އަވަށްޓެރި ސްރީލަންކާ އަށް ކުރިމަތިވި އިގްތިސާދީ ހީނަރުކަމާ ހެދި ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކަށް ހޫނުވެ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން ދާއިރު އެކަމުގައި އެއްވެސް ދިވެއްސަކަށް އަނިޔާވި ކަމުގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ލަންކާ ހަމަނުޖެހުމާއި ގުޅިގެން އެގައުމގައި ތިބި ދިވެހިންގެ ހާލަތު އެ މިނިސްޓްރީން ބަލަމުން އަންނަކަމަށެވެ. އަދި ލަންކާގެ ކަމާބެހޭ އިދާރާތަކުން ދޭ އިރުޝާދުތައް ބަލައި އެކަންކަމަށް ސަމާލުވުމަށް ވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ.
ލަންކާގެ ހަމަނުޖެހުންތަކާ ގުޅިގެން ވަކި ވަގުތެއް ނެތް ގޮތަށް މުޅި ލަންކާގައި ވަނީ ކާފިއު އިއުލާން ވެސް ކޮށްފައެވެ.
ލަންކާގައި ހަމަނުޖެހުންތައް ބޮޑުވީ އެގައުމުގައި ކުރަމުން އައި މުޒާހަރާތަކަށް ސަރުކާރަށް ތާއީދުކުރާ މީހުން ވަދެ ހަމަނުޖެހުންތައް ހިންގުމާއި ގުޅިގެންނެވެ.
މި ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދީފައިވާއިރު އޭނާގެ ދެ ގެ އެއްގައާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިބި ބައެއް މީހުންގެ ގޭގައި މީހުން އަންނަނީ ހުޅުޖަމުންނެވެ. އަދި މީގެ އިތުރުން މަގުމަތިން ސަރުކާރަށް ތާއީދުކުރާ މީހުން ގެ ތަކުން ނެރެގެން މަގުމަތީގައި އެ މީހުްނނަށް ދަނީ އަނިޔާކުރަމުންނެވެ.