ކުދި އަދި މެދުފަންތީގެ ވިޔާފާރިތައް ފުނޑެނީ 

Loading

Facebook
Twitter
WhatsApp

      ކޯވިޑުގެ ޢާލަމީ ވަބާ މިގައުމަށް ކުރިމަތި ވިއިރު ކުދި އަދި މެންފަންތީގެ އެތައްވިޔާފާރި ވެރިން ތިލަފުށިން ކުއްޔަށް ބިންނަގާ އެތަނުގައި އައީ ތަފާތު އެތަކެއްމަސައްކަތް ކުރަމުންނެވެ.  އެހެނަސް ކޯވިޑާއި ގުޅިގެން މިދެންނެވި ހުރިހާ ވިޔާފާރިއެއް ވަރަށް ގިނަ ދުވަސްތަކެއްވަންދެން ބަންދުކުރެވި އިގްތިޞާދީ ގޮތުން އެވިޔާފާރި ކުރަމުން ދިޔަ ގިނަ ފަރާތްތައް ވަނީ ބަނގުރޫޓުވެފައެވެ.

     ކޯވިޑްގެ ޙާލަތުން އަރައިގަނެވި އަލުން ވިޔާފާރިތައް ހުޅުވި ވިޔާފާރިތައް ކުރެވޭގޮތްވެ، ތިލަފުށިގައި ވެސް ވިޔާފާރި ކުރަމުން ދިޔަ ކުދި އަދި މެދުފަންތީގެ ކޮންމެ ވިޔާފާރިވެރިޔަކު ވަނީ އެތައްލައްކަ ރުފިޔާއެއް ކުއްޔާއި އަދި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަންޖެހި އެފައިސާ ލިބޭނެގޮތެއް ނެތި ދަރާވިކިފައެވެ.

      ކުއްލި ސިހުމެއް ލިބިގެން ދިޔައީ ސިއްޙީ ނުރައްކަލުގެ އިމާރޖެންސީ ޙާލަތު ބަދަލުވެ މިދެންނެވި ވިޔާރި ވެރިންތައް އެބިން ތަކުގައި އަލުން މަސައްކަތް ކުރަން ފެށޭގޮތް ވުމާއިއެކު، އެއްރެއަކު ނިދާތެދުވެ އިރުއެއިރަށް ތިލަފުށީގެ މިލްކް ވެރިފަރާތް ދައުލަތުން ނެގި ދައުލަތުގެ ރިއަލް ސްޓޭޓް ކުންފުންޏަކަށް ސަރުކާރުން ހިބަކޮށްދިންދިނުމެވެ. އަދި މިޢަމަލު ހިނގީ އަވަސް އަރުވާލައިގެން، ރައްޔަތުންގެ އެފަދަ އަގުބޮޑު މިލްކިއްޔާތެއްގެ އެއްވެސް އަގު މަގު ކުރުމެއްވެސް ނެތިކަމެވެ. އެކުންފުނިން ރައްޔަތުންނަށް (ނުވަތަ ދައުލަތަށް) އެއްވެސް ޢަދަދެއް ދައްކަންވެސް ނުޖެހޭގޮތަކަށެވެ.

މިސަރުކާރުން އެކަން ކޮށްލީވެސް ވިޔާފާރީގެ އެއްވެސް ހަމައެއް ލަމައެއްގެމަތިންނެއްވެސް ނޫނެވެ. މިހެން މިދެންނެވީ ތިލަފުށިގެ ބިންތަކާއި މުޅި ގުރޭޓަރ މާލޭ ސަރަހަށްދު އެއްކޮށް ސަރުކާރުން ވަނީ އެއްވެސް އަގުމަގު ކުރުމެއްނެތި އަދި ބަދަލު ނެގުމަކާ ނުލާ އެޗް.ޑީ.ސީ ކިޔާ ކުންފުންޏަކަށް ޝަރުތަކާ ނުލާދީ އެތައް ހާސް ވިޔާފާރިވެރިންނެއްގެ ޙައްގުތަށް ނިއުޅައިގެންފައެވެ. އެހެނީ އެ ގެނައި މިލްކިއްޔާތުގެ ބަދަލާއިއެކު ބިންތަކުގެ ކުލިވެސް ބޮޑުކޮށްލީއެވެ. ވިޔާފާރިވެރިން އިނދަ ޖެހިފައި ތިބި ދަންޑިވަޅުގައި ސަރުކާރުން އެނހީތެރިކަމުގެ އަތެއް ދިނުމުގެ ބަދަލުގައި ބަނގުރޫޓް ކޮށްލީކަމުގައި އެމީހުން ބުނެއެވެ.  

ތިލަފުށިގައި ކުރަމުން ދިޔަ ވިޔާފާރިތަށް އަލުން ހަމަ ފެއްޓުމާއެކު އެޗް.ޑީ.ސީ. އިން ބިންތަކުގެ ކުލި ބޮޑުކޮށް ކޯވިޑާއި ގުޅިގެން އެބިންތަކުގައި މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކުގެ ކުލި އެ ވިޔާފާރި ތަކުން ބޮޑު ޖުރީމާނާއާއި އެކު ނެގުމަށް ނިންމާ ވަކިމުއްދަތެއްގެ ތެރޭގައި އެއްވެސް ލުޔެއް ނުދީ ކުލިދައްކަން އެދަނީ ދައްކަން މަޖުބޫރުކުރަމުންނެވެ. ސަރުކާރުގެ ކަމާބެހޭފަރާތްތަކަށް ވިޔާފާރިވެރިން ކުރަމުންގެ ގެންދާ ޝަކުވާތަކަށް ދެނީ ބީރުކަންފަތެކެވެ. 

ނަމަވެސް ޙައިރާންވެ އަންތަރީސްވާންޖެހޭ ކަމަކީ ބޮޑެތި ރެސޯޓްތައް ހިންގާ ބޮޑެތި މަހުޖަނުންނަށް، އެމީހުން ޓުއަރިޒަމް ބިންތަކުގެ ކުލި ކުޑަކުރުމަށް ބޭނުންވެގެން ނޭދުނަސް ސަރުކާރުގެ އިސްނެގުމާއި އެކު ރެސޯޓްތަކުގެ ބިމުކުލި ކުޑަކުރަންސަރުކާރުން ނިންމި ނިންމުމެވެ. ޢަދުލު އިންސާފަކީ ކޯއްޗެއްކަން  އޮޅޭހިސާބަށް ޙާލަތުވެސް ބަދަލުވީއެވެ.

     ކޯވިޑުގެ ޢާލަމީ ވަބާއިން ގައުމަށް ހަމަ ނޭވާ ލެވޭގޮތް ވީނަމަވެސް ތިލަފުށީގެ ބިންތަކުގައި މަސައްކަތް ކުރަމުން ދިޔަ ގިނަ ފަރާތްތަކުގެ މާލީ ދަތިކަމުން އަރައިގަތުމަށް އެތަކެއް އަހަރު ނަގާނެކަން ކަށަވަރެވެ. ކޮންމެގޮތަކުން ނަމަވެސް މިސަރުކާރުން ދައުލަތުގެ މިފަދަ ބޮޑު އެސެޓެއް އެޗް.ޑީ.ސީ. އަށް ހިލޭ ލިބިދީފައި ވާއިރު ކުއްލިގޮތަކަށް ތިލަފުށީގެ ބިންތަކުގެ ކުލި ބޮޑުކޮށް އެނުދެއްކިފައިވާ ކުއްޔާއި ބޮޑު ޖުރުމާނާ ދެއްކުން އަވަސް ކުރުމަށް އެޗް.ޑީ.ސީ. އިން އެ އަންގަވަނީ ތިލަފުށްޓަށް ކޮން ޚަރަދެއް ކޮށްފައި އޮވެގެން ނުވަތަ ކޮން ތިލަފުށިން އެ ކުުންފުންޏަށް ކޮން ގެއްލުމެއްލިބިއޮތަތީ އެފަދަ އެގެއްލުން ފޫބައްދަން ތޯ ސުވާލު އުފެދެއެވެ. މިކުރަނީ ހެޔޮވެރިކަމެއްތޯއެވެ؟

     ކުދި އަދި މެދުފަންތީގެ ވިޔާފާރިތަކަށް މިކަމުގެ ސަބަބުން އިޢާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުން ލިބި ހަމަނޭވާ ނުލެވިގެ އުޅެނިކޮށް މިވަރުގެ ތަކުލީފެއް ކުރިމަތި ކުރުވުމަކީ ކުދި އަދި މެދުފަންތީގެ ވިޔާފާރުތަކަށް މިސައިލުން ޙަމަލާ ދިނުންފަދަ ކަމެއް ކަމަށް ސިފަކުރައްވާ ތިލަފުށީގެ ބިމެއްގައި ވިޔާރި ކުރާ ވިޔާފާރި ވެރިޔަކު އަސަރާއެކު އަޅުގަނޑަށް ކިޔައިދިނެވެ. 

ކޮވިޑް19 ގެ ޢާލަމީ ވަބާއާ ގުޅިގެން ތިލްފުށީގެ ބިންތަކުގައި ކުރަމުންދިޔަ ވިޔާފާރި ތައް ބަންދު ކުރީ އެޗް.ޕީ.އޭ އިން މަޖުބޫރު ކޮށްގެނެވެ. މިރާއްޖޭގައި ވިޔާފާރިއެއް ކުރާނީ ކިހިނެއް ހެއްޔެވެ. ކޯވިޑާއި ގުޅިގެން ތިލަފުށި ނޫނަސް ދައުލަތުގެ ޢިމާރާތް ތަކާ ބިންތައް ކުއްޔަށް ހިފައިގެން ވިޔާފާރި ކުރި ކުދި އަދި މެދުފަންތީގެ ވިޔާފާރި ތައްވެސް އެދަނީ ނެތެމުގެ ރަނގަބީލް ޖެހެމުންނެވެ.  ގައުމުގެ ކުދި އަދި މެދުފަންތީގެ ވިޔާފާރި ފުޅާ ކޮށް ދިނުމަކީ މި ސަރުކާރުން ވެފައިވާ ވަޢުދެކެވެ. އެހެނަސް ސަރުކާރުގެ ޢަމަލުން ފެނިގެން ދަނީ ދިމާ އިދިކީއްޔަށެެވެ.

މިފަދަ ވިޔާފާރިތަކަށް ސަރުކާރުގެ ރުހުން އޮތްނަމަ ކޯވިޑް 19 އާއި ވިދިގެން ތިލަފުށީ ބިންތަކުގެ ކުލި މަޢާފު ކުރުމަށްފަހު އަދި އެބޮޑު މިލްކިއްޔާތު އަގި މަގު ކޮށްފައި މެނުވީ އެބިންތަށް އެޗްޑީސީގެ ބައިތުލްމާލުގެ ތެރެއަށް ވަދެގެން ނުދިޔައީހެވެ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓް ވަމުން ދާނަމަ މުއްސަނދި ވާނީ މުއްސަނދި ތާއެވެ.ފަގީރުންވާނީ ފަގީރު ތާއެވެ. ގައުމުގެ ދިރިއުޅުމުގެ ޙާލަތު ދާނީ ދަށަށެވެ. ރާއްޖޭގައި ދިރިއުޅުމުގެ ފެންވަރަށް އައިސްފައިވާ ބަދަލާއި ރައްޔިތުންނަށް ލިބޭ އާމްދަނީ އަކާ މެޗެއް ނުވެއެވެ.

ގެދޮރުގެ ކުއްޔާއި އަސާސީ ޚިދުމަތުގެ އަގުތައް ހުރީ އަތް ނުފޯރާ ފަށުގައެވެ. ކާޑާ މޭވާޔާ ހަވާދުގެ ބާވަތްތަކާ ތަރުކާރީ ފަދަ ބާވަތްތަކުގެ އަގުވެސް ދަނީ ދުވަހެއް ދުވަހެއް މައްޗަށެވެ. ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ލިބޭއެއްޗަކުން ދެކޮޅު ނުޖެހޭނަމަ ގައުމުގެ ފިތުނައާއި އިޖުތިމާޢީ ޙާލަތު ރަނގަޅެއް ނުވާނެކަން މިސަރުކާރު ބައިވެރީންގެ ޝޭއިޚުންނާއި ބޮޑު ސޭޓަށްވެސް އެނގޭނެކަން ކަށަވަރެވެ. ސުވާލަކީ މިފަދަ ބޮޑެތި މައްސަލަތަކަށް މިބައިމީހުން ބީރުކަންފަތެއް ދެނީ ކީއްވެހެއްޔެވެ؟

  މިހާރު އެންމެ އަޑުގަދަ ގޮވެއްޔަކީ ދެވަނަ ދައުރެއްގެ ޙައްގުވެރީންނަކީ މިބޭފުޅުންނޭ ގޮވާއަޑުފަށެވެ. ސަބަބަކީ ކޮބާކަމެއް ނޭގުނެވެ. ގައުމުގައި ގިނައީ ކުދި އަދި މެދުފަންތީގެ ވިޔާފާރިވެރިންނެވެ. އެހެން ކަމަށްވާއިރު ޢާއިލާގެ މެމްބަރުންވެސް ގިނަވާނީ އެމީހުންގެތާއެވެ.   އެހެންކަމުން ތިލަފުށީގެ ބިންތަކުގެ ކުއްޔާ މެދު ސަރުކާރުން ވިސްނަވާއި ކުދި އަދި މެދުފަންތީގެ ވިޔާފާރި ތައް ބަނގުރޫޓް ނުވާނޭ ފަދަ މެކޭނިޒަމެއް ގާއިމް ކުރުމަކީ ގައުމުގެ ކުރިމަގަށްޓަކާ ސަރުކާރަށް ކޮށްދޭވިދާނެ އެންމެ އެއް ހެޔޮކަމެއްކަމުގައި ދެކެމެވެ.

Loading

2 Responses

  1. ފަހަލަ- ދެން ކީއްތޯކުރާނީ. ތިބޭފުޅުން ބޭނުންފުޅުވެގެން ގެނައި ހެޔޮލަފާ ސަރުކާރު ނޫންތޯއެވެ. މިހާރު ހުރިހާ ޝަކުވާއެއް ރައީސް އިބޫގެ ބޮލަށް ބިންދާލާފަ އަންނިވެސް އެހުރީނޫނތޯއެވެ. ކޮބާތޯ ރައްޔަތުންނަށް ވީ ވައުދުތައް؟ ދެން ދައުރަކަށް މިމީހުން ރައްޔަތުންގެ ޚާދިމުންގެ ގޮތުގައި ހޮވިއްޖެނަމަ މާލެވެސް އެޗެ.ޑީ.ސީ އަށް ހިބަކޮށްދޭނެއެވެ. މިއީ ބަހާއި ޢަމަލު ދިމާނުވަ ނުބައި ހިޔަޅު ސަރުކާރެކެވެ. ރައިސް ޔާމީނޭ ޔާމީނެ ކިޔުން ފިޔަވާ ކުރަކަމެއްވެސް ޙަރާމެވެ. 3 މީހުނަށް ހިންގޭ އޮފީހެއް ހިންގަން 21 މީހުން ލައިގެން ސީދާ ރައްޔަތުންގެ ޚަޒާނާ ހުސްކުރަނީއެވެ. އަދި ނުވިތާކަށް ފައިސާ ޖަހައިގެންވެސް އެކޯލިޝަންގެ ބައިވެރީންނަށް ބައި އަޅާ އިތުރު ސިޔާސީ މަގާމުތައްވެސް ދީ ހަމަ މަޖަލުގައެވެ. ދެން އިންޑިއާ ސިފައިންނަށް ގައުމުދީފަ ވެރިކަމުގެ ލާލަޗްގައި ހަބޭސް. ބޮވުނު ބޮނޑި ހާދަ ދެރައޭދޯ؟

  2. ފަހަލަ ސައީދުފަދަ ގާބިލު ލިއުންތެރިންވެސް އަސްލު މައްސަލައަށް ސަމާލުކަން ނުދެއްވާތީ ހިތާމަކުރަމެވެ. ނިކަން ސާފު ދުރުމީއަކުން ބައްލަވާލައްވައިފިނަމަ ދަވްލަތުގެ ޚަޒާނާއިން ކުރެވޭ ބޭކާރު ޚަރަދު ތައް ފެނިލައްވާނެއެވެ. އެއޮއްބޮޑު ރައްޔިތުންގެ މަޖިލީހަށައި ރަށްރަށުގެ އާބާދީ މަދުވުމުންވެސް ތަފާތުފެންވަރުގެ އެތައް ބައިވަރު ކަތީބުންނަކާއި ސަރުކާރުގެ އޮފީސްތަކުގެ ކޮންމެ އަކަފޫޓަކަށް ވެރިއަކު ހުރުމުން ރައްޔިތުންނަށް ކުރަނީ ކޮންފައިދާއެއްތޯ ސުވާލު އުފައްދަވާފައި ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާށެވެ. ހަތަރުލައްކަ ހަމަނުވާ އާބާދީއެއްގައި ތިބި ސިޔާސީ މީހުންނަށް ކުރެވޭ ހޭދައިގެ ހިސާބެއް ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާށެވެ. ވެރިމީހާ ބޭނުންވަރަކަށް ސިޔާސީ މަގާމުއުފައްދައި މީހުން ޚިޔާރުކުރެވިދާނެއެވެ. އެކަމަކު އެއީ ރައްޔިތުން ބޭނުންވާގޮތްތޯ އޮޅުންފިލުވިންތޯ ސުވާލުކުރައްވައި ރައްޔިތުންނަށް އޮޅުންފިލުވާ ދެއްވާށެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނޭ ވިދާޅުވެ ނިންމާނުލައްވާށެވެ. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމަށްޓަކައި ފައިސާ ރައްކާކުރަން ރައްޔިތުން ބޭނުންވާކަން ވެރިމީހާހަމަޔަށް ގެންގޮސްދެއްވާށެވެ. ރިސޯރޓްތަކަކީ ދިވެހި އިގްތިސޯދުގެ މައިނާރުކަން ހަނދާންކުރެއްވުމާއެކު އެތަނުގެ ވަޒީފާތަކަށް ދިވެހިން ޚިޔާރުކުރުން އިބިލީހު ކައިވެންޏަށް ވެގެން ދިޔަ ނުދެއްވާށެވެ. ނޫސްވެރިކަމުގެ ދަނގަނޑު ދަހަނާގެ ބޭނުން ރައްޔިތުންނަށް ކަންތައް އޮޅުންފިލުވާދެއްވަން ބޭނުން ކުރައްވާށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް