އެއްގަމު އުޅަނދު ފަހަރާއި ޕާރކިންގް

Loading

Facebook
Twitter
WhatsApp
parking space in male city news

އެއްގަމު އުޅަނދުފަހަރާއި ޕާރކިންގ ގެ މައްސަލައަކީ ފާއިތުވެގެންމިދާ ތިރީހަކަށް އަހަރުގެތެރޭގައި މާލެއަށް ދިމާވެފައިވާ ބޮޑު އެއްމައްސަލައެވެ. އެބޮޑު މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަމުން އައިހުރިހާކަމަކުން ފެންނަނީ  ވަގުތީ ހައްލެއްވެސް ނުހޯދި ބޮޑުތަނުން ނާކާމިޔާބެ ވެގެންދާތަނެވެ. ނަމަވެސް ބގޮނޑިގައި ތިއްބަވާ ބޭފުޅުންނަށް ފެންނަ ފެނުން ތަފާތު ވެދާނެއެވެ. އެ މަގުގައި، މިވެނިގޯޅިއެއްގައި އެހުރީ ޕާރކިންގ ތައްޔާރު ކޮށްފައޭ ބުނެ ނޫސްތަކުގައި ފަލަ ސުރުޚީތަކެއް ހުއްޓާފެނެއެވެ. އެކަމަކު އެ ތަންތަނުން ޕާރކިންގ މައްސަލައަށް ލިބުނު ހައްލެއް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ގަބޫލުކުރަންޖެހޭ ޙަގީގަތަކީ ގައުމުގެ ވެރިމީހާ ތަފާތު ނަންނަމުގައި އޮފީސްތައް އުފައްދަވައި އެތަންނަތަނަށް ވެރިން ލައްވަނީ ރައްޔިތުން ބޭނުންވާކަންތައްތަކަށް މަގުފަހިކޮށްދީ ރަނގަޅު އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ. މަގުބަންދުކޮށް އުދަނގޫ ކުރުމުގެ ވިސްނުމުގައެއްނޫންކަން ކަށަވަރެވެ.

ޕާރކިންގ މައްސަލައަކީ އެއްވެސް ގައުމެއްގައި ފުރިހަމައަށް ޙައްލުހޯދާދެވިފައިވާ މައްސަލައެކޭ ނުބުނެވިދާނެއެވެ. އެކަމަކު ކޮންމެވެސް ވަރެއްގެ ރަނގަޅު ޙައްލުތައް ހުރީ ހޯދާފައެވެ. ބިންބޮޑު ގައުމުތަކޭ ބުނެވިދާނެއެވެ. އަދި  ހަމައެވިސްނުމުގައި އަޅުގަނޑުމެންގެ ގައުމުގައި އަމިއްލަވެރިކަމެއް ކުރަމުން އަންނާތީ ބޮޑުމީހާއަށް ފެނިވަޑައިގަންނަވާގޮތަށްވުރެން މޮޅުގޮތެއްވެސް ނޯންނާނެކަމަށްވެސް ބުނެވިދާނެއެވެ. ނަމަވެސް މިހާރަކީ ރައްޔިތުންނަށް ބޭނުންވާ ވައްތަރުގެ ވެރިކަމެއް ކުރުމަށް މަސައްކަތްކުރަމުން ގެންދާ ދުވަސްވަަކަށް ވެފައި އަދިރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ގޭގައިވެސް މިހާރު މިމައްސަލައާދޭތެރޭ ބަހުސްކުރަމުންގެންދަވާތީ މިކަމާދޭތެރޭ ރައްޔިތުންގެ ވިސްނުންހުރިގޮތް ހާމަކުރަން މިއީ ވަރަށް މުނާސަބު ވަގުތަކަށް ވާނެކަމަށްފެނެއެވެ. ކޮންމެ ކޮންމެ މީހަކަށް މީޑިއާގައި ޚިޔާލލު ފާޅުކޮށްލާނެ ފުރުސަތުވެސް ނުއޮވެދާނެއެވެ. އެހެންކަމުން ފުރުސަތު ލިބޭކޮންމެ މީހަކުވެސް އޭނާގެ ވިސްނުން ފާޅުކުރުމަކީ އެންމެރަނގަޅުގޮތެވެ. ފަހަރެއްގައި ފާޅުކުރެވޭ ޚިޔާލު ވައިގާ ނުހިފާފާނެއެވެ. މިހާރުގެ ބަހުންނަމަ ބޯގޮވާފާހުރިމީހެކޭ ވެސް ބުނެފާނެއެެވެ. އެ ޒާތުގެ ބަސްބަސް މާޒީގެ ބޮޑެތި ތަޖްރިބާކާރުންނަށްވެސް ރައްދުކޮށްފާ އެބަހުރިނޫންހެއްޔެވެ. އަދި މިހާރު މި މައްސަލާގައި ސަރުކާރުން ކުރައްވާކަންތައްތަކަކީ ވެސް ފުރިހަމަ ކަންތައްތަކެއްނޫން ކަމަށް ގަބޫލުކުރާ ރައްޔިތުން މަދެއް ނުވާނެއެވެ.

އެހެންކަމުން މިބާވަތުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ކަމާގުޅުންހުރި ރައްޔިތުންވެސް ކުރިއްސުރެން ދިރިއުޅެމުން އައިގޮތްގަނޑު ބަދަލުކުރުމުގެ ވިސްނުން ގެންގުޅެން އެބަޖެހެއެވެ. އެހެންގައުމުތަކުގައި ތަޖްރިބާ ކުރަމުން އަންނަ ރަނގަޅުގޮތްތަކުގެތެރޭން އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެގޮތްތަކަށް މަރުޙަބާ ކިޔަންޖެހެއެވެ. މިސާލަކަށް ބައެއްގައުމުތަކުގައި ބޭނުންކުރާތީ އަޅުގަނޑަށް އެނގިފައިވާ ބައެއް ކަންތައްތައް ލިޔެލާނަމެވެ. ރައްޔިތުންގެ މަންދޫބުން މިކަންތަކާބަހުސްކުރައްވާއިރު މި މަޢުލޫމާތުން ރައްޔިތުންނަށް ބަލާގަނެވޭފަދަ ގާނޫނީ އިސްލާހެއް ގެނައުމުގައި ކޮންމެވެސް މިންވަރަކަށް ދޭހައެއް ކޮށްދެވިއްޖެނަމަ އަޅުގަނޑު ވަރަށް އުފާކުރާނަމެވެ.

ހ. ގިނަ ގައުމުތަކެއްގައި އެއްގަމު އުޅަނދުފަހަރު ބޭނުންކުރެވޭނެ އުމުރެއް ކަނޑައަޅައެވެ. އަދި މަގުމަތިބޭނުންކުރާތީ އެ އުޅަނދަށް ކަނޑައަޅާފައިވާ މުޅިއުމުރުދުވަހުގެ ފީ އެއްފަހަރާ ދައްކާން ޖެހެއެވެ. ބުރައަކަށް ވެދާނެއެވެ. އެކަމަކު އުޅަނދު ގަންނަމީހާއަށް އެވަރުގެ ފޯރުންތެރިކަން ހުންނާނެއެވެ. ކޮންމެމީހަކުގެ އުޅަނދު ޕާރކުކުރާނެއް ގަރާޖެއް އޮތުން ލާޒިމެއް ނުކުރެއެވެ. އަދި އަމުދުން މިކަމަކީ މިހާރު މާލޭގައި ދުވަހަކުވެސް ތަންފީޒް ކުރެވިދާނޭކަމެއް ކަމަކަށްނުފެނެވެ.

ށ. މާލެއަށް ޚާއްސަ ގަވައިދެއްގެ ގޮތުގައި ވަކި ކަންތައްތަކެއް ކަނޑައެޅިދާނެއެވެ. ސަބަބަކީ މިހާރުވެސް މާލޭގެ ޕާރކިންގއަށް ދިމާވާއެންމެބޮޑު މައްސަލައަަކީ ތަރުތީބެއް ނެތުމެވެ. މިގޮތުން މަޖީދީމަގު، އަމީނީމަގު ފަދަ ބޮޑެތި މަގުތަކުގެ އެއްފަރާތް ހަތަރުފުރޮޅުލީ އުޅަނދުތައް ޕާރކް ކުރަން ބޭއްވިދާނެއެވެ. ހުދުރޮނގު ނުވަތަ ރީންދޫ ރޮނގު ދަމާފައި ޕާރކިންގ ނުކުރެވޭގޮތަށް ބާއްވާފައި އޮތުމުން ލިބުނީ ކޮން ޙައްލެއްތޯ ބަލައި އެއަށްވުރެން ރަނގަޅުގޮތެއް އޮތްތޯވެސް ބަލަންވެއްޖެއެވެ. ބޮޑެތި މަގުތަކުގެ އަނެއްފަރާތުގައި އެއްވެސް އުޅަނދެއް ޕާރކިންގ ނުކުރާގޮތަށެވެ. އެއިންތަނެއްގައި ދެ ފުރޮޅުލީ އުޅަނދުވެސް ޕާރކްކުރުން ހުއްދަ ނުވާގޮތަކަށެވެ. މާލޭގެ ހުރަސް މަގުތަކުގެ އެއްފަރާތް ދެފުރޮޅުލީ އުޅަނދުފަހަރު ޕާރކް ކުރަން ޚާއްސަ ކުރެވިދާެއެވެ. އަދި ސަރުކާރަށް ކޮންމެވެސް އާމްދަނީއެއް ހޯދަން ބޭނުންވާނަމަ ހަމަ އެއިން ކޮންމެ ޕާރކިންގ އަކަށް ރައްޔިތުމީހާ ޝަކްވާނުކުރާނެ މިންވަރެއްގެ ފީއެއް ކަނޑައެޅައި ޖާގަ ވިއްކާވެސް ލެވިދާނެއެވެ. ގޭދޮރުމަތީގައި އުޅަނދު ބާއްވާފައި ގެއަށް ވަންނަން ބޭނުންވާމީހާއަށް ޖާގައޮތްވަރަކުން އެފުރުސަތުވެސްތަންކޮޅެއްބޮޑުއަގުގައި  ވިއްކިދާނެއެވެ. ތަނަވަސްކަން ބޭނުންވާނަމަ ހޭދަކުރަންޖެހޭނެއެވެ. އެއްވެސް ރައްޔިތަކަށް ވަކި ވަރަކަށްވުރެން ގިނައިން ޕާރކިންގ ޖާގަ ދެވިގެންނުވާނެއެވެ. ހަމައެފަދައިން ކޮންމެމީހަކަށްވެސް އުޅަނދުފަހަރު ރަޖިސްޓަރީކުރެވެންވާނީ ވަކިއަދަދަކަށެވެ.

ނ. ބޮޑުތަކުރުފާނު މަގުގެ ހުޅަނގުން ނަމަވެސް ލޮރީފަދަ މުދާއުފުލާ އުޅަނދުފަހަަށް ޕާރިކންގ ދެވިދާނެއެވެ. ނުވަތަ ލާހިކު އަގަކަށް ވިއްކިދާނެއެވެ. މިގޮތުން ދައުލަތަށް އާމްދަނީއެއް ލިބުމުން ގަވައިދު ތަންފީޒް ކުރާފަރާތްތަކަށް މުސާރަދިނުންފަދަ ކަންކަމަށް ކޮންމެވެސްވަރެއްގެ ލުޔެއް ލިބޭނެކަމަށްގަބޫލުކުރެވެއެވެ.

ރ. ޕާރކިންގ ނުކުރެވޭނެތަންތަން ކަނޑައެޅިފައި ހުންނަންޖެހޭނެއެވެ. އެއިންތަނެއްގައި ޕާރކިންގ ކުރުމަކީ ކުށެކެވެ. އަދި ނަސޭޙަތްދިނުމާއި، ޖުރިމަނާކުރުމާއި ތަކްރާރުކުރާފަރާތްތައް ޖަލުހުކުމަކާ ވެސް ކުރިމަތިލާންޖެހޭގޮތަށްވެސް ގަވައިދުގައި ހިމެނިދާނެއެވެ. މިއީ މި ސަރަހައްދުގެ ބައެއް ގައުމުގަކުގައިވެސް އަމަލު ކުރެވެމުން ދާގޮތެކެވެ.

މިއީ އަޅުގަނޑުގެ ޚިޔާލެވެ. ތިޔަގޮތަކަށް ނުކުރެވޭނެއޭ ބުނެ ރައްދުދިނުން އަޅުގަނޑު ހަޖަމްކޮށް ގަބޫލުކުރާނަމެވެ. އަދި މިއަށްވުރެން ރަނގަޅު ވިސްނުމެއް ފާޅުކުރައްވާފަރާތަކަށް އާނބަސްވެސް ބުނަންކެރޭނެއެވެ. މާލެއަސް ދިމާވެފައިވާ ޕާރކިންގެ މައްސަލައަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ހޯދަން އެބަޖެހެއެވެ. ވެރިން އެބަ ބަދަލުވެއެވެ. ބޮޑުގޮނޑި ވެސް އެބަ ބަދަލުވެއެވެ. ނަމަވެސް  ބޮޑުގޮޑި ލިބުމަކުންވެސް ނަތީޖާނެރެވޭތަނެއް ނުފެނުނެވެ.  ރައްޔިތުންގެ ކަންތައްތަކުގައި އެމީހުންނަށް މަޝްވަރާދޭން އަބަދުވެސް ޖެހޭނެއެވެ. ބޮޑުގޮނޑީގައި މީހަކު ބޭންދުމުން ރައްޔިތުމީހާގެ ބޮލުން ޒިންމާކެނޑުނީ ކަމަށް ބެލުމަކީ ރަނގަޅުގޮތެއްނޫނެވެ. މިއީ އަޅުގަނޑަށް ގަބޫލުކުރެވުނުގޮތެވެ. މިކަމުގެ ގިނަ ތަޖުރިބާހުރި ފަރާތްތަކެއްގެ މަޝްވަރާ މިގުތަށް ވަރަށް ބޭނުންތެރިކަން ޔަގީނެވެ.

Loading

One Response

  1. ލިއުމުގައިވާގޮތަށް ޕާރކިންގ ދީފިނަމަ މިހާރަށް މައްސަލަ ޙައްލުވެސް ކުރެޥެނެއެވެ. ދެން މުސަތަގްބަލަށްޓަކައި ވިސްނައިގެން ރަނގަޅުފިޔަވަޅުތަކެއް އަޅާނީއެވެ. އެކަމަކު މިހާރު މިފެންނަ މަންޒަރުން އިތުރަށް ކަންބޮޑުވުން ނޫން ކަމެއް ނުވެއެވެ. ރއްޔިތުމީހާގެ ޖީބަށް ކަތާވަރުގެ އަގެއްގެ ބަދަލުގައި ޕާރކިންގ ޖާގަ މި ވިއްކަނީ ރައްޔިތުީހާގެ ޖީބު ކަނޑާލާގޮތަށެވެ. މަހަކު ތިންހާސް ރުފިޔާގެ އަގެއް ޕާރކްކުރަންދީފާ އަނބިދަރިންނަށް ޚަރަދުކުރާނެ އެއްޗެއް ނޯވެއެވެ. ފަހެ، ސަރުކާރުހިންގަން ފައިސާހޯދާދިނުން ނޫން އެހެންގޮތެއް ނިކަމެތިންނަށް ހަމަ ނެތީހެއްޔެވެ ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް