ބައެއް ޚަބަރުތަކުގެ ފަހުގެ ފަލަސުރުޚީތައް 

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް މިގެނެސްދެނީ ފާއިތުވެގެންމިދާ ތިން ހަތަރުދުވަހު ބައިނަލް އަގްވާމީ މީޑިއާގައި ގެނެސްދީފައިވާ ބައެއް ޚަބަރުތަކުގެ ފަލަ ސުރުޚީތަކެވެ. ދުނިޔޭގެ މަސްރަހުން ފާހަގަކުރަމުންގެންދާ މުހިން ޚަބަރުތަކުގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އަޅުގަނޑުމެންގެ ކިއުންތެރިންނާ ހަމަޔަށް ފޯރުކޮށްދެވޭތޯ އަބަދުވެސް ސަންދާނުން ވަރަށްބޮޑަށް މަސައްކަތްކުރަމުން ގެންދަމެވެ.                          

އެމެރިކާގެ  ޑިޕްލޮމެޓުންނާއި ސިޔާސީ ބޭފުޅުންނާއި އަދި ފާހަގަކުރެވޭ ފަންނާނުންގެ 900 ބޭފުޅަކު ރަޝިޔާއަށް ދަތުރުކުރުން އެ ގައުމުގެ ޚާރިޖީއޮފީހުން ދާއިމީގޮތެއްގައި މިއަދު މަނާކޮށްފިއެވެ. އޭގެތެރޭގައި ރައީސް ބައިޑްން އާއި ނައިބުރައީސް ކަމަލާހަރިސްއާއި ވައިޓްހައުސް ސްޕީކަރ ނަންސީ ޕެލޯސީވެސް ހިމެނެއެވެ. ނަމަވެސް އޭގެ ތެރޭގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނުހިމެނެއެވެ.                    

ރިޕަބްލިކަން ސެނޭޓް މިޓް ރޮމްނީ އިންޒާރު ދެއްވި ގޮތުގައި ރަޝިޔާގެ ބަލިކަށިވަމުންދާ މިލިޓަރީގެ ސަބަބުން ނުރައްކާތެރި ފަނާކުރަނިވި ހަތިޔާރު ރަޝިޔާއިން ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށްޓަކައި ނޭޓޯގެ ގައުމުތަކުން ރަޝިޔާ -ޔޫކްރެއިން ހަނގުރާމައިގާ ބައިވެރިވާން އެބަ ޖެހެއެވެ.                                          

އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ވިދާޅުވިގޮތުގައި 2023 ވަނައަހަރު ޕޫޓިންގެ ވެރިކަން ނިމި ގިނަ ދުވަސްތަކަކަށް އޭނާ ހޮސްޕިޓަލްގައި ބާއްވަން ޖެހޭނެއެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގާ ޑޮންބަސް ސަރަހައްދަށް ރަޝިޔާ ސިފައިންގެ ބާރުގަދަ ކުރަމުންދާ އިރު އިއްޔެ ޔޫކްރެއިންގެ ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ކުރައްވަމުން ޕޮލެންޑްގެ ރައީސް ވިދާޅުވެފައިވަނީ ޔުކްރެއިންގެ މައްސަލައިގާ ގޮތެއް ނިންމަން ޖެހޭނީ އެ ގައުމުގެ ރައްޔިތުން ކަމުގައެވެ. ހަމަ އެއާއެކު ފަރަންސޭސި ވިލާތުގެ ޔޫރަޕްގެ ކަންތައްތަކާބެހޭ ވަޒީރު އިޝާރާތްކުރެއްވި ގޮތުގައި ޔޫކްރެއިނުން ނޭޓޯ ގައި ބައިވެރިވުމަށް އަދިވެސް ފަނަރަ ވިހި އަހަރުދުވަހުގެ މުއްދަތެއް ނަގާފާނެއެވެ.                                            

ޔޫކްރެއިންގެ ރައީސްގެ އިސް މުސްތަޝާރު ވިދާޅުވަނީ ރަޝިޔާގެ ސިފައިން އަތުލާފައިވާ ޔޫކްރެއިން ބިންތައް އަލުން އަތުލުމަކީ އުނދަގޫކަމެއް ނޫންކަމުގައެވެ. ނަމަވެސް ތަޖްރިބާކާރުން ވިދާޅުވާގޮތުގައި ވިންޓަރ މޫސުމަކީ ޔޫކްރެއިނަށް ވަރަށް އުނދަގޫ ދުވަސް ތަކަކަށްވާނެއެވެ. އެހާތަނަށް ގައުމުގެ ބޮޑުބައެއްގައި ވިހުރެވޭނީ ރަޝިޔާގެ ގައުމީދިދައެވެ. ރައްޔިތުން ތިބޭނީ ކުރާނެ މަސައްކަތެއް ނެތި މަގުމަތި ވެފައެވެ. ގައުމު ގައުމުގެ ގޮތުގައެއް ނޯންނާނެއެވެ.

މާރޗް މަހުން ފެށިގެން ކަރަންޓް ފޯރުކޮށްދިނުމަށް ހުރަސްތަކެއް ވަނީ މެދުވެރި ވެފައެވެ. ހަމައެފަދައިން ނިއުޔޯރކް ޓައިމްސް އެޑިޓޯރިއަލް ފާހަގަކޮށްފައިވާ ގޮތުގައި ޔޫކްރެއިނުން ރަޝިއާއާއި ހަނގުރާމަ ކޮށްގެން ކާމިޔާބީއެއް ހޯދުމަކީ މުސްތަޙީލުކަމެކެވެ.  ގެއްލިގެންދާނީ ޔޫކްރެއިންގެ ބިންތަކެކެވެ. އަދި މިކަމަށް އޮތް ހަމައެކަނި ހައްލަކީ ވާހަކަ ދެއްމެވެ. ހިތްދަތި ފައިސަލާ ތަކެއްވެސް ކުރަންޖެހޭނެއެވެ.                                                         

ރަޝިޔާގެ ތެޔޮ އެތެރެކުރުން ހުޅަނގުގެ ގައުމުތަކުން މަނާކޮށްފައި އޮތްނަމަވެސް އެހެންގޮތެއް ނެތިގެން އިޓަލީއަށް ރަޝިޔާގެ ތެޔޮ އެތެރެކުރުން ހަތަރުގުނަ އަށް އިތުރުކުރަން ޖެހިއްޖެއެވެ. މިހާރު ކޮންމެ ދުވަހަކު 450000 ފީފާގެ ތެޔޮ ރަޝިޔާއިން އިޓަލީ އަށް އެތެރެ ކުރަންޖެހެއެވެ. މިއީ ހަނގުރާމަ ފެށުމުގެ ކުރިއާ އަޅާ ބަލާއިރު 4 ގުނަ ބޮޑު އަދަދެކެވެ. ހުޅަނގުގެ ގައުމުތަކުން ބޭނުންވަނީ މިއަހަރު ނިމުމުގެ ކުރިން ރަޝިޔާގެ ތެޔޮ ހުޅަނގުގެ ގައުމުތަކަށް އެތެރެކުރުން އެއްކޮށް ހުއްޓާލާށެވެ. އެހެނަސް މިކަމަށް ގައުމުތަގުގެ ވެރިން އަދި އެއްބަހެއް ނުވެއެވެ. އެހެނީ ފިނިމޫސުމުގައި ރައްޔަތުން އަނދިރީގައި ތުރުތުރު އަޅާން ބެއިތިއްބައިގެން ސަރުކާރެއް ނޯންނާނެތީއެވެ.                                                        

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ހާމަކުރާގޮތުގައި މެރިއުޕޯލްގެ ދަގަނޑު ކާރުޚާނާގައި އެންމެފަހުންތިބި 531 މީހުން އަމާން ދިނުމާގުޅިގެން މިހާރު އެ ޝަހަރުއެއްކޮށް އޮތީ ރަޝިޔާ ސިފައިންބާރު ދަށުގައެވެ. މޮސްކޯއިން ބުނާގޮތުގައި އެ ޝަހަރަކީ 2014 އިން ފެށިގެން މައިގަނޑު ގޮތެއްގައިރަޝިޔާއާގެ ދަރިފަސްކޮޅާއި ދެކޮޅަށް ހަނގުރާމަކުރާ ނާޒީ ވިސްނުމުގެ ބަޔަކު ދިރިއުޅެމުން ގެންދާ ޝަހަރެކެވެ. ނަމަވެސް ޔޫކްރޭނުން ބުނަނީ އެމީހުންނަކީ މިހާރު އެ ފިކުރު ދޫކޮށް ސޯލިޙުވެފާ ތިބި ބަޔަކު ކަމުގައެވެ.                      

ރަޝިޔާ ސިފައިންނާ އިދިކޮޅަށް ޔޫކްރެއިންގެ 700000 ސިފައިން ހަނގުރާމައިގާ ބައިވެރިވެއެވެ. އެހެންނަމަވެސް ރަޝިޔާގެ ސިފައިންގެ ކުރިއެރުން ހުއްޓުވުމަށްޓަކައި އިތުރު 250000 ސިފައިން ބޭނުން ވާކަމަށް ޔޫކްރެއިން ރައީސް ޒެލެންކީ ގެންދަވަނީ ވިދާޅުވަމުންނެވެ. ހަމައެކަނި އިތުރު 100000 ސިފައިން ލިބުމަކުން ކުރާނެ މާބޮޑު ފައިދާއެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. އޭނާ އަންދާޒާ ކުރައްވާގޮތުގައި ޔޫރަޕްގެ އެއްވެސް ގައުމަކަށް ރަޝީޔާ ސިފައިންނާ ފައިހަމަ ނުކުރެވޭނެއެވެ.                          

ޑޮންބަސް ސަރަހައްދަށް ރަޝިޔާ ސިފައިން ދެމުންގެންދާ ހަމަލާތަކަށް ރައްދު ދިނުމަށްޓަކައި ދުރުރާސްތާއަށް ދަތުރުކުރާ ބާރުގަދަ ހަތިޔާރި އެމެރިކާއިން ލިބޭތޯ އާދޭސްކޮށްކޮށް ޔޫކްރެއިންގެ ސަރުކާރަށްގޮތްހުސްވެއްޖެ ކަހަލައެވެ.  މިހާތަނަށް ފޯރުކޮށްދީފައިހުރީ ހުޅަނގުގެ ގައުމުތަކުގެ ގުދަންތަކުގައި ހުރި ކުރީ ޒަމާނުގެ ޔޫ.އެސް.އެސް.އާރ. އަށް ނިސްބަތްކުރެވޭ ބާ ހަތިޔާރު ތަކެއްކަންވެސް ހާމަ ކޮށްފައިވެއެވެ. ބައިޑަންގެ ސަރުކާރުން މިޒަމާނުގެ ހަތިޔާރު ފޯރުކޮށްދޭނެ މަގެއް އަދިނުފެނުނެވެ.

އެމެރިކާގެ އޮފިޝަލަކު ނަންހާމަނުކުރަން ޝަރުތުކޮށް މީޑިއާގައި ހާމަކުރިގޮތުގައި މިހާތަކަނަށް އެމެރިކާއިން 3.8 ބިލިއަން ޑޮލަރުގެހަތިޔާރު ޔޫކްރެއިނަށް ފޯރުކޮށްދީފައިވާނެއެވެ. އެހެންނަމަވެސް އެމީހުން އެދޭވަރަކަށް ބޭނުންވެޔޭ ބުނާއިރަށް ބޭނުންވާ ވައްތަރެއްގެ ހަތިޔާރު ފޯރުކޮށް ނުދެވޭނެކަން އެނގެންޖެހޭނެއެވެ. އެކަމަކު ޔޫކްރެއިންގެ ރައީސް ޖީ 7 ގެ ވެރިންގެ ބައްދަލުވުމުގައި އަޑަށް ބާރުލައްވަމުން މިއަދުވެސް ވިދާޅުވީ ޔޫކްރެއިން ގެ ދުޝްމަނުން ބަލިކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ހަތިޔާރު މިހާރުން މިހާރަށް ބޭނުން ކަމުގައެވެ.

ނަމަވެސް އެފަދަ ހަތިޔާރު ފޯރުކޮށްދިނުމުން ނިކުމެދާނެ ނުރައްކާތެރި ނަތީޖާއަކާމެދު ވައިޓްހައުސް އިންތިހާއަށް ކަންބޮޑުވެއެވެ. އެފަދަ ޙާލަތެއްގައި މޮސްކޯއިން ވަރަށް ނުރައްކާތެރި ފިޔަވަޅުތަކެއްވެސް އަޅާފާނެތީއެވެ.                  

ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުޙަންމަދު ޢަބްދުއްރަޙްމާން ބިން އަލްސާނީ އާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފައިވަނީ އީރާނުގެ ފަނާކުރަނިވި ހަކަތައިގެ މަޝްރޫޢާ ބެހޭ އެއްބަސްވުމަށް އެމެރިކާ އަނބުރާގެނައުމަށް ދެކެވެމުންދާ ވާހަކަތައް މިހާރު އޮތީ އަލުން ދިރާސާކުރުމުގެ މަރުޙަލާގައިކަން އީރާނުން ގަތަރަށް އަންގާފައިވާ ކަމަށެވެ. 

ޝައިޚް މުޙަންމަދު ވިދާޅުވެފައިވާގޮތުގައި ކަމާބެހޭފަރާތްތައް އެއްގަލަކަށް އެރުން އެއީ ގަލްފު ސަރަހައްދުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ބޭނުން ކަމެކެވެ. އަދި އީރާނުގެ ތެޔޮ އިތުރަށް ޕަމްޕު ކުރެވޭނެ ގޮތްވުމަކީ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ އަގު އުފުލުމާއި ސަޕްލައި މަދުވުންވެސް ހައްލު ވެގެންދާނެ ކަމެކެވެ. މިހިނގާ މޭމަހުގެ ކުރީކޮޅު ގަތަރުގެ އަމީރު ތަމީމު ބިން ހަމަދު އަލް ސާނީ އީރާނުގެ ޚާމަނާއި އާއި ބައްދަލު ކުރެއްވުމުގައި އެމެރިކާއާއެކު ކުރެވެމުންދާ ވާހަކަތައް ކާމިޔާބު ވެގެންދިއުމަށް އުންމީދުކުރައްވާކަމަށާއި އަދި އެކަމުގައި ކޮންމެ އެހީތެރިކަމެއް ދެއްވަން ތައްޔާރަށް ހުންނެވިކަމުގައި ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖިއްޔާގެ ސްޕޯކްސް ޕަރސަން ސައީދު ޚަތީބްޒާދާ ވިދާޅުވިގޮތުގައި އީރާނުގެ ދީނީ ލީޑަރުގެ އުންމީދަކީވެސް އެވާހަކަތައް ބޭކާރުވެގެން ނުދިއުމެވެ. އެކަމަކު އީރާނުގެ ރަތްރޮނގު ހުރަސް ނުކުރުމަށާއި އަދި އީރާނުގެ އިންގިލާބީ ލަޝްކަރަކީ ޓެރަރިސްޓުން ނޫންކަން ކަނޑައެޅުމުގައި އެމެރިކާއިން ބުއްދިވެރި ސިޔާސީ ނިންމުމެއް ނިންމަން ޖެހޭނެއެވެ.                                   

ޕާކިސްތާނުގެ ފުލުހުން ހާމަކުރާގޮތުގައި ސްޕޭނުގެ ރައްވެހިކަން އޮންނަ ޕާކިސްތާނުގެ އެއްބަނޑު އެއްބަފާ ދެ އަންހެނުން މަރާލިކަމުގެ ތުހުމަތުގައި އެއް ޢާއިލާއަކަށް ނިސްބަތްކުރެވޭ ހަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނާގޮތުގައި 21 އަހަރުގެ އުރޫޖް އައްބާސް އާއި 23 އަހަރުގެ އަނީސާ އައްބާސް އަށް ބޮޑެތި އަނިޔާތަކެއް ކުރުމަށްފަހު ބަޑިޖަހާ މަރާލި ސަބަބަކަށް ވަނީ އެ ދެމީހުންނަށް މަޖުބޫރުކޮށްގެން ކައިވެނިކުރި ދެމީހުން ސްޕޭނަށް ގެންދިއުމަށް އިންކާރު ކުރުމުންނެވެ.  

ފުލުހުން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ ދެ އަންހެނުންގެ ބޭބެ އަކާއި ބަފާފުށުގެ ބޮޑުބޭބެއަކާއި ދެބެންގެ ފިރިންނާއި ދެ ބަފައިބެއިންނާއި ތިމާގެ މީހަކާއި އަދި އެހެންމީހެކެވެ.  ޕާކިސްތާނުގެ ބައެއް ރަށްފުށު އަވަށްތަކުގައި ގަދަކަމުން މީހުންނާ ދެވުމަކީ ވަރަށްގިނައިން ކުރާކަމެކެވެ. އަދި އެފަދަ ކައިވެނިތަކަށް އިންކާރުކުރާ އަންހެންކުދިން މަރާލުމަކީވެސް އެމީހުންގެ ތެރޭގައި ޖެހިލުންވާކަމެއް ނޫނެވެ. މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކުރާގޮތުގައި ޢާއިލާގެ މަޖުބޫރ ުކުރުމުންވެސް ކައިވެނި ކުރަން ނުރުހުމާ ގުޅިގެން ޕާކިސްތާނުގައިވެސް އަހަރަކު މަދުވެގެން 1000 އަންހެނުން މަރާލެވޭ ކަމަށްވެއެވެ.                                   

އެމެރިކާއިން އިންޑިއާގެ އެކިއެކި އިންވެސްޓްމެންޓް ތަކަށް މީގެ ކުރިން ދީފައިވާ 5.8 ބިލިއަން ޑޮލަރުގެ ތެރޭން 2.9 ބިލިއަން ޑޮލަރ އަދި ނުދައްކާއޮއްވާ  ކުރީގެ އިންވެސްޓްމެންޓް ތަކަށް ސަޕޯރޓެއްގެ ގޮތުގައި އިތުރު 4 ބިލިއަން ޑޮލަރ ދިނުމާމެދު އެމެރިކާއިން ވިސްނަމުންގެންދާކަމަށް އިންޑިއާގެ މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިވަގުތު އެމެރިކާގެ ރައީސް އަދި އިންޑިއާގެ ބޮޑުވަޒީރު އުޅުއްވަނީ އިންޑޯ ޕެސިފިކް އިކޮނޮމިކް ފްރޭމްވާރކް ފޮރ ޕްރޮސްޕަރިޓީގައި ހިމެނޭ 13 ގައުމުގެ ވެރިންގެ ބައްދަލުވުމުގައި ޖަޕާނުގައެވެ.                 

ޗައިނާއާއި އިންޑިއާ ބެލެރޫސްއާއި އަދި އެހެން 14 ގައުމަކުން ރަޝިއާގެ ގޮދަނާއި ޒުވާރިއާއި ކުކިންގ އޮއިލް އެތެރެކުރުމަށް އެތައް ބިލިއަން ރޫބެލްގެ ވިޔަފާރީގެ އެއްބަސްވުން ގާއިމްކޮށްފިއެވެ. އަދި ހަމައެއާއެކު ޔޫރަޕިއަން ޔުނިއަންގެ 14 ގައުމަކުންވެސް އެމެރިކާ ކިތަންމެ ނުރުހުނަސް ޑޮލަރުގެ ބަދަލުގައި ރޫބެލް އިން އަގުއަދާކުރާ ގޮތަށް ރަޝިއާގެ ތެލާއި ގޭސް އެގައުމުތަކަށް އެތެރެކުރަން އެއްބަސް ވެއްޖެއެވެ.                    

Loading

2 Responses

  1. މިއީ ވަރަށް ސަޅި ވިސްނުމެކެވެ. ސަންދާނު އެޑިޓަރުގެ މި ވިސްނުމަށް މަރުހަބާ ކިޔަމެވެ. އެންމެ އާރޓިކަލަކުން ގިނަ ޚަބަރުތަކަކަށް އަލިއަޅުވާލުމުން ކިއުންތެރިންގެ މެދުގައިވެސް މަގްބޫލުކަން ލިބިއްޖެއެވެ. މިކަހަލަ ގިނަ އާ އީޖާދުތައް ފެނުމަށް އުންމީދު ކުރަމެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް