މެކްސިކޯގައި އީ ސިނގިރޭޓް ބޭނުންކުރުން މަނާކޮށްފި 

Loading

Facebook
Twitter
WhatsApp


މެކްސިކޯގައި އީ ސިނގިރޭޓު ބޭނުން ކުރުން މަނާކޮށްފިއެވެ. އެކަން މަނާކުރީ ނެރުނު ރިޔާސީ ގަރާރަކުންނެވެ.

އީ ސިނގިރޭޓުގެ އިތުރަށް ވެޕިން ޑިވައިޒްތައް ބޭނުންކުރުން ވެސް މިހާރު ވަނީ މަނާކުރެވިފައެވެ.

މެކްސިކޯގެ ރައީސް އަންދުރޭ މެނުއެލް ވިދާޅުވީ އީ ސިނގިރޭޓަކީ ދުންފަތުން ލިބޭ ގެއްލުން ނުލިބޭނޭކަމަށް ބުނެ ސިނގިރޭޓުގެ ބަދަލުގައި ބޭނުންކޮށް އުޅޭ އެއްޗެއްކަމަށާއި އެ ވާހަކައަކީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. 

މެކްސިކޯގެ ރައީސް ވިދާޅުވީ ވެޕިން ޑިވައިސްބޭނުންކުރުމުގެ އިތުރަށް އެއިން ނިކުންނަ ދުމަކީ ވެސް ސިއްހަތަށް ވަރަށް ބޮޑަށް ގެއްލުން ހުރި އެއްޗެއްކަމަށެވެ.

އީ ސިނގިރޭޓު މަނާ ކުރުމުގެ އަމުރުގައި މެކްސިޓީގެ ރައީސް ސޮއިކުރެއްވީ ބައިނަލްއަޤުވާމީ ފެންވަރުގައި މުޅި ދުނިޔޭގައި ފާހަގަކުރާ، ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މެކްސިކޯގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ފިނިފެންމާ ކުލައިގެ ވެޕިން ޑިވައިސްއެއް ދައްކަވާލައްވަމުން ރައީސް ވިދާޅުވީ މިއީ ޒުވާނުން ދުންފަތާ ދޯޅުކުރުމަށް އުފައްދާފައިވާ އެއްޗެއް ކަމަށެވެ.

މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގެ އިސްވެރިން ވިދާޅުވި ގޮތުގައި އެ ސިޓީގައި މީހުން އެއްވެ އުޅޭ މުހިއްމު ތަންތަނާއި ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު މަނާ ކަމެކެވެ.

ހެލްތު މިނިސްޓަރގެ ނައިބު ހޫގޯ ލޮޕޭޒު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން މެކްސިކޯގައި ވެޕިން ޑިވައިސް ގެންގުޅުމާއި ބޭނުންކުރުން މަނާކުރެވުނުކަމަށް ވިޔަސް ވިޔަފާރިކުރާ ފަރާތްތަކުން އެތަކެތި ދަނީ ވިއްކައި ބޭނުން ކުރުމަށް މަގު ފަހިކުރަމުންނެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަން ހުއްޓުވުމަށް ސަރުކާރުން އިތުރު ފިޔަވަޅުތައް އަޅަމުން ދާނޭ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވެސް ވަނީ އީ ސިނގިރޭޓަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި އެއްޗެއްކަމަށް ކަނޑައަޅާފައެވެ. އެ ޖަމްއިއްޔާއިން ހާމަކުރިގޮތުގައި 2021 ވަނަ އަހަރުގެ ޖުލައިމަހާ ހަމައަށް ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމުތަކުން ވަނީ އީ ސިނގިރޭޓު ބޭނުންކުރުން މަނާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް