ރިޔާސީ ކެންޑި ޑޭޓް ހޮވަން އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީއެއް ބާަންވަން ފާހެއް ނުކުރާނެ

Loading

Facebook
Twitter
WhatsApp

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްއެއް މިހާތަނަށް ހޮވަމުން އަންނަނީ ޕްރައިމަރީ އެއް ބާއްވައިގެންނެވެ. އެހެނަސް 2018 ގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީގެ ޓިކެޓް ރައީސް ނަޝީދަށް ލިބިވަޑައިގެންފައި ވަނިކޮށް އެމަނިކުފާނަށް އެ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ގެއްލުމާއި ގުޅިގެން ޕްރައިމަރީއެއް ބާއްވާނެ ވަގުތު ނެތުމާއެކު ރައީސް އިބްރާހިމް މުޙައްދު ޞާލިހަށް ޕްރައިމަރީ އަކާ ނުލާ ޓިކެޓް ދިނުމަށް ގައުމީ މަޖިލީހުން ފާސް ކުރީއެވެ. އެމް.ޑީޕީއިން އެފަހަރު އެގޮތަށް މަޖުބޫރީ ޙަލަތުގައި ޢަމަލު ކުރިނަމަވެސް އެއީ އެމްޑީޕީ އިން ކުރިން ޢަމަލު ކޮށްފައިވާ ގޮތެއް ނޫނެވެ.

އެހެންކަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމަކީ އެމްޑީޕީގެ ޢާންމު މެންބަރުން ރުހުމާއެއް ގޮތަށް ކުރަމުން އަންނަ ކަމަކަށް ވާތީ ޕްރައިމަރީ އަކާ ނުލާ ގައުމީ މަޖިލީހުން ބޭނުންވިޔަސް ރިޔާސީ ޓިކެޓް ޕްރައިމަރީ އަކާ ނުލާ އެއްވެސް ބޭފުޅަކަށް ދިނުމަކީ ޢާންމު މެބަރުން ބޭނުންވާގޮތެއް ނޫން ކަމުގައި ބުނެއެވެ.

މިހާރު ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަނެއް 4 ޕާޓީ އިން ވަނީ ރައީސް އިބޫއާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރަން ނިންމާފައެވެ. އެހެނަސް ގާސިމު ވެރިކަމަށް ކުރިމަތި ލައްވާނޭކަމުގައި އެޕާޓީގެ ބޮޑުން ބުނެއެވެ. ބޮޑަށް ގަބޫލުުކުރެވޭ ގޮަތުގައި އަންނަ 2023 ގެ ރޭހުގައި ވެސް ހިންގާނީ މިކޯލިޝަންގެ ވެރިކަމެކޭ ބުނެވިދާނެއެވެ. އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީ އަކަށް ދާން ނިންމައިފިނަމަ ރައީސް ނަޝީދަށް ރިޔާސީ އިންތިޚާބު ގެ އެމްޑީޕީގެ ޓިކެޓް  ލިބުން ވަރަށްގާތްކަމުގައި ދެކޭ މެމްބަރުން ގިނައެވެ.

ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ  ޖެޕީ އާއިއެމް.އެސްޑީން ނާޒިމާއި ގާސިމް ކުރިމަތި ލަައްވާނެކަމަށް ބެލެވެއެވެ. އެހެނަސް ރައީސް ސޯލިޙު އަށް ޕްރައިމަރީގައި ޓިކެޓް ލިބިވަޑައި ގެންފިނަމަ އެދެބޭފުޅުން ކޯލިޝަންގެ އެހެން ބައިވެރީން ނުލައްވާނޭކަމުގެ އެއްބަސްވުމެއް ވަނީ ލިޔެވިފައެވެ.

 އެޕާޓީގެ  ގިނަ މީހުން ގަބޫލުކުރާގޮތުގައި ޕާޓީއަށް އެންމެ މަސްލަޙަތު އޮތް ރަނގަޅު ގޮތަކީ ޕްރައިމަރީއެއް ބާއްވައި ރިޔާސީ ކެންޑިޑޭޓަކު ޕާޓީން ނެރުމެވެ. ޕަރައިމަރީ އިން ރައީސް ސޯލިޙު (އިބޫ) ހޮވުނަސް އެކަން ގަބޫލުކުރުމުން ޕާޓީ ބައިބައި ނުވވެ ސަލާމަތްވާނެކަމުގައެވެ. އިބޫ ޕަރައިމަރީ ކާމިޔާބު ކުރައްވައިފިނަމަ ކޯލިޝަންގެ މަދަދާއެކު އިބޫ އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުންވެސް ގާތެވެ. އެހެނަސް ޕްރައިމަރީ އިން އަންނި ހޮވިއްޖެނަސް ފުރަތަމަ ބުރުގައި އަންނި އަކަށް %50 ނުލިބޭނެއެވެ. އެހެން ކަމުން 2 ވަނަ ބުރުގައި އަންނިއަށް ވެސް ކޯލިޝަނެއްގެ ބޭނުން ޖެހިވަޑައި ގަންނަވާނެއެވެ. އަޑުތައްހުރިގޮތުން އަންނިއާއިއެކު ކޯލިޝަން ހެދުމަށް މިހާރުގެ ކޯލިޝަން ޕާޓުނަރުން ނުރުހެއެވެ.ވީމާ ޕްރައިމަރީއިން އިބޫ ހޮވިއްޖެ ނަމަ 2 ވަނަ ބުރަކަށް ނުގޮސް އިބޫ އަށް އިންތިޚާބު ކާމިޔާބު ކުރެވޭނެކަށް އެފެކްޝަންގެ ހިސާބުތަކުން ދައްކާކަމުގައި ބުނެތެވެ. ޕްރައިމަރީ އެއް ބާއްވަން ޖެހެނީ ޕާޓީގެ މަސްލަޙަތައްޓަކައެވެ.

     މާލެ ތެރެއާ ރާއްޖެ ތެރޭގައި އަޑުތައް މިހާރު ހުރި ގޮތުން ރައީސް އިބޫ ވަނީ ކޯލިޝަނާއެކު ޑީލް ހައްދަވާފައެވެ. އެހެން ކަމުން ސަރުކާރަށް ސަނާކިޔާ އެމްޑީޕީފެ ކޮންގްރެސް އިން ޕްެރައި މަރީ އަކަށް ދާން ނުނިންމާނެ ކަމަށް ބެލެވެއެވެ. މިގޮތަށް ފާސް ކޮށްފިނަމަ ބޮޑު ފިތުނައެއް އުފެދި ޕާޓީ އެތެރޭގައި ގަޑުބަޑު ވުމުގެ ފުރުޞަތު ބޮޑުވާނެކަމަށް އަންނި ފެކްޝަނުން ބުނެއެވެ

  އެޕާޓީގެ ގިނަ  ސަޕޯޓަރުން ގަބޫލު ކުރާ ގޮތުގައި ޕާޓީއިން ޢަމަލު ކުރަން ވާނީ އަބަދުވެސް އަމަލު ކުރަމުން އައިގޮތަށެވެ. އެއީ ޕާޓީގެ މަސްލަޙަތަށް ވުރެ މުހިންމު އެހެން ކަމެއް ޕާޓީ ދެމި އޮތުމަށްޓަކާ ނޯންނާނެކަމަށް ވާތީއެވެ.

 އެމްޑީޕީ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީއެވެ. ގައުމުގައި ކުރިންއޮތް ޑިކްޓޭޓަރޝިޕް ބަދަލުކޮށްލުވި ޕާޓީވެސް މެއެވެ.ޑިމޮކްރަސީގެ ހަމަތައް ގަބޫލު ކުރާ ހަމައެކަނި ޕާޓީއެވެ. ޕާޓީގެ ތެރެއިން 2 ލީޑަރަކު ރިޔާސީ އިންތިޚާބުގައި ވާދަ ކުރުމަކީ މައްސަލައެއް ނޫނުނެވެ. އެހެނަސް އެމްޑީޕީ ގެ ހަމަތަކާ އުޞުލުތައް މުގުރާލާ ޕްރައިމަރީ އަކާ ނުލާ ވަކި ލީޑަރަކަށް ޓިކެޓް ދޭން މަސައްކަތް ކުރުމަކީ ޑިމޮކްރަސީގެ ހަމަތަކާ ޚިލާފު ކަމެކޭ ދެންނެވުން ގޮހަކަށް ނުވާނެއެވެ.

އަނެއް ކޮޅުން ރައީސް ޔާމީނު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް ބެލެވެއެވެ. ވެރިކަން ކުރާ ޕާޓީގެ ކޯޅުމުން އަރާ ޅޮލުން ބޮޑުވަމުން ދާނަމަ ރައީސް ޔާމީނު އިންތިޚާބު ކާމިޔާބު ކުރެއްވުން ގާތެވެ. ވުމާއިއެކު ކޯލިޝަންގައި ހިމެނޭ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެމީހުންނާއި ދޭތެރޭ އެކި ތުޙުމަތުތައް އުފުއްލަވާ އެމީހުން ޖަލަށް ލައްވާނެ ކަމަށް ގަބޫލުކުރެއެވެ. ވީމާ ރައީސް އިބޫ އާ އެކު އެކަތިގަނޑަކަށްވެ ތިއްބެވުމަށް ކޯލިޝަނުން ނިންމީ ޖުމްހޫރީ ޕާޓީގެ އޮފިޝަލަކު ވިދާޅުވިއެވެ. 

    ދަންނަވަން ޖެހެނީ ރިޔާސީ ރޭހުގައި ވާދަ ކުރާ އެންމެންގެ ދެފައި ބަދެފައި އެކަކު އިންތިޚާބު ކާމިޔާބު ކުރަން ނުކުތުމަކީ ފިނޑި އަދި ޑިމޮކްރަސީގެ ހަމަތަކާ މުޅީން ޚީލާފު ކަމެކެވެ. މިސަރުކާރުން އެކަން އެގޮތައް އެކަން ކުރައްވައިގެން ނުވާނެއެވެ. އެންމެ ރަނގަޅުގޮތަކީ ރައީސް ޔާމީނަށްވެސް ވާދަކުރެވުމެވެ. އެހެނީ 2008ގެ އިލެކްޝަން އަށް އަލިއަޅުވާލައިފިނަމަ އޭރު ރައީސް މައުމޫނަށް ބަހަނާ ދައްކައިގެން އަންނި ބޮލުގައި އެޅުވިފައިވާ ވައްކަމުގެ ޙުކުމެއް މުރެވި ތަންފީޒް ވެފައި އޮތުމުން ރިޔާސީ ރޭހުގައި ބައިވެރި ނުވެވޭގޮތަށް ނިންމެން އޮތިތީއެވެ. ނަމަވެސް ބޭރު ގައުމުތަކުންނާއި އެތެރެއިންވެސް އެގޮތަކީ ވާދަވެރި ރޭހެއްނޫންކަމުގައި ފައުޅުކުރަމުން ދިއުމުން މައުމޫނުވެސް ނަޝީދަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވޭ ގޮތަށް ޑީލް ހެއްދެވިއެވެ. ނަތީޖާ ހިތިކޮށް އައިނަމަވެސް ޢމަލުކުރެއްވީ އެންމެ މަސްލަޙަތު ރަނގަޅު ގޮތަށެވެ.

މިހާރު އެނގި ހާމަވެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ހިމެނެނީ ހުޅުމާލޭ ޕެންޓްހައުސްގައި އަރާމުކުރެއްވުމަށް ބަހަށްޓަވާފައިހުރި ވައްކަމުގެ ޙުކުމް ޖަލުގައި ތަންފީޒް ކުރަންޖެހޭ އަދީބު އެކަންޏެއް ނޫނެވެ. ނުވަތަ ރައީސް ޔާމީނުއެކަންޏެއްވެސް ނޫނެވެ. އެމްޑީޕީގެ ބޮޑުންނާއި މިހާރުގެ މަޖިލިސް މެމްބަރު އެބޮޑު ވައްކަމުގައި ބައިވެރިވާކަމަށް މަޖިލިސްގެ ނައިބު ރައީސް އީވާ ވަނީ މަޖިލިސް ތަޅުމުގައި ވިދާޅުވެފައެވެ. އެތައްސަތޭކަ ވަގުން ޝާމިލްވާ މި މައްސަލައިގައި ރައީސް ޔާމީނު އެކަނި ޖަލުގައި ބަހަށްޓަން ކުރަމުންގެންދާ މަސައްކަތަކީ އެވައްކަން ފޮރުވުމަށް މިކޯލިޝަނުން ކުރަމުންދާ މަސައްކަތެކެވެ. 

ބޭނުމަކީ ރައިސް ޔާމީންއަށް 2023ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭގޮތް ހެދުމެވެ. އެބޮޑު ވައްކަމުގެ މައްސަލަ ބެލުމުގެ ނިޔަތެއް ސަރުކާރުގައި އޮތްނަމަ ރިކަވަރީ ކޮމިޝަން އުވާލައި އެވަގުން ލިސްޓް ފޫދަށަށް ލައިގެން ނުތިބޭނެކަމުގައި ގިނަ ރައްޔަތުން ގަބޫލުކުރެއެވެ. އެމައްސަލަބަލާ ގެއްލިފައިވާ ރައްޔަތުންގެ ފައިސާތައް ހޯދައިދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ. އެހެން ކަމުން ރައީސް ޔާމީނަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވެންވަނެ ކަމަށް ގިނަ ބަޔަކު މިހާރު ގަބޫލު ކުރެއެވެ.

އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީ އަކަށް ނުލައި ރައީސް އިބޫ އަށް ޓިކެޓް ދޭންވެގެން ޕާޓީގެ އެތެރެއިން މަސައްކަތް ކުރަނީ  މިބުނެވިދިޔަ ހާލަތާއި ކަންތައްތަކުގެ މައްޗަށް ބުރަވެވޭތީ ކަމުގައި ބެލެވެއެވެ.

Loading

One Response

  1. މަހީކުރީ މައުމޫނާއި ޔާމީނު ތޮޅުނުހެން ވެރިކަމާއި ހެދި އަންނި އާއި އިބޫ ނުތޮޅޭނެމަށެވެ. އެހެނަސް ބައްލަވާ އެކަކު އަނެކކ މަރާފަވެސް އެތިބީ ވެރިކަމަށް ހިފައިގައެވެ. އުސޫލެއް ގަވައިދެން ރައްޔަތެއް ދީނެއް ދައުލަތެއް ނޭނގޭވަރަށް އެތިބީ ޖެހި ހަތުރުންނަށް ވެފައެވެ. އަތު ޖެހުނު އެއްޗެއް ޖެހުނުގޮތަކަށް ހޯދައިގެން ނުވަތަ ހެދުނު ހަ އެއްޗެއް ހަދައިގެންވެސް ބެނުމީ ވެރިކަމެވެ. އަޅެފަހެ ވެރިކަމުގެ ލައްޒަތަކީ މަސްތެއް ދޯއެވެ. ފަތްބޯ ކުދިންނަށްވުރެވެސް މަސްތު މަސްތު ދޯ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް