މޭރީއަށް އެއްވެސް ކަހަލަ އަނިޔާއެއް ނުދެން – މާވިން

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗް ގެ ހީމޯ ޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ނަރުސް، މޭރީ އަށް އެއްވެސް ކަހަލަ އަނިޔާއެއް ދުވަހަކުވެސް ދީފައި ނުވާނެކަމަށް އޭނާގެ ފިރިމީހާ މާވިން ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ އިއްޔެ ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމެއްގެ ތެރެއިންނެވެ.

މި މައްސަލަ އާއި ގުޅިގެން އިއްޔެ ބާއްވާފައިވާ އަޑުއެހުމަކީ ދައުވާ އިއްވުމާއި ޖަވާބުދާރީ ވުމަށް ބޭއްވި އަޑު އެހުމެކެވެ.

އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މާވިން އެސް.ވައި ވާރގަސް ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހުއެވެ. އަދި އޭނާގެ ދިވެހި ލޯބިވެރިޔާ، ޅ.ހިންނަވަރު/ މާފިނި، ޙަލީމަތު ލަމްހާ ހައްޔަރު ކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންއަށް އެނގިހުރެ މީހަކު މެރުމުގެ ދަޢުވާ ކޮށްފައިވާއިރު، މާވިންގެ ލޯބިވެރިޔާ ލަމްހާއަށް ވަނީ އެކަމުގައި ބައިވެރިވި ކަމުގެ ދަޢުވާއާއި އަދި އިތުރު ދެ ދަޢުވާއެއް ކޮށްފައެވެ.

އެގޮތުން މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު މާވިން އާއި އޭނާގެ އަންހެނުން މޭރީ ދިރިއުޅެމުންދިޔަ ގޭގައި މޭރީގެ ބޮލަށާއި، ކަރަށް ހަމަލާދީ، ނޭވާ ހާސްކޮށްލައިގެން މަރާލާފައިވާ ކަމުގެ ދައުވާ މާވިންގެ މައްޗަށް އުފުލާފައެވެ.

މި ކުށަށް ކަނޑައެޅިފައިވާ އަސާސީ އަދަބަކީ 10 އަހަރުގެ ޖަލު ޙުކުމެއް ކަމުގައި ވީ ނަމަވެސް ހާދިސާ ހިނގި އިރު ދެމީހުންވެސް ތިބީ އިސްލާމީ ޝަރީޢަތަކަށް ބޯލަނބައިގެން ކަމުން، ކުށް ސާބިތުވެއްޖެ ނަމަ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް މަރުގެ އަދަބު ކަނޑައެޅޭނެކަމަށް ޙުކުމް އިއްވަމުން ދައުލަތުން އެދެއެވެ.

މާވިންގެ ވަކީލު އިސްމާޢިލް މުޙައްމަދު ވަނީ ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާކަމަށް ބުނެ، މޭރީގެ ކަރަށް އަދި ބޮލަށް މާވިން ހަމަލާދިން ގޮތާމެދު ދިފާއުގައި ސުވާލު އުފައްދާފައެވެ.

މި ސުވާލުތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވަނީ އޮޓޯޕްސީ ރިޕޯޓުން ޙަމަލާ ދީފައި ވާކަން އިނގެން އޮތް ކަމަށާއި އަދި އެގޮތަށް ޙަމަލާ ދިނީ ކޮން އެއްޗަކުންކަން އެނގެން ނެތް ނަމަވެސް އެކަމަށް ބާރުލިބޭ ހެކިތަކެއް ހުރިކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި މާވިން އޭނާގެ ފޯނުން މީހަކު މަރާލާނެ ގޮތް ހޯދުމަށް މަސައްކަތް ކޮށްފައިވާކަން ފޯނުގެ ފޮރެންސިކް ރިޕޯޓުން އިނގެން އޮތުމާއި އަދި މޭރީ މަރުވި ވަގުތު އެތަނުގައި ހުރީ ހަމައެކަނި މާވިން ކަމަށް ޚުދު އޭނާ އަމިއްލައަށް ބުނެފައިވުން ހިމެނެއެވެ. ދައުލަތުން އުފުލާފައިވާ ދަޢުވާތަކަށް އިންކާރު ކުރަމުން ދިފާއުގައި ބުނެފައި ވަނީ މޭރީ މަރާލީ މާވިން ނޫން ކަމަށެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އެއްވެސް ވަރެއްގެ ޖިސްމާނީ އަނިޔާއެއް މާވިން މޭރީއަށް ކޮށްފައި ނުވާނެކަމަށެވެ.

މި މައްސަލައާއި ގުޅިން ދެން އަޑުއެހުމެއް ބާއްވަން ހަމަޖެހިފައިވަނީ މެއި 10 ވަނަ ދުވަހުގެ މެންދުރު 13:00 ގައެވެ.

Loading

One Response

  1. ކުރީގެ ޚަބަރުތަކުން ކިޔާފައިއޮތް ހަނދާންވަނީ އެ ނަރުސްމީހާ ދަންޖެހިގެން މަރުވި ވާހަކައެވެ. މިހާރު މިއޮތީ އޭނާ މަރުވިއިރު އެތަނުގައިހުރީ ހަމައެކަނި މާވިން ކަމުގައެވެ. މިވަނީ ކިހެނެއް ކަމެއް ނޭގެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް