މެދު ފަންތީގެ އާމްދަނީ އެއް ލިބޭ ފަރާތްތަށް ހާއްސަ ކޮށްގެން ހުޅުމާލޭގައި އިތުރު ފްލެޓް އިމާރާތްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ( އެޗްޑީސީ)ން އިއުލާންކޮށްފިއެވެ.
އެޗްޑީސީން ބުނީ މި ފްލެޓް އިމާރާތްތައް ހެދުމަށް ނިންމާފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ކަމަށާ އެގޮތުން މި ފްލެޓްތައް އެޅުމަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހިން ހަތް ބިމެއް ކަނޑައަޅައިފައިވާ ކަމަށެވެ. އެ ބިންތަކަކީ 26،400 އަކަފޫޓާއި 34،543 އަކަފޫޓުގެ ބިން ތަކެއް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ހާމަކުރާ ގޮތުގައި މި ފްލެޓް އިމާރާތްތއް އަޅަނީ ސެންޓްރަލް ޕާކް ކައިރީގައި ހަދާފައިވާ ރެއިންކްރެސްޓް ޓަވަރުތަކުގެ ކުރިމައްޗަށް ރީތިގަސް މަގަށްވާ ގޮތަށް އޮތް ތިން ބިމުގައި އާއި ވެމްކޯގެ ކުނިކޮށި ކައިރިން އެޕޯލޯ ޓަވަރުތަކާއި ޖެހިގެން ފިތުރޯނު މަގާއި ކުރެދިމާ ހިނގުން ގުޅޭ ކަންމައްޗަށްވާ ގޮތަށް އޮތް ހަތަރު ބިމުގަ އެވެ.
މި ބިން ތަކުގައި މިކްސް ޔޫސް އެޕާޓްމެންޓްތަކެއްގެ ގޮތުގައި 14 ބުރީގެ ޓަވަރުތަކެއް އަޅަން ނިންމާފައިވާއިރު މި އެޕާޓްމަންޓްތައް ތިން އަހަރުގެ ތެރޭގައި ނިންމާ ހަވާލުކުރަންޖެހެ އެވެ.
މި ފްލެޓްތައް އަޅަން ނިންމާފައިވަނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށެއްވެ. ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަކީ 700 އަކަފޫޓުގެ ތަންތަނެވެ. ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކަކީ 900 އަކަފޫޓުގެ ތަންތަނެވެ.
މި ފްލެޓް އިމާރާތްތަކުން ބައެއް ފްލެޓްތައް ވިއްކަން ޖެހެނީ ވަކި ކޮންޓްރޯލް އަގެއްގައެވެ. އެގޮތުން ދެ ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 1.5 މިލިއަން ރުފިޔާ އަށް އަދި ތިން ކޮޓަރީގެ ބައެއް އެޕާޓްމަންޓްތައް 2.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑުކޮށް ނުވިއްކޭނެ ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން އިއުލާން ކޮށްފައިވާގޮތުން އެޕާޓްމަންޓުތަކުގެ ސިވިލް މަސައްކަތްތަކުގެ 20 ޕަސެންޓް ނިމުމުން ޕްރީ-ސޭލަށް ހުޅުވާލުމުގެ ހުއްދަ ދޭއިރު ބުކިން ހެއްދޭނީ ޕްރީ-ސޭލްގެ ހުއްދަ ލިބުމުންނެވެ. ބުކިން ފީގެ ގޮތުގައި ގިނަ ވެގެން ނެގޭނީ 50،000ރުފިޔާ އެވެ.
ޕްލޭނިން މިނިސްޓްރީގެ ގައިޑްލައިންތަކާ އެއްގޮތަށް އެޕާޓްމަންޓްތައް ވިއްކަން ޝަރުތުކޮށްފައިވާއިރު އެޕާޓްމެންޓްތަކުގައި ފިނިޝިން މަސައްކަތްތަކާއި އެހެނިހެން މަސައްކަތްތައް އެޗްޑީސީގެ ގައިޑްލައިންތަކާއި އެއްގޮތަށް ކުރަންވެސް ޖެހެ އެވެ.
އެޗްޑީސީން ހާމަކުރާ ގޮތުގައި ފްލެޓް އިމާރާތް ކުރާފަރާތްތަކަށް އެޗްޑީސީއާ އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެޕާޓްމެންޓްތައް މާކެޓްކޮށް ޕްރޮމޯޓް ކޮށްގެން ނުވާނެއެވެ. އަދި ބުކިން ފީ ފަދަ އެއްވެސް ފައިސާއެއް އެޕާޓްމަންޓް ގަންނަ ފަރާތެއްގެ އަތުން ނެގުމުގެ ކުރިން އެޗްޑީސީން ހުއްދަ ހޯދަންވެސް ޖެހެ އެވެ. މީގެއިތުރުން އެއް ފަރާތަކަށް އެއް އެޕާޓްމަންޓަށް ވުރެ ގިނަ އެޕާޓްމަންޓް ވިއްކައިގެން ނުވާނެއެވެ.
ޕާކިން ޒޯން ވެސް ތަރައްގީ ކުރާ ގޮތަށް އިމާރަތް ކުރުމަށް ބަޔަކު ހޯދުމަށް އިއުލާންކޮށްފައިވަނީ ޖޫން 23ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށެވެ.