އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން ގިނަ އަދަދެއްގެ މެންބަރުން އިސްތިއުފާ ދެނީ

Loading

Facebook
Twitter
WhatsApp

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން ގިނަ އަދަދަކަށް އިސްތިއުފާ ދެމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ރައްޔިތުންގެ ޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމުގައި ދިމާވާ ދަތިތަކާއި ގުޅޭގޮތުން އިއްޔެ ވާހަކަފުޅު ދައްކަމުން އިލެކްޝަން ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ކޮންމެ މަހަކު ތިނެއް ނުވަތަ ހަތަރު މެންބަރުން އިސްތިއުފާ ދޭކަމަށެވެ.

”މަހެއްގެ މައްޗަށް ތިން ހަތަރު ގޮނޑި އެބަދޭ ހުސްވެގެން. ދޮޅު ލައްކައެއްހާ ރުފިޔާ ހަރަދުވޭ ކޮންމެ ބައި އިލެކްޝަނަކަށް،“ ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ އެ ހުސްވާ މަގާމުތަކަށް މީހުން އިންތިހާބުކުރުމަށް ބައި އިލެކްޝަންތައް ބޭއްވުމަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށާ، ފިނޭންސުން އަންގަވާފަ އޮތީ އިދާރީ ކަންކަމަށް ކަނޑައަޅުއްވާފައިވާ ފައިސާ ބޭނުންކޮށްގެން ބައި އިލެކްޝަންތައް ބާއްވަން ކަމަށެވެ. ނަމަވެސް އެ ގޮތަށް އެކަން ކުރއަށް ގެންދާ ނަމަ ގިނަ ދުވަހެއްނުވެ މުޅި ބަޖެޓު ހުސްވެދާނެ ކަމަށް ވެސް ފުވާދު ވިދާޅުވިއެވެ.  

”މިހާރު ވެސް ފިނޭންސުން އަންގަވާފަ އޮތީ އިދާރީ ކަންކަމަށް ކަނޑައަޅުއްވާފައިވާ ފައިސާ ބޭނުންކޮށްގެން ބައި އިލެކްޝަންތައް ބާއްވާށޭ. މިދާ ގޮތަށް ދަންޏާ ޖުލައި ނުވަތަ އޮގަސްޓު އެ ހިސާބުގައި މުޅި ބަޖެޓު ހުސްވާނެ،“ ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބައި އިލެކްޝަންތައް ބޭއްވުމަށް ބެޖެޓު ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދުމުން ކުޑަ ބަޖެޓަކަށް އެދި ހުށަހަޅަން އިލްތިމާސްކުރާ ކަމަށާ،  ބަޖެޓް ބޮޑުނުކުރުމުން އެ ބައި އިލެކްޝަންސްތައް ބާއްވަން ކުރަންޖެހޭ މަސައްކަތް ބުރަވާ ކަމަށެވެ.

ފުވާދު ވިދާޅުވީ ބައި އިލެކްޝަން ތަކާ ގުޅިގެން އެ ކޮމިޝަނުގެ މަސައްކަތްތައް ދެ ގުނަ އަށް ބޮޑު ވެފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ކޮމިޝަނަށް މުއައްޒަފުން އިތުވެފައި ނުވާ ކަމަށް ވެސް ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ސްޓާފުންގެ އަދަދަށް އެއްވެސް ވަރަކަށް ބަދަލެއް ނާދޭ. އަދި އާންމު ގޮތެއްގައި އަހަރެއްގެ މައްޗަށް ދެ މީހަކު ވެސް އިތުރު ވެފައެއް ނެތް. އެހެން ނަމަވެސް މަސަައްކަތް ދެ ގުނަ ތިން ގުނައަށް ވުރެން ވެސް އިތުރުވެއްޖެ،“ ފުއާދު ވިދާޅުވިއެވެ.

ފާއިތުވީ 14 އަހަރުގެ ތެރޭގައި ވެސް އެ ކޮމިޝަނަށް އެކަށީގެންވާ ވަރަށް މުވައްޒަފުން އިތުރުވެފައި ނުވާކަމަށް ވިދާޅުވެ ފުއާދު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ފުއާދު ވިދާޅުވީ މިދިޔަ އަހަރުގެ އޭޕްރީލްމަހު ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށްފަހު މިހާތަނަށް 21 ބައި އިލެކްޝަނެއް ބާއްވާފައިވާކަމަށެވެ. އަދި އެ އިންތިޚާބުތަކަށް 2.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ވެސް އިލެކްޝަން ކޮމިޝަނުގެ ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް