ބަލިތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފި

Facebook
Twitter
WhatsApp
cancerTemp-1160780415-770x533-1-650x428

މި ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އާންމު ބައެއް ބަލިތައް ޖެހޭ މިންވަރު އިތުރުވެ، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުން ދައްކާގޮތުގައި ވޭތުވެދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އިތުރުވި ބަލިތަކުގެ ތެރޭގައި ޑެންގީ އާއި އަރުދަފުސް ރޯގާ އާއި އިންފްލުއެންޒާ އަދި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ބަލި ހިމެނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ހާއްސަކޮށް ޑެންގީހުން ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. އަދި މިއަހަރު އޭޕްރިލް މަހަށްވުރެ، މެއި މަހު ރިޕޯޓުކުރި ކޭސްތައް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ޑެންގީގެ 92 ކޭސް ރިޕޯޓް ކޮށްފައިވެއެވެ. އަދި މޭ މަހު  185 ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރެއިން 73 ކޭސް ރިޕޯޓު ކޮށްފައިވަނީ މޭ މަހުގެ ފަހު ހަފްތާގައެވެ. އޭޕްރީލް މަހުގެ ފަހު ހަފްތާގައި ރިޕޯޓް ކޮށްފައިވަނީ 32 ކޭސް އެވެ.

އެހެންކަމުން ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭން ވަނީ އިލްތިމާސްކޮށްފައެވެ.

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް ކުރަންވީ ބައެއް ކަންކަން

  • ހަށިގަނޑު ރަނގަޅަށް ނިވާގޮތަށް ހެދުން އެޅުން
  • މަދިރި ލޯޝަން، ސްޕްރޭ، ރެޕެލެންޓް ބޭނުންކުރުން
  • ފަތިސްވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން (މަދިރި އިތުރުވާ ވަގުތެއް)
  • ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން (ގެއާއި ގޯތިތެރެ، މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ ފެންހަރުލާ ޒާތުގެ ތަންތަން)

މަދިރި އާލާވުން މަދުކުރުމަށް ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީފަދަ ތަކެތި ސާފުކުރުން މުހިންމެވެ. އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން ވަރަށް މުހިންމެވެ.

ގޭގައި ދެވޭނެ ފަރުވާ

  • އަރާމުކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސް ވުމާއިއެކު ބަލި ފެތުރުމުން ރައްކާތެރިކޮށްދޭ
  • ގިނަގިނައިން ދިޔާ އެއްޗެހި ބުއިން (ލޮނު ޕެކެޓު، ކުރުނބާ، ސޫޕް ފަދަ ތަކެތި)
  • ހުން އައިސް ގައިގައި ރިއްސާނަމަ ގަޑިންގަޑިއަށް ޕެރަސެޓަމޯލް ކެއުން
  • ހާލަތު މާބޮޑަށް ދެރަވާނަމަ ޑޮކްޓަރަށް ދެއްކުން

އަދި ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭ ނަމަ ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަރުދަފުސް ރޯގާ ޖެހިގެން މިއަހަރުގެ އޭޕްރިލް މަހު ވަނީ މުޅި ޖުމްލަ 12978 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު ވަނީ 4105 ކޭސް ރިޕޯޓު ކޮށްފައެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ވޭތުވެދިޔަ އެޕްރީލް މަހާ އަޅާ ބަލާއިރު މިދިޔަ މަހު އިންފްލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު ވަނީ އިތުރު ވެފައެވެ. އަދި ޓެސްޓް ކުރެވުނު ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލް ވަނީ ވަނީ ޕޮޒިޓިވް ވެފައެވެ.

އެޗްޕީއޭ އިން ބުނީ އާންމު އަރުދަފުސް ރޯގާއިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުން މުހިއްމު ކަމަށެވެ. އެގޮތުން ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި އާއްމު ސާފުތާހިރުކަމަށާއި ހާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން ހިމެނެއެވެ.

ވޭތުވެ ދިޔަ އަހަރާއި އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯރޓް ކޮށްފައިވާ އަދަދު ވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޭޕްރިލް މަހު ވަނީ ބޭރަށް ހިންގުމުގެ 1575 ކޭސް ރިޕޯޓު ކޮށްފައެވެ. އަދި މިދިޔަ މޭ މަހު 1824 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ.

One Response

  1. ވަރަށް ރަނގަޅު ނަސޭޙަތް ކޮޅެކެވެ. ފަރުދީ ޒިންމާ ވަރަށް މުހިންމެވެ. ބަލިވީމާ ޑރ. އަށް ދާން ޖެހޭނެއެވެ. އެހެނަސް ރައްކާތެރިވެ ތިބުމުން ގިނަ ބަލިތަކުން ސަލާމަތްވާނެއެވެ. #ސާފުރާއްޖެ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް