މިބިމުގެ މިލްކުވެރިކަމަކީ އަބަދުވެސް ގަދަބާރުން ފޭރިގަންނަ އެއްޗެއް

Loading

Facebook
Twitter
WhatsApp

ދުނިޔޭގެ ތާރީޚުން ލިބިދޭ ފިލާވަޅުތަކަށް ބަލާއިރު މި ދުނިޔޭގެ ބިމަކީ އަބަދުވެސް ގަދަބާރުން ގަދަމީހާ ފޭރެމުން ގެންދާ އެއްޗެކެވެ. ތަނުގެ އަހުލުވެރިންނަށް ބަހެއް ބުނެލާނެ ފުރުސަތެއްވެސް ލިބެނީ މަދު ފަހަރެއްގައެވެ. ވެރިންނޭ މިކިޔާ ބައަކު ހިތުހުރިގޮތަކަށް ކުޅެން ލިބިފާއޮތް ފުޓުބޯޅައެއް ކަހަލައެވެ.

އަޅުގަނޑުމެންގެ ރާއްޖެއިންވެސް ފެންނަނީ ހަމަ މިކަހަލަ މަންޒަރުތަކެވެ. އެއްޒަމާނެއްގައި ވަކި ރަށެއް ތަންކޮޅެއް ދުރުގައިއޮތީމާ އަވަށްޓެރި ގައުމަކަށް ރަސްގެފާނު ދެއްވި ވާހަކައެއްވެސް ދައްކާތީ އަޑުއަހަމެވެ. ފަހެ އެއީ އެ ރަސްގެފާނުގެ ވާރުތަ މުދަލެއް ހެއްޔެވެ؟ މި ގައުމުގެ ރައްޔިތުންގެ މިލްކިއްޔާތުތައް ތަސައްރުފްކުރުމުގެ ބާރު އަމިއްލަ ހޯދައިގެން އެ ކުރާ ކަންތަކާމެދު ނުރުހިގެން އެއްޗެއް ބުނާމީހަކު އޭރު އޮންނަންޖެހެނީ ހުރަގޭގައެވެ. މިހާރުވެސް ކަންތައް މިދަނީ ހަމަ އެބީދައިންނެވެ. ރަށްތަކާ ފަޅުތައް ބަހަމުންގެންދަނީ ވެރިމީހާއަތަށް ހުރިހާ ބާރުތަކެއް ޖަމާކޮށްގެނެވެ. ރައްޔިޔުން ހައްގަކީ އޭނާ ބޭނުންގޮތަކަށް ކުޅެންގެންގުޅޭ ބޯޅައެއްކަހަލައެވެ. ހެޔޮލަފާ ވެރިއެއެް ނަމަ ނުފޫޒްގެ ބޭނުންކޮށްގެ އިތުރަށް ބާރުވެރިވުމަށް މަސައްކަތެއް ނުވެސް ކުރަނެމެއެވެ.

އަޅުގަނޑު މިތާގައި ވަރަށް ޚުލާސާގޮތަކަށް މި ނަކަލު ކޮށްލަނީ މިއަދުގެ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެބާރު ކަމަށްވާ އެމެރިކާއާއި ރަޝިޔާއާއި ދެމެދު ހިނގާދިޔަ މިބާވަތުގެ މުޢާމަލާތެކެވެ. އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންޖެހޭ ފިލާވަޅެކެވެ.

1867 ވަނައަހަރުގެ މާރޗްމަހުގެ 30 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ވިލިއަމް އެޗް. ސީވާރޑް އާއި ރަޝިޔާއިން އެމެރިކާއަށް ކަނޑައޅުއްވާފައިހުންނެވި ސަފީރު ބެރޯން އެޑްއޯޑް ޑި ސްޓެކްލް ސޮއިކުރި ޓްރީޓީ އޮފް ސެސަން އަކީ ރަޝިޔާގެ ވެރިޔަކަށް ކުރެވުނު އެންމެ ނުރަނގަޅު ކަންތަކެވެ. ގަލަމުގެ ތުނޑުން ކުރަހާލި ސޮއެއްގެ ނަތީޖާއަކަށް ވެންދިޔައީ ރަޝިޔާއަށް ލިބިފައިވާ އެންމެ މުއްސަނދި ސަރަހައްދު އަބަދަށްޓަކައި އަތުން ބީވެގެން ދިއުމެވެ. 2 މިލިއަން ޑޮލަރަށް އަލަސްކާގެ ރައިޓްސް އެމެރިކާއަށް ވިއްކާލީއެވެ. 125 އަހަރުދުވަހު އަލަސްކާއަކީ ރަޝިޔާގެ ތަނެއްގެ ގޮތުގައި އޮތުމަށްފަހު މިއަދުގެ މާރކެޓްއަގުން އެންމެ 8 މިލިއަށް ޑޮލަރަށް ވިއްކާލީއެވެ.

ރަޝިޔާގެ ބާރު އަލަސްކާގެ ބެރިންގސީ އިންފެށިގެން ސެންފްރާންސިސްކޯބޭގެ 90 ވަރަކަށް މޭލުދުރުމިނުގައި އޮންނަ ފޯޓް ރޮސް އަށް ފެތުރިފައިއޮތް އޮތުން ނިމުނަކަށް އައީއެވެ. އެ ބަންދުކޮށްލެވުނީ ރަޝިޔާއިން އާރޓިކް ކަނޑަށް ހުޅުވިފާއޮތް ދޮރާއްޓެވެ. ހަގީގަތުގައި ރަޝިޔާ-އެމެރިކާގެ އެއްބަސްވުމަކީ ގަނެވިއްކުމުގެ އެއްބަސްވުމެއް ނޫނެވެ. އެއީ ރަޝިޔާއިން އަލަސްކާއަށް އޮތް ޙައްގުތައް ދޫކޮށްލުމުގެ އެއްބަސްވުމެކެވެ. އެތަނުގެ މިލްކުވެރިކަން ބޭނުންނަމަ އެމެރިކާނުންނަށް ޖެހޭނީ އެތަނުގެ އަސްލު ވަޒަންވެރިންނާއި ވާހަކަ ދައްކައިގެން ގޮތެއް ނިންމާށެވެ. އަލަސްކާގެ ވަޒަންވެރިންނަކީ ދުނިޔެއަށް ހުޅުވިފާނެތް އެއްވެސް ތަހްޒީބު މުޖުތަމާ އެއްގެ ހިޔަނިވެސް އެޅިފައިނެތް ބަޔަކަށްވީހިނދު އެމެރިކާއިން ކަންތައް ކުރާނެގޮތް އެއީ އެންމެނަށްވެސް އެނގޭނެ ކަމެކެވެ.

އަލަސްކާއަކީ އެމެރިކާގެ އެންމެ މުއްސަނދި ސަރަހައްދެވެ.

ތެލާއި މައުދަނާއި ރަނާ ގުދުރަތީ ވަސީލަތްތަކުން އިންތިހާއަށް މުއްސަނދި ސަރަހައްދެކެވެ. މީގެ އިތުރުން މަސްމަހާއި މެއްސާއި ޖަނަވާރު އަދި ދޫނިސުފާސޫފި މުއްސަނދިކަން އިންތިހާއަށް ފެތުރިފައިއޮތް އަދިވެސް ރަނގަޅަށް ހޯދިފައި ނުވާ ބިޔަ ބޮޑު ސަރަހައްދެކެވެ. އެހެންވީމާ އެމެރިކާގެ ގޮޑުދޮށްތަކަށް ފެތުރިފާއޮތް ރަޝިޔާގެ ބާރުތަކުން އަލަސްކާ ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ ސިޔާސަތާކުޅޭމީހުންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް މީގެ ޖަވާބު އެނގެންޖެހެއެވެ. ހަމައެކަނި ރަޝިޔާއާއި އެމެރިކާގެ މީހުންނަކަށްނޫނެވެ. މުޅި ދުނިޔެއަށްވެސް ހާމަވާން އެބަ ޖެހެއެވެ. މިއަދު މިއޮތީ ރަޝިޔާގެ ގޮނޑުދޮށުގައިއޮތް ޔޫކްރޭނަށް އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ނުފޫޒުފޯރުވަނީ ކަމަށްބުނެ އެކަންހުއްޓުވަން ރަޝިޔާއާއިން ޔޫކްރޭނާ ހަނގުރާކުރާ ތަންވެސް ފެންނާށެވެ.

އެސްކިމޯ ދަރިކޮޅުގެ މީހުން ބުނާގޮތުގައި ރަޝިޔާއިން އެމެރިކާއަށް އަލަސްކާ ވިއްކާލުމާބެހޭ ގޮތުން ދެގޮތަކަށް ވާހަކަ ދެކެވެއެވެ. އެއްގޮތަކީ ރަޝިޔާއަށް އަލަސްކާ ލިބުނުގޮތް ކަމަށް ދެކެވޭ ވާހަކައާއި އެންމެފަހުން އެމެރިކާއަށް ވިއްކާލަން ޖެހުނު ގޮތުގެ ވާހައެވެ. އަލަސްކާގެ އެސްކިމޯ ދަރިކޮޅުގެ މީހުން މިހާރުވެސް ރަޝިޔާއިން އަލަސްކާ ވިއްކާލިދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ ލިބުނު ބޮޑު ގެއްލުމާއި ގުޅޭތަފާތު ޝުއޫރުތަކާއިއެކު އެހެނަސް އުންމީދުތަކަކާއި އެކުގައެވެ.

ރަޝިޔާއިން އިތުރުބިންތައް އަތުލުމުގެ އެދުން ފެށިގެންއައީ 16ވަނަ ގަރުނުގެ ތެރޭގައެވެ. އެއީ 1560 ވަނައަހަރު ހިސާބުގައެވެ. އިތުރު ބިންތައް ފަތަހަކުރުމުގެ ބޭނުމުގައި އެކިތަންތަނަށް ހަމަލާދީ ސުންނާފަތި ކުރަމުން ގެންދިޔަ ދުވަސްތަކުގައި ޗަންގީޒްޚާންގެ ކާފަދަރިއެއްގެ ބާރުގެ ދަށުގައިއޮތް ސައިބީރިއާގެ ޚާނާޓޭ ސަރަހައްދު އަތުލުމަށްފަހު ޖެހިގެންއައި 60 ވަރަކަށް އަހަރުގެ ތެރޭގައި މުޅި ސައިބީރިޔާ އެއްކޮށް އަތުލައި އަލަސްކާއިން ފެށިގެން ކެލިފޯނިޔާއާއި ހަމަޔަށް ރަޝިޔާއިން ފަތަހަކުރިއެވެ.

އަލަސްކާއަކީ 17000 އެލޫޓިއަން ޖަޒީރާގެ މައްޗަށް އެކުލެވޭ ސަރަހައްދެކެވެ. އިނިއުޓުންނާއި އަތަބަސްކަނުންނާއި ޔޫޕިކުންނާއި އުނަންގާނުން އަދި ޓްލިންގިޓުންގެ ނަސްލަށް ނިސްބަތްކުރެވޭ ލައްކައެއްހާ މީހުންގެ އާބާދީއެއް އޭރު އޮތްކަމަށް ބުނެވެއެވެ. ނަމަވެސް ރަޝިޔާއިން އަލަސްކާ ވިއްކާލިއިރު އެތަނުގެ ޖުމުލަ އާބާދީ އަކީ ގަތްގަނޑަކަށް ބައިލައްކައެއްހާ މީހުންނެވެ. ރަޝިޔާގެ އަނިވެރިކަމުގެތެރޭން އެކިގޮތްގޮތުން މަރާލެވުނު މީހުންނާއި އެކިއެކި ބަލިބަލީގައި ބޭސްފަރުވާއެއް ނުލިބުމުގެ ސަބަބުން އާބާދީ ނެތި ފަނާވެގެން ދިޔައީއެވެ. ރަޝިޔާއިން ސައިބީރިޔާ އަތުލުމުގެ އެންމެ ބޮޑު ބޭނުމަކަށް ވެފާއޮތީ އެ ސަރަހައްދަކީ ޖަނަވާރުގެކެހެރީގެ ވިޔަފާރިއަށް ޚާއްސަ ތަނަކަށްވުމުން ސަރުކާރަށް އިތުރު ޓެކްސް ފައިސާ ހޯދުމާއި އޮތޯޑޮކްސް ނަސްރާނީ ދީން ފެތުރުމެވެ.

18 ވަނަ ގަރުނުގައި ޕީޓަރ ދަ ގްރޭޓް ކިޔާމީހަކުގެ ބެލުމުގެ ދަށުން ފުރަތަމަފަހަރަށް ރަޝިޔާގެ ކަނޑުގެ ސިފައިން އުފެއްދިއެވެ. މި ލަޝްކަރުގެ އެންމެ ބޮޑު ބޭނުމަކަށްވެފައިއޮތީ އޭޝިއާ ބައްރު ފެތުރިފާއޮތް ހިސާބެއް ދެނެގަތުމެވެ. މި މަސައްކަތުގެ މައި މަރުކަޒު ގާއިމްކުރީ ސައިބީރިއާގެ ޝަހަރެއްގައެވެ.

1741 ވަނައަހަރުގެ ތެރޭގައި ވިޓަސް ބެރިންގެ ވެރިކަމުގައި ފޮނުވި ފައުޖު ކާމިޔާބީ އާއިއެކު އަލަސްކާގެ ކައިރީގައި އޮންނަ ސެއިންޓް އެލިއަސް އާހަމަޔަށް ދަތުރުކުރިއެވެ. ނަމަވެސް އޭނާގެ ދެވަނަ ދަތުރުގައި ގަދަ ވިއްސާރައިގާޖެހި ދަތުރު ކުރުމަށް ބޭނުންކުރި އުޅަނދުއުރި ހަލާވެގެންގޮސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި އެ ހާދިސާގައި ބެރިންވެސް މަރުވީއެވެ.

ކޮންމެއަކަށް ދުނިޔޭގެ އަނެއްފަރާތުގައި އޮންނަ ތަނެއް ބެލެހެއްޓުމަކީ އަމުދުން މުވާސަލާތުގެ އެއްވެސް ވަސީލަތެއް ނެތް ޒަމާނެއްގައި ރަޝިޔާއަށް ފަސޭހަކަމަކަށް ނުވިއެވެ. އަދި ދަނޑުވެރިކަމުގެ ފުރުސަތު ކުޑަކަމަށް ބެލެވޭތީ ގިނަބަޔަކު އެތަނުގައި ވަޒަންވެރި ކުރުވުންވެސް ފަސޭހަކަމަށް ނުވިއެވެ. ރަޝިޔާގެ 800 އަށްވުރެން ގިނަމީހުން ވަޒަންވެރި ކުރެވޭނެ ގޮތް ނުވުމަކީ އަލަސްކާއާމެދު ދެވަނަ ވިސްނުމަކަށް ރަޝިޔާއިން ދާން ޖެހުނު ސަބަބެކެވެ.

ރަޝިޔާގެ މި މަދުމީސްކޮޅު ބަހާލެވިފައިވަނީ ތިންހަތަރު ޖަޒީރާއަކަށެވެ. އެ ރަށްތަކުގައި އެމީހުން ހިންގަމުންދިޔައީ ވަރަށް އަނިޔާވެރި ލާއިންސާނީ އަމަލުތަކެކެވެ. އެރަށްތަކުގެ އިސްރަށްވެހިންގެ ދަރިން ކިޑްނެޕް ކުރުމާއި ތަނުގެ އަހުލުވެރިންގެ މުދާތައް ފޭރުންފަދަ އެތައްއެތައް ކަމެއް ހިންގަމުން ގެންދިޔައެވެ. ރަޝިޔާގެ މީހުން އައިސްތިބީ ކަނޑި ބަޑިއާއި އެހެނިހެނ ހަތިޔާރުތައްވެސް ހިފައިގެންނެވެ. އަދި އެމީހުންގެ ކޮންޓްރޯލް ވަރުގަދަކުރުމުގެ ގޮތުން ނަސްރާނީ ދީނަށް ވައްދާފައިތިބި ޖާސޫސުންވެސް ބޭތިއްބިއެވެ. ރަޝިޔާމީހުންގެ ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހުރިހާ އެންމެން ރުހިގެން ތިބޭކަށް ބޭނުމެއްނުވިއެވެ. އެމީހުންގެ ސަރަހައްދުތައް ދިފާޢުކުރުމަށްޓަކައި ޓްލިންގިޓުން ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން އިދިކޮޅަށް ނިކުންނަން ފެށިއެވެ.

އެންމެފަހުން ރަޝިޔާއިން ގަސްދުކުރީ ދެކުނަށް އަމާޒުކޮށް ކެލިފޯނިޔާއާ ހަމަޔަށް ވާސިލުވެ އެތަނުގައި ދިރިއުޅެމުން އައި ސްޕޭން ދަރިކޮޅުގެ މީހުންނާއެކު ވެރިފާރީގެ މުޢާމަލާތުތައް ގާއިމުކުރާށެވެ. އަދި 1812 ވަނަ އަހަރު ހިސާބުގައި އޮންނަ ފޯރޓް ރޮސްގައި ރަޝިޔާގެ ދަރިފަސްކޮޅުގެ މީހުން ވަޒަންކުރުވަން ފެށިއެވެ.

އެމެރިކާ ފަތަހަކުރަން ރަޝިޔާއިން ތިރީހަކަށް އަހަރުދުވަހު ކުރި މަސައްކަތުންވެސް ހިތްހަމަޖެހޭ ވަރުގެ ކާމިޔާބީއެއް ނުލިބުމުންނާއި ކްރީމިއާގެ ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމާއެކު އަލަސްކާވެސް ރަޝިޔާގެ ބާރުގެ ދަށުގައި ބޭއްވުން އުނދަގޫކަން ސެއިންޓް ޕީޓަރސްބާރގް ( ރަޝިޔާގެ އޭރުގެ ވެރިރަށް ) އަށް ވިސްނެންފެށިއެވެ. އެހެންކަމުން ހަގީގަތުގައިވެސް ރަޝިޔާއިން ބޭނުންވީ އަލަސްކާ ވިއްކާލާށެވެ. އެހެންނަމަވެސް އެމެރިކާއިން އެތަން ގަންނަން ބޭނުންވީ ކީއްވެގެންކަންވެސް ބަލާލުން ރަނގަޅުވާނެއެވެ. މިކަން އެންމެރަނގަޅަށް އެނގޭނީ 1848 ވަނައަހަރު އެމެރިކާގެ ޚާރިޖީ ވަޒީރު ވިލިއަމް ސީވާރޑް ލިއުއްވާފައިވާ އިބާރާތަކުންނެވެ. އެއީ “ އަހަރެމެންގެ ރައްޔިތުންނަށް އެއްވެސް އުނދަގުލަކާނުލައި އުތުރުގެ ގަނޑުފެނުގެ ގޮނޑުދޮށްތަކަށް ދިއުމުގެ ހައްގު ލިބިފައި އޮންނަން ޖެހޭނެއެވެ. އަދި ޕެސިފިކް ކަނޑުގެ ގޮޑުދޮށްތަކަށް ފެތުރިފައިވާ މުޝްތަޝްރިގުންގެ ތަހްޒީބާއި ބައްދަލު ކުރުމަކީވެސް އެމެރިކާނުންނަށް ލިބިފައި އޮންނަންޖެހޭ ޙައްގެކެވެ.

1840 ވަނައަހަރު އޮރެގޯންއާއި ޓެކްސަސް އަކީ އެމެރިކާގެ ތަންތަންކަމުގައި ކަނޑައެޅުނެވެ. ހަމައެދުވަސް ވަރު މެކްސިއޯ އެކު ހަނގުރާމަ ކުރެވި ކެލިފޯނިޔާ އަކީވެސް އެމެރިކާގެ ތަނެއްކަމުގައި ހަމަޖެއްސިއެވެ.

އެމެރިކާއަށް އަލަސްކާ ލިބުމުން އެމީހުންނަށްވެސް ފުރަތަމަ އެއީ މުހިންމު ތަނަކަށް ނުވިއެވެ. އަދި އެތަނުގެ އަސްލު ވަޒަންވެރިންނާމެދު އެމެރިކާއިން ބަލަމުންދިޔައީ ޝައްކުގެ ލޮލަކުންނެވެ. އެހެންކަމުން އެންމެފުރަމަވެސް އެތަން ބޭނުންކުރީ ސިފައިން ތިބޭ ތަނެއްގެ ގޮތުގައެވެ. އޭރު އެމެރިކާއިން ގެންދިޔައީ އެމެރިކާގެ އަސްލު ވަޒަންވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

އަލަސްކާގެ ރައްވެހިން އޭރުވެސް ގަބޫލު ކުރަމުން ދިޔައީ އެއީ އެމީހުންގެ ގައުމު ކަމުގައެވެ. ރަޝިޔާއާއި އެމެރިކާނުންގެ ގަނެވިއްކުމުގެ ކުޅިގަނޑުން އެމީހުންނަށް އެއްވެސް އަސަރެއް ކުރާނެ ކަމަކަށް ނުދެކެއެވެ. 1924 ވަނައަހަރު އެމެރިކާގެ އަސްލު ރައްވެހިންނަށް ރައްވެހިކަން ލިބިދޭ ގާނޫނު ފާސްކުރުމުންވެސް އަލަސްކާގެ ރައްވެހިންނަށް އެމެރިކާގެ ރައްވެހިންނަކަށް ނުވެވުނެވެ. އަދި އަލަސްކާގެ ރައްވެހިންނަށް އެތަނުގެ ބިން މިލްކުކުރުންފަދަ ހުރިހާ ހައްގަކުން އޮތީ މަހުރޫމް ކޮށްފައެވެ. އަލަސްކާގެ ރައްޔިތުންނަކީ އެމެރިކާގެ ރައްޔިތުންކަމުގައިވެ އެމީހުންނަށް އެތަނުން މިލްކިއްޔާތު ލިބުމުގެ ފުރުސަތުވެސް ހުޅުވިގެން ދިޔައީ 1945 ވަނަ އަހަރު އެންޓި ޑިސްކްރިމިނޭޝަން ގާނޫނު ވުޖޫދަށް އައުމަށް ފަހުގައެވެ. އޭގެކުރިން އަލަސްކާގެ ރައްވެހިންގެ ޙާލަތަކީ އިނގިރޭސީން އިންޑިއާގައި ވެރިކަން ކުރި ދުވަސްތަކުގައި އިންޑިއާގެ ރައްވެހިންނާއިމެދު އަމަލު ކުރިގޮތެވެ. ވާނީވެސް އެހެންތާއެވެ. އެމެރިކާނުންނޭ ކިޔަކަސް މިއުޅެނީ އެމެރިކާ ތަޅާލަން އައިސްގެންއުޅޭ އިނގިރޭސީންވިއްޔާއެވެ. އިންޑިއާގައި ކުއްތާއާއި އިންޑިއާގެ ރައްވެހިންނަށް ހަމައެކަނި ބައެއްކަންކަން މަނާކުރެވިފައިވާ އޮތަސް އަލަސްކާގައި ކުއްތާއާއި ތަނުގެ އަހުލުވެރިންނަށް ހުއްދަ އެއްވެސް ކަމެއްނޯވެއެވެ.

އަލަސްކާއަކީ އެމެރިކާގެ ސްޓޭޓެއްކަމުގައި ހަމަޖަހުނީ 1959 ވަނަ އަހަރު ރައީސް އައިޒަންހަވަރގެ ރިޔާސަތުގައެވެ. ވީމާ އެނގެނު ޙަގީގަތަކީ މިބިމުގެ މިލްކުވެރިކަމަކީ އަބަދުވެސް ގަދަބާރުން ފޭރިގަންނަ އެއްޗެކެވެ. އެއީ ދިރިތިބީންނަށް ދައްކަދީފައިވާ އަދި ދައްކަމުންދާ ޙަގީގަތެވެ.

Loading

2 Responses

  1. މިއީ އަންޒަމާނުގެ ވާހަކައެވެ. މިހާރުވެސް ކަންތައްހިނގަނީ މިބީދައަކުންނެވެ. އަޅުގަނޑުމެން އެހެންބަޔަކާމެދު ވިސްނުމުގެކުރިން އަޅުގަނޑުމެންގެ ޙާލަތާމެދު ވިސްނަން އެބަޖެހެއެވެ. މިފަދަ ހާދިސާތަކަކީ ބޭކާރު އެއްވެސް ބޭނުންމެއްނެތް މައުލޫމާތުތަކެއްކަމަށް ދެކޭކަށް ހެޔޮ ނުވާނެއެވެ. ވިސްނާލާށެވެ. އަޅުގަނޑުމެންގެ ރާއްޖޭގެ ކިތައް ރަށް އެކިއެކި ފަރާތްތަކަށް ދިގު މުއްދަތަށް ކުއްޔަށް ދީފާ އެބައޮތް ހެއްޔެވެ ؟ ކުއްޔަށް ދިނުމަށްވުރެން ބޮޑު މައްސަލައަކީ އެ ރަށްތަކުން ލިބޭ ކުލިން އެ ސަރަހައްދުގެ ރައްޔިތުންނަށް ހެޔޮގޮތްތައް މެދުވެރިނުވުމެވެ. މިހެން ބުނާއިރަށް ފަޅުކޮނެދީ ބަނދަރު ހަދާދީ މަގުތަކުގައި ތާރު އެޅުމުގެ ވާހަކަ ފަށާނެއެވެ. ރަށްތަކުގެ އަހުލުވެރިންނަށް ހައްގު މިންވަރަކީ އެއީތޯ ސުވާލުކުރާނެ މީހަކު ނެތެވެ.

  2. އާދޭހެވެ. ތިއީ މައުމޫނުގެ ވެރިކަން ބަދަލުކުރަންވެގެން ބަޔަކު މަސައްކަތްކުރިއިރުވެސް ހަމަ ދެއްކި ހެޔޮވާހަކަ ތަކެކެވެ. ނަމަވެސް އެބަދުލު ގެނެވުމުން ކުރިއަށްކުޅެން ހުރިމީހާއަށް ކޯޓް ފަޓުލޫނުލެވި ދުނިޔޭގެ ބޮޑެތިބާރުތަކުގެ ވެރިންނާއި އެއްސަފުގައި ހޭކިލުމުގެ ފުރުސަތު ލިބުމުން ކުރިން ދެއްކި ތިކަހަލަ ވާހަކަ ތަށް އޭނާ ހަދާން ނެތިއްޖެއެވެ. ދެން އަވަހަށް ދުނިޔޭގެ އެންވަޔަރމެންޓްގެ ބައްޕަޔަށް ވެގަނެގެން ދެޅިގަތީއެވެ. ވެރިކަން އަތަށް ގޮވީއެވެ. އޭނާގެ ޚަރަދު މައުމޫނަށްވުރެ ވެސް ބޮޑުވީއެވެ. ވީމާ ތިކަހަލަ ވަހަކަ ތަކުން ޢިބުރަތްލިބިގެން ހެޔޮ ކަމެއް ރައްޔަތުންނަށް ކޮށްދޭނީ ކާކު ތޯއެވެ. ވެރިކަން ހަމަ ލިބޭއިރަށް ދެވަނަދައުރަކަށް ހޮވޭނެ ގޮތެއް އެއީ އެޖެންޑާގެ ނަމްބަރު ވަން އަށް ވެދެއެވެ. ދެން ވެރިކަމަށް އަންނަން ކުރި އެއްވެސް ވަޢުދެއް ހަނދާނެއް ނެތެވެ. ހުރިހާ ”ބާޣީން“ ގޮވައިގެން ބުނާހާގޮތެއް ހަދާ ބުނާވަރަކަށް ޚަޒަނާ ރޭޕްކުރަން ދީގެންވެސް ބޭނުންވަނި ދެވަނަ ދައުރެކެވެ. ވީމާ ދެން ބޭރު ބަޔަކަށް ގައުމު ދީގެންވެސް ހަމަ ދެވަނަ ދައުރެވެ. އިންސާނާ ދެވަނަ ދައުރަކަށް ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގޭ ޙާލު ރައްޔަތުން ވިއްކާލައިގެންވެސް ދެވަނަ ދައުރެކެވެ. އިންސާ އަކީ ހާދަ ދަހިވެތި ސޫއްޕެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް