ގިނަދުވަހު ވެރިކަން ކުރަން އެދޭ މީހުންނަށްބުނެދޭ ސިއްރެއް

Loading

Facebook
Twitter
WhatsApp

ބައެއް ސިއްރު އެންމެނަށް އެނގޭ އިރުވެސް ބުނެދީ ހަނދާން ކޮށްދޭން ޖެހޭ ފަހަރު އާދެއެވެ.

ތަރައްގީއާއި ތަމައްދުން އަދި ސައެންސާއި ޓެކްނޯލޮޖީ ގެ ކުރިއެރުމާއި އެކުވެސް އިންސާނާގެ އެންމެ އަސާސީ ބޭނުންތަކަށް ބަދަލެއް ނާދެއެވެ. އެ ބޭނުންތަކުގެ ފެންވަރަށް ބަދަލު އައުން އެއީ ފެންނަމުންދާ މަންޒަރެކެވެ.

އިއްޔެ ކޮފީއަކަށްގޮސް ފަންސާސް ރުފިޔާގެ ބިލް އަދާނުކުރެވުނު އެތައްބަޔަކު މިއަދު އެއީ މި ފަސްގަނޑުގައިވެސް ބޮޑެތި މުއްސަނދިންނެވެ. ބައެއްމީހުން މުއްސަނދިވެފައިވަނީ ބުރަ މަސައްކަތުންނެވެ. އަނެއްބަޔަކު މުއްސަނދި ވެފައިވަނީ ދެބައޮނޑުވުމާއި ދޭތެރޭ ޖެއްސުމުގެ ހުނަރުންނޭ ބުނެ އަޑުއުފުލަމުން ގެންދާތަން ފެނެއެވެ. އަދި އަނެއްބަޔަކު ވައްކަމާ ފޭރުމުގެ މަކަރުވެރި ރޭވުމުންނޭ ބުނެ ތުހުމަތުގެ އިގިލި ދިއްކުރަމުން ގެންދާތަން ފެންނަނީވެސް މަދުންނެއް ނޫނެވެ.

އިންސާނާއަށް ބޭނުންވާ އެންމެ އަސާސީ ކަންތައްތަކުގެ ލިސްޓުގައި ބޯހިޔާވަހި ކަމަކީ އެންމެ އިސް ނަންބަރު ކަމުގައި ނުވެ ނުދާނެއެވެ. އަޅުގަނޑުމެންގެ އާބާދީގައި ހަގީގީ މާނާގައި ބޯހިޔާވަހިކަން ބޭނުންވާ ތިރީހަކަށް ހާސް ޢާއިލާވެސް ނުތިބޭނެއޭ ބުނެވިދާނެއެވެ. އަޅުގަނޑު މި އިޝާރާތް ކުރަނީ ބޯހިޔާވަހިކަން ބޭނުންވާ ޢާއިލާތަކަށެވެ. އަނބީހާއަށް ގޯއްޗެއް ފިރިމީހާއަށް ގޯއްޗެއް ކޮންމެ ދަރިއަކަށް ގޯއްޗެއް އަތުގައި ފައިސާ ހުރިމީހުންނަށް ބޭނުންވާ އަދަދަކަށް ގޯތި މި އުސޫލަކުން ނޫނެވެ.

މިވާހަކަ ދައްކާއިރު މިއަދުގެ ދުނިޔޭގައި އެންމެ ބޮޑަށް އެކަހެރިކޮށްފައިވާ އެއްގައުމުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކަންތައް ހިނގަމުންދާގޮތް ބަލައިލުން ރަނގަޅުކަމަށް އަޅުގަނޑު ދެކެމެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އެގޮތަށް ކަންތައް ކުރުން ރަނގަޅޭ ނުރަނގަޅޭވެސް ބުނާކަށް ނެތީމެވެ. އިރުގެ އަލިކަން ފެންނަ ފަދައިން ނުކުރާނެކަންވެސް އެނގެއެވެ. އެކަމަކު ރައްޔިތުންނަށް މިކަންވެސް އެނގިފާއޮތުން ބޭނުމެވެ. ވޯޓު ހޯދަން ރައްޔިތުން ކައިރިއަށް އާދޭސް ކުރަން އަންނަދުވަހު ޝަރުތު ކަނޑައަޅަން ވެއްޖެއްޔާ އެކަންވެސް ކުރެވޭނީ މައުލޫމާތު ލިބިފާއޮތީމައެވެ.

އަޅުގަނޑު މިތާގައި މި އިޝާރަތް ކުރި ގައުމަކީ އުތުރު ކޮރެއާއެވެ. އުތުރުކޮރެއާ އޭ ބުނީމާ އިތުރަށް އޮޅުންފިލުވަން ބޭނުންވާ މީހަކު ވަރަށް މަދުވާނެއެވެ. އަޅުގަނޑުމެންގެ ރާއްޖެއެކޭ އެއްފަދައިން އުތުރު ކޮރެއާ ގައިވެސް ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަކީ އެ ގައުމުގެ ދުސްތޫރުން ސަރުކާރަށް ލާޒިމުކުރާ ކަމެކެވެ. ތަފާތަކީ އުތުރު ކޮރެޔާގައި އެއިން ވިޔަފާރިއެއް ނުކުރެވޭނެއެވެ. މާނައަކީ ގޯތި ގެދޮރާ ބިން ގަނެވިއްކުމަކީ ގާނޫނުން މަނާކޮށްފައި އޮންނަކަމެކެވެ.

ބޯހިޔާވަހިކަން ބޭނުންވާމީހުންނަށް އެކަން ހަމަޖައްސައި ދިނުން ސަރުކާރަށް މަޖުބޫރެވެ. އެކަމަކު އެކަންކުރެވޭނީ މާލީ ފުދުންތެރިކަންވެސް ހުރިމިންވަރަކުން ކަމުގައި ގަބޫލުކުރަންޖެހެއެވެ. ހުޅަނގަށް ގޮތްދޫނުކުރާ ބަޔަކު ވެރިކަމުގައި ތިބީމާ މެދުވެރިވާނެ ހައެތި އޮންނަނީ އެގައުމަށް މެދުވެރިވެފައެވެ.

އުތުރު ކޮރެއާގައި ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި ބިނާކުރެވޭ އުސް އިމާރާތްތަކުގެ މަތީ ފަންގިފިލާތަކާއި ޕެންޓްހައުސްތައް ޢާންމުގޮތެއްގައި ލިބޭނީ ނިކަމެތި ފަގީރުންނަށެވެ. މީގެ ސަބަބަކީ އެފަދަ ޢާއިލާތައް ތިރިއަށް އައިސް މައްޗަށް އަރާ ހެދުމުގެ ބޭނުންތައް މަދުވުމެވެ. ކަރަންޓާއި ފެނާއި ލިފްޓްގެ ޚިދުމަތް ލިބޭނީ ވަކި ގަޑިތަކެއްގައެވެ. ނިކަމެތި ފަގީރުމީހާ އެވަގުތަށް އިންތިޒާރުކޮށް ދެން އޮންނަވަގުތަކާ ޖެހެންދެން އެންމެ ފައިދާބޮޑުގޮތަކަށް އެ ވަސީލަތްތަކުގެ ބޭނުން ހިފާނެއެވެ. ފައިސާވެރިންނަށް އެއީ އުނދަގޫކަމަކަށް ވާނެތީ މަތީ ފަންގިފިލާތަކަށް ދިއުމުގެ މާބޮޑު ވިސްނުމެއް ނުގެންގުޅެނީކަމަށް ބުނެވެއެވެ. އުތުރު ކޮރެއާ އަކީ ކޮމިޔުނިޒަމަށް ވެރިކަން ކުރާތަނެކޭ ބުނެ އިދިކޮޅަށްވެސް ވާހަކަ ދެއްކިދާނެއެވެ.

ހަމައެފަދައިން ހުޅަނގުން ނުރުހޭ ވެރިޔަކަށް ރަނގަޅު އެއްވެސް ކަމެއް ނުކުރެވޭނެއޭވެސް ބުނެވިދާނެއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތީ ކޮން ނިޒަމެއް ނުވަތަ ނިޒާމަކަށް ކުރާ ވެރިކަމެއް ހެއްޔެވެ؟ ގައުމަށް ލިބޭ އެއްޗެއްގެ ބޮޑުބައެއް މަދުމީސްކޮޅެއްގެ ޖީބަށް ވަންނަމުންދާ ނިޒަމެއް ނުވަތަ ނިޒާމެކެވެ. ބާކީ ހުރި އެތިކޮޅާއި ހިލޭ ލިބޭ އެއްޗަކާއިދަރަންޏަށް ނަގާ އެއްޗެހި ޕާރޓީގެ ކުދިންކޮޅު ރުއްސަން ޚަރަދުކުރުމު ނިޒާމް ނުވަތަ ނިޒާމެކެވެ.

އަޅުގަނޑުމެންގެ ސަރުކާރުތަކުން ކުރަމުންގެންދާ ބޭކާރު ޚަރަދުތައް ހުއްޓާލައިފިނަމަ ބޯހިޔާވަހިކަން ބޭނުންވާ ޢާއިލާތަކަށް އެއް ފެންވަރެއްގެ އެޕާރޓްމެންޓްތަކެއް ހަދާފައި އަގަކާނުލައި ދިނުމަކީ ކުރެވިދާނެ ކަމެކެވެ. އަޅުގަނޑު ހިތަށް އަރަނީ މިވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުދުވަހު މިރާއްޖޭގެ ފުންނާބު އުސް ސިޔާސީ ބޭފުޅުންނަށް މި ލިބިވަޑައިގަތީ ކޮންކަހަލަ ތަޖްރިބާއެއް ބާވައެވެ؟ އަރިހުގައި ދޭތެރެ ޖައްސަންއުޅޭ މީސްކޮޅަކީ މޫސުމީ ބައެއްކަން އަދިވެސް ރޭކާނުލައެވެ.

ފަހެ އެމީސްކޮޅަށް އިތުބާރުކޮށްގެން ޙާސިލުކުރެވުނީ ކޮންފަދަ ނާކާމިޔާބީއެއްކަން އަދިވެސް ނުވިސްނެއެވެ. ރައްޔިތުންގެ ފަހަތުގައި ހުންނަވާކަށް އެއްވެސް ސިޔާސީ ބޭފުޅަކު ބޭނުމެއް ނުވެއެވެ. ކައިރީގައި އެނބުރޭ މޫސުމީ ގުރޫޕަށް މުޅި ދިވެހި ރައްޔިތުން ކޮންޓްރޯލް ކުރެވިދާނެއޭ ހީފުޅުކުރެއްވުން އެއްފަރާތްކޮށްފާ ހަގީގަތް ދެނެގަންނަން ބޭނުންވެސް ނުވާ ކަހަލައެވެ. މޫސުމީ ގުރޫޕް އެއްފަރާތް ކޮށްފާ ރައްޔިތުން ފަހަތުގައި ހުރެގެން ރައްޔިތުންގެ ބޭނުންތައް ދެނެގަނެ އެ ބޭނުންތައް ފުއްދާ ދިނުމަށްޓަކައި މަސައްކަތް ކުރާނަމަ ދެ ދައުރެއް ނޫން ދިހަ ދައުރުވެސް ވެރިޔަކަށް ހޮވޭނެއެވެ. ރައްޔިތުން ބޭނުންވަނީ ނަމެއްނޫނެވެ.

މުޙަންމަދެއް އަޙުމަދެއް ނޫނެވެ. ރައްޔިތުންގެ އިހްސާސް ތައް ދެނެގަނެ އަދުލުވެރިކަމާއެކު ރައްޔިތުންގެ ބޭނުންތައް ފުއްދާދޭނެ މީހެކެވެ. މޫސުމީގުރޫޕްތަކައް އެއްފަރާތް ކޮށްފައި އެމީހުންނަށް ޚަރަދުކުރަންޖެހޭ ބޭކާރު ފައިސާ ރައްޔިތުންނަށް ޓަކައި ރައްކާކުރާށެވެ. ވޯޓުދެނީ ރައްޔިތުންކަމާއި ރައްޔިތުން ރުއްސީމާ މޫސުމީ ގުރޫޕެއްގެ ބޭނުމެއް ނޯންނާނެކަން ދަސްކުރަން ފަނަރަ އަހަރު ދުވަސް މަދީ ހެއްޔެވެ.

މިސާލަކަށް 700 ވަރަކަށް އަފޫޓުގައި ދެކޮޓަރީގެ 10000 އެޕާރޓްމެންޓް ހަދަން މިއަދުގެ މާކެޓް އަގުން ބަލާނަމަ ކަޓުގެ މައްޗަށް ކަޓު ނުނަގައި ހަދާނަމަ ޚަރަދުވާނީ ގާތްގަނޑަކަށް 500 މިލިއަންޑޮލަކަމަށް އަންދާޒާކޮށްބަލަމާހިނގާށެވެ.. ބޭނުންވަނީ މިކަހަލަތިން ހަތަރު ބުރެކެވެ. އެންމެ މުހިންމު ކަންތަކުގެ ލިސްޓުގައި މިކަންތައް ހިމަނައިގެން ކޮންމެ 5 އަހަރުގެ ދައުރަކުން މީގެ ދެ ބުރު ނިންމާލާށެވެ. ދެވަނަ ދައުރަކާމެދު ނުވިސްނާށެވެ. ރައްޔިތުން އެކަމާ ވިސްނައި އެކަން ކޮށްދޭނެއެވެ. ބްރިޖެއް އަޅަންވެސް އެ ވަރުގެ އަދަދަކަށް ޚަރަދުކުރުމުގެ ވިސްނުން ގެންގުޅޭއިރު އަދި ބުރިޖުން ދަތުރުކުރުން ހިލޭ ކޮށް އޮތުމުން ރައްޔިތުންނަށް ޓަކައި ރައްޔިތުންގެ ހައްގުގައި މިވަރުގެ ކަމެއް ނުކުރެވޭނެ ހެއްޔެވެ.

ބުރިޖުން ހިލޭ ދަތުރު ކުރެވޭ އުސޫލުން މި ތަންތަންވެސް ރައްޔިތުންނަށް އަގަކާނުލައި ދެވެންވާނެއެވެ. ނުވަތަ ދިޔަ ޚަރަދުގެ ދެބައިކުޅަ އެއްބައި އެޕާރޓްމެންޓުލިބޭމީހާގެ އަތުން އެކަށީގެންވާ މުއްދަތެއްގައި ސަރުކާރަށް ލިބޭގޮތަށް ވެސް ހެދިދާނެއެވެ. އެހެންނޫނީ އިމާރާތް ހިލޭ ދިނުމަށްފަހު މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ޖީބަށް ކުޅަދާން އަގެއްވެސް ނެގިދާނެއެވެ. މިހާރު މި ހަދާގޮތަށް އިމާރާތް ކުރުމުގެ ޚަރަދު ގުނައިން ގުނަ ކުރުމަށްފަހުގައެއް ނޫނެވެ. އަދި މިހާތަނަށް އެޕާރޓްމެންޓް ދިނުމަށް ލިސްޓް ނެގި ގޮތަކަށްވެސް ނޫނެވެ. ދޭން ޖެހޭނީ އިންސާފުން ބޯހިޔާވަހިކަން ހައްގުވާ ފަރާތަށެވެ.

މިކަން މިގޮތަށް ނުކުރާނެކަންވެސް އެނގެއެވެ. އެކަމަކު އޭގެ މާނައަކީ ނުކުރެވޭނެއެކޭވެސް ނުމެނޫނެވެ. ހިތްވަރުކޮށްލާފާ މިކަންކުރަން ކެރިއްޖެ ވެރިޔަކަށް އޭރުން ދިހަ ދައުރަށްވެސް ވެރިކަން ކުރަން ރައްޔިތުން ރުހިގެން ފުރުސަތުދޭނެއެވެ. އަމުދުން ވެރިކަމެއް ފެށިގެން އަންނަނީ ރައްޔަތުންގެ ފަރާތުން ރައްޔަތުންގެ ބޭނުންތަކަށް ކަމަށް ވަކާލާތު ކުރާއިރު ސަރުކާރެއް ހުވާކުރުމާއިއެކު ރައްޔަތުން އަތުން އިތުރު ޓެކްސް އެއް ޖުރުމާނާ ކޮށްގެން ނަމަވެސް ނެގޭތޯ ބެލުމުގެ ވިސްނުން އައުމުން އެވެރިކަން ޚަރާބުވާނެއެވެ.

ރައްޔިތުން ބޭނުންވަނީ އަތްފޯރާފަށުގައި ބޯހިޔާވަހިކަމެވެ. މިވޭތުވެދިޔަ 20 އަހަރު ތެރޭގައި ވަރަށްގިނަ ވަޢުދުތަށް އަޑުއަހައިފީމެވެ. ”ތާހިރު ދިރިއުޅުމެއްގެ ތެރެއިން ހެޔޮވެރިކަމެއް“ ”އަނެއް ދިވެހި ރާއްޖެ“ ޖަޒީރާ ރާއްޖެ“ ”އިންސާފުވެރި ފަނޑިޔާރުގެ“، މަސްވެރިންގެ ޖީބައް ސިދާ ޑޮލަރު“ “ ރެސޯޓްތަކުގެ ހިއްސާ މުވައްޒިފުންނަށް“ “ ރަށްވެހި ފަތިސް“ ދެން މިހެންގޮސް ބައިވެރެވެ.

ވެރިކަން ކުރަން ބޭނުންވާ މީހާއަށް ފުރުސަތު އެ އޮތީ ހުޅުވިފައެވެ. ރައްޔިތުން ދެކެ ވާ ލޯބި ދައްކާލަ ބަލާށެވެ. ރައްޔިތުން އެމީހުންގެ ލޯބީގެ ރައްދު އިހްސާންތެރިކަމާއެކު އަދާކޮށްދޭނެއެވެ. މޫސުމީ ގުރޫޕްތައް ކުނިގޮޑަށް އުކާލާފައި ރައްޔިތުންނާއި ކޮޑާކޮޑު ޖައްސަވާށެވެ. މިއީ އެންމެން ދަންނަ އަދި އެންމެނަށް އެނގޭ ސިއްރެކެވެ.

Loading

One Response

  1. މިހާރަކު ދެން މޫސުމީ ގުރޫޕްތައް އެއްފަރާތް ކުރެވޭކަށް ނޫންނާނެއެވެ. ކެޔޮ ކޭ ވަރު އެނގޭނީ ހަމައެކަނި ބިތުފަންގި ނެގީމަކާނޫނެވެ. މި ގުރޫޕްތަކަށްވެސް ހާދަ އެއްޗެއް އެނގޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް