އިސްލާމީ އުންމަތް މިނިދިބަރުކަމުން ހޭލައްވާކަށް ނުވޭ ހެއްޔެވެ؟ 

Share on facebook
Facebook
Share on twitter
Twitter
Share on whatsapp
WhatsApp
އިސްލާމީ އުންމަތް މިނިދިބަރުކަމުން ހޭލައްވާކަށް ނުވޭ ހެއްޔެވެ؟ 


ހަނދާންކުރުމާއި ހަނދާން ކޮށްދިނުމަކީ މުސްލިމުންނަށް ފައިދާކުރަނިވި ކަމެއްކަމުގައި ވަރަށް ގިނައިން އިލްމުވެރިން ވިދާޅުވާތީ އަޑުއަހަމެވެ. އަޅުގަނޑު މިބަލަނީ އަޅުގަނޑުގެ ފެންވަރުގައި ހަނދާން ކޮށްދެވޭތޯއެވެ.އަޅުގަނޑު ނުވަތަ އަޅުގަނޑުމެންގެ ފެންވަރުގައި މާގިނަ ކަންތައްތަކެއް ނުކުރެވިދާނެއެވެ. އެކަމަކު ކުރެވިދާނެ ކަންތައްތަކެއްވެސް ހުންނާނެއެވެ.                                                

އަޅުގަނޑުގެ މުދައްރިސަކު އޮޅުންފިލުވާދެއްވި ފިލާވަޅެއްގައި މި އުންމަތުގެ މާތްނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ބިރުވެރިއިންޒާރެއްގެ މައްޗަށް ބާރު އަޅުއްވައި ވިދާޅުވެ ދެއްވިއެވެ. “ދަހިވެތިކަން އިންސާނާގެ ހިތުގައި އަށަގެންނެވުމާއި ފިތުނަ ފަސާދަ ޢާންމުވެގެންދިއުމާއި އަދި މީހުންމެރުން އެއީ އާދައެއް ކަމުގައި ވެގެންދާނެ ޒަމާން ކައިރިވަމުން އެބަ އާދެއެވެ”.                                      

އެންމެ ޖުމުލައަކުން މިއޮތީ މިއަދުގެ ދުނިޔޭގެ ޙާލަތު ވަރަށް ސަރީޙަކޮށް ބަޔާންކޮށް ދެއްވާފައެވެ.        

ކޮންމެ ރައްޔިތަކުވެސް އެމީހުންގެ ކަންތައްތައް ތަރުތީބުކޮށް އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ވަކި މީހަކު ނުވަތަ ބަޔަކު ވެރިކަމަށްއިޚްތިޔާރު ކުރަމުންގެންދެއެވެ. އެއީ އެ ރައްޔިތެއްގެ ރުހުމާއި ނުރުހުން ދެނެގަނެ ހަމަހަމަ ކަމާއެކު އެމީހުންނާމެދު ކަންތައްތައް ތަންފީޒު ކުރުމަށްޓަކައެވެ. ފަހަރެއްގައިވެސް އެކަމަށް ޚިޔާރު ކުރެވޭ މީހާ ނުވަތަ ބަޔަކު ބޭނުންހާގޮތަކަށް ކަންތައް ކުރާކަށްނޫނެވެ.                         

އަޅުގަނޑު ކިއުންތެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވަނީ އިސްލާމީ ދުނިޔެއަށް ކުރިމަތި ވެފައިވާ ބޮޑެތި މުސީބާތްތަކުގެ ތެރެއިން މިހާރު ހަނދާނުން ފޮހެވިގެންދާހެން ހީވާކަމަށް ފާހަގަ ކުރެވޭ ބައެއް ކަންތަކެވެ. މާތް ނަބިއްޔާގެ މި އިންޒާރަށް ބަލާއިރު އެންމެފުރަތަމަ އިންސާނުންގެ ހިތުގައި ދުނިޔަވީ ދަހިވެތިކަން މިއަދު އަށަގެންފައިވާ މިންވަރާމެދު ބިރުވެރިވާން ޖެހެއެވެ. އެ ދަހިވެތިކަން ޙާސިލުކުރުމަށްޓަކައި ކޮންމެ އިމެއް ފަހަނަޅައި ދިމަކީ އެ އިންސާނާޖެހިލުންވާ ކަމަކަށް ނުވެއެވެ.

އަނެކުންގެ ޙައްގުތަކަކީ މުލައްދަނޑީގައި ބާރުހުރިމީހާ ބޭނުންގޮތަކަށް ބަދަލުކުރެވޭ އެއްޗަކަށް މިއޮތީ ހަދާފައެވެ. ވެރިކަމަށް އައުމުގެ ބޭނުމަކަށް ވެފާއޮންނަނީވެސް ރައްޔިތުންގެ ތިޖޫރީ ނުވަތަ ޚަޒާނާއަމިއްލަ ޖީބަށް ބަންޑުންކޮށްލުމޭ ބުނުން ދޮގަކަށްނުވާނެއެވެ. ދެވަނަ އަށް ފާހަގަކުރެވެނީ ފިތުނަ ފަސާދައަށް ކުރައްވާފައިވާ އިންޒާރެވެ. މިއަދުގެ މުސްލިމް ގައުމުތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު މިއަށްވުރެން ފާޅުކަން ބޮޑު އެހެން ޙަގީގަތެއް ނުފެންނާނެއެވެ. ސިޔާސީ މަސްރަހަށް ބަލާލައިފިނަމަ ރައްޔިތުންގެ މަސްލަޙަތެއް އޮތްކަންވެސް ނުދަންނަކަހަލައެވެ. ވެރިކަން ހޯދުމަށް ރައްޔަތުންނަށް ހުށަހެޅި ވަޢުދުތަކުގެ ހަނދާނެއްވެސް ނެތްކަހަލައެވެ. ފިތުނަ ފަސާދައަކީ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ވެއްޖެއެވެ. އެދޮގުތަކަށް ބައެއް ބޭފުޅުން އެއީ ޕޮލިޓިސްގެ އުކުޅު ކަމުގައިވެސް ބުނެއުޅެތެވެ. 

ހުޅަނގުގެ މޮޅު ވެރިކަމުގެ ނިޒާމް ތަޢާރުފް ކުރެވުމާއެކު ދޭދޭ ގައުމުތަކުގެ އަޚްވަންތަކަން ކެނޑިއްޖެއެވެ. އެއްބަޑު އެއްބަފާމީހުންގެ ލޭގެ ގުޅުން ކެނޑިގެން ހިގައްޖެއެވެ. ފިރިމީހާއަށްވުރެން ބޮޑަށް ސިޔާސީ ޕާރޓީތައް މުގައްދަސްކަމުގައި އަނބިމީހާ ދެކެން ފަށައިފިއެވެ. ދަރިން ތަރުބިއްޔަތު ކުރުމަކީ ޑޭ ކެޔާރ ސެންޓަރުތަކުން ނުވަތަ އާޔާއިން ކުރަންޖެހޭ ކަމަކަށް ވެއްޖެއެވެ. ދަރިން ބިނާކުރެވެމުން މިދަނީ މުޖުތަމާ ފަނާކުރަނިވި ބިންގަލެއްގެ މަތީގައިކަން ގިނަ ޢިލްމުވެރިން އެއްބަސްވެއެވެ. އެކަމަކު އެކަން ގަބޫލުކުރަން ޢަމަލީ މައިދާނުގެ މަސައްކަތެއް ނުކުރެއެވެ. ނުވަތަ އެކަމާ ބެހޭކަށް ބޭނުމެއް ނޫނެވެ.އެހެނީ ކޯލިޝަންގެ ވެރިޔާ ކޯފާވެދާނެކަމަށް ބަލާފައެވެ.

އަނބިމީހާ މަސައްކަތުދަނީ ދިރިއުޅުމުގެ ޚަރަދުތަކުގައި ހަމަހަމަ ޙިއްސާއެއް އޮންނަންޖެހޭނެ ކަމަށްކުރާ ދައުވާތައް ވައިގާ ހިއްޕާލައިގެނެވެ. ހަމަހަމަކަމަށް މާބޮޑަށް ވަކާލާތު ކުރުމަކީ ޖާހިލުކަމުގެ ސިފައެއްކަމަށް ޢިލްމުވެރިން ވިދާޅުވަމުން ގެންދަވާ ބަސްފުޅު ބޮލާލާ ޖަހައިފިއެވެ. ޢިލްމުވެރީންވެސް ބައިބައި ވެއްޖެއެވެ. މީހުންމެރުމުގެ ބިރުވެރިކަން އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖޭގައިވެސް މިއޮއްދަނީ މިހާރު ހައްދުން ނައްޓާލައިގެންނެވެ.                                                        

ސިޔާސީ ހަލަބޮލިކަން އެ ދާއިރާގެ ތެރޭގައި އޮތްނަމަވެސް ރައްޔިތުންގެ މެދުގައި މީގެކުރިން ދިރިއުޅުމުގެ މާބޮޑު ނުތަނަވަސް ކަމެއްއާންމުވެފައިނުވާ މުސްލިމް ގައުމުތަކެއް މިއަދު މިއޮތީ ހެޔޮ އެދުމުގެ ނަމުގައި އުފަން ކުރުވަމުން ގެންދާ މިފިތުނަފަސާދާގައި ވިރާނާ ކޮށްލާފައެވެ. އިރާގައި ލީބިޔާ ޔަމަނާއި ސީރިއާ އަދި އަފްޣާނިސްތާނާއި ސޮމާލިއާ އެއޮތީ މުޅިން ވީރާނާކޮށް ފަނާކޮށްލާފައެވެ. މިސްރާއި ޕާކިސްތާނު ފަދަގައުމުތައް ހަލާކުކޮށްލުމުގެ މަގުތައް ސިއްރާއި ފާޅުގައި ކޮށަމުން ގެންދާއިރު މިފިތުނައިގެ ތެރޭގައި އީރާނާއި ގަތަރު ދުވަސް ދުއްވާލަން ރާވަމުންގެންދާކަންވެސް އެއީ ކިބުރުވެރި ކަމާއިއެކު ހުޅަނގުން ފާޅުކުރަމުން ގެންދާ ވިސްނުމެކެވެ.

 މި ފިތުނަވެރި ޑިމޮކްރެސީ ތަޢާރުފް ކުރުމުގެ ކުރިން މިބުނެވުނުގައުމުތަކަށް އެތައްފަހަރަކު ދަތުރުކޮށް އެ ތަންތާނގެ ރަށްފުށުގެއަހުލުވެރިން އުޅެމުންގެންދިޔައީ ހުރިހާބޭނުމެއް ނުފުއްދުނުނަމަވެސް ހިތްހަމަޖެހޭ އަމާން ދިރިއުޅުން ދެކި ތަޖްރިބާ ކުރުމުގެ ފުރުސަތުމިލިއުންތެރިޔާއަށް އެތައްފަހަރަކު ވަނީ ލިބިފައެވެ.                                                              

ހުޅަނގުގެ ހެޔޮ އެދުމާއެކު އިސްލާމީ ގައުމުތަކަށް ތަޢާރުފްކުރަމުންގެންދާ ޑިމޮކްރެސީގެ މޮޅު ވެރިކަމުގެ ނިޒާމާގުޅިގެން ފާއިތުވެދިޔަ ވިއްސަކަށް އަހަރުދުވަހުގެ ތެރޭގައި ދިހަ މިލިއަނަށްވުރެން ގިނަ މުސްލިމުން ވަނީ މަރާލެވިފައެވެ. 

ހަތްދިހަ މިލިއަނަށްވުރެން ގިނަ މުސްލިމުން ގެދޮރުން ބޭރުކޮށް އެކިއެކި ގައުމުތަކުގައި ދިރިއުޅެންޖެހޭ މުހާޖިރުންނަށް ހަދައިފިއެވެ. ބަޑުހައިހޫނުކަމުގައި ދިރިއުޅެމުންގެންދާ މުސްލިމުންގެ އަދަދު އެތައް މިލިއަނަކަށް އަރައިގެން އެބަދެއެވެ. މިކަންކަން އަލުން ހަނދާނަށްގެނެސް އިސްލާޙްކުރަން އެބަ ޖެހެއެވެ. ހުޅަނގުގެ ގައުމުތަކުން ބޭނުންވާނީ އެމީހުންގެ އިސްތިމާރު ފުޅާކުރުމެވެ. ކަނޑިބަޑި ބޭނުންކުރުމުން ފެށިގެން މުސްލިމުންގެ ވިސްނުމާއި ފިކުރުގެ އެންމެހާ އިންތައް ހަލާކުކޮށްލުމާއި އަދި މިނޫނަސް ކޮންމެ އިމެއް ފަހަނަޅައި ދިއުމަށް އެމީހުން ތިބެނީ ތައްޔާރަށެވެ.

މިކަން ގަބޫލުކުރަން އެބަ ޖެހެއެވެ. ނެލްސަން މަންޑޭލާ ވިދާޅުވެފައިވާފަދައިން އެމީހުން ނުރުހޭ ކޮންމެ މީހަކާމެދު އަހަރެމެންވެސް ނުރުހުމަކީ އެމީހުންބޭނުންވާ ގޮތެވެ. އެއީ އެބައިމީހުންގެ ފަލްސަފާއެވެ. އެކަމަކު އަހަރެމެންގެ ރައްޓެހިން އެމީހުން ކިތަންމެ ނުރުހުނަސް އަހަރެމެންގެ ރައްޓެހިންގެ ގޮތުގައި ތިބެންޖެހޭނެއެވެ. ސަބަބަކީ އެމީހުންގެ ބަހާއި ޢަމަލު ދިމާނުވުމެވެ. ކޮންމެ ހުކުރު ޚުތުބާއެއްގައި އަހަރެމެންނަށް މިކަން އެބަ ހަނދާން ކޮށްދެއެވެ. އެމީހުންގެ މުނާފިގުކަމުގެ ދިރިހުރި ބައެއް މިސާލުތަކަށް ވިސްނާލަމާހިނގާށެވެ.                           

އިރާގް ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިސިފައިން އިރާގުގައި ކުރި މަސައްކަތަކީ އިރާގު ރައްޔިތުންގެ ލޯބި ލިބިގަތުމުގެ ޖިހާދެއް ކަމަށް ސިފަކުރައްވައި  އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބްލެއަރދޭތެރެދޭތެރޭން އޭރު ވިދާޅުވަމުން ގެންދެވިކަމުގެ ހަނދާން އަދިވެސްހިތަކުން ނުނެތެއެވެ. ދާދިފަހުން ނޫސްތަކުގައި ޝާޢިއުކޮށްފައިވާ އެ ޖިހާދުގެ ނަމޫނާމިސާލެއް ހަނދާނަށް އެބައާދެއެވެ. އިގިރޭސީން އިރާގަށް އަރާގަތް ދުވަސްވަރު އެމީހުންގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުގެ ނިކަމެތި ޢާއިލާއަކަށް އުފަންވި އަންހެންކުއްޖަކު ބޮޑުވަމުން އައިސް މަދްރަސީދައުރު ފެށިގެން ކުރިއަށް ދިޔައީ އެމީހުންގެ ލޮލުގެ ކުރިމަތީގައެވެ. 

ކޮންމެދުވަހަކު ފެންނަމުންދިޔަ އެ ކުއްޖާގެ އުމުރުން ސާދަ އަހަރުފުރުނުތަނާހެން އަރަބި އަންހެން ކުއްޖެއްގެ ފޮނިމީރުކަން ބަލާލުމުމުގެ އަނިޔާވެރި އެދުންވެރިކަން އެތަނުން ސިފައިންގެ ދެމީހެއްގެ ހިތުގައި ދެން އިތުރަށް އޮބިނޯންނަ ވަރަށް އުތުރި އަރަމުން ދިޔައެވެ.އެންމެފަހުން އެކުއްޖާ މަދަރްސާއިން ނިމިގެއަށް ގެއަށް އައިމަގުމަތީގައި ފަހަތުން ގެއަށް އައިސް މަންމައާއި ބައްޕަ ގަދަކަމުން ގެއިންބޭރަށް ނެރެ އެކުއްޖާ ރޭޕްކުރަމުން ދިޔައިރު އެދެމަފިރިންނަށް އިވެމުންދިޔަ ރުއިމުގެ އަޑު އިވުނަ ނުދިނުމަށްޓަކައި އެދެމަފިރިންގެ ބޮލަށް ބަޑިޖަހާމަރާލީއެވެ.

އަދި ސިފައިންގެ ދެމީހުން އަލާކެނޑެންދެން އެ ކުއްޖާ ރޭޕް ކުރުމަށްފަހު އެ ކުއްޖާވެސް އަލިފާނުން އަންދާލީއެވެ. މިއީ އިންސާނިއްޔަތާއި ޑިމޮކްރެސީގެ ޗެންޕިއަނުން ނުލަފާ ޖައްބާރުކަމެވެ. ވާނީވެސް އެހެންތާއެވެ. ގޮވާފައިވާ އަލިފާން ފަރުބަދައެއްކަހަލަ ހަވަރު ތުންފުންސެއް ނޫނީ އަމިއްލަ ރަށަކުން ނުލިބޭނެ ވިއްޔާއެވެ. މިއީ ފަހެ ” ހާރޓްސް އެންޑް މައިންޑްސް ” ވިންކުރުމުގެ ކިހާ ރީތި ނަމޫނާއެއް ހެއްޔެވެ! މިނޫނަސް އެމީހުންގެ އިންތިހާއަށް ގޮސްފައިވާ އަނިޔާވެރިކަމުގެ އެތައް އެތައް ކަމެއް  މީޑިއާތަކުން އެޅުގަނޑުމެންވަނީ ދެކެފައެވެ

ހަމަމިއާއެކު ދެން ހަނދާނަށް އަންނަނީ ބޮސްނިޔާ ހަނގުރާމައިގެ އަނިޔާވެރިކަން ޢާންމުވަމުން ދިޔަ ދުވަސްވަރެވެ. ތާރީޚު އޮޅުވާލެވޭހާ ގިނަ ދުވަސްތަކެއް ފާއިތުވެގެން އަދި ނުދެއެވެ. މީހުން މަރާލުމަށް ބޭނުންކުރެވިދާނެ އަނިޔާވެރި ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހަތަރު ލައްކައެއްހާ މުސްލިމުން މަރާލި ދުވަސްތައް މިހާރުވެސް ލޮލުގެ ކުރިމަތިން ފެންނަ ކަހަލައެވެ. އެއްލައްކައެއްހާ މުސްލިމުން ޝަހީދުކޮށްލެވުނެވެ. ފަސްދޮޅަސް ހާހަށްވުރެން ގިނަ މުސްލިމު އަންހެނުންގެ އިއްފަތްތެރިކަން ގަދަކަމުން ފޭރިގަތުމަށްފަހު މަރާލެވުނެވެ. 

ބައެއް އަންހެނުން ސާބިއާގެ ދަރިކޮޅަށް ނިސްބަތް ކުރެވޭނެ ދަރިން ވިހަންދެން ބަންދުކޮށްފައި ބޭތިއްބިއެވެ. ދޮޅުމިލިއަނަށްވުރެން ގިނަ މުސްލިމުންގެ ގެދޮރު ސުންނާފަތި ކޮށްލިއެވެ. އަށްސަތޭކައަށްވުރެން ގިނަ މިސްކިތް އަންދާލައި ސަރަޔޭވޯގައި ހުންނަ މުސްލިމުންގެ މަޝްހޫރު ލައިބްރަރީ ވީރާނާކޮށްލިއެވެ. މުސްލިމުންގެ ބޮޑެތި ޝަހަރުތަކެއްކަމުގައިވާ ސްރެބްރެނިކާ އާއި ޒެޕާއާއި ގޮރެގާއަކީ ރައްކާތެރިކަން ލިބިދީފައިވާ ޝަހަރުތަކެއް ކަމުގައި އަލިފް ދާލުން ކަނޑައަޅާފައި އޮތުމާއެކުވެސް އެޝަހަރުތައް ލޫޓުވައި ވީރާނާކުރަމުން ގެންދިޔައިރު ހަމަ އެ އަލިފް ދާލު އޮތީ ދެލޯ މަރާލައިގެންނެވެ.

މުސްލިމް އަންހެނުން ރޭޕްކުރުމަށްޓަކައި ހަދާފައިވާ ސަތާރަ މަރުކަޒް ގައި މުސްލިމް އަންހެނުން ރޭޕްކުރެވެމުންދިޔަ އަނިޔާވެރި ގޮތް ” ދަ ގާރޑިއަން ” ނޫހުގައި ހާމަކުރަމުން ގެންދިޔަ ދުވަސްތައް ހަނދާން ނައްތާލާނީ ކިހެނެއްހެއްޔެވެ؟ އުމުރުން އެންމެ ހަތަރު އަހަރުގެ ކުޑަ އަންހެންކުއްޖަކު ރޭޕްކޮށްލުމުން އެކުއްޖާގެ ދެފައިން ފައިބާފައިވާ ލެއިން ތަތްތެޅިފައިވާ ފޮޓޯ އަކީ ޚިޔާލީ ކުރެހުމެއްނޫނެވެ. ކުރިސްޓިއަން ސަރބުންގެ އިންޓަރނޭޝަނަލް ކުރުސޭޑާރސްގެ ނަންދީފައިވާ ލަޝްކަރުން ސްރެބްރެނިކާ ގައި މުސްލިމް އަންހެނުން ރޭޕްކުރުމަށްޓަކައި ގުރުއަތުންނާއި ނީލަންކިޔައިގެން ޚިޔާރުކުރި ދެއަހަރުދުވަސް ހަނދާންނެތޭނީ ކިހެނެއް ހެއްޔެވެ؟ އެ ޝަހަރުގެ އެތައް މުސްލިމު ފިރިހެނުންނެއް އެކަހެރިކޮށް ކޮށާލާފައި ކޯރުތަކުގެ ކިނބުލަށް ކާންދޭން އެޅި ދުވަސްތައް އެއީ ދާދި މިދާކަށްދުވަހުގެ ތާރީޚެވެ.

ލީބިޔާ އިރާގް ޔަމަން ފަލަސްތީން އަދި މިނޫން އެހެން އިސްލާމީގައުމުތަށް ހުޅަނގުގެ ގައުމުތައް މެދުވެރިވެގެން ސުންނާފަތިކުރަމުންގެންދާ ގޮތުގެ ވާހަ ލިޔަންވެއްޖެނަމަ ވަރަށް ދިގުވާނެއެވެ. އަދި މިކަންތައްތަކަކީ އިތުރަށް ލިޔަންވެސް ބޭނުންނުވާ މުޅިދުނިޔެއަށް ކޮންމެ ދުވަހަކު ހާމަވަމުންދާ ޙާލަތެކެވެ. 

ހައްތާވެސް ޖަވާބު އެނގޭ ސުވާލުތަކެވެ. މި އުންމަތުގެ މިއަދުގެ ވެރީންގެ ބަލިކަށިކަމާއެވެ. އަނިޔާވެރިކަން ނިމުމަކަށް ގެންނަން ކުރަންވީ ކަންތައްވެސް އެނގޭ ސުވާލުތަކެކެވެ. އިސްލާޙު ކުރަންޖެހެނީ މުސްލިމު ގައުމުތަކުގައި އެ ރައްޔިތުންނަށް  ވެރިކޮއްދޭންޚާދިމުން ޚިޔާރުކުރުމުގައި މިހާރު ގެންގުޅޭ ހަކުރު ދެންޏާ ބޮޑުބޭބެއޭ ބުނާ ވިސްނުމެވެ.  

އިސްލާމީ ގައުމުތަކުގައި ވެރިކަން ކުރަން ޚިޔާރުކުރެވިފައިތިބި މީހުންގެ ނުކުޅެދުންތެރި ކަމާއިއެވެ! އެބައިމީހުންގެ ކިބައިގާ އުފައްދާފައިހުރި މާއްދިއްޔަތުގެ ދަހިވެތި ކަމާއެވެ! ހަމަ ވެރިކަމުގެ ދަހިވެތިކަމެވެ. އެ ދަހިވެތިކަމުގެ ތެރޭން އުފެދިގެންއަންނަ ފިތުނަ ފަސާދައެވެ. މިޙާލަތުގައި އިސްލާމީ އުންމަތުގެ ކަންތައްތައް އިސްލާޙް ކުރުމުގެ އެންމެބުރަ މަސްއޫލިއްޔަތު ކޮނޑުގައި އެޅިފައިތިބި ޢިލްމުވެރިންގެ އޮތީ ޒާތީ ތައައްސަބެވެ. އެއުރެން އެބުނާގޮތް އެއީ ހަމައެކަނި ސައްޙަ ގޮތްކަމުގައި ބުނެ ފަތުރަމުންގެންދާ ދައުވާތަކެވެ. 

އިސްލާމީ އުންމަތަށް ދިމާވެފައިވާ މިބޮޑު މުސީބާތުގެ ދަނޑިވަޅުގައިވެސް ޢިލްމުވެރިންގެ ކަންބޮޑުވުންތަކަށް ބަލާލަމާތޯއެވެ؟އަންހެނުންނަށް އިމާމުވެ ނަމާދު ގާއިމުކުރެވޭނެތޯއާއި ކާފަރުންނަށް މިސްކިތުގެތެރެއަށް ވަދެވިދާނެތޯއާއި ކާފަރަކަށް ގުރުއާން ކަރީމް ހަދިޔާކަށް ދެވިދާނެތޯއާއި ހައިޟް ނިފާސްކަމުގެ ދުވަސްވަރު މިސްކިތަށް ވަދެވިދާނެ ތޯ ބަހުސްކުރުންފަދަ އުންމަތަށް ދިމާވެފައިއޮތް ނިކަމެތި ބިރުވެތި ޙާލަތަށް އަވަސް ފަރުވާއެއް ހޯދުމަށާއި އުންމަތް އެކަތިގަނޑަކަށް ހެދުމަށް ގޮވާލައި ޢަމަލީ މައިދާނަށް ނުކުތުމުގެ ބަދަލުގައި ތާކުންތާކު ނުޖެހޭ މިކަހަލަ ކުދިކުދި ކަންތައްތަކުގައި ވަގުތު ބޭކާރުކޮށް އެއްބަޔަކަށް ވުރެ އަނެއްބަޔަކު ދީންވެރިކަން ދެއްކުމުގައި އަވަދުނެތި އުޅޭކަހަލައެވެ. ހިތާމައިގެ ކޮޅެއްނެތެވެ.

ހަމަ އެހެންމެ އަނެއް ޒުވާބެއްގައި ހިޖާބުގެ ތެރޭން އަންހެނާގެ އިސްތަށިގަނޑު ކިހާވަރަކަށް ހާމަ ކުރެވިދާނެތޯއާއި ރޯދަވީއްލަން ކާނީ ކިތައްކަދުރުތޯ އާއި އީދު ރޯދައަށް ހަނދުބަލަންޖެހޭނެތޯ މިކަހަލަ ކުދިކުދި ކަންތައްތަކުގައި އެ ގިނަ ޢިލްމުވެރިންގެ އަގުހުރިވަގުތުތައް ގެއްލުވާލަމުންވެސް ދަނީ ޢާންމުވަމުންނެވެ. ފިތުނަ ފަސާދަ އުފެއްދުމުގައިވެސް ޢިލްމު އުގެނިތިބި މީހުންގެ ދައުރު ކުޑައެކޭ މިހާރަކު ނުބުނެވޭނެއެވެ. އެއްފަހަރާ ތިންފަށްވަރިން ވަރިކުރުމާއި ޝިޔާއީ މަޒްހަބުގެމީހުންނަކީ ނުވަތަ ސުންނީ މަޒްހަބްގެ މީހުންނަކީ ކާފަރުން ކަމުގައި ކަނޑައެޅުމުގެ ބޭނުމެއްނެތް ބަހުސްތަކަށް އެބޭފުޅުން ޢިލްމާއި ވަގުތު ބޭކާރު ކުރަމުންގެންދިއުމަކީ މުސްލިމް އުންމަތަށް ގެއްލުންބޮޑު ފިތުނަ ފަސާދައެއްކަން އެފަދަ ޢިލްމުވެރިން ގަބޫލުކުރަންވެސް ބޭނުންނުވާކަހަލައެވެ.    

މުސްލިމް އުންމަތަކީ މިއަދުވެސް ބާރުގަދަ އުންމަތެކެވެ. އަބަދުވެސް ބާރުގަދަވާންޖެހޭ އުންމަތެވެ. އެމެރިކާގެ ރައީސްގެ ފޯނަށް ޖަވާބު ދިނުމަށް  ސަޢޫދީގެ ވަލީ ޢަހުދު މުޙަންމަދު ބިންސަލްމާނު އިންކާރުކުރުން އެއީ ބައިނަލް އަގްވާމީ މީޑިއާގެ ރަތް ސުރުޚީ ކަމުގައިވެގެންދިޔައީ ދާދި މިދާކަށްދުވަހުއެވެ. ރަޝިޔާ ޔޫކްރޭން ހަނގުރާމައިގާ އެމެރިކާގެ ވިސްނުމަށް ސަޢޫދީ އެރޭބިޔާއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް ތާއީދު ނުކުރުމުން ދުނިޔޭގެ އިގްތިސާދުތެޅިފޮޅިގަތުމުން މުސްލިމް އުންމަތުގެ އާރާއި ބާރު ވަޒަންކޮށްލެވޭނެއެވެ. އަދި މުޙަންމަދު ބިން ސަލްމާނު ބޭނުންފުޅުވެއްޖެނަމަ ދުނިޔޭގެ އިގްތިސާދުގައި އެމެރިކާޑޮލަރުގެ ބާރު ކަނޑުވާލައި ޗައިނާގެ ޔުއާން ފަދަ ފައިސާއަކަށް އެމަގާމުގެ މަގު މަގުފަހިކޮށް ދިނުމަކީ އުދަނގޫ ކަމަކަށްނުވާނެކަން ދޭހަވާފަދަ ލިއުންތައް މި ފަހުގެ ބައިނަލް އަގްވާމީ މީޑިއާގެ ފަލަސުރުޚީއަކަށް ވެފައި އޮތުން އެއީ ހޮޅި ވާހަކަތަކެއް ނޫނެވެ. 

މުސްލިމް އުންމަތުގެ ހަމައެކަނި ދެ ގައުމެއްގެ ވިސްނުމާފިކުރުން މިހާބޮޑު ހަލަބޮލިކަމެއް ދުނިޔޭގެ އިގްތިސާދަށް ގެނެވުނުއިރު މިއުންމަތުގައި ހިމެނޭ ފަސްދޮޅަހަކަށް ގައުމުން އެކުގައި އެއްވިސްނުމެއްގައި ތެދުވެއްޖެނަމަ ދެން މުގާބަލާ ކުރެވޭނެ ބަޔަކު މިދުނިޔޭގައި ނެތޭ ބުނުމަކީ ދުލަށް ބުރަ ބަހަކަށް ނުވާނެއެވެ. މާލީ ފުދުންތެރިކަމަށް ބަލާއިރުވެސް ހަމައެކަނި މިދާކަށް ދުވަހު ސަޢޫދީ އެރޭބިއާއިން ޕާކިސްތާނަށް ދިން ދިހަ ބިލިއަންޑޮލަރުގެ އެހީއަކީ ފަސޭހައިން ލިޔެލެވޭނެ އަދަދެއްވެސް ނޫނެވެ. މިއީ އެންމެ ގައުމަކުން ދެއްކި ނަމޫނާއެކެވެ.  

ހިތާމައަކީ މިފަދަ ދީލަތި އެހީތައްވެސް ނަހަމަގޮތުގައި ބޭނުންކުރެވެމުން ދިއުމެވެ. ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި ހޭދަކުރެވެނީ ވަރަށްކުޑަމިންވަރެކެވެ. މިއީ ރައްޔިތުންނަށްޓަކައި ދެވޭ އެހީތަކެއްނަމަވެސް ޚަރަދުކުރަންވީ ގޮތާބެހޭގޮތުން ރައްޔިތުންގެ ވިސްނުން ހުރިގޮތެއް ބަލާލުން އޮންނަނީ ވެރިކަމުގައި ތިބޭ ބަޔަކުގެ އިއްޒަތާކަރާމަތަށް ނުފެތޭ ކަމަކަށް ވެފައެވެ.                                                             

ވެރިކަމުގެ ދަހިވެތިކަމުގައި ވޯޓު ހޯދަން އައިސް ސަލާމްޖަހާ ހަދާއިރުއެމީހުންގެ އެފަދަ މީހުންގެ މުނާފިގުކަމާއި މެދު ރައްޔިތުން ވިސްނާ ހޭލުންތެރިވާން ޖެހެއެވެ. އަޅުގަނޑުމެންގެ އުންމަތުގެ ދެވަނަ ޚަލީފާ ޢުމަރުގެ ފާނު ވިދާޅުވި ބަސްފުޅެއްކަމަށް ދަންނަބޭކަލުން ވިދާޅުވާތީ އަޑު އަހަމެވެ. ” ކުރިމަތީގައި ހުއްޓިހުރެ ރުއިމަކުން އެއީ ހެޔޮއެދޭ މީހަކަށް ނުވާނެއެވެ. ހެޔޮއެދޭމީހަކު ތިމާ ރޯކަށް ނޭދޭނެއެވެ”.މި ބުއްދިވެރި ބަސްފުޅުން އިބްރަތް ޙާސިލުކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އަޅުގަނޑުގެ އެދުމަކީ އިސްލާމުން ބައިބައިކޮށް ބަލިކަށިވާނެ އެންމެހާ ޢަމަލުތަކުން އަޅަމެން ދުރުކުރައްވާ ދީނަށް އަބަދުމެ ނަސްރާއި ކާމިޔާބު ލިބުމެވެ.                                            

2 Responses

  1. އިސްލާމީ އުންމަތަކީ އަބަދުވެސް ބާރުގަދަ އުންމަތެކެވެ. އެބައިމީހުންގެ ބަލިކަށިވެގެންދަނީ އުންމަތުގެ ހަލާކަށް އެދިއެދި ތިބި ބައެއްގެ ޝައިތާނީ ވަސްވާހުގައިޖެހި ބައިބައި ވުމެވެ. މިކަންރަނގަޅު ކުރާނެ ވެރިން އަދި އަންނާނެއެވެ.

  2. ވަރަށް ރަނގަޅު ލިޔުމެއް. ދެރައީ މިކަންކަން އެނގޭއިރުވެސް އަހަރެމަނަށް ދުނިޔެވީ މޮޅާހެދި ހެޔޮގޮތައް އުޅެން މާބޮޑަށް ދަތިވަނީ. ބައްދަލުވާ އެންމެންވެސް ހަމަ ހެޔޮ ވާހަކަ ދައްކާ. އެހެނަސް ޢަމަލުހުރީ ހަކުރު ދެންޏާ ބޮޑުބޭބެ އުސޫލު. އަހ! ދެރަ

ފަހުގެ އަޕްޑޭޓް