ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާ އަދި އެންމެ މުސްކުޅި އަންހެންމީހާގެ ޝަރަފުވެސް ހޯދާފައިވާ ޖަޕާނުގެ ކަނޭ ޓަނަކަ އުމުރުން 119 އަހަރުގައި މަރުވެއްޖެއެވެ.
ޖެނުއަރީ 2، 1903 ގައި އުފަންވި ޓަނަކަ މި އޭޕްރީލް މަހުގެ 19 ވަނަ ދުވަހު މަރުވިކަން އެނގުނީ ޖަޕާނުގެ މިނިސްޓްރީ އޮފް ހެލްތު، ލޭބަރ އެންޑް ވެލްފެއާރއިން ރޭ ބަޔާނެއް ނެރުމުންނެވެ.
ދުނިޔޭގައި ދިރިހުރި އެންމެ މުސްކުޅި މީހާ މަރުވި ޚަބަރު ލިބުމުން މުޅި ދުނިޔެއަށް ކުއްލި ސިހުމަކާއި ހައިރާންކަމެއް ލިބިގެންދިޔައެވެ. ދުނިޔޭގެ ރެކޯޑުތައް ބަލަހައްޓާ ފަރާތްތަކުން ހާމަކުރިގޮތުގައި ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާގެ ޝަރަފު ޓަނަކައަށް ލިބުނީ 2019ގައި އޭނާގެ އުމުރުން 116 އަހަރުގައެވެ. ރެކޯޑުތަކުން ދައްކާގޮތުގައި އުމުރުން 119 އަހަރުގައި މަރުވި ޓަނަކައަކީ ދުނިޔޭގައި އެންމެ ގިނަ ދުވަހަށް ދިރިހުރި ދެވަނަ މީހާއެވެ. އެންމެ ގިނަ ދުވަހަށް ދިރިހުރިކަމަށް ރެކޯޑު ކުރެވިފައި ވާ ޖީން ކެލްމަންޓް މަރުވީ އުމުރުން 122 އަހަރުގައެވެ.
ޓަކަނަ އުމުރުން 19 އަހަރުގައި ކައިވެނިކުރީ ހަނޑޫވިއްކާ ފިހާރައެއްގެ ވެރިއަކާއެވެ. އޭނާގެ އުމުރުން 103 އަހަރު ވާނދެން އޭނާ އާއިލާ މީހުންގެ ފިހާރައިގައި މަސައްކަތް ކުރަމުންދިޔައެވެ.
ޓަކަނަގެ ހަޔާތުގައި ވަނީ ދުނިޔޭގެ ތާރީޚުގެ ވަރަށް މުހިއްމުކަންތައްތައް ހިނގާފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމައާއި ދެވަނަ ބޮޑު ހަނގުރާމައާއި ސްޕެނިޝް ފުލޫއާއި ކޮވިޑް-19 ފަދަ ހިތާމަވެރި ތާރީޚީ އެތައް ކަމެއް ހިމެނެއެވެ.
ދުނިޔޭގައި އެންމެ ގިނަ ދުވަހަށް ދިރި ތިބެނީ ޖަޕާނު މީހުންނެވެ. ޖަޕާނު ސަރުކާރުން 2020ގެ ޖުލައިގައި ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެ ގައުމުގެ އަންހެނުންގެ އެވްރެޖް އުމުރަކީ 87.45 އަހަރެވެ. އަދި ފިރިހެނުންގެ އެވްރެޖް އުމުރަކީ 81.4 އަހަރެވެ. ޖަޕާނުގެ ކޮންމެ 1565 މީހުންގެ ތެރޭގައި އުމުރުން 100 އަހަރުވެފައިވާ އެކަކު ހިމެނެއެވެ.
ޖަޕާނު ފާހަގަކުރެވެނީ މުސްކުޅިންގެ ރާއްޖޭގެ ގޮތުގައެވެ. ޓަނަކަ މަރުވުމުން މިހާރު ދުނިޔޭގައި ހުރި އެންމެ މުސްކުޅި މީހާގެ ޝަރަފު ވެސް ލިބެނީ އަންހެނަކަށެވެ. އެއީ ފަރަންސޭސިވިލާތުގެ އުމުރުން 118 އަހަރުވެފައިވާ ލުސީލް ރެންޑަންއެވެ.