ހެޔޮލަފާ ސާލީޙު މީހާ އާއި އަވަށްޓެރި ޔަހޫދީ މީހާ! 

Loading

Facebook
Twitter
WhatsApp

ވަރަށް ހެޔޮލަފާ މުސްލިމް ޞާލިޙަކު އުޅުނެވެ. އޭނާގެ އަވަށްޓެރިއެއްގެ ގޮތުގައި ޔަހޫދީ އަކު އުޅުނެވެ. ދެ މީހުން ވަރަށް ގިނައިން އެއްމަޖްލިސްކޮށް ހަދައެވެ. މި ހެޔޮލަފާ މީހާ ކޮންމެ ކަމެއް ވެސް ކުރަން ފެށުމުގެ ކުރިން ކީރިތި މާތް ނަބިއްޔާ صلى اللهعليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަލިމަ އޭނާ އާއި ވައްކެތް ނުވެއެވެ. ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔަވައެވެ. މިކަމައި ޔަހޫދީ މިހާ އަޖާޢިބުވެ ސުވާލު ކުރި އެވެ.

ތިބާގެ ނަބިއްޔާ އަށް ތިހާ ގިނައިން ޞަލަވާތް ކިޔެވުމުން ލިބޭ ފައިދާއަކީ ކޮބައި ހެއްޔެވެ؟ ހެޔޮލަފާ ޞާލިޙު މީހާ ބުންޏެވެ. ހިތާމަތަކާއި ކަންބޮޑުވުންތަކުން އަހަރެން ދުރުކޮށް ދެއެވެ. އެކަން އަހަރެންނަށް ފުދެއެވެ. ޔަހޫދީ މީހާ މުސްލިމު އަވަށްޓެރިޔާ މަލާމާތް ކުރުމުގެ ގޮތުންނާއި ކެހިދިނުމުގެ ގޮތުން، މުސްލިމު އަވަށްޓެރިޔާގެ ގާތަށް ގޮސް ބުންޏެވެ. އަހަރެން ދަތުރަކު ދާން ފުރަނީއެވެ. އަހަރެން އެނބުރި އަންނަންދެން މިއަނގޮޓީ ރައްކާތެރިކަމާއި އެކު ބަލަހައްޓައި ދޭށެވެ. މުސްލިމު އަވަށްޓެރިޔާ ބުންޏެވެ. ތިމަންނާއަށް ތި އާއި ޙަވާލުވެވޭނީ ކީރިތި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުއެވެ. އެގޮތަށް އެއްބަސްވެ އަނގޮޓީއާއި މިސާލިޙު މީހާ ޙަވާލުވިއެވެ.

އެ ޒަމާނުގައި އަނގޮޓި އަކީ ވަރަށް ޚާއްޞަ އެއްޗެކެވެ. އެކަމުގެ މާހިރުންނަށް ނޫނީ އެއްވައްތަރެއްގެ ދެ އަނގޮޓީ ހެދުމަކީ އުނގަދޫ ކަމެކެވެ. ޔަހޫދީ މީހާ، މުސްލިމު އަވަށްޓެރިޔާގެ ގޭގެ އެންމެ އެގެއިން ނުކުތް ވަގުތު ބަލައި، އެއްކަލަ އަނގޮޓީ ވަގަށް ނެނގިއެވެ. އެ ޒަމާނުގައި ގޯތި ގެދޮރަކީ ތަޅުލާ ބަންދުކޮށް ހަދާފައި ހުންނަ ތަންތަނެއް ނޫނެވެ. ގޭގައި ހިފާ ގެންގުޅޭ މާގިނަ ސާމާނެއް ނުހުރެއެވެ. 

އަމުދުން ތަޅުލާފައި ހުންނަތަނެއް ނުހުރެއެވެ. އެހެން ގޭތެރެއިން އެއްޗެއް ހޯދުމަކީ މާއުނދަގޫ ކަމެއް ނޫނެވެ. ޔަހޫދީ މީހާ އެ އަނގޮޓި ހިފައިން ބޮއްކުރާ އެއްގައި މާކަނޑަށް ނުކުމެ އެ އަނގޮޓި ކަނޑަށް އެއްލާލިއެވެ. އަދި މުސްލިމު އަވަށްޓެރިޔާގެ ގެޔަށް ދިޔައިރު އަވަށްޓެރިޔާ މަސައްކަތުން އެނބުރި އަތުވެއްޖެއެވެ. ޔަހޫދީ މީހާ ބުންޏެވެ. ތިމަން މިއައީ ތިމަންގެ އަނގޮޓި ބަލައެވެ. މުސްލިމު އަވަށްޓެރިޔާ ބުންޏެވެ. ތިމަންނާއަށް ތިކަން ކުރެވޭނީ ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔެވުމަށްފަހުއެވެ.

ޔަހޫދީ މީހާ ބުންޏެވެ. ”ތިމަން ހަމަ މިހާރު އެއަނގޮޓި ބޭނުމެވެ.“ މުސްލިމު އަވަށްޓެރިޔާ ޔަހޫދީ މީހާ އާއި މުޚާޠަބުކޮށް ބުންޏެވެ. ”ތިމަން މިއަދު ކީރިތި މާތް ނަބިއްޔާ އަށް ޞަލަވާތް ކިޔެވުމުން އެކަމުގެ ބަރަކާތުން ވަރަށް ބޮޑު މަހެއް ބޭނުނެވެ. މާތް ﷲ ގަންދީ ބުނަމެވެ. ތިބާއަށް އެ އަނގޮޓި ދޭނީ މިއަދުގެ މެންދުރުގެ ކެއުމުގައި ތިމަންނާ އާއި އެކު ބައިވެރިވުމުންނެވެ.“ އަދި އަނބިމީހާ އަތަށް މަސް ދިނުމަށްފަހު، މަސްކައްކައި ކެއުން ތައްޔާރު ކުރުމަށް ބުންޏެވެ.

ދެއަވަށްޓެރިން ވާހަކަ ދެއްކުމުގައި މަޝްޣޫލުވެގެން ތިއްބާ މުސްލިމު މީހާގެ އަންހެނުން އޭނާއަށް ގޮވާލަމުން ބުންޏެވެ. މަހުގެ ބަނޑުތެރޭގައި މިއޮތް އެއްޗެއް ނިކަން ބަލާ ބަލާށެވެ. މިޔަހޫދީ ކަލޭގެ ވަގަށްނަގައި ކަނޑަށް އެއްލާލި އަނގޮޓީ އެ މަހުގެ ބަނޑުންފެނުމުން މުސްލިމުން މީހާއަށް ކުއްލި ޙައިރާން ކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް ހީވީ ގުގުރި އެއްޖެހިހެންނެވެ. އޭނާ ޙައިރާންވެ ހުރެ އަބިމީހާ ކައިރީ ބުންޏެވެ. ތިއީ މި ޔަހޫދީ މީހާގެ އަނގޮޓިއެވެ. އެހެނަސް އޭނާ އެ އަނގޮޓި ފޮރުވާފައިވާ ތަނަށް ގޮސް ބެލި އިރު އެތަނުގައި އަނގޮޓިއެއް ނެތެވެ. އޭނާ ޙައިރާން ކަންމަތީ ހުއްޓާ ޔަހޫދީ މީހާ ބުންޏެވެ. ތިބާގެ މޫނުގެ ކުލަ ބަދަލުވެފައިވަނީ ކީއްވެގެން ހެއްޔެވެ؟ ތިބާ ތިމަންގެ އަނގޮޓި ނުދީފިނަމަ، ޔަހޫދީންނާއި މުސްލިމުން ތިބާގެ މައްޗަށް ހެކި ކުރުވާނަމެވެ.

މުސްލިމު މީހާ އަނެއްކާވެސް ބުންޏެވެ. ތިމަން ކަމެއް ކުރާނަމަ ކުރާނީ ކީރިތި މާތް ނަބިއްޔާގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުއެވެ. ޔަހޫދީ މީހާ ބުންޏެވެ. ތިމަންނާއަށް ހިވާ ގޮތުގައި މިއަދަށް ފަހު ތިބާ ތިބާގެ ނަބިއްޔާގެ މައްޗަށް ޞަލަވާތެއް ނުކިޔާނެއެވެ. ތިމަންގެ އަނގޮޓި ނުދީފިނަމަ އެންމެންގެ ތެރޭގައި ތިބާ ފަޟީޙަތް ކުރާނަމެވެ. އަދި މުސްލިމުންގެ އަޚްލާޤަކީ މިއީ ކަމުގައި ބުނާނަމެވެ. 

މުސްލިމު މީހާ ބުންޏެވެ. ތިމަން ތިބާގެ އަނގޮޓި އާއި މެދު ކަންބޮޑެއް ނުވަމެވެ. ތިމަން ކަންބޮޑުވަނީ އެހެން ކަމަކާއި މެދު އެވެ. މި އޮތީ ތިބާގެ އަނގޮޓިއެވެ. މުސްލިމު މީހާ އެހެން ބުނެ އަނގޮޓި ދިއްކޮށްލުމުން ޔަހޫދީ މީހާގެ މޫނުގެ ކުލަ ބަދަލުވެ އަނގަތަން މިނަށް ހުޅުވިގެން ދިޔައެވެ. އަދި އަނގޮޓި އެއްފުށުން އަނެއް ފުށަށް އަނބުރައި ކިޔަން ފެށިއެވެ. މިއީ ހަމަ ތިމަންގެ އަނގޮޓިއެވެ. މިއީ ހަމަ ތިމަންގެ އަނގޮޓިއެވެ.

މުސްލިމު މީހާ އަޖާޢިބުވެ ހުރެ ޔަހޫދީ މީހާ އާއި މުޚާތަބުކޮށް ބުންނެވެ. އޭ ޔަހޫދ މީހާއެވެ. ވީކީއް ހެއްޔެވެ. އޭނާ ބުންޏެވެ. ތިބާއަށް މިއަނގޮޓި ލިބުނީ ކިހިނަކުން ހެއްޔެވެ؟ މުސްލިމު މީހާ ބުންޏެވެ. ތިބާގެ ބުއްދި ފަސްވީ ހެއްޔެވެ؟ އެ އަނގޮޓި ތިބާ ދަތުރަކު ގޮސްފައި އަންނަން ދެން އަހަރެންގެ އަތަށް ރައްކާކުރަން ދިނީމު ނޫން ހެއްޔެވެ؟ 

ޔަހޫދީ މީހާ ބުންޏެވެ. ތިބާގެ ވެރި ރަސްކަލާނގެ ގަންދީހުވައިކޮށްފައި އަހަމެވެ. ތިބާއަށް މި އަނގޮޓި ފެނުނީ ކޮންތާކުންހެއްޔެވެ؟ ޖަވާބުގައި މުސްލިމު މީހާ ބުންޏެވެ. މަހުގެބަނޑުންނެވެ. ޔަހޫދީ މީހާއަށް އެއަޑުހީވީ ހޮނު ގުގުރިއެއްހެންނެވެ. އަދި އޭނާ އަނބުރައިގެން ވެއްޓުނެވެ. އަދި ހޭއެރުމުން މުސްލިމު މީހާއަށް އޭނާ ކަންތައްކުރިގޮތް ކިޔައިދިނެވެ.

އެވާހަކަތައް އަޑުއިވުމުން މުސްލިމު މީހާ ބުންޏެވެ. ތިބާގެ މަކަރުވެރިކަމުން އެ އަނގޮޓި ވަގަށް ނަގައި މާކަނޑަށް އެއްލާލީމުއެވެ. އެކަލާނގެ ކުޅަދުންވަންތަކަމުން އަހަރެން ބޭނި މަހުގެ ބަނޑުތެރެއަށް އެއަނގޮޓި ލެއްވިއެވެ. ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم އަށް ޞަލަވާތް ކިޔެވުމުން އަހަރެމެންގެ ބޭނުންތައް ފުދިގެންދާނެއޭ އަހަރެން ނުބުނަމު ހެއްޔެވެ؟ ޔަހޫދީ މީހާ ބުންޏެވެ. އޭ ހެޔޮލަފާ ޞާލިޙު މަގޭ އަވަށްޓެރިޔާ އެވެ. ތިބުނީ ތެދު ވާހަކައެއްކަން މިހާރު އަހަރެންގެ ހިތުގައި ޝައްކެއްނެތެވެ.  މިއަދު އަހަރެން މާތް ﷲ މެނުވީ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވަމެވެ.“ اللهم صل وسلم على سيدنا محمد وعلي آله وصحبهاجمعين.

ލިޔުނީ: ޝެއިޚު މުސާ އަންވަރު ޙުސެއިން.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް