ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއްކަމަށް ގަބޫލުކުރައްވާނެ ކަމަށް އުންމީދުކުރަން: ރައީސް

Loading

Facebook
Twitter
WhatsApp

މި ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މި މަހުންފެށިގެން ޓީޗަރުންނަށް ހަމަޖެއްސި މުސާރައަކީ ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މި މަހުން ފެށިގެން ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް އިއުލާންކުރައްވައި ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ވީޑިއޯ ޚިތާބުގައި ވިދާޅުވީ މި މަހާއެކު ޓީޗަރުންގެ މުސާރައަށް މުހިންމު ބަދަލެއް އަންނާނެ ކަމަށެވެ. އަދި  ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

”ކިޔަވައިދިނުމަކީ އެކަމަށް އަގު އަދާކުރެވޭވަރަށްވުރެ މާ މަތިވެރި ކަމެއް. އެހެން ނަމަވެސް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން މިއަދު މި ހަމަޖެއްސި މުސާރައަކީ، ރަނގަޅު މުސާރައެއް ކަމަށް ޓީޗަރުން ގަބޫލުކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.“ ރައީސް ސަލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ގައުމެއްގައިވެސް ދައުލަތުގެ ކެރިފޯރުންތެރިކަން އިތުރުވުން ބިނާވެފައި އޮންނަނީ، އެ ގައުމެއްގެ އިންސާނީ ވަސީލަތްތައް ބިނާކުރެވޭ ހަރުދަނާ ކަމެއްގެ މައްޗަށް ކަމަށާ ރާއްޖޭގައިވެސް އިންސާނީ ވަސީލަތް ބިނާކުރުމުގެ އެންމެ ބޮޑު ބުރައެއް އުފުއްލަވާ ބަޔަކީ ޓީޗަރުންކަމަށެވެ.

“ ނަމަވެސް، އެ މުހިންމު ޒިންމާ އަދާކުރައްވާ ޓީޗަރުން މިހާތަނަށް ތިއްބެވީ، އެބޭފުޅުން ކުރައްވާ މަސައްކަތަށް ޙައްޤުވާ މިންވަރަށްވުރެ މާ ދަށް އުޖޫރައެއްގައި.“ ރައީސް ސާލިހު ވިދާޅުވިއެވެ.

”ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ، ގައުމު ބިނާކުރުމުގެ ގޮތުން ގެނައި ވަރަށް މުހިންމު ބަދަލެއް. އަދި މިއީ ގައުމުގެ ތަރައްގީގައި ހިއްސާވާ ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް. މި މުހިންމު ފެށުން، ތައުލީމީ ދާއިރާއިން ފެށުމަށް އަޅުގަނޑު ނިންމި ސަބަބަކީވެސް އެއީ“ ރައީސް ވިދާޅުވިއެވެ.

މުސާރައަށް މިގެނައި ބަދަލުތަކުގެ ތަފްސީލުތައް، އިރުކޮޅެއްގެ ތެރޭގައި ކަމާގުޅޭ ވަޒީރުން، ހިއްސާކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް