ތަރައްގީއާއި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަގޮތެއްގައި ކުރިއަށް ގެންދަންޖެހޭ: ރައީސް

Loading

Facebook
Twitter
WhatsApp

އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ރައީސުލް ޖުމުހޫރިއްޔާ ފޮނުއްވި ހިތާބުގައި ވިދާޅުވީ ދިރިއުޅުމުގެ ބޭނުންތަކަށް މާހައުލީ ނިޒާމަށް ގެއްލުން ދީގެން ނުވާނެކަމަށާ ތަރައްގީއާއި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ހަމަހަމަ ވާންޖެހޭ ކަމަށެވެ.

”އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްޤީއާއި، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުމެވެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެކަމަށް އޮތް އެންމެ މުހިންމު ހައްލަކީ އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން ހުއްޓައިލުމާއި، އިޢާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެ ނެޓް ޒީރޯ ޤައުމަކަށްވުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމާއި، ކުނީގެ ބާވަތްތައް ވަކިކޮށް ރައްކާތެރި ގޮތުގައި ނައްތައިލުމާއި، ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން ހިމާޔަތްކުރާ ސަރަޙައްދުތައް އިތުރުކުރުމެވެ.

“ މިރާއްޖޭގެ ދޮންވެލި ތުނޑިތަކާއި ފިނޮޅުތަކާއި، މިހިތްގައިމު ކަނޑުފަޅުތަކާއި ކަނޑޫފާތަކާއި ޗަސްބިންތަކާއި، އެތަންތަނުގައިވާ ދިރުންތައް، ކުރިމަގުގެ ޖީލުތަކަށް ރައްކާތެރި ގޮތުގައި ފޯރުކޮށްދެވޭނީ، މިދެންނެވި ކަންކަމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމާ ލާމެހިފައިވާ އާދަތަކެއް ކަމުގައި ހަދައިގެން.“ ރައީސް ސާލިހު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ “ އަޅުގަނޑުމެންގެ ފެންވަރުގައި އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންކަން ކުރުމަށް، އެންމެހައި ދިވެހިންގެ ބައިވެރިވުމަށް އަޅުގަނޑު މި ގޮވައިލަނީ އެސަބަބަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ޢަމަލުތަކުން އަޅުގަނޑުމެންގެ ކަނޑުތައް ތަޣައްޔަރު ނުކުރުން.  އަޅުގަނޑުމެންގެ އަތްތަކުން، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާއި ފަރުތައް ހަލާކު ނުކުރުން.  އަޅުގަނޑުމެން އިސްކަން ދޭންވީ ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް ހަމަހަމަ ގޮތެއްގައި ކުރިއަށް ގެންދިއުން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބޭނުންތަކަށްޓަކައި، މާޙައުލީ ނިޒާމަށް ގެއްލުން ނުދިނުމާއި ގަސްތައް ކަނޑައި ހުސްނުކުރުން.“

ރައީސް ސާލިހު ވިދާޅުވީ ތިމާވެށި ރައްކާތެރިކުރުމަށް މުޅި މުޖްތަމަޢުގެ ބައިވެރިވުން މުހިންމުކަމަށާ  ވަކިން ހާއްސަކޮށް، ތިމާވެށި ރައްކާތެރިކުރެވޭ ގޮތަށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރުމަށް، އާންމުން ހޭލުންތެރިކުރުމުގައި ޒުވާނުންނަށް މުހިންމު ދައުރެއް އަދާކުރެވޭނެކަމަށެވެ.

އަދި  ދުނިޔޭގެ އެކި ގައުމުތަކުން ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ދޫކުރާ ނިސްބަތަށް ބަލާއިރު، ދިވެހިރާއްޖޭގެ ހިއްސާ އެކަމުގައި ވަރަށް ކުޑަ ނަމަވެސް، ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުންތައް، އެހެން ހުރިހާ ގައުމަކަށްވުރެ ބޮޑުކަން ވެސް ރައީސުލް ޖުމުހޫރިއްޔާގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް