ޒަމާނަށް ހޭނުލާ ތިބެގެން އަމާނެއް ލިބި ނެތޭ ދާކަށް….

Facebook
Twitter
WhatsApp
B8EA10CF-7317-4235-B15A-F7FE52288B76

“އިންޑިއާ އައުޓް” ނުވަތަ އިންޑިއާ މިލިޓަރީ އައުޓް ރާއްޖޭގެ ގިނަ ރައްޔިތުން ގޮވަމުން ގެންދިއުމާ ދޭތެރޭ މިހާރު ފުންކޮށް ވިސްނާލަން ޖެހެއެވެ. އެހެނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ގަރާރަކުން “އިންޑިއާ އައުޓް” ގޮވުން މިވަނީ ބޮޑު ޖިނާޢީ ކުށަކަށް ހަދައި ފުލުހުންނާއި ސިފައިން ލައްވައި އެފަދަ ލިޔުމެއް ގެންގުޅޭނަމަ މަގުމަތީން ބަނޑުމުސާރައަށް ބައްދައިގެން ނަމަވެސް އެފަދަ އެއްޗެއް އަތުލާން ފަށާފައެވެ. 

ގައުމުގެ ގިނަ ބަޔަކު ގަބޫލު ކުރާގޮތުގައި އަދި އިދިކޮޅު ކޯލިޝަނުންވެސް ބުނަމުން ގެންދަނީ މިއީ ރައީސް ޞާލިޙު ދިވެހި ރާއްޖޭގެ ގާނޫނީ ހުރިހާ އިމެއްގެ ބޭރުން ކުރައްވާ ކަމެއްކަމަށެވެ. ކުރީގެ ރައީސް ނަޝީދު ގެންގުޅުއްވި ޗާޓުން ބޭރުން ދައުލަތް ހިންގުމުގެ ސިޔާސަތުކަމަށެވެ. އެހެނީ ޗާޓުން ބޭރުވެގެން ނައު ދުއްވާނަމަ ދެންވެސް ނަތީޖާދައްކާނީ ކުރިންވެސް ދެއްކި ނަތީޖާކަމަށެވެ.

އެހެނީ ރައީސް ޞާލިޙުގެ މިފަދަ ގަރާރެއް، ދިވެހިން ހޮވައިފައި ތިއްބެވި ރައްޔަތުން މަޖިލިސްގެ މެމްބަރުންތައް ރުހި މަޖިލީހުގެ ތަޅުމުގައި ފާސްކޮށްގެން މެނުވީ މިފަދަ އަނިޔާވެރިގޮތަކަށް ރައްޔަތުންގެ މައްޗަށް ތަންފީޒުނުކުރެވޭނެތީއެވެ.

“އިންޑިއާ އައުޓް” ކިހިނެއް އުފެދުނުޙަރަކާތެއް:


   މޯދީގެ ހިންދުތުވާ މޮބް ބާބަރީ މިސްކިތް ފުޑާލުމަށް ފަހު ވެރިވެގަނެފާ:

ބޮޑުވަޒީރު މޯދީ މަޤާމުގެ ހުވާ ކުރެއްވިއިރުވެސް ހުރީ ދުނިޔޭގެ އެތައް ޤައުމަކަށް އޭނާ އެރުން މަނާ ޓެރަރިސްޓެއްގެ ގޮތުގައެވެ.

އިންޑިޔާގައި ހުރި 500 އަހަރުވީ ބާބަރީ މިސްކިތް ތަޅާލުމަށްފަހު އެތަނުގައި ފައްޅި ރާމް މަންދިރުގެ ބިންގާ 2021 ގައި މޯދީ އިސްކޮށް ހުންވައިގެން އަޅައިދެއްވިއެވެ.  މުސްލިމުންގެ އެތައް ބަޔަކު މަރާފައިވާގަތުލުޢާއްމެއް ހިންގުމަށްފަހު އަދި 45،000 މީހުންގެ ގެދޮރު އަންދާލައި އެ ޢާއިލާތައް ބިކަކޮށްލެވިފައި ވެއެވެ.

އިންޑިޔާގައި މިހާރު ވެރިކަން ކުރަމުންދަނީ ހިންދޫންނެއް ނޫނެވެ. ހައްދުފަހަނަޅާފައިވާ ހިންދޫތުވާއިންނެވެ.

އިންޑިޔާ ކަނޑުގެ ޖަޒީރާ ޤައުމުތަކާ ގުޅޭގޮތުން މޯދީ ގެންގުޅުއްވާ ސިޔާސަތަށް ކިޔަނީ ސާގަރު އެވެ.  

އިންޑިޔާ މިނިވަން ވީއްސުރެ  ކަޝްމީރަށް ލިބިފައިއޮތް އަމިއްލަޔަށް ކަންކަން ނިންމުމުގެ ބާރު 2021 ވަނަ އަހަރު އިންޑިއާގެ ޤާނޫނު އަސާސީއަށް މޯދީ ގެނައި އިސްލާޙަކުން ނިގުޅައިގަނެ މައި ސަރުކާރުގެ ދަށަށް ގެންގޮސް މުޅި ކަޝްމީރު އެއޮތީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އިންޑިއާގެ 8 ލައްކަ ސިފައިން އެތިބީ އެތަނުގެ އަހުލުވެރީންނާ ހަނގުރާމަ އިޢުލާނުކޮށް އިޒްރާއީލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަދާލާހެން ޝޮޓް އެޓް ސައިޓް ނުވަތަ (ފަރސްޓް ޝޫޓް އެންޑް ދެން އާސްކް)ގެ އުސޫލުން ކޮންމެ ދުވަހަކު އެތަކެއް މުސްލިމުންނެއް މަރާއި އިންޑިއާ މިލިޓަރީއިން އެއްވެސް ރަޙުމެއްނެތި ޙަމާލާދެމުން ގެންދެއެވެ. މިހާރު އެތަނުގައި ހިންދޫން ވަޒަންވެރި ކުރުވުމާ އެކު 50000 ފައްޅި އެޅުމުގެ މަޝްރޫޢެއް ވަނީ (ދިވެހި ސޯލިޙުގެ ސަރުކާރުން ނިޝާނުލް ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފައިވާ) މި މޯދީ އިޢުލާނު ކޮށްފައެވެ.

ދިވެހި މަލިކުގައި ޒަމާނުއްސުރެ އޮތް ދިވެހި މުސްލިމުންގެ ސަގާފަތާއި އާދަތަކަށް ގޮންޖަހައި އެމީހުންގެ ބާރުތައް ކަނޑުވާލައި ނިކަމެތި ކޮށްލީ  2021 ވަނަ އަހަރު އެތަނަށް އިސްކުރި ގަވަރުނަދޯރުގެ ގަރާރަކުންނެވެ. 

މިހާރު ރާއްޖޭގައި މިއޮތް ސަރުކާރު ވެރިކަމަށް ގެނައުމުގައި އިންޑިޔާ ކުޅުނު ނޭއްގާނި ދައުރު 2018 ގައި ސާފުކޮށް ފެނިފައިވެއެވެ. ދެން މިހާރު އެއަކީ ސިއްރެއްވެސް ނޫނެވެ.އަދި މިހާރު ވެރިކަން ދެމެހެއްޓުމުގައި އިންޑިޔާގެ ދައުރުވެސް އެބަފެނެއެވެ. އެކަންކަމަށް  މި ކޯލިޝަން ސަރުކާރުގެ ވެރިން އިޢުތިރާފު ވެސް ވަމުން ގެންދަނީ ފަޚުރުވެރި ކަމާއެކުގައެވެ. 

ގާނޫނުއަސާސީއާ ޚިލާފު ސިއްރު ޢަސްކަރީ އެއްބަސްވުންތަކެއް ދިވެހި ސަރުކާރާއި އިންޑިޔާގެ ހައްދުފަހަނާ އަޅައިފައިވާ މޯދީގެ ސަރުކާރާ ދެމެދު ވަނީ ސޮއި ކުރެވިފައެވެ.

އެ އެގްރީމެންޓް ތަކުގެ ދަށުން އެފައުޖަށް ކާންދިނުމާއިބޭސްފަރުވާ ކުރުމާއި އެފައުޖު ބޭނުންކުރާ އުޅަނދުތަކުގެ ތެލާއި މިފަދަ ހުރިހާ ޚަރަދެއް ދިވެހި ދައުލަތުގެ ޚަޒާނާއިން ޚަރަދު ކުރުވާގޮތައް ވަނީ ހަދުވާފައެވެ. މާނައަކީ ރައްޔަތުންގެ ޓެކްސް ފައިސާއާއި ރައްޔަތުންނާއި އެބައިމީހުންގެ މުދާ (ދަރުމަވަންތަ ހޮސްޕިޓަލް، ވެލާނާގެފަދަ ތަންތަން ރަހުނުކޮށްފަ) އަދި ނުވިތާކަށް ދިވެހިންގެ ނިކަމެތި ޙާލު މާކެޓްކޮށް ހޯދާ ހިލޭ އެހީއާއި ލޯންތަކުންވެސް މެއެވެ.

އަހަރުތަކެއް ވަންދެން ރާއްޖެ ގެންނަމުންދިޔަ އަގުހެޔޮ މުސްލިމު ލޭބަރފޯސް ބަންގާޅުން ގެނައުން ހުއްޓާލައިމައިގަނޑު ގޮތެއްގައި މުޅި ލޭބަރފޯސް އިންޑިޔާގެ މައްޗަށް ބަރޯސާވެ، މިވަނީ އެމްޑީޕީގެ “ހިންގާލުމުގެ ޕޮލިސީގެ ދަށުން” އެގޮތަށް ދޫކޮށްލައިފައެވެ. އިންޑިއާގެ މީހުން ގައުމަށް ވަދެ ތިބި ޢަދަދު ސަރުކާރަށްވެސް މިއަދަކު ނޭގެއެވެ. 

އަދި ކުރީގައި ވަގަށް ރިޝްވަތު ހިފައިގެން އެތެރެ ކޮށްފައިތިބި ބިދޭސީންތައް ވެސް މަގުމަތީގައި ގަންނާނެބާ ގޮވާލަ ގޮވާލާ އެތިބީއެވެ. ދިވެހިންނަށް ކޮއްލާނެ ކުޑަ އުޖޫރައެއް ލިބިދާނެ މަސައްކަތެއް ވެސް މިވަގު ލޭބަރުންތަކާހެދި ނުލިބެއެވެ. ކާއެތިކޮޅެއް ލިބެންޏާ ވަގު ލޭބަރު އެމަސައްކަތެއް އަތުލައިގެން ކުރަނީއެވެ. އެމީހަކާއި އެމީހެއް ކަހަލައެވެ. ސަރުކާރުގެ ލޮލެއް ކަންފަތެއްވެސް ނެތްކަހަލައެވެ. ޝަކުވާ ދަންނަވާނެ މީހެއް އިދާރާއެއް ނެތެވެ. ހަމަ އެމީހަކާއި އެމީހެކެވެ.

ރާއްޖޭގެ ޙައްސާސީ މުހިންމު އެތައް މުއައްސަސާ އެއްގެ ކޮމްޕިއުޓަރ ނެޓްވޯކް ބަލަހައްޓަނީ ކޮންބައެއް ކަމާއިއެތަންތަނުގެ ސާވަރތައް ހުރީ ކޮންތަނެއްގައި ކަން އެއީ ސިއްރެއްނޫނެވެ. އާދެ! އިންޑިއާގެ ރޯ (ސިއްރު ފުލުހުންގެ) އަތުގައެވެ.

މިއީ ވަރަށް ކުރު ޚުލާސާއެކެވެ. ލިޔަނީ ކަންފަތް ހުންނާތީ ހަމަ އިވޭހާ އަޑެއް ލިޔުމުގެ މަގުސަދުގައެއް ނޫނެވެ. މިއީ މިގައުމުގެ ރައްޔަތުންގެ ކަންބޮޑުވުން ތަކެވެ.

ދެން މިއުޅެނީ އާސާރީ ތަންތަނާއި ތަރިކަ ޙިމާޔަތް ކުރުން ފަދަ ކަމަކަށްވުރެ ބޮޑު ކަމެކެވެ. ވިސްނާލައިގެން ތިބޭށެވެ. އިންޑިއާގައިވެސް އާސާރީ ތަންތަނާއި ކުރީގެ އާކިލިޖިކަލް ހޯދުންތަކޭ ބުނެ ކުރި މަސައްކަތްތަކުން މުސްލިމުންގެ އެތަކެއް މިސްކިތަކާއި ބިނާތައް އެއީ ރާމް ގެ ބިނާތަކެއްހުރި ތަންތަންކަމަށް ނިންމައިފިއެވެ. މިހާރު މޯދީގެ ސަރުކާރުން އެގެންދަނީ އެތަންތަން ފަނާކޮށް ކޯޓް އަމުރުގެ ދަށުން ބައެއް ބިނާތަށް އަތުލައި ޝިރުކު ކުރާ މަންދިރުތަކަށް ބަދަލު ކުރަމުންނެވެ. 

ބައެއް ރައްޔަގުން ބުނަމުން ގެންދާހެން ބަޔަކު ތިންބިހުގެ ތެރެއިން ދެ ބިހުގައި ތާށިވެ އިންޑިޔާގެ ދޮލަނގުތަކުން ކައިގެން ބޮއިގެން ދުނިޔެ ރަންވެގެން އުޅުނެއް ކަމަކު ހުރިހާ ދިވެހިން އެހެނެއް ނުވާނެއެވެ. ދިވެހިންނަކީ ފަޚުރުވެރި މުސްލިމް ވަތަނީ ބައެކެވެ.

ކީރިތި ރަސޫލާއަށް ހަޖޫޖެހި މޯދީ ބީޖޭޕީގެ ސްޕޯކްސްޕާސަން ނުޕޫ ޝަރުމަ އާއި މީޑިއާގެ ހެޑްބޯ ނަރީން ކުމާރު ޖިންދާލް:  

މުސްލިމުގެ ޙަސަދަވެރި މޯދީ އާއި އޭނާގެ ހިންދޫތުވާ ގޭންގުގެ އެންމެފަހުގެ ޙަމަލާ ދެވިފައިއެވަނީ އަހަރެމެންގެ ނަބީ ކީރިތި ރަސޫލާ އަށެވެ. ނަމަވެސް މިސަރުކާރުން ދިވެހިންގެ ރައްޔަތުންގެ މަޖިލީހުގައި އެކަމާއި ރައްޔަތުންގެ ކަންބޮޑުވުން ފާޅުކޮށްލަން ވާހަކަ ދައްކާލާނެ ފުރަސަތުވެސް ނުދިނެއެވެ. ހިތާމައިގެ ކޮޅެއްނެތެވެ. އިންޑިއާގެ ދޮލަނގުން ކެއުމަކީ މިފަދަ ނުރަކާތެރި ކަމެކެވެ. ދެންތިބީންވެސްމިކަން ދެނެގަތުން ވަރަށް މުހިންމެވެ. 

އިވޭ އަޑުތަކުންނާއި ދިވެހިންގެ ދިގު ތާރީޚަށް ބަލާއިރު އިންޑިއާގެ އަވަށަކަށް ދިވެހިރާއްޖެއެއް ނުހެދޭނެއެވެ. އެއީ ދިވެހީން ގަބޫލުކުރާނޭ ކަމެއް ނޫނެވެ. ބަލިކަށި ވެރިޔަކުވެރިކަމުގައި ބަހަށްޓުވައިގެން ގޮނޑިކޮއްކޮ ކުޅި ކުޅޭތަން ބަލަން ދިވެހިން ނުތިބޭނެކަން ކަށަވަރެވެ. މިލިޔެވުނު ޙަގީގަތް 2023 ގެ އިލެކްޝަނުން ފެނިގެން ދާނެކަމާމެދު ޝައްކެއްނެތެވެ.

ޒަމާނަށް ހޭނުލާ ތިބެގެން

އަމާނެއް ލިބި ނެތޭ ދާކަށް 

ކަމާއި ބަހާ މިދުނިޔޭގައި

ހިނގާ މަގު ވިސްނަވަންވާނޭ!

4 Responses

  1. ހިންދުތުއާ އެއީ ހަމަ ޒައަނިސްޓުން ކަހަލަ ނުވަތް ވައިޓް ސުޕުރަމަސީ ކަހަލަ ހައްދުފަހަނާ އަޅައިފާވާ ނުރައްކާތެރި ޖަމާއަތެކެވެ. ދިވެހި ރާއްޖެ ދެން އެމީހުންގެ އަތްދަށުން ސަލާމަތް ކުރުން އުނދަގުވާނެއެވެ. އެހެނީ ތިބުނާހެން ސިޔާސީވެގެން އުޅޭ ދީނީ އަދާލަތާއި މުދާ މަދުވެގެން އުޅުއްވާ ގާސިމުވެސް އަދި ނާޒިމް ވެސް އިންޑިއާދޮލަގުން ކައި އަދި އެއްޖޯޑުން ބޮއިފިއެވެ. ވީމާ ދީނާއި ގައުމަށްވުރެ އެމީހުނަށް ރަނގަޅުވާނީ ކޮންމެ ބައެއްގެ އެނހީގައިވެސް ވެރިކަމުގައި ތިބެވުމެވެ. އޭރުން ދައުލަތުގެ ބައިތުލްމާލުން ބޭނުންވަރެއް ކަޓްވާލެވޭނެއެވެ. ﷲއަކުބަރު!

  2. ޒަމާނަށް ހޭނުލާ ތިބެގެން

    އަމާނެއް ލިބި ނެތޭ ދާކަށް

    ކަމާއި ބަހާ މިދުނިޔޭގައި

    ހިނގާ މަގު ވިސްނަވަންވާނޭ!
    މަށަށް ބޮޑުވަރިހަމަ ވެގެން ދެން ތިބެގެންނުވާނެއެވެ. ވޯޓް ވިއްކުން ވޯޓް ގަތުން ހުށްޓާލައިފާ ދިވެހިން އިސްލާމްދީންނަށް އިތުރަށް ލޯބި އުފަށްދުވަން ޖެހެއެވެ. ރިޝްވަތު ދިނުމާއި ރިޝްވަތުނެގުން ހުށްޓުވަން ޖެހެއެވެ.

    1. ކިހިނެއް ތިކަން ހުށްޓުވޭނީ. ދީނީ ޕާޓީ ޢަދާލަތައްވެސް 10 ހަމަކުރި ގޮތް ޝެއިޚު އިމްރާން ކުރެން އަހާބަލާށެވެ. ދީންވިއްކައިގެން ސަރުކާރަކކުން ވަޒީފާ ހޯދާ މިފަދަ “ޝޭޚުން” ތިބޭއިރު ދެން ގައުމަށާއި އިސްލާމްދީނަށް ދިމާވާނެ ގޮންޖެހުންތަކަށް ވިސްނާލާށެވެ. އިންޑިއާގެ މި ހިންދުތުވާ މިއީ ޔަހޫދީ ޒައްނިސްޓުންގެ އުކުޅުތައް ދަސްކޮށްގެން އިސްލާމުންނާއި ދެކޮޅަށް ޖަރީމާ ހިންގާ ފެސިސްޓް ޓެރަރ ޖަމާޢަތެއްކަމަށް އެމެރިކާއިން ބުނެފިއެވެ. އަދި ގިނަ ހިއުމަން ރައިޓްސް ގުރޫޕްތަކުން ވެސް ބަޔާން ނެރެފިއެވެ. މޯދީ އަކީ ޓެރެރިސްޓުންގެ ލިސްޓްގައި އެންނަ މީހެކެވެ. މީނާ އެލިސްޓުން ނެގީ އިންޑިއާގެ ބޮޑުވަޒީރަކަށް ވުމުންނެވެ. ލިސްޓުން ނެގިޔަސް ގޫލްގަލްގެ ރެކޯޑް ޝީޓުން އުނިކުރިޔަސް ޓެރެރިސްޓެއް ހަމަ ވާނީ ޓެރެރިސްޓަކަށެވެ. ދެން ސުވާލަކީ މި ޙަގީގަތް އެނގިތިބެ އެމްޑީޕީގެ ސަރުކާރުން މި އަނިޔާވެރި އިންސާނާގެ ކަރުގައި ދިވެހި ނިޝާނުލް ގާޒީގެ މެޑެލް އެޅުވީ ކީއްވެހެއްޔެވެ. ކިހާބޮޑު ލަދަކާއި އިސްލާމީ ދިވެހިރާއްޖެއަށް ދިން ލަގާއެއް ހެއްޔެވެ. ހަމަ މިހާރުން މިހާރަށް އެ ލަގަބު އަތުލާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް