ރަޝިޔާގެ ސިފައިން އާރޓިކް ސަރަހައްދަށް ދިއުން ވަނީ ހުޅަނގުގެ ބޮލު ރިހުމަކަށް 

Facebook
Twitter
WhatsApp
715915E6-D47B-4909-A45C-07C0A57A8790

ހަތިޔާރުގެ ވާދަވެރިކަން މިއަދު މިއޮތީ މުސީބާތަކަށް ވެފައެވެ. އެއީ ނުރައްކާތެރި ވިޔަފާރިއަކަށްވެއްޖެއެވެ. ދޭދޭ ގައުމުތައް ޖައްސުވައި އެ ހަތިޔާރުތައް ވިއްކުމުގެ މާރކެޓް ދުވަހެއް ދުވަހަކަށް އެގެންދަނީ ފުޅާކުރަމުންނެވެ. ހެޔޮއެދޭކަމަށް ބުނެ އެ ހަތިޔާރުތައް ގަނެގެން ގައުމު ދިފާއުކުރަން ބާރުއަޅަމުން ގައުމުތަކުގެ މުއްސަނދިކަން އެ ގެންދަނީ ފޭރެމުންނެވެ. ގަބޫލުކުރަމެވެ. އެކަންތައް ހުއްޓުވުމަށްޓަކައި ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. އެކަމަކު ދުނިޔޭގައި ހިނގަމުންދާ މި ނުރައްކާތެރި ޙަރަކާތްތަކުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބިލިބި ހުރުމަކީ ބޭނުން ކަމެއްކަމުގައި ސަންދާނުން ދެކެމެވެ. ނުރައްކާތެރި ޙާލަތެއްގައި ސަލާމަތެއް ލިބޭތޯ ގޭގެ ކުޑަދޮރުން ފުންމާލަން ފުރުސަތެއް ހޯދޭނީވެސް މަޢުލޫމާތު ލިބިފާ ހުރެގެންނެވެ.                               

މިދިޔަ މޭ މަހުގެ ފަހުކޮޅު ރަޝިޔަން އެމްބެސެޑަރ އެޓް ލާރޖް ނިކޯލައި ކޯރޗްނޯވް ރަސްމީ މީޑިއާއަށް މަޢުލޫމާތު ދެއްވިގޮތުގައި އާރޓިކް ސަރަޙައްދު ވަރަށްބޮޑަށް ނުރައްކާތެރި ވެއްޖެއެވެ. އޭނާ އެ އިޝާރާތް ކުރެއްވީ އެ ސަރަޙައްދުގެ ގަނޑުފެން ވިރެމުން ދިއުމަކަށް ނޫނެވެ. އޭނާ އިންޒާރުދެއްވީ އެސަރަޙައްދުގައި ނޭޓޯ އިން ފުޅާކުރަމުންގެންދާ މިލިޓްރީ ޙަރަކާތްތަކަށެވެ. އޭނާ އަށް ރައްދުދެއްވައި ފިންލޭންޑްގެ ކުރީގެ މޭޖަރ ޖެނެރަލް ޕެއްކާޓޮވޭރީ ވިދާޅުވީ އެއީ އަބަދުވެސް ރަޝިޔާގެ ބަސްމަގު ހުންނަ ގޮތް ކަމުގައެވެ. 

ޙަގީގަތުގައި މިދިޔަ މާރޗްމަހު ” އެކްސަރސައިޒް ކޯލްޑް ރެސްޕޯންސް ” ގެ ނަމުގައި ނޭޓޯ އިން އާރޓިކް ސަރަޙައްދުގައި ހިންގީ ވަރަށް އާދައިގެ ޙަރަކާތްތަކެކެވެ.އެހެންނަމަވެސް އެއީ ފާއިތުވެ ދިޔަ 30 އަހަރަށް ބަލާއިރު ނޭޓޯއިން އެސަރަޙައްދުގައިހިންގި އެންމެބޮޑު މިލިޓްރީ ޙަރަކާތޭވެސް ބުނެވިދާނެއެވެ. އެއީ ނެޓޯގެ 28 ގައުމުން ތިރީސް ފަސްހާސް ސިފައިން ބޭނުންކޮށްގެން ހިންގި ހަރަކާތެކެވެ. އެހެންނަމަވެސް ފަހަކަށްއައިސް އެ ސަރަހައްދުގައި ހުޅަގުން ބާއްވަމުންގެންދާ ޕެޓްރޯލްކުރުމާއި އިތުރުމިލިޓްރީ ޙަރަކާތްތަކުގެ ސަބަބުން ރަޝިޔާއިން އެގޮތަށް ދުށުމުގެ ފުރުސަތު އެބައޮތްކަމަށް ޓޮވާރީ އެއްބަސްވެއެވެ. އެކަމަކު ރަޝިޔާއިން ބޭނުންވާފަދައިން އެ ސަރަޙައްދުގައި މިލިޓްރީ މަރްކަޒެއް ގާއިމްކުރުމުގެ ވިސްނުމެއް ހުޅަގުގެ ގައުމުތަކުން ނުގެންގުޅެއެވެ.         

ހުޅަނގުގެ ތަޖްރިބާކާރުން ހާމަކުރާގޮތުގައި އާރޓިކް ވަށައިގެން އޮތް ހަތްގައުމުގެ ތެރެއިން އެންމެބޮޑީ ރަޝިޔާއެވެ. އަދި މައުދަނުން މުއްސަނދިވެފައިވާ އެސަރަހައްދު ރަޝިޔާގެ ޖީ.ޑީ.ޕީ. ގެ ވިހި އިންސައްތަ ހިއްސާކުރެއެވެ. އަދި އެސަރަހައްދުގެ ތެރޭން ބޭރެންޓް ސީގެ ސަރަހައްދުން ފެށިގެން އަލަސްކާއާ ދޭތެރޭގައިހުރި ރަޝިޔާގެ ވީރާނާނަމުންދާ ފަންސާހަކަށް ސިފައިންގެ ޕޯސްޓްތައް އާކޮށް އެންމެ މިޒަމާނުގެ ވަސީލަތްތަކާއެކު އިތުރު ޓްރެފޮއިލް ޕޯސްޓްތައް ހަދަމުންގެންދަނީ ވެސް ރަޝިޔާއިންނެވެ. އަދި އެންމެ އުތުރުގައިހުރި ޕޯސްޓްތައް މިދިޔައަހަރު ފުރިހަމަކޮށްޙަރަކާތަށް ވަނީ ގެނެވިފައެވެ. ރަޝިޔާގެ މި ކުރިއެރުންތަކަށް އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން ގެންދަނީ އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރަޝިޔާއިން މިހާރު އެ ސަރަހައްދުގައި އަލަށް އާރޓިކް ކޮމާންޑްގެ ނަމުގައި މަރުކަޒެއްއުފައްދައި އާރޓިކް ބްރިގޭޑް ގެ ނަމުގައި އިތުރު ހަތަރު ބްރިގޭޑްއުފެއްދުމުގެ އިތުރުން އެއަރޕޯރޓްތައް އަޕްގްރޭޑްކޮށް ކަނޑުގެ ބަނދަރުތައް ފުންކުރަމުންވެސް އެބަގެންދެއެވެ. އަދި ނޯރޑިކް ގައުމުތަކަށް އަމާޒްކޮށް ރަމްޒީ މިލިޓްރީ ޙަރަކާތްތައް ހިންގުމާއި ނޭޓޯ ގައުމުތަކުން ހިންގާ މިލިޓްރީ ޙަރަކާތްތަކަށް ރާޑަރާއި ޖީ.ޕީ.އެސް. ސިގްނަލްތައް ޖޭމްކުރުންވެސް ހިމެނެއެވެ. އެމެރިކާގެ ޚާރިޖިއްޔާއިން ހާމަކުރާގޮތުގައި މިހާރު ރަޝިޔާއިން އެއުޅެނީ އެ ސަރަހައްދުގައި އެންމެ ފަހުގެ ހަނގުރާމަމަތީ ހަތިޔާރުގެ ނިޒާމެއް ގާއިމްކުރާށެވެ.                                                           

އެމެރިކާގެ ޚާރިޖިއްޔާގެ އިސް އޮފިޝަލަކު ހާމަކުރައްވާގޮތުގައި  ފަހަކަށްއައިސް އާރޓިކް ސަރަހައްދުގައި ރަޝިޔާގެ މިލިޓްރީ ޙަރަކާތްތައް ގިނަވަމުން އަންނަކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި މިހާރު އެ ހަރަކާތްތައް މާބޮޑަށް އިތުރުވެ މާބޮޑަށް ނުރައްކާތެރިވަމުން އެބަދެއެވެ. މިހާރުވެސް ހައިޕަރ ސޯނިކް މިސައިލް ޓެސްޓްކުރުންފަދަ ޙާރަކާތްތައް އެބަކުރިއަށްދެއެވެ. އަދި މިއަހަރު ނިމުމުގެކުރިން އިތުރު ވައްތަރުގެ ހަތިޔާރާއެކު 19 ވައްތަރުގެ ޓެސްޓްތަކެއް ކުރަން ރާވަމުން ގެންދާކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ. ޔޫކްރެއިންގެ ހަނގުރާމައަށްފަހު ރަޝިޔާގެ މިޙާރަކާތްތައް އަންނަނީ މާބޮޑަށް ފުޅާކުރަމުންނެވެ.                  

ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތުގައި ސްވިޑްންއާއި ޕޮލޭންޑްވެސް ނޭޓޯގެ މެމްބަރުންނަށް ވެއްޖެނަމަ އެސަރަހައްދުގައި އޮތް ހަމައެކަނި ނޭޓޯއަށް ނިސްބަތްނުވާ ގައުމަކަށްވާނީ ރަޝިޔާއެވެ. އެހެންކަމުން އެ ސަރަހައްދަކީ ރަޝިޔާގެ ބާރު ފެތުރިފައިއޮތް ސަރަހައްދަކަށް ހަދާނެކަމަށް ބެލެވެއެވެ. މިފަދަ ޙާލަތެއްގައި ނުރައްކާތެރި ނިއުކްލިއަރ ހާދިސާއެއްގެ ބިރުވެރިކަން ވަރަށްބޮޑު ކަމަށްވެސް ބައެއް ތަޖްރިބާކާރުން ދެކިވަޑައި ގަންނަވައެވެ. މިހާރު އެސަރަހައްދުގައިހުރި ނިއުކްލިއަރ ހަކަތައަށް ބަލާއިރުވެސް ގަސްދަކާނުލައި މެދުވެރިވެދާނެ ނުރައްކާތެރި ހާދިސާތައްވެސް ނެތެކޭ ނުބުނެވޭނެއެވެ. އަދި މިހާރު މިއޮތްގޮތަށް ރަޝިޔާ އެކަހެރިކޮށް ވާހަކަވެސް ނުދެއްކޭ މާޙައުލެއްގައި މެދުވެރިވެދާނެ ނުރައްކާ އަދި މާބޮޑުކަމަށް ބަލަންޖެހެއެވެ.                    

އާރޓިކް ސަރަހައްދުގައި ފިންލޭންޑާއި އިންވެގެން އޮންނަ ރަޝިޔާގެ ކޯލާ ޕެނިންސުލާއަށް ނަޒަރު ހިންގާލަބަލާށެވެ. އެމެރިކާގެ ކެންޓަކީ ވަރުގެ ސަރަހައްދެކެވެ. އެކަމަކު ދުނިޔޭގައިއޮތް އެންމެނުރައްކާތެރި ނިއުކްލިއަރ ސަރަހައްދަކީއެއީއެވެ. ރަޝިޔާގެ ކަނޑުގެ ނިއުކްލިއަރ ހަކަތައިގެ ތިންބައިކުޅަ ދެބައި އެކުލެވިގެންވާ ނޯތުފްލީޓް އޮތީ އެތަނުގައެވެ. އެއީ ރަޝިޔާއަށްވީ ފަޅިން އަރޓިކް ސަރަހައްދަށްނިކުންނަ މައިދޮރާއްޓެވެ. އެތަނުގައި ނިއުކްލިއަރ ހަތިޔާރުގެ ތިން މަރުކަޒު މިހާރުވެސް އެހުރީ ގާއިމްކޮށްފައެވެ.

އަނެއް ތިންބައިކުޅަ އެއްބައި ގާއިމްކޮށްފާއެހުރީ އާރޓިކްގެ ދުރު އިރުމައްޗާވީ ފަރާތުގައެވެ. ރަޝިޔާގެ ޕެސިފިކް ކަނޑަށް ނިސްބަތް ކުރެވޭ މަނަވަރު ތަކުގެ މައި މަރުކަޒު ލަޑިވޮސްޓޮކް ގައި ހުރިނަމަވެސް ބައެއް އުޅަނދުފަހަރު އެހުރީ އަލަސްކާއަށް އަތްފޯރާ ހިސާބުގައި އޮތް އެމީހުންގެ ކަމްޗަކްޓާ ޖަޒީރާގައެވެ. ރަޝިޔާއިން ބޭނުންވެއްޖެ ހިނދެއްގައި މި ތަންތަނުން އެމެރިކާ އިން އާރޓިކަށް ނިކުތަ ނުދިނުމަށްބޮޑެތި ނުރައްކާތަކެއް ކުރިމަތި ކުރެވިދާނެއެވެ. އަދި އެހެން ދިފާޢީ ތަޖްރިބާކާރަކު ފާހަގަ ކުރައްވާފައިވާ ގޮތުގައި  އަލަސްކާއާއި 300 ވަރަކަށް މޭލު ދުރުގައި ރަޝިޔާއިން ޖައްވުތެރެއަށް ފާރަލު މަށްޓަކައި  ގާއިމްކޮށްފައިވާ ރާޑަރ ސިސްޓަމް އާއި އަދި ސައިބީރިއާ ސަރަހައްދުގައި ޒަމާނީފެންވަރަށް ގެންނަމުންދާ އެއަރޕޯރޓް ތަކުންވެސް އަލަސްކާއަށް ބޮޑެތި ނުރައްކާ ކުރިމަތި ކުރެވިދާނެއެވެ. އެމީހުން އަތުގައި އެކަންކަމަށްބޭނުންވާ ބިންތައް ބައިވަރެވެ.                                   

އާރޓިކްގެ ގަނޑުފެންތައް ވިރެމުންދިއުމުގެ ސަބަބުން ކަމަށްބުނެފާ ނަމަވެސް ރަޝިޔާއިން ނޯތުސީއަށް ނިކުތުމަށް ހުޅުވަން މަސައްކަތްކުރާ އާ ދޮރާށީގެ ޙަރަކާތްތައްބަލަންތިބެވެން ނެތުމުން އެމެރިކާގެ އާރޓިކް ސިޔާސަތު އަލުން އެކުލަވާލުމަށްޓަކައި އެމެރިކާގެ އާރމްޑް ފޯސަސް އަށް އެންގުމުން ” އާރޓިކް އަލުން ބާރުގެދަށަށް ގެނައުން ” މި ނަމުގައި  މިދިޔަ އަހަރު އެމެރިކާގެ ސިފައިން އާ ސިޔާސަތުތަކެއް އެކުލަވާލާން ފަށައިފިއެވެ.

ހަމައެއާއެކު އާރޓިކްގެ ފިނީގައި ސިފައިން ތަމްރީނުކުރަންވެސް ފަށައިފިއެވެ. މި ތަމްރީނުތަކުގައި އެމެރިކާ ކަނޑުސިފައިންގެ މަނަވަރުތަކާއި ސަބްމެރިން ތައްވެސް ބައިވެރިވެއެވެ. އަދި އެއަރފޯސްއިން އެފް 33 މަރކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައްވެސް އަލަސްކާއަށް ފޮނުވައިފިއެވެ. އެމެރިކާއިން ބުނާގޮތުގައި އެންމެ ޒަމާނީ ހަތިޔާރުތަކާއެކު އަލަސްކާ ސްޓޭޓަކީ ދުނިޔޭގައި އޮތް މިލިޓަރީގޮތުން އެންމެ ބާރުގަދަ ސްޓޭޓަށް ވެގެންދާނެއެވެ. 

ކޮންގްރެސް މިހާރުއޮތީ 6 އައިސްބްރޭކަރ ބޯޓުގަތުމަށް ފައިސާގެ ހުއްދަދީފައެވެ. އަދި ރަޝިޔާގެ މި ޙަރަކާތްތަކަށް ފާރަލުމަށްޓަކައި ޕޯލަރ ކޮމިޔުނިކޭޝަނަށް ބޭނުންކުރެވޭނެ މުޅިން އާ ސެޓެލައިޓް ސިސްޓަމަކާއި އަލަސްކާއިން ޑެންމާކާއިހަމަޔަށް ބެލޭނެ ރާޑަރ ސިސްޓަމެއްވެސް ގާއިމްކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.  އާރޓިކް ސަރަހައްދުގައި ފިނި ހުންނަނީ މައިނަސް 50 ޑިގްރީ ފެރެންހައިޓްގައެވެ.      

ސޮވިއެޓްޔުނިއަން ރޫޅުމަށްފަހު ސްވިޑްންފަދަ ބައެއް ނޯވިޑް ގައުމުތަކުން މިލިޓަރީ ޚަރަދުތައް ކުޑަކުރަންފެށިއެވެ. އަދި ޑެންމާރކްފަދަ ގައުމުތަކުން އެމީހުންގެ ދިފާޢީ ރާޑަރތައްވެސް ހުއްޓާލިއެވެ. ނަމަވެސް މިހާރު އެ ރާޑަރތައް އަލުން ޙަރަކާތަށް ގެނައުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. ރަޝިޔާއިން ދެކެނީ މިއީ އެމީހުންނާ އިދިކޮޅަށް ހިންގާ އުދުވާނެއް ކަމުގައެވެ. އެހެނީ ޔޫއެސްއާރ ބައިބައިކުރެވި އޭގެރެތެރެއިން ބައެއް ގައުމުތައް މިނިވަންގައުމުތަކެއްގެ ގޮތުގައި ވުމަށް ބޮރިސް ޔެލްސިންގެ ދައުރުގައި އެއްބަސްވެވުނު އެއްބަސްވުމުގައި ވަނީ ޔޫއެސްއާރގެ މިނިވަންކަން ލިބޭގައުމުތަކުން ނޭޓޯއާއި ނުގުޅުމުގެ ސިޔާސަތެވެ. އަދި ރަޝީއާއަށް ނުރައްކަލެއް މެދުވެރިވާފަދަ ޢަމަލުތަކުން ދުރުވެ ހަމަޖެހުން ގައިމުވެފައި އޮތުމެވެ. 

މިގޮތަށް ޢަމަލު ނުކޮށް ނޭޓޯގެ ބާރު މުޅި ސަރަހައްދުގައި ފެތުރުމަށް ކެންޑިނޭޅި ކުރަމުންދާ ދިއުމުގެ މުޅި އެހިސާބުގަނޑު ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށަށް މިވަނީ ގޮއްސައެވެ. ނަތީޖާއެއްގެގޮތުން މިއަހަރުވެސް ރަޝިޔާއިންވަނީ ގަވައިދާ ޚިލާފަށް ސްވިޑްންއާއި ޑެންމާރކްގެ ވައިގެ ސަރަހައްދު ތަކަށް ވަދެފައިވެއެވެ. އަދި 2018 ވަނައަހަރު މާރޗް އަދި 2019 ވަނަ އަހަރުގެ ފެބްރުއަރީމަހު ރަޝިޔާގެ ބޮންއަޅާ މަތިންދާބޯޓުތަކުން ނޯރވޭގެ ގްލޯބަސް ރާޑަރ ސިސްޓަމަށް ރަމްޒީ ޙަމަލާއެއް ދޭގޮތަށް ކަންތައްކުރިއެވެ. 

ރަޝިޔާއާއި ނޯވޭގެ މައްސަލައަކީ ހަމައެކަނި އެމީހުންގެ ޖާސޫސީ ޙަރަކާތަށްވުރެން މާ ފުޅާވެފާއޮތް މައްސަލައެކެވެ. ނޯރވޭގެ ސްވެލަބާރޑް ޖަޒީރާ ތައް މިއޮންނަނީ ރަޝިޔާއާއި ގްރީންލޭންޑާ ދޭތެރޭގައެވެ. ތާރީޚީގޮތުން މި ރަށްތަކަކީ ރަޝިޔާގެ ރަށްތަކެކޭ ބުނުމުގެ އިތުރުން ނޭޓޯގެ ބެލިސްޓިކް މިސައިލް ތަކާބެހޭ މަޢުލޫމާތު އެއްކުރަން ގާއިމްކޮށްފާ ހުންނަ ރާޑަރތައްވެސް ހުންނަނީ މި ރަށްތަކުގައެވެ. އަދި ކްރީމިއާ އަތުލާގަތްގޮތަށް މިރަށްތައްވެސް އަތުލާގަނެފާނެކަމުގެ އިންޒާރުވެސް ދޭތެރެދޭތެރޭން ރަޝިޔާއިން ދެމުންގެންދެއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން ބުނާގޮތުގައި އާރޓިކްގެ މައްސަލައެއް ފެށޭނަމަ އެންމެފުރަތަމަ ކަމަކަށްވާނީ މިރަށްތަކެވެ. ފިންލޭންޑްގެ ލެޕްލޭންޑް ޔުނިވަރސިޓީގެ ޕްރޮފެސަރަކު އިޝާރާތްކުރިގޮތުގައި ރަޝިޔާއާއި ހުޅަނގުގެ ގައުމުތަކުގެ ގުޅުން ގޯސްވެ ފިނި ހަނގުރާމައިގެ ވިސްނުން އަލުން އަށަގަންނަން ފެށުމަކީ ހިތާމަހުރިކަމެކެވެ. އިތުރަށް އޭނާ ވިދާޅުވާގޮތުގައި އާރޓިކްގައި ހިނގަމުންމިދާ ޙަރަކާތްތަކުގެ ސަބަބުން ތިންވަނަ ބޮޑު ހަނގުރާމައެއް ފެށިގެން ނުދާނޭ ބުނާކަށްވެސް ނުކެރެނެއެވެ.

އެހެންނަމަވެސް މިލިޓްރީގޮތުން ނޭޓޯއައި އެއްހަމައެއްގައި ފައިހަމަކުރުމަށްޓަކައި މިނޫން އެހެން މާގިނަ ގޮތްތަކެއް ރަޝިޔާއަށް އެބައޮތެކޭ ނުބުނެވޭނެއެވެ. ހަމައެފަދައިން އާރޓިކް ސަރަހައްދުގައި އެމެރިކާއިން ހިންގަމުންގެންދާ ޙަރަކާތްތަކަކީވެސް ވަރަށް އަގުބޮޑު ޙަރަކާތްތަކެކެވެ. މިސާލަކަށް އެފް 33 މަރުކާގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް އާރޓިކް ސަރަހައްދުގައި ޙަރަކާތްތެރި ކުރުވުން ހަވާއީ ގައި އެފަދަ ޙަރަކާތްތައް ހިންގުމަށްވުރެން އެތައްގުނައެއް ޚަރަދު ބޮޑުވާނެއެވެ. އެކަމަކު އެމެރިކާއިން ކަންބޮޑުވަނީ ރަޝިޔާއިން ނޯތުސީގެ ސަރަހައްދުގައި ހިންގާ މިލިޓްރީގޮތުން ބާރުގަދަކުރުން ކަނޑުތަކުގެ ބައިނަލް އަގްވާމީ ގާނޫނާއި ޚިލާފްވެގެން ހިނގައިދާނެތީއެވެ.

އެހެންނަމަވެސް މިހާތަނަށް އެއީ ހަމައެކަނި ސުވާލެކެވެ. ތަޖްރިބާކާރުންގެ ނަޒަރުގައި އާރޓިކް ސަރަހައްދުގައި އެއްވެސްކަހަލަ ހަމަނުޖެހުމެއް ހިންގަން ރަޝިޔާ ބޭނުމެއްނުވާނެއެވެ. ސަބަބަކީ ރަޝިޔާގެ ރައްޔިތުންނަށް ޕޫޓިން ވިސްނާދެއްވަމުން ގެންދަވަނީ އެސަރަހައްދަށް އޭޝިއާ ވިޔަފާރިވެރިން ޝައުގުވެރި ކުރުވުމުގެ މަސައްކަތް ކުރިއަށް ގެންދަވާން ކަމުގައެވެ. އަދި އެ ސަރހައްދަކީ ދެވަނަ ސުއޭޒްކެނެލަކަށް ހެދުމަށް އުންމީދުކުރައްވާ ކަމުގައެވެ. އެހެންކަމުން އެފަދަ މިލިޓްރީ ޙަރަކާތެއް ފެށިއްޖެނަމަ ޕޫޓިންގެ އުންމީދުތައް ފެނަށްވެގެންދާނެއެވެ.                                    

2 Responses

  1. އެކަކަށްވުރެ އަނެކަކު ދެރަނުވާންވެގެން މުޅިދުނިޔެ ބަނޑުދަށުލަންވެގެން ދުނިޔެ ފަނާކޮށްލެވޭވަރުގެ ނުރައްކާތެރި ހަތިޔާރުތައް ހަދައިގެން ނިކަމެތި ގައުމުރަކަށް ބިރުދައްކާ ތިޖަހާ ސަކަރާތް އެންމެފަހުން ގޭފުޅަށްބުޑުންވެސް ގޮވާނީއެވެ. ދެން ސަލާމަތްވާނެކަމަށް ހީކުރި މީހުންނާވެސް އެކު ފަނާވެގެން ދާނެއެވެ. ދެން ހުށްޓުވޭކަށެއްވެސް ނެތެވެ. ދިނިޔާގެ އެދުމާހެދި އެންމެން މަރުދެނީއެވެ.

  2. ބިރުހުރި ކަންތަކެވެ. އެކަމަކު އަހަރެމެންނަށް ކުރެވޭނެ އެއްވެސް ކަމެއްނެތެވެ. މައުލޫމާތު ލިބިލިބިހުރުން ޖާޙިލުކަމަށްވުރެން ފައިދާ ކުރާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް