އިންޑިއާ އައުޓް ބޭނާގެ މައްސަލަ ހައިކޯޓަށް ހުށަހަޅައިފި

Loading

Facebook
Twitter
WhatsApp

އިދިކޮޅު ލީޑަރު ރައީސް އަބްދުއްލާ ޔާމީންގެ ގެ، ހ. ދޫވެހި ގޭގެ ބޭރުގައި ދަމާފައި ހުރި “ އިންޑިއާ އައުޓް“ ޖަހާފައިހުރި ބޮޑު ބެނާ ނަގަން ކްރިމިނަލް ކޯޓުން ނެރުނު ކޯޓުއަމުރު ބާތިލު ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށަހަޅައިފި އެވެ.

މި މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ބެނާތައް ނެގުމުގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާ އަދި ކޯޓުން ފުލުހުންނަށް އަމުރު ނެރެދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

ރައީސް ޔާމިންގެ ގޭގައި ދަމާފައި ހުރި ބެނާ ނެގުމަށާއި އެ ގެކޮޅު ބަލައި ފާސްކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރުނީ މި ދިޔަ މަހުގެ 21 ވަނަ ދުވަހުގެ ފަތިހު 4:50 ގައެވެ. ކޯޓު އަމުރުގައި ވަނީ ޔާމިންގެ ގެ ކޮޅު ބަލައި ފާސްކުރަނީ ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށ ބުރޫ އަރާ ގޮތަށާއި ބޭރުގެ ގައުމުތަކުން ރާއްޖެ އަންނަ ފަރާތްތަކާ އަދި އެހެން ގައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް އުނދަގޫ ކުރިމަތިވެ، އާންމު މަސްލަހަތަށް ބުރޫ އަރަން ހިތްވަރު ދޭ ފަދަ ފޮތި ގަޑެއް ދަމާފައިވާތީ އެ ތަނުން އެ ނެގުމަށް އެންގި ނަމަވެސް ނަގާފައިނުވާތީ އެ މައްސަލަ އަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ. އެ އަމުރާ ގުޅިގެން ފުލުހުން ވަނީ ބެނާ ނަގައިފައެވެ.


އެކަމާ ގުޅިގެން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު،  މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ މިއަދު 11:15 އަށެވެ.

އިންޑިއާ އައުޓް ކެމްޕޭން ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ގަރާރެއް ވެސް ނެރުއްވާފަ އެވެ. އެ ގަރާރަކީ ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައިދިނުމަށްއެދި އިދިކޮޅުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅުން ފަށާފައިވާ ”އިންޑިއާ އައުޓް“ ކެމްޕޭން ހުއްޓުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. އެ ގޮތުން އިންޑިއާ އައުޓް ކެމްޕޭން ތަމްސީލްކުރާ ބެނާތައް ނެގުމާއި އެކަމާ ދެކޮޅަށް އަޑުއުފުލާ ބައެއް ފަރާތްތައް ހައްޔަރުކުރުން ވެސް ހިމެނެއެވެ. ނަމަވެސް އިދިކޮޅުން ބުނަމުން އަންނަނީ އިންޑިއާ އައުޓް ކެމްޕޭން ހުއްޓައި ނުލާނެ ކަމަށާ މި ކެމްޕޭން އިތުރަށް ދާނީ ފުޅާވެގެން ވަރުގަދަ ވެގެން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް