ދުނިޔެ ޓެކްނޯލޮޖީގެ ނުރައްކާތެރި ވިލާގަނޑެއްގެ ދަށުގައި: އެމެރިކާ އާއި ނޭޓޯ ފަހަތުފަޔަށް ބުރަވަނީި ސަބަބެއް ނެތިއެއް ނޫނެވެ.

Loading

Facebook
Twitter
WhatsApp

ސައެންސާއި ޓެކްނޯލޮޖީ ކުރިއަރާފައިމިވަނީ އިންސާނުން ހީވެސް ނުކުރާފަދަ ބާރު ދުވެއްޔެއްގައެވެ. އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދީފައިވަނީ މުވާސަލާތާއި ދަތުރުފަތުރު ކުރުމަށް ކަމުގައި އެއްވެސްމީހަކު ދެބަސް ނުވާނެއެވެ. މީގެ ފަންސާހަކަށް އަހަރުދުވަހުގެ ކުރިއަށް ހަމައެކަނި މިބުނި ދެދާއިރާއިން ބަލާލާއިރުވެސް މިއަދު މިފެންނަނީ އަޖައިބުވެ އަންތަރީސް ވެދާފަދަ ކުރިއެރުމެކެވެ.

ފޯނުގެ ލޯވަޅުތަކުން އިނގިލި ނުނެގިގެން އުޅުނީ ދާދި މިދާކަށް ދުވަހުއެވެ. މިއަދު މާކަނޑު މެދުގައި ހުރެގެންވެސް އަނބިދަރިންނާއެކު ވާހަކަ ދައްކާލަނީ ހަތަރު ފަސް އިންޗި ހުންނަ ކުޑަކުޑަ އެއްޗަކުންނެވެ. ދަމާކޫއްތާފާ ގެންދާކަށް ދިގުވާގަނޑެއް ނޯވެއެވެ. ހަމަ އެގޮތަށް ދަތުރުފަތުރުގެ ވާހަކަ ދައްކަން މި ލިއުންތެރިޔާގެ ނުކުޅެދުންތެރިކަމޭ ބުނުން ނޫނީ ބުނާނެ އެހެން އެއްޗެއް ނެތެވެ. އެހެންނަމަވެސް މިފަދަ ބޮޑު ކުރިއެރުމާއި ލުއި ފަސޭހަކަން ގެނެސްދިން ސައެންސާއި ޓެކްނޯލޮޖީގެ ބިތުފަންގި ނެގީމާ މި ފެންނަނީ ނާމާން ކަމާއި ބިރުވެރިކަމެވެ. ހަމަ ކޮންމެމީހަކަށްސް މިކަން އެނގެން ޖެހެއެވެ. ކިޔާލަމާހިނގާށެވެ.

ސީ. އައި. އޭ. ގެ ރަޝިޔާއާއިގުޅޭ ކަންތައްތައް ބަލާ ދިރާސާކުރާ އިސް މުޙައްލިލު ގޮތުގައި ކުރިން ޙަރަކާތްތެރި ވަމުންދިޔަ ޖޯޖް ބީބީ ބުނެފައިވާ ގޮތުގައި ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް ނުވަތަ ޖީ. ޕީ. އެސް. އަކީ ރަޝިޔާގެ ރައީސް އަތްޕުޅުގައިއޮތް ނުރައްކާތެރި ބާރުގަދަ ހަތިޔާރެކެވެ. އޭނާއަށް މަގު ބަންދުވާވަރަކުން އޭގެ ނުރަނގަޅު ބޭނުން ނުކުރާނެއެކޭ ނުބުނެވޭނެއެވެ.

އެއްވެސް މީހެއްގެ އަތުގައި މިފަދަ ބާރެއް ނުވަތަ ހަތިޔާރެއް އޮތުމަކީ ނުރައްކާތެރި ކަމެއްގެ ގޮތުގައި ބެލެވެނީ ކީއްވެގެންކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެކަން އެނޫންގޮތަކަށް ބަދަލުކުރުމުގެ ބާރު އަޅުގަނޑުމެނަށް ލިބިފައި ނެތިދާނެއެވެ. އެހެނަސް ގިނަމީހުންނަށް މިފަދަ ކަންކަން އެނގުމަކީ އެފަދަ ބާރެއް ހިއްސާކުރުމުގެ ގާބިލުކަން ލިބިފައިވާ ފަރާތްތަކުން އެކަންކުރުމަށް އެޅޭ ބާރަކަށް ވާނެއެވެ.

އެންމެފުރަތަމަ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމަކީ ކީއްކުރާ އެއްޗެއްކަން ކުރުކުރުކޮށް ބަޔާން ކޮށްލަދެވޭތޯ ބަލާނަމެވެ. ތަފްސީލުކޮށް ބަޔާންކުރުމުގެ އިލްމާއި ގާބިލްކަން މިލިއުންތެރިޔާގެ ކިބައިގާ ނުވެސް ނެތްމެއެވެ. އެހެންނަމަވެސް މި ލިއުންތެރިޔާއަށް ވުރެން ކުޑަކޮށް އެ މައުލޫމާތު ލިބިފައިތިބި ކިއުންތެރިންވެސް ތިބެދާނެތީ މި ލިއުންތެރިޔާއަށް އެނގޭ ކުޑަމިންވަރު ހާމަކޮށްލަ ދިނުމަކީ އެއިން ފައިދާއެއް އަނެކާއަށް ކޮށްފާނެ ކަމެއްކަމުގައި ދެކެމެވެ.

ޚުލާސާގޮތެއްގައި ބުނާނަމަ ދަތުރުފަތުރު ކުރުމުގައި ހުރެވޭ ތަނާއި ވަގުތާއި އަދި ދަތުރުކުރަން ބޭނުންވާ މަގު އޮޅުންފިލުވާ ދެނީ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް ( ޖީ. ޕީ. އެސް. ) ސެޓެލައިޓުން ފޮނުވާ ސިގްނަލްގެ ބޭނުން ކޮށްގެންނެވެ. އެހެންވީމާ ޖީ. ޕީ. އެސް. ސެޓްލައިޓް ނައްތާލައިފިނަމަ މުޅިދުނިޔޭގެ ދަތުރުފަތުރު ކުރުން ހުއްޓުމަކަށް އަންނާނެއެވެ. މޯބައިލް ފޯނުތަކާއި މުވާސަލާތީ ނިޒާމްތައް ފޭލިވާނެއެވެ. ސިފައިންގެ ލަޝްކަރުތަކަށް މަގުއޮޅޭނެއެވެ. ބޭންކު ތަކުގެ މަސައްކަތްތަކަށް ދިގުވަގުތުތަކެއް ނަގާނެއެވެ. އެހެން ގޮތަކަށް ބުނާނަނަމަ ދިވެހިންގެ މުރަގަހުމާލިމީގެ ޒަމާން އަލުން އިއާދަވާން ޖެހޭނެއެވެ. މިއީ ފަސޭހައިން ބުނެލުމަށްވުރެ ބިރުވެރިކަމެކެވެ.

ޖައްވުގައިހުރި ރަޝިޔާގެ ބޭނުންނުކުރާ ސެޓްލައިޓެއް ހަލާކޮށްލުމަށްޓަކައި 2021 ނޮވެމްބަރ 15 ވަނަދުވަހު ރަޝިޔާއިން ފޮނުވި ޓެސްޓު މިސައިލުން ހަލާކުކޮށްލި ސެޓެލައިޓުން ވިއްސިގެންދިޔަ ބައިތަކުން ޖައްވުގައި އެނބުރެމުންދާ ބައިނަލް އަގްވާމީ ޖައްވީ މަރުކަޒުގެ ފަޅުވެރިންނާއި އެހެނިހެން ސެޓެލައިތަކަށް ނުރައްކަލާ ކުރިމަތިވިއެވެ.

ރަޝިޔާގެ މި ޓެސްޓުކުރުމަކީ އެމެރިކާގެ ސެޓެލައިޓްތައް ރަޝިޔާއިން ބޭނުން ކޮންމެވަގުތަކު ހަލާކު ކޮށްލެވިދާނެ ކަމަށް އެމެރިކާއަށް ދިން ވަރުގަދަ އިންޒާރެކެވެ. އަދި ރަޝިޔާއިން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ޖައްވުގައި ހުރި ޖީ. ޕީ. އެސް. ގެ 32 ސެޓެލައިޓްވެސް ވައްޓާލެވިދާނެކަމުގެ ގާބިލުކަން އެބަހުރިކަން އަންގަދިނުމާއި އޭގެ ދެ ހަފްތާފަހުން ރަޝިޔާގެ މީޑިޔާއިން ފަޚުރުވެރިކަމާއެކު އެކަން ހާމަކުރިމެއެވެ. އެފަދަ ކުރިމަތި ލައިފި ޙާލަތެއްގައި މުޅި އެމެރިކާ ހުއްޓުމަކަށް އަންނާނެއެވެ. އެހެންކަމުން ރަޝިޔާގެ މި އިންޒާރަށް ފަރުވާކުޑަ ކުރެވެންނޯންނާނެ ކަން އެމެރިކާއަށް ވިސްނެއެވެ.

ޙަގީގަތަކީ އަދި މި ފަންނުގައި ރަޝިޔާއާއި ޗައިނާއަށް ލިބިފައިވާ ގާބިލްކަން އެމެރިކާއާށް ލިބިފައިނެތުމެވެ. އެމެރިކާގެ އިސް ބޭފުޅުންނަށްވެސް އެނގޭގޮތުގައި އެމެރިކާގެ ސެޓެލައިޓްތައް ވައްޓާލަން ރަޝިޔާއިން ހަނގުރާމަ އިއުލާންކޮށްގެން މިސައިލް ފޮނުވާކަށް ނުޖެހޭނެއެވެ. އަދި ޖީ. ޕީ. އެސް ގެ ސިގްނަލްތައް ހުއްޓުވާލަން އެ ސެޓެލައިޓްތައް ނެތިކޮށްލާކަށްވެސް ނުޖެހޭނެއެވެ. މިކަންތައްތަކަކީ ރަޝިޔާގެ ރައީސް އޮފީހުގައި އިންނަވައިގެން އޮބާލައްވާ އެންމެ ސްވިޗަކުން ނިންވާލެވެން ހުރި ކަންތައްތަކެވެ. ރަޝިޔާއިން މިހާރުވެސް ދޭތެރެދޭތެރިން ޖީ.ޕީ. އެސް އަދި އެހެނިހެން ސެޓެލައިޓްތަކަށް ހުރަސް އަޅަމުން ގެންދާކަމާއި ރަޝިޔާއިން ބޭނުންވެއްޖެ ހިނދެއްގައި މުޅިދުނިޔެއިން ޖީ. ޕީ. އެސް. ގެ ސިގްނަލް ހުއްޓުވާލުމާއި އެންމެ ފަހުގެ އެއާރކްރާފްޓް ކެރިއަރ ތަކަށްވެސް ހުރިތަން ނޭންގޭގޮތަށް މަގުއޮޅުވާލުމާއި އަދި ރަޝިޔާގެ ރައީސް ބޭނުންވެއްޖެ ހިނދެއްގައި އޮފީހުގައި އިނދެގެން އަލުން އެ ވަސީލަތްތައް އިއާދަވެސް ކުރެވިދާނޭ ގާބިލުކަން މިއަދު އެވަނީ ހޯދާފައެވެ. މިކަން އެމެރިކާއަށްވެސް ވަރަށް ރަނގަޅަށް އެނގެއެވެ.

ރަޝިޔާއިން ކުރިން މިދެންނެވިދިޔަ ސެޓްލައިޓް ވައްޓާލި ދުވަސްވަރަކީ ޔޫކްރޭންގަ ސަރަހައްދަށް ރަޝިޔާގެ ސިފައިން ޖަމާކުރަންފެށި ދުވަސްވަރުވެސް މެއެވެ. އެކަމަކު ރަޝިޔާއިން ކޮންމެ ވަގުތަކުވެސް އެމެރިކާގެ ސެޓްލައިޓްތައް ވައްޓާލާފާނެކަން އެނގޭތީ އެމެރިކާއަށް ޖެހުނީ ފަހަތުފަޔަށް ބަރުވެގެންހުރެ ޔޫކްރޭނަށް އެހީވުމުގެ މަސައްކަތް ކުރާށެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުއައްސަސާއިން ފާހަގަކުރާ ގޮތުގައިވެސް ޖީ.ޕީ.އެސް. ގެ މައްސަލައަކީ އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އަދި ނާކާމިޔާބީއެއްވެސް މެއެވެ.

ރަޝިޔާއިން އަޅާ މިފަދަ ފިޔަޅެއްގެ ނަތީޖާއަކަށް ވާނީ އެމެރިކާގެ ސިޔާސީ އަދި އިގްތިސާދީ ހުރިހާ ހަރަކާތެއް ކަކޫމައްޗަށް ތިރިވުމެވެ. ހަމައެކަނި މިސަބަބު ތަކަށްޓަކައިވެސް އެމެރިކާއަށް ވެސް މިއަދު ހަށިފޮޅާލާފައި ރަޝިޔާއަށް ބެނުންގޮތެއް ހަދާލެވެން ނެތްކަން މިހާރު ހިގަމުން މިދާ ޔޫކުރެއިން ހަނގުރާމައިން ބޭޒާރުވެއްޖެއެވެ. އެގޮތުން އެމެރިކާއާއި އަދި ނޭޓޯއަށްވެސް މިވަނީ ރަޝީޔާއިން ބުނި ހިސާބެއްގައި މަޑުކުރުން ނޫންގޮތެއް އަދި ނެތިފައެވެ.

އެމެރިކާގައިވެސް ޖީ.ޕީ.އެސް. ގެ ނިޒާމެއް ގާއިމް ކުރެވިފައިހުއްޓެވެ. އެހެނަސް މީގެކުރިން ސިޔާސީ އިސް ބޭފުޅުން ދެކިވަޑައިގަތީ ރަޝިޔާއިން އެސިސްޓަމް ގާއިމްކޮށްފާ ހުރުމާއެކު ދެވަނަ ނިޒާމެއް ބެހެއްޓުމަކީ އެއީ ބޭކާރު ކަމެއްގެ ގޮތުގައެވެ. ކަންމިގޮތަށް ހިނގާ ދިޔަނަމަވެސް އަލުން އެނިޒާމު އޮތުމުގެ މުހިންމުކަން ފާހަގަ ކުރެވިގެން 2008 އިން 2015 އާ ދެމެދު ޖައްވުގެ ބަދަލުގައި ބިމުގައި އެފަދަ ނިޒާމެއް ގާއިމްކުރަން އެމެރިކާއިން ގަސްދުކުރިއެވެ. އަދި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ތައްޔާރުކުރުމުގެ މަސައްކަތް ވެސް 2020 ގައި ފެށުނެވެ. އަދިވެސް އެކަންތައްއޮތީ ހަމަފެށުނުހިސާބުގައެވެ.

ޖީ.ޕީ.އެސް. ގެ މައްސަލާގައި މެދުވެރިވާ ނުރަނގަޅު ޙާލަތުން އެމެރިކާގެ އިގްތިސާދަށް ހީނުކެރެވޭ ފަދަ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އަދި ހަމައެފަދައިން އެތެރޭގެ މައްސަލަތައް އުފެދުމާއި ރަޝިޔާގެ އިދިކޮޅު އުދުވާނަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި އެފަދަ އުދުވާނަށް ރައްދުދިނުމުގެ ކުޅަދާނަކަން ނެތުމުގެ ބިރުވެސް ކުޑައެއްނޫނެވެ. ހަމައެކަނި ކުޑަހިނދުކޮޅަކަށް ރަޝިޔާއިން އެފަދަ ފިޔަވަޅެއް އެޅިޔަސް އެކަމުގެ ގެއްލުމާއި އަދި ދުނިޔޭގައި އެމެރިކާގެ ބާރުގަދަ މަގާމު އެމެރިކާއަށް އެތައް ޒަމާނަކަށް ގެއްލިގެންދާނެއެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި ރަޝިޔާއިން ކުރި އެންޓި ސެޓެލައިޓް ޓެސްޓުގެ ސަބަބުން އެހެންދާއިރާތަ ކުގައިހުރި އެމެރިކާގެ ނުކުޅެދުންތެރި ކަންވެސް ހާމަވެގެން ހިގައްޖެއެވެ. މިފަދަ ޙާލަތަކަށް މިކަންތައް ވެއްޓިގެން މިދިޔައީ އެންމެ މުހިން ދާއިރާތަކަށް ފަރުވާ ކުޑަކުރުމުގެސަބަބުން ކަމުގައި އެމެރިކާގެ ވެރިންވެސް މިހާރި ގަބޫލުކުރެއެވެ. ހަމައެއާއެކު ރައްކާތެރި ޖީ.ޕީ.އެސް. ގެ ނިޒާމެއް ތަޢާރުފު ކުރެވިގެންނޫނީ މިކަމުން އަރައެއް ނުގަނެވޭނެއެވެ. އެމެރިކާގެ ރައްކާތެރި ކަމަށްޓަކައި އިތުރު ޖީ.ޕީ.އެސް. ގެ ނިޒާމެއް ގާއިމްކުރަން ބޭނުންވާ ޓެކްނޯލޮޖީ މިހާރު ވަނީ ހޯދިފައިކަމަށް އެމެރިކާ ސަރުކާރުން މިހާރު އެބަ ބުނެއެވެ. އަދި މިހާރުގެ ޖީ.ޕީ.އެސް. ނިޒާމަށް އެމެރިކާއިން އަހަރަކު ޚަރަދުކުރާ 1.5 ބިލިއަން ޑޮލަރަށްވުރެން މާމަދުން ޚަރަދުކޮށްގެން އެމެރިކާއަށް ޔަގީންކަން އޮންނަ ނިޒާމެއް ގާއިމް ކުރެވިދާނެ ކަމަށްވެސް އެމެރިކާގެ ވެރިން ގަބޫލު ކުރެއެވެ.

ނަމަވެސް އެމެރިކާއަކީ ގާނޫނީ ވެރިކަމެއް ހިނގާ އަދި ގާނޫނަށް ތަބާވާ ގިނަ ރައްޔިތެއް ދިރިއުޅޭ ގައުމަކަށްވާތީ މިކަމަށްވެސް ގާނޫނުތައް ހެދިފާހުރުމުގެ މުހިންމުކަން ވަރަށް ބޮޑެވެ. ރަޝިޔާގެ ޙިސޯރުން ޖީ.ޕީ.އެސް. ގެ ނިޒާމު ސަލާމަތް ކުރުމަށްޓަކައި މިއީ އެމެރިކާއިން އެންމެ ފުރަތަމަ ކުރަން ޖެހިފައިވާ ކަމެއްގެގޮތުގައި މިވަނީ ނިންމާފައެވެ.

Loading

2 Responses

  1. އާނހާ…ނަގޫ މިއޮތީ ފިތިފާ ދޯ… މިހެންވެގެންތާ ޓެކްނޯލޮޖީ އާއި އެކުއެކީ ކުރީގެ މޯސްކޯޑުން ބޭނުންކުރި ނިޒާމު ޖަޕާނުން އަދިވެސް ހުއްޓާނުލާ ކުރިޔަށް ގެންދަނީ.

  2. އެމެރިކާ ބޭނުންވާނީ އިރާގަށް ހެދިހެން ރަޝިޔާއަށްވެސް ހަދާލަން. މިހެންވެގެންދޯ އެ އުޅެނީ ތިބުނާހެން ފަހަތުފަޔަށް ބުރަވެވިގެން. ޔޫކުރޭން ގެ ރައީސް ކައިރީގަ އަހަރެމެން އެބަތިބީމޭކަލެޔާ އެކުގައި ކިޔާފަ އެފަކީރުގެ ގައުމު އެކުކަހަލަ ގޮތަކަށް ސުންނާފަތިވާއިރުވެސް އެބުނާ ނޯއެކްޝަން ޓޯކް އޮންލީ NATO ހަމަ ބޮޑު ބައިސާ ކެނޑުމުގައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް