އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވަނީ

Loading

Facebook
Twitter
WhatsApp

ހިންދޫންގެ ދީނީ މުނާސަބަތެއް ކަމަށްވާ ”ރާމް ނާވްމި“ގައި މުސްލިމުންގެ މުދާތަކަށް ގެއްލުންދީ ބަދު ބަސް ގޮވުމުގެ ސަބަބުން އިންޑިއާގެ މުސްލިމުންނާއި ހިންދޫންގެ މެދުގައި އޮންނަ ހަމަނުޖެހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

އެންމެ ގިނަ ހަމަނުޖެހުންތަކެއް ހިނގައިފާ ވާކަމަށް ރިޕޯޓްތަކުގައި ބުނެފައިވަނީ މަދްޔަ ޕްރެދޭޝްއާއި، ގުޖުރާތު އަދި ޖާރުކަންޑްގެ އިތުރުން ހުޅަނގު ބެންގާލްގައެވެ. ހިންދޫ ފިކުރުގެ ހައްދު ފަހަނައަޅާފައިވާ މީހުން އަންނަނީ މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކަށް ގޮސް ގެތަކަށާއި މުދަލާއި މުސްލިމުންގެ ވިޔަފާރިތަކަށް ގެއްލުންދިނުމުގެ އިތުރުން މިސްކިތްތަކަށްވެސް ގެއްލުންދެމުންނެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ގިނަ ވީޑިއޯ ތަކުން ހިންދޫންގެ ހައްދުފަހަނައަޅާފައިވާ ފިކުރުގެ މީހުން މުސްލިމް އަވަށްތަކަށް ގޮސް މުސްލިމުންނަށް ބިރުދައްކާ މަންޒަރު ފެނިގެންދެއެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި މުސްލިމުންގެ ބަޔަކު ހިންދޫންނާ ދިމާއަށް ގައު އުކާ މަންޒަރު ވެސް ފެނިގެންދެއެވެ. އަދި އިންޑިއާގެ ފުލުހުން ހިންދޫންނާ އެކު މުސްލިމުންނާ ދެކޮޅަށް މަސައްކަތް ކުރަމުންދާ މަންޒަރުވެސް ފެނިގެންދެއެވެ.

އެންމެ ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާކަމަށް ފާހަގަ ކުރެވިފައިވަނީ އިންޑިއާގެ

ބޮޑު ވަޒީރު ނަރެންދްރާ މޯދީ ނިސްބަތްވާ ބީޖޭޕީ ޕާޓިގެ މެޖޯރިޓީ އޮންނަ އަވަށްތަކުގަވެ. މިގޮތުން މަދްޔަ ޕްރަދެޝްގެ ސަރަހައްދެއްގައި ހުންނަ މިސްކިތެއްގައި ވަނީ އާދިއްތަ ދުވަހު ހުޅުޖަހާފައެވެ. މީގެ އިތުރުން ޙާރގޮން ސަރަހައްދުގައި ހުރި 10 ގެއެއްގައިވެސް ވަނީ ހުޅުޖަހާފައެވެ. އަދި 24 މީހަކަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިފައެވެ. މިކަމާ ގުޅިގެން އެ ސަރަހައްދުގެ ސަރަހައްދީ ސަރުކާރަށް ވަނީ ކާފިއު އިއުލާން ކުރަން މަޖުބޫރުވެފައެވެ. ނަމަވެސް ހޯމަ ދުވަހު އެ ސަރަހައްދުގެ ޑިސްޓްރިކްޓް ކަލެކްޓަރު ބުނެފައިވާ ގޮތުގައި މިހާރު އެސަރަހައްދުގެ ހާލަތު ވަނީ ރަނގަޅު ވެފައެވެ. އަދި ދެފަރާތަށް ނިސްބަތްވާ 50 މީހަކުވަނީ ހައްޔަރުކުރެވިފައެވެ. މަދްޔާ ޕްރަދޭޝްގެ ޗީފް އިންސްޕެކްޓާރ ބުނެފައިވާ ގޮތުގައި ހަމަނުޖެހުންތަކުގައި ބައިވެރިވި ހުރިހާ ފަރާތަކަށް އެކަށީގެންވާ އަދަބު ލިބިގެންދާނެއެވެ.

މަދްޔާ ޕްރަދެޝްގެ ޗީފް އިންޕެކްޓަރ މިހެން ބުނިނަމަވެސް ހަމަ އެދުވަހު މަދްޔަ ޕްރަދެޝްގެ ޙާރގޮން ޑިސްޓްރިކްޓްގައި ހުންނަ މުސްލިމުން ދިރިއުޅޭ 16 ގެއެއްގެ އިތުރުން މުސްލިމުންގެ 29 ފިހާރައެއް ވަނީ ސަރުކާރުން ބުލްޑޯޒްކޮށް ހަލާކުކޮށްލާފައެވެ. މިކަމާ ބެހޭގޮތުން ސުވާލުކުރުމުން ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އެ ކަމާ މިހާރު ހިނގާފައިވާ ހާދިސާތަކާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އިންޑިއާގެ ޕާލިއަމެންޓްގެ މުސްލިމް މެމްބަރެއް ކަމަށް އަސަދުއްދީން އޮވައިސީ ވަނީ މަދްޔާ ޕްރަދެޝްގައި ހިންގާފައިވާ މި ހާދިސާތަކަކީ ޖެނީވާ ކޮންވެންޝަނާ ޚިލާފު އަމަލުތަކެއް ކަމަށް ބުނެފައެވެ. އިންޑިއާގައި ހިންގާފައިވާ މި ހަމަނުޖެހުންތަކުގައި މިހާތަނަށް 2 މީހަކު ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެކި ވަރުގެ ޒަހަމުތައް ލިބިފައެވެ. ޒަހަމު ވެފައިވާ ފަރާތްތަކުގެ ތެރޭގައި ޕޮލިސް އޮފިސަރުންވެސް ހިމެނެއެވެ.

Loading

One Response

  1. ތިވަރު ވާއިރު ގުޅުން ބަދަހިކޮއް ދީނާ ޤައުމު އެމީހުންނައް އަޅުވެތި ވަނީ؟ކޮބައިތަ ޝޭޚުންތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް