ބީޖޭޕީގެ ވެރިކަން ހިޓްލަރުގެ ޒަމާނުގެ ވެރިކަމަށް ވުރެވެސް މާ ބޮޑަށް އަނިޔާވެރި 

Loading

Facebook
Twitter
WhatsApp

އިންޑިއާގައި މިހާރު ވެރިކަން ކުރަމުންދާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ވެރިކަން އަނިޔާވެރިކަމަށް މަޝްހޫރު ހިޓްލަރާއި މުސޮލެނީއާއި ސްޓާލިންގެ ވެރިކަމަށް ވުރެވެސް އަނިޔާވެރިކަމަށް ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނާޖީ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަމްތާ ވިދާޅުވީ ބީޖޭޕީގެ ސަރުކާރުން ގެންދަނީ ސްޓޭޓްތަކުގެ ވެރިކަމުގެ މައްޗަށް ވެސް ބާރުފޯރުވުމުގެ މަސައްކަތް ކުރަމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓޭޓުތަކަށް ގާނޫނީ ގޮތުން ލިބިގެންވާ ބާރުތައް ނިގުޅައި ގަތުމަށް ބީޖޭބީން ދަނީ ތަފާތު އެޖެންސީ ތަކުގެ ބޭނުންކުރަމުންނެވެ. އަދި ސްޓޭޓްތަކަށް ލިބިގެންވާ މިނިވަންކަން ނައްތާލައި ބީޖޭޕީގެ ސިޔާސަތު ގާއިމުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މަމްތާ ބެނަޖީ ވިދާޅުވީ އިންޑިއާގެ ޖުމްހޫރިއްޔަތު ވަރުދަ ކުރުމުގެ ގޮތުން ސްޓޭޓްތަކުގެ ސަރުކާރުތަކަށް ލިބިގެންވާ ބާރާއި އިޚުތިޔާރު މައިސަރުކާރުން ނިގުޅައި ގަތުމަކީ ވަރަށް ބޮޑު ނުރައްކަލެއްކަމަށް ވާއިރު ވެސް ސަރުކާރުން ދަނީ އެކިއެކި މުއައްސިސާތައް މެދުވެރިކޮށް ސްޓޭޓްތަކުގެ ސަރުކާރުތަކަށް ލިބިގެންވާ އިޚްތިޔާރުތައް ފުނޑާލައި ނައްތާލަން މަސައްކަތް ކުރަމުންނެވެ.

”އަޅުވަނޑުމެންނަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރާއި އިޚުތިޔާރާ އެއްގޮތަށް މަސައްކަތް ކުރުމުގެ ހައްގު އަޅުގަނޑުމެންނަށް ލިބިފައި އޮންނަން ޖެހޭ.“ އިންޑިއާގެ އެންމެ ބާރުގަދަ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަމްތާ ވިދާޅުވިއެވެ.

ބޮޑު ވަޒީރު މޯދީ: މޯދީއަށާއި ސަރުކާރަށް ފާޑުކިއުންތައް ވަރަށް ބޮޑު

އިންޑިއާގެ ތަފާތު ސްޓޭޓުތަކުގެ ސަރުކާރުތަކަށް ބީޖޭޕީގެ ނުރައްކާތެރިކަން ފޯރަމުންދާއިރު އިންޑިއާގައި ދިރިއުޅެމުންދާ ހިންދޫން ފިޔަވައި އެހެން ދީންތަކުގެ މީހުންނަށް ވެސް ވަނީ ބީޖޭޕީ ސަރުކާރުގެ އަނިޔާވެރިކަން ތަހައްމަލުކުރަން ޖެހިފައެވެ. ޚާއްޞަކޮށް މުސްލިމުންނަށެވެ. ކަޝްމީރާއި އެހެން ސްޓޭޓުތަކުގައި ދިރިއުޅެމުންދާ މުސްލިމުންގެ ދީނީ އިޖުތިމާއީ ދިރިއުޅުމަށް ހިންދޫންގެ އަނިޔާވެރިކަން ވަރަށް ބޮޑަށް ވަނީ ފޯރާފައެވެ. އެކަމަކު އެކަން ހުއްޓުވުމަށް ސަރުކާރުން އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާކަމުގެ ޝަކުވާ ވަނީ ވަރަށް ބޮޑުވެފައެވެ.

އަނިޔާވެރިކަމަށް މަޝްހޫރު ހިޓްލަރާއި މުސޮލެނީއާއި ސްޓާލިންގެ ވެރިކަމަށް ވުރެވެސް ބީޖޭޕީގެ ވެރިކަން ނުބައި ނުލަފާކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި ހުޅަނގު ބެންގާލްގެ ޗީފް މިނިސްޓަރ މަމްތާ ބެނާޖީއަކީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށާއި ބީޖޭބީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ބޭކަނބަލެކެވެ.

Loading

One Response

  1. ހިތިގޮތަކަށް މިކަލޭގެ ވެރިކަންވެސް ނިމޭނެ. އިންޝާﷲ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް