މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަޅު ކުޅުން މަނާ ކޮށްފި

Facebook
Twitter
WhatsApp
download

ގެސްޓް ހައުސް ވިޔަފާރީގައި އެއްވަނައިގައި އޮތް މާފުށީގެ ޖަލު ހިމެނޭ ސަރަހައްދުގައި މޫދުކުޅިވަރު ކުޅުން މަނާކޮށްފި އެވެ.

މާފުށީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ވާގޮތުން މާފުށީ ޖަލު ސަރަހއްދުގައި ގިނަ ކުޅިވަރުތަކެއް ވަނީ މަނާކޮށްފައެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަދުން ފެށިގެން މާފުށީ ޖަލު ހިމެނޭ ސަރަހައްދުގައި ޕެރަސެއިލިންގއާއި ޑްރޯން އެރުވުމުގެ އިތުރުން، މާފުށި ޖަލުގެ އައްސޭރިފަށް ހިމެނޭ ސަރަހައްދުން ޖެޓްސްކީ ފަދަ މޫދު ކުޅިވަރުތައް ބޭއްވުމަކީ މަނާކަމެއްކަމަށެވެ.

މާފުށީ ކައުންސިލުން ބުނީ ޖަލު ސަރަހައްދުގައި ކުޅިވަރުތައް ކުޅުމުގެ ސަބަބުން ގިނަ ޝަކުވާތައް އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ.

އަދި ޖަލު ހިމެނޭ ސަރަހައްދަކީ ވަކި ހާއްސަ ހުއްދައަކާއި އެކު ވަދެ ނިކުމެވޭ ސަރަހައްދަކަށްވާއިރު، މިކަމުގެ ސަބަބުން ޖަލުގައި ތިބޭ ގައިދީންނާއި ބަންދު މީހުންގެ އިތުރުން ޖަލުގައި ހިނގަމުންދާ ހަރަކާތްތައް ފެންނަން ނުޖެހޭ ފަރާތްތަކަށް ފެނުމުގެ ފުރުސަތު އޮތުމާއި، ޖަލު ހިމެނޭ ސަރަހައްދު ހުއްދަ ނެތި ފޮޓޯ ނަގާ ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާއްމުކުރުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ކައުސްސިލުން ބުނީ އާންމުން ޖަލު ސަރަހައްދުގައި ކުޅިވަރުގެ ގޮތުގައި ކުޅޭ ބައެއް ކުޅިވަރުތަކުގެ ސަބަބުން ޖަލަށް ވެއްދުން މަނާތަކެއްޗާއި އެހެނިހެން ތަކެތި ޖަލު ސަރަހައްދަށް އުކުމުގެ ނުވަތަ ވައްޓާލުމުގެ ނުވަތަ ޕޮޓްކުރުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށާ މި ކަންކަމަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުތައްކުރާނެ ކަންކަންކަމަށެވެ.

މާފުށީ ކައުންސިލުން މާފުށީ ޖަލު ސަރަހއްދުގައި މޫދުކުޅިވަރުތައް ކުޅުން މަނާކޮށްފައިވާއިރު، މާފުށީ ޖަލު ވެފައިވަނީ ޖަލު ތެރެއަށް އެތެރެކުރުން މަނާ ތަކެތި އެންމެ ގިނައިން ވައްދާ ޖަލުގެ ގޮތުގައެވެ.

މާފުއްޓަކީ ގެސްޓްހައުސް ވިޔަފާރީގައި ރާއްޖޭގައި އެއްވަނައިގައި އޮތް ރަށަށް ވީއިރު އެރަށުގައި ކުރިމަތިވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އަލަށް ހިއްކާފައިވާ ބިން ހިއްކާފައިވަނީވެސް އެރަށުގެ ޖަލާ ދިމާލުންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް