ބޭރު ކުރަންވީ ކާކު އަދި ކޯއްޗެއް؟

Loading

Facebook
Twitter
WhatsApp

މި ލިއުމަކީ އެއްވެސް މިންވަރަކަށް އެއްވެސް މީހަކަށް އަމާޒުކޮށްގެންލިޔާ ލިއުމެއްނޫނެވެ. ހަމައެކަނި މަގްސަދަކީ ރާއްޖެއަށް ތަޢާރުފް ކުރެވިފައިވާ ވެރިކަމުގެ ނިޒާމުގެ ސަބަބުން ރައްޔިތުން ބިކަވެ ގެއްލުމާއި ތަކްލީފްތަކެއް އުފުލަންޖެހޭތީ އެކަންތައްތައް ޙައްލުކުރުމަށް ވެރިކަމުގެ ފަރާތަށާއި ރައްޔިތުންނަށްވެސް ބާރު އެޅުމުގެ ގޮތުން އަޅުގަނޑުގެ ޚިޔާލަށް ފެންނަގޮތް ހާމަކުރުމެވެ.

އެވާހަކަތައް ހާމަކުރުމުގައި ވެރިކަމުގެ ފަރާތުން ތަންފީޒު ކުރަމުން ގެންދާ ނުވަތަ ތަންފީޒު ކުރަމުން ގެންދިޔަ ސިޔާސަތު ތަކަކާއި އުސޫލުތަކެއް ހިމެނޭއިރު އެކަމުގައި ޝާމިލުވާމީހުން ޖުމުލަގޮތެއްގައި ނުވަތަ ފަރުދީގޮތެއްގައިވެސް ނަންގެނެވިގެން ދިއުމަކީ ޒާތީގޮތުން ވަކިބޭފުޅަކަށް ނުވަތަ ވަކި ބޭފުޅުން ތަކަކަށް އިނގިލި ދިއްކޮށްގެން ބުނާ ވާހަކައެއް ނޫންކަށް ޔަގީންކޮށްދެމެވެ. 

އެހެނަސް ދިވެހިން މިވާހަކަ ދައްކަން އެބަޖެހެއެވެ. ކޮޮންމެވެސް ވަރަކަށް ދައްކަންވެސް ދައްކައެވެ. ހުރިހާ ޕްލެޓްފޯމެއް ގައިވެސް މެއެވެ. ސަބަބަކީ މިހާތަނަށް ވެރިކަން ކުރެއްވި ބޭފުޅުންނަށް ރައްޔިތުންގެ ބޭނުންތައް ދެނެތިއްބެވި ކަމުގައި ވިދާޅުވެ، ކެމްޕެއިން ކުރައްވައި ވެރިކަމަށް އިސްވެވަޑައިގަތުމަށް ފަހު އެ ބޭނުންތައް ދެނެގަތުން މުހިންމު ނުވިފަދައިން ދެން ވެރިކަމަށް އަންނަންވެގެން ފައިނަންގަވާ ބޭފުޅުންވެސްފާޅުކުރަމުންގެންދާ ޚިޔާލުތަކާއި ފެންނަމުންދާ މަންޒަރު ތަކުންވެސްރައްޔިތުންގެ ބޭނުންތަކަށް އެޑްރެސް ކުރެވިދާނެ ޕްލެޓްފޯމެއް ގާއިމް ކޮށްދީފާނެކަން ޔަގީން ނުވާތީއެވެ.                                                 

މިހާރު މާލޭގަ އާއި ރާއްޖެތެރޭގެ މަގުތަކުގައި އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ ހަމަގައިމުވެސް އިންޑިއާ ސިފައިން ދިވެހިރާއްޖޭން ބޭރުކުރުމުގެ ވާހަކައެވެ. ރަނގަޅު ވާހަކައެކޭ ނުރަނގަޅު ވާހަކައެކޭވެސް ބުނާ މީހުން އެބަތިއްބެވެ. ރައްޔަތުންގެ މަޖިލިސްތެރޭ ކޯޅުމަށް ބަލާލިޔަސްމެއެވެ. ސަބަބަކީ އިންޑިއާ ސިފައިން ރާއްޖެއަށް އާދެވެންޖެހުނު ބޭނުމެއް އެނގޭނީ އެކަންކުރި ބަޔަކަށެވެ. އެކަންކުރީ ސަރުކާރުންކަމުގައި ވާނަމަ ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވާފައިވާ ސަރުކާރަކުން ކުރިކަންތަކާމެދު ސަރުކާރުގެ ވިސްނުމާދެކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުނަސް ޑިމޮކްރެސީގެ އުސޫލުން  މަޑުމައިތިރި ވާންޖެހޭކަމަށް ބެލެވިދާނެއެވެ. ސަރުކާރަށް ތާއީދުކުރާ ރައްޔިތުންނަށް އިޙުތިރާމް ކުރުމުގެ ގޮތުންނެވެ. ހަމަ އެހެންމެ ގާނޫނު އަސާސީއާއި ޚިލާފަށް ކުރެވިފައިވާ ކަމެއްނަމަ ރާއްޖޭގެ ޝަރުޢީނިޒާމުން އެކަން އަވަހަށް ބަލައި ހައްލުހޯދަ ދޭންޖެހޭނެއެވެ. 

މަގުމައްޗަށް ނިކުމެ އަޑުގަދަކޮށް އަވަށްޓެރިންނާއެކު އޮންނަގުޅުން ނެތިކޮށްލަން މަސައްކަތް ކުރުމަކީ ހަމައެކަނި އޮތް ޙައްލުކަމުގައި ބެލުން ރަނގަޅެއްނޫން ކަމުގައި ދެކޭ މީހުންވެސް އެބަތިއްބެވެ. ރައްޔިތުންގެ ރުހުން ހޯދައިގެން ޑިމޮކްރެސީ އުސޫލުން ވެރިކަމަށް އާދެވިއްޖެނަމަ ފުރުސަތު ލިބޭނެއެވެ. މިހެން ބުނުމުން މިހާރުގެ ސަރުކާރު ހޮވިފައިއޮތީ ބޮޑު އޮޅުވާލުމެއްގެ ތެރެއިންކަމަށް ބުނާބަޔަކުވެސް އުޅޭކަން ދެނެހުރީމެވެ.

މިހާރު 2023 ގައި ވެރިކަމަށް އައުމަށް ބޭނުންވާ ފަރާތްތަކުން ކުރަންވީކަމަކީ އަލުން ރައްޔިތުން ބޭނުންވާ ކަންތައްތައް ދެނެގަނެ އެ ކަންތައްތައްރަނގަޅު މަގަކަށް އެޅުވުމުގެ މަސައްކަތެވެ. އިންތިޚާބު އަންނަނީ ބޯމަތިވަމުންނެވެ. ބޭކާރުގޮތުގައި ފުރުސަތު ނަގާނުލުމެވެ. އެހެންނޫނީ ދެމީދާފަހާދުވި ބުޅަލަށްވީގޮތްވެސް ވެދާނެއެވެ.                                               

އެންމެ ފުރަތަމަ ރައްޔިތުންނަށް ގަބޫލުކުރެވޭ ބަހުރުވައަކުން ރައްޔިތުންގެ ފޯރުންތެރިކަން އިތުރުކުރެވޭނެ ގޮތްތައް ރައްޔިތުންނަށް އޮޅުންފިލުވާ ދެވޭތޯ ބަލަންވީއެވެ. އެއްބަޔަކު ބްރިޖް އެޅީވެސް މަށޭ ގޮވައި އަނެއްބަޔަކު ދެރަނުވާންވެގެން ނެތްފައިސާއިން އިތުރު އެތަކެއް މިލަޔަންދީގެން ބުރިޖް ރިޔާސީ ކެމްޕޭނަށް ނިންމާލުން އެއީ ރައްޔަތުން ބޭނުންވާގޮތްތޯ ބަލާލަންވެސް ޖެހެއެވެ.

ގިނަބަޔަކު އާމްދަނީ ހޯދަންކުރި މަސައްކަތުގައި ގެންޅުނު ދޯނި ނުއަގުގައި ވިއްކާލަން ޖެހުނީ ތިޔަ ބްރިޖް އެޅިއިރު އެމީހުންނާމެދު ރަނގަޅުގޮތެއް ހޯދާދެވިފައި ނެތީކަމަށް އެމީހުން ބުނެތެވެ. އެމީހުން ދިރިއުޅެން ކުރާނެ އެހެން މަސައްކަތަކަށް މަގުފަހި ކޮށްދެވިފައެއް ނުވެއެވެ. ވިލިގިއްޔާ މާލެއާ ދެމެދު ބްރިޖް އެޅުމުން ދައުލަތަށް ވާނީ ގެއްލުމޭ ވަކިފަރާތަކަށް ވެރިކަން ލިބުނުނަމަ އެ ބްރިޖް ހިލޭ އެޅޭނަކަމުގައި ބުނުމަކުންވެސް އަދި ނުފުދެއެވެ. ރައްޔަތުންގެ ޚާދިމުންގެ ގޮތުގައި އިސްކުރެވޭ ބަޔަކު ރައްޔިތުންނަށް ހެޔޮ އެދޭނަމަ ރައްޔިތުންގެ ބޮލަކީ ދަގަނޑު މޮހޮރުގެ ބޯ ކަހަލައެއްޗެކޭ ހީކުރުމުގެ ބަދަލުގައި ރައްޔިތުންނަށް އިޚުލާސްތެރިވާން ދަންނަން އެބަޖެހެއެވެ.                      

ބޭރުކުރަންވީ މީހުންނާއި ރައްކާތެރިވާން ޖެހޭ އެއްޗެތި ބައިވަރެވެ. ބައެއް އެއްޗެހި ބޭރުކުރާނީ ފަރުދީ ފެންވަރުގައެވެ. ބައެއްކަންތައް ގައުމީ ފެންވަރުގައެވެ. ބައެއް ކަންތައްތައް ސަލާމަތީ ބާރުތަކުންނެވެ.ބައެއްއެއްޗެހި ބޭރުކުރެވޭނެ މަގެއް ވަގުތުން ވަގުތަށް ނުފެނިވެސްދާނެއެވެ. މިސާލަކަށް ބަލާލާނަމަ ގޭގައި އާލާވަމުންދާ މެހި ހޯނު ކުރަފި ބޭރުކުރާނީ ފަރުދީ ފެންވަރުގައެވެ. މަދިރި އާއި މީދާ ފަދަ އެއްޗެހިން ރައްޔިތުން ސަލާމަތް ކުރުމުގައި ގައުމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. 

ފެންބޮޑުވުންފަދަ ކާރިސާތަކުން ލިބިދާނެ ގެއްލުމަކާއި ލިބޭ ގެއްލުން ކުޑަކުރުންފަދަ ކަންތައްތަކުގައި ސަލާމަތީ ބާރުތަކުން އަދާކުރައްވާ ރޯލުތަށް ޚާއްސަކޮށް ފާހަގަކުރަން ޖެހެއެވެ. އެކަމަކު މާލޭގައި ބުޅާ ގިނަވުންކަހަލަ އާދައިގެ ކަންތައް ތަކަށްވެސް އެކަށިގެންވާ ރަނގަޅުހައްލެއް ހޯދުން އަދި ކާމިޔާބު ނުވެޔޭވެސް ބުނެވިދާނެއެވެ.                              

ބޭރުކުރަންވީ އެއްޗެހީގެ ލިސްޓުގައި އެންމެ ފުރަތަމަ ފާހަގަކުރާނީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުކުރާގޮތަށް ސަރުކާރުން އުފައްދަވާފައިވާ ބޭކާރު ސިޔާސީ މަގާމުތަކުގައި ތިބި މީހުންނެވެ. އެއީ ފައިސާ ޖަހައިގެންވެސް ސިވިލް ސާރވަންޓުންނަށް މުސާރަ ނުދެވިގެން އުޅޭތަން ފެންނާތީއެވެ. އަދި ފައިސާ ޖެހުމުން ގައުމުގެ ޑިކްލިއަރޑް ދަރަނި ތަކަށް އެފައިސާތައްވެސް އިތުރުވާނެތީއެވެ. ހެޔޮއެދޭ ވެރީން މިގައުމުގައި ފިރުކޭ އުމުރު ފުރައިން ފެށިގެން ކޮންމެ ހަތަރު މީހަކަށް ސިޔާސީ މަގާމެއް އުފައްދައި ރައްޔިތުންގެ ޚަޒާނާއަށް ނުކަތާވަރުގެ ބޮޑެތި މުސާރަތްތަކާއި އިނާޔަތް ތައް ދެމުންގެންދާނެތޯއެވެ. އެކަން މިހާރުން މިހާރަށް ހުއްޓުވަންވީއެވެ. އެމީހުންތައް ބޭރުކުރަންވީއެވެ. ގައުމު ބަނގުރޫޓްނުވެ ސަލާމަތްކުރެވޭނެ ހުރިހާގޮތެއް ހޯދައި އެފިޔަވަޅުތައް ވަގުތުން ވަގުތައް އަޅައި ނަތީޖާ ނެރެންވީއެވެ. 

ހައްދުން ނައްޓާލައިގެން މިދާ ސިޔާސީ މަގާމުތައް މައިތިރިކުރަން އެބަޖެހެއެވެ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާއަކީ ކުރީ ސަރުކާރުގެ ސިޔާސީ މަގާމުގިނެފައިވާތީ އެކަމާއި ކަންބޮޑުފުޅުވެ ޓީވީ ޝޯގައި ކީރިތިފުޅު ކުރެއެވުނު ބޭފުޅެކެވެ. އެހެނީ ރައްޔަތުންނަށް ލިބެމުންދާ ގެއްލުމާއިހެދި ހިތްޕުޅަށް އަސަރު ކުރެއްވާތީއެވެ. ރައްޔަތުންގެ ކަމަރު ބާރުކޮށްލަން ވިދާޅުވެއްޖެއެވެ. މިގައުމު ބަނގުރޫޓުވެ ނުދިއުމަށްޓަކައެވެ. ނުވަތަ ބަނގުރޫޓް ކޮށްލިޔަ ނުދިނުމަށްޓަކައެވެ. ނަމަވެސް އެމަނިކުފާނު އަދިވެސް ދަނީ ސިޔާސީ މަގާމު އިތުރުކޮށް ބޮޑެތި މުސާރައާއި ޢިނާޔަތްތައް ޢިއުލާނު ކުރައްވަމުންނެވެ.

އަޖާއިޢިބު އަނަތަރީސް ވެއްޖެއެވެ! ޖޭޕީ މޯގަން އާއި ބޭންކް އޮފް މޯލްޑިވްސްގެ ސީ. އީ. އޯ. ވިދާޅުވިފަދަ ބޭންކްރަޕްސީ ޙާލަތަކަށް މިގައުމު ވެއްޓެމުންދާތަން ބަލަން ތިބެވިގެން ނުވާނެއެވެ. މިގައުމަކީ މިގައުމުގެ ރައްޔަތުންގެ މިލްކެކެވެ. އެއްވެސް ސިޔާސީ ޕާޓީގެ މިލްކެއްނޫނެވެ. ސިޔާސީ ތޮފި އަޅައިގެން ރައްޔިތުންނަށް މާބޮޑަށް ހެޔޮ އެދިގެންއުޅޭ ހައެއްކަ މީހުންގެ އެކަނި ގައުމެއް ނޫންކަން ޔަގީނެވެ. އެއްބަޔަކު މިނިސްޓަރުންގެ މިނިސްޓަރުން އައްޔަންކުރާއިރު އަނެއްބަޔަކު ރައްޔިތުން ލޮލުގައި ކަޅުކުލައިގެ އަނދުން އަޅުވަން މި އުފައްދަނީ އިތުރު ކޯޑިނޭޓަރުންނެވެ. ދެން އަންނަބަޔަކު އުފައްދާނީ ސަބްކޯޑިނަރުންނޫންކަމެއްވެސް ނޭގެއެވެ.

ހަމައެކަނި މިނިސްޓަރު ވެވުނީމާކަމަށް ސިޔާސީ މަގާމަކީ، ރައްޔިތުން ލައްވާ ގަބޫލުކުރުވަން އުޅޭކަހަލައެވެ. ކުރިންވެސް އިޝާރާތް ކުރިފަދައިން ރައްޔިތުންގެ ބޮލަކީ ދަގަނޑު މޮހޮރުގެ ބޮލާއެއްފަދަ އެއްޗެއް ނޫންކަން ހަދާންކުރަން ޖެހެއެވެ. ގާނޫނުހަދަން މަޖިލީހަށް ކުރިމަތިލާ ބައެއްމީހުންވެސް ފާއިތުވީ ދިރިއުޅުމަށް އަދި އެއްފަހަރު ވިސްނާލާފައި ހަމަބިމަށް ތިރިވާން އެބަޖެހެއެވެ. މަޖިލީހުގެ ދޮރުން ވަދެވުނަސް ތިމާއަކީ އަދި ހެންރީ ކީސިންޖަރަކަށް ނުވެވޭނެއެވެ. ތަޢުލީމާ ތަޖްރިބާތަކެއް ބޭނުންވާނެއެވެ. ނުވަތަ ސިޓީކައުންސިލްގެ މެމްބަރަކަށް ވެވުމުން ކިބުރުވެރިކަމާ ބޮޑާކަން އިސްކުރުމަކުން ނެލްސަން މަންޑޭލާ އަކަށްވެސް ނުވެވޭނެކަން ހަނދާން ކުރަން ޖެހެއެވެ. ހުރިހާކަމަށްވުރެ ބޮޑަށް ތިމާއަކީ ކާކުކަން ދެނެގަންނަން ޖެހެއެވެ.  

ބޭރުކުރަންވީ ކޯއްޗެއްތޯއެވެ؟ ވަގަކަށް ހާސްދުވަސް ވެރިޔަކަށް އެއްދުވަހޭ ބުނާ ހަރުބަހެއް އަޑުއަހަމެވެ. ދައުލަތައް ބޮޑުތަނުން ޚިޔާނާތްތެރިވުން ހުއްޓުވަން އެބަޖެހެއެވެ. ވަގުުންނަށް އެއްވެސް ދުވަހެއްނެތި ހުރިހާދުވަހެއް އޮންނަންވީ ރައްޔިތުމީހާއަށެވެ. ވަގުންގެ ދުވަސްތައް ނިންމައި އެންމެ ފަހުގެ ސިއްކަ ޖަހަން ރައްޔިތުންގެ އެއްބައެއްވަންތަވެ އެފަދަ ބަދަލެއް ގެނެވޭތޯ އިޚުލާސްތެރި ކަމާއިއެކު އިޚުރާސްތެރިކަމާއި އެކު މަސައްކަތް ކުރަންވީއެވެ. އޭރުން ރައްޔަތުންނަށް ހެޔޮވެރިކަމަކަށް މަގުފަހިވެގެން ދާނެކަން ކަށްވަަރެވެ.

ބޭރުކުރަންވީ އެއްޗެއްސާއި ހުށްޓުވަންވީ ކަންކަމާއި ދެންހެދަންވީގޮތްވެސް އޭރުން އެނގޭނެއެވެ. #ދީނަށްޓަކައި #ގައުމަށްޓަކައި #ރައްޔަތުންނަށްޓަކައި ގެންނެވުނު ވެރިކަމުން ރައްޔަތުންނަށް ފިލާވަޅެއް ލިބެއްޖެކަމަށް ހީކުރަމެެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔަތުންގެ ކިބައިންނެވެ.                                                      

Loading

4 Responses

  1. ވަރަށް ރަނގަޅު ލިއުމެކެވެ. އެކަމަކު މިހާރު މަގުމަތިން ފެންނަ ބައިގަނޑު ގިނަވީމާ ލިއުމުގައި އިޝާރާތް ކޮށްފައިވާފަދައިން ސިޔާސީ މަގާމުތައް މަދުވެދާނެއެކޭ ހިތަކަށް ނާދެއެވެ. އެއިންކޮންމެ މީހަކަށް އަދި އޭނާގެ ފަހަތުގައި ހުންނަ ކޮންމެ މީހަކަށް ސިޔާސީ މަގާމެއް އުފައްދައިފިނަމަ ފިރުކޭ އުމުރުފުރައިން ފެށިގެން ކޮންމެ ދެމީހަކަށް މަގާމެއް އުފައްދަން ޖެހޭނެއެވެ. ދެން އެމީހުންނަށް މުސާރައާއި އިނާޔަތްތައް ދިނީމާ ރައްޔިތުމީހާއަށް އެކައްޗެއްވެސް ނޯންނާނެއެވެ. ދުނިޔެއަށް ފެތުރިގެންމިދާ ހަނގުރާމަ ނުހުއްޓި ގިނަދުވަސް ވެގެންދާވަރަކަށް ބަނޑުހައި ހޫނުކަން މުޅިދުނިޔެއަށް އާންމު ވެގެން ދާނެކަމުގެ ބިރުވެރި އިންޒާރު އެތައްފަހަރަކު އެތައްގޮތަކަށް ބައިނަލް އަގްވާމީ މީޑިއާގައި އެދަނީ ހާމަކުރަމުންނެވެ. ވޯޓަކަށް ލިބޭ ފަސްސަތޭކަ ރުފިޔާއިން މަސްދަޅެއްވެސް ދެން ނުލިބޭނެއެވެ.

  2. އާހ، ޙާލަތު ތިހެން އޮތީ. ތެދެއްބުނަންތަ މި ރައީސް ސޯލިޙު އެއީ ހަމަ ރަނގަޅު މީހެކެވެ. ވެރިކަމުގެ ދަހިވެރިތިކަމުގައި ކޮލިޝަންގެ ވެރީން އެމީހުންގެ އަމިއްލަ އެދުމާއިހެދި ސޯލިޙުގެ ބޮލަށް އެރިގެން ދެވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ކުރި މަސައްކަތުން އޭނާވެސް ވެރިކަމަށް ދަހިވެތިވީއެވެ. ވެރިކަމަށް ދަހިވެތިވުމަކީ މީހާގެ ހަލާކެވެ. ދެރައީ މީހާއާއި އެކު ގައުމު ފަނާވެގެން ދާތީއެވެ.

  3. ވެރިމީހާ ރަނގަޅޭ ބުނެވޭނީ އޭނާއަށް ގައުމުގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު އިހްސާސް ކުރެވޭނަމައެވެ. އޭނާއަކީ ސިޔާސީ ޕާރޓީއެއްގެ ނުވަތަ ސިޔާސީ ޕާރޓީ ތަކެއްގެ ރައީސެއްނޫނެވެ. މުޅި ދިވެހިރައްޔިތުންގެ ހައްގުތައް އެއްފަރާތް ކޮށްފާ ހަމައެކަނި ސިޔާސީގޮތުން އެއްބާރުލުންދޭ މަދު ބަޔަކަށް މޮޅުގޮތްހޯދާދޭން މަސައްކަތް ކުރަމުންގެންދާނަމަ ރަނގަޅުމީހެކޭ ބުނާނެ ޖާގައެއްނެތެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް