު ދަނީ ސުއާލުކުރަމުންނެވެ.

އެމެރިކާގެ ރައީސްކަމަށް ނޮވެމްބަރު 2020ގައި ބައިޑެން އިންތިޚާބުވެވަޑައިގެންނެވި ފަހުން ބައިޑެންގެ ފައިންޕުޅު ބިނދުނެވެ. ބައިޑެން އިންތިހާއަށް ލޯބިފުޅުވާ ކުއްތާއާއެކު ކުޅުއްވަމުން ގެންދަވަނިކޮށްނެވެ. ބައިޑުންގެ ސިއްހީ ޚިދުމަތްތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑޮކްޓަރަކު އޭގެ އެއް އަހަރު ފަހުން ވިދާޅުވީ ބައިޑުންއަކީ ފުރިހަމަ ސިއްހަތެއްގައި ޖޯޝުން ފުރިފައި ހުންނެވި ބޭފުޅެއްކަމަށެވެ.

އެއްފަހަރަކު ރައީސް ބައިޑެން މަތިންދާ ބޯޓަށް ސިޑިން އަރާވަޑައިގަންނަވަނިކޮށް ސިޑި މައްޗަށް ވެސް ވެއްޓިވަޑައިގަތެވެ. އެފަހަރުވެސް ރައީސް ފުންމައިގެން ތެދުވެވަޑައިގެންނެވިއެވެ.

ގައުމުތަކުގެ ރައީސުންނާއި ރަސްރަސްކަލުންގެ ސިއްހީ ހާލުކޮޅު ގިނަ ފަހަރަށް އޮންނަނީ ގައުމީ ސަލާމަތާގުޅޭ ސިއްރެއްގެ ގޮތުގައި ސިއްރުކުރެވިފައެވެ. ކޮންމެ ގޮތެއް ވިޔަސް އެމެރިކާގެ ރައީސް ބައިސިކަލުން ވެއްޓިވަޑައިގަތުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ފާހަގަކުރާނީ ވަރަށް ބޮޑު ވެއްޓިވަޑައިގަތުމެއްގެ ގޮތުގައެވެ.

Loading

One Response

  1. މީނަވެސް އެބަޖެހޭ ދުރަށް ޖެހިލަން. މިހާރު ސިކުނޑި މަސައްކަތެއް ނުކުރޭމެ. ހަދާނެއް ނުހުރޭ. ދެން ދުނިޔެވެސް ފުނޑިދާނެ މިފަދަ ބަލިކަސި ހަނދުމަނެތޭ މީހަކު އެމެރިކާގެ ވެރިއަކަށް ހުރީމާ ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް