ލަންކާގެ މުޒާހަރާ: ރައީސާއި ބޮޑު ވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރު ވަނީ

Loading

Facebook
Twitter
WhatsApp

ސްރީލަންކާގައި ހުރަހަށާއި ދިގަށް މެދުކެނޑުމެއްނެތި ކުރަމުންދާ ބޮޑެތި މުޒާހަރާތަކުގެ ޕްރެޝަރުން ސަލާމަތްވެ ވަޑައިގަތުމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ސަރުކާރުން މިހާތަނަށް އެޅުއްވި އެއްވެސް ފިޔަވަޅަކުން މުޒާހަރާތައް މައިތިރި ކުރެވޭ ގޮތެއްނުވިއެވެ. ސަރުކާރާ ދެކޮޅަށް ރައްޔިތުން ކުރަންފެށި މުޒާހަރާތަކާ ގުޅިގެން މުޅި ކެބިނެޓު އިސްތިއުފާދީ ރައީސްގެ އާއިލާގެ ބޭފުޅުންނާއި ތިމާގެފުޅު ބޭފުޅުން މަގާމުން ދުރަށް ޖެހިވަޑައިގަތަސް އަދި އައު ކެބިނެޓެއް އުފައްދައި ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރަމުން ދިޔަކަމަށްވިޔަސް މުޒާހަރާތަކަށް ނިމުމެއް ނުގެނެވުނެވެ.

ކެބިނެޓު އުވާލައްވައި އައު ކެބިނެޓެއް އެކުލަވާލެއްވިޔަސް ބޮޑު ވަޒީރަކަށް ހުންނަވާނީ ކުރީގެ ރައީސް އަދި ކުރިން އޮތް ސަރުކާރުގެ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާއެވެ. އެއީ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ބޮޑު ބޭބޭފުޅެވެ. ލަންކާގެ ތާރީޚުގައި ގައުމަށް ކުރިމަތިވި އެންމެ ބޮޑު މާލީ ކާރިސާގެ ޒިއްމާ މުޒާހަރާ ކުރާމީހުން އަޅުވަމުން ދަނީ ރައީސް ގޮތަބަޔާ ރާޖަޕަކްސާ އާއި ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާއާއި އެބޭފުޅުންގެ އާއިލާގެ އިސްތަށިފުޅުގައެވެ.

ބަނގުރޫޓުވެފައި އޮތް ލަންކާގައި މުޒާހަރާ ކުރާ މީހުން އެދެމުން ދަނީ ރައީސާއި ބޮޑު ވަޒީރު ވެސް އިސްތިއުފާ ދެއްވައި ގައުމުގެ ވެރިކަން ގައުމީ އިއްތިހާދަކާ ހަވާލުކުރުމަށެވެ. ނަމަވެސް ވެރިކަމަށް އިންތިހާއަށް ދަހިވެތިވެފައިވާ ރާޖަޕަކްސާގެ އާއިލާއިން ވެރިކަމާ ދުރަށް ވަޑައިގަންނަވާކަށް ބޭނުމެއް ނޫނެވެ. ޚާއްޞަކޮށް ރައީސް ގޮތަބަޔާ ގެންދަވަނީ އިސްތިއުފާ ނުދެއްވާނެކަމަށް ކަނޑައެޅިގެން ވިދާޅުވަމުންނެވެ.

ލަންކާގެ މުޒާހަރާތައް ހުއްޓުވުމަށް ބާރުގެ ބޭނުން ނުކުރާނެކަމަށް ތަކުރާރުކޮށް ސަރުކާރުން ބުނެފައި ވިޔަސް ފުލުހުން ވަނީ މުޒާހަރާތައް ހުއްޓުވުމަށް އަނިޔާވެރި އަމަލުތައް ހިންގުމުގެ އިތުރަށް ބަޑިޖަހާފައެވެ. ބަޑިޖެހުމުގެ ހާދިސާގައި އެކަކު މަރުވެ އެތައްބަޔަކު ޒަޚަމް ވުމުން ސަރުކާރުން ވަނީ އެހާދިސާ ތަހުގީގުކޮށް މަރުވި މީހާއަށް އިންސާފު ހޯދައިދޭނޭކަމަށް ބުނެފައެވެ. ނަމަވެސް އެތައް ހާސް ތަމަޅައިން މެރުމުގައި އިސްކޮށް ތިއްބެވި ރާޖަޕަކްސާގެ އާއިލީ ވެރިކަމުގައި މަރުވާ މީހުންނަށް އިންސާފު ލިބިދާނެކަމަށް ރައްޔިތުން ގަބޫލެއް ނުކުރެއެވެ.

ދަރަނިވެރިވެ ބަނގުރޫޓު ވެފައިވާ ލަންކާއަށް ބޭނުންވާ ތަކެތި ގަތުމަށް ވަގުތުން ވަގުތަށް 3 ބިލިއަން ޑޮލަރު ބޭނުންވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެފައިސާ އިންޑިއާ އާއި ޗައިނާ އާއި ވޯލްޑް ބޭންކުން ހޯދުމަށް ލަންކާގެ މާލީ ވަޒީރު ޢަލީ ޞަބްރީ މަސައްކަތް ކުރައްވަމުން ގެންދަވާއިރު ގައުމުގެ ހުރިހާ ދިމާއަކުން ފެންނަމުން ދަނީ ރައީސާއި ބޮޑު ވަޒީރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކެވެ. ފެންނަމުން ދަނީ ރައީސާއި ބޮޑު ވަޒީރަށް އިސްތިއުފާ ދެއްވަން މަޖުބޫރު ވަމުންދާ ތަނެވެ.

ލަންކާގެ 22 މިލިއަން ރައްޔިތުނަށް މިއަދު ބޭނުންވެފައި ވަނީ އަމިއްލަ މަސްލަހަތަށްވުރެ ބޮޑަށް ގައުމީ މަސްލަހަތު އިސްކުރައްވާނެ ވެރިންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް