ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، އިސްލަމީ ދުނިޔެ ތަމްސީލުކުރާ ދެ ޖަމްޢިއްޔާއިން ހަނުތިބެއްޖެއެވެ.
ޚިޔާލު ތަފާތުވެފައިވާ މައްސަލައެއްކަމުގައިވާ، ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، ޢަރަބި ދުނިޔޭގެ ގައުމުތައް ހިމެނޭ ޢަރަބި ލީގާއި، އޯގަނައިޒޭޝަން އޮފް އިސްލަމިކް ކޯޕަރޭޝަން (އޯ އައި ސީ) ހަނުތިބީ ވަރަށް ފާޅުކަންބޮޑުކޮށެވެ.
ޢަރަބި ލީގު އެފެއްދީ 1945ގައި ޢަރަބި ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށެވެ. 1969 ގައި އޯ އައި ސީ އުފެއްދީ ”ޖުމްލަކޮށް އިސްލަމީ ދުނިޔޭގެ އަޑު“ އިއްވުމަށެވެ. އޯ އައި ސީ ވުޖޫދަށް އައީ ހިފާފައިވާ އިރުމަތީ ގުދުސްގައި ހުނަން އަލް އަޤުޞާ މިސްކިތް އަންދާލުމަށް ކުރި މަސައްކަތަށްފަހުގައެވެ.
ޔޫ އޭ އީ އާއި އިޒުރޭލުން ސިޔާސީ ގުޅުން ގާއިމުކުރަން އެއްބަސްވުމުން، މި ކަމުގެ ސަބަބުން އިޒުރޭލުން ފަލަސްތީނުގެ ދައުލަތަށް ފޯރުވާނެ އަސަރާއި، ޖުމުލަކޮށް މުޅި އިސްލާމީދުނިޔެއަށް ކުރާނެ ނޭދެވޭ އަސަރާއިބެހޭގޮތުން މިދެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
”އޯ އައި ސީ އަކީ އެ ޖަމޢިއްޔާގެ މެންބަރުން ހަރަކާތްކުރުވާ ޖަމްޢިއްޔާއެއް“، އޮކްސްފޯޑު ޔުނިވަރސިޓީގެ ލެކްޗަރަރ އެއްކަމށްވާ އިގިރޭސިވިލާތުގެ ޑރ އުސާމާ އަލް އަޒަމީ ވިދާޅުވިއެވެ.
”މި ޖަމްޢިއްޔާގެ ހަރަކާތްތައް ބޭއްވުމަށް ތަން ހަމަޖައްސައިދީ އެންމެ ގިނައިން ޚަރަދު ކުރަނީ ސަޢޫދީ ޢަރަބިއްޔާއިން، އަދި މިހާރުގެ ސެކެއްޓެރީ ޖެނެރަލަކީވެސް ސަޢޫދީގެ ބޭފުޅެއް، އެހެން ކަމުން ސަޢޫދީގެ ޚާރިޖީ ސިޔާސަތާއި އޯ އައި ސީން ދެކޮޅު ހަދަން ކެރޭނެކަމަށް ލަފާ ނުކުރެވޭ، ސަޢޫދީގެ ޚާރިޖީ ސިޔާސަތާއި ޔޫ އޭ އީގެ ޚާރިޖީ ސިޔާސަތު ވަރަށް އެއްގޮތް“ އެ ބޭފުޅާ ވިދާޅުވިއެވެ.
އޯ އައި ސީ އާއި ޢަރަބި ލީގަކީ އިސްލާމީ ދުނިޔެ ކޮންޓުރޯލު ކުރަން ބޭނުންކުރާ ހަތިޔާރެއްކަން ޔަގީނެވެ. ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން އެދުނު އެދުމަށް އެ ޖަމްޢިއްޔާއިންވަނީ ދެކޮޅުހަދާފައެވެ. އަދި މިއަދު ޔޫ އޭ އީ އާއި އިޒުރޭލުން ހެދި އެއްބަސްވުން ކުށްވެރިނުކޮށް، ހަނުތިބެ، ޔޫ އޭ އީއާއެކު ތިބިކަން އެދަނީ ދައްކަމުންނެވެ.
އެހެން ކަމުން މިހާރު އާންމު މުސްލިމުން ކުރާ ސުވާލަކީ އިސްލާމީ ދުނިޔެއިން އޯ އައި ސީ އާއި ޢަރަބި ލީގަށް ދީފައިވާ ދަރަޖަ އެ ދެ ޖަމްޢިއްޔާއަށް ދީގެން ތިބެންވީ ހެއްޔެވެ؟ ނުވަތަ އެ ޖަމްޢިއްޔާތަކަށް ފަލަސްތީނު ހިމާޔަތް ނުކުރެވުމުން، އެޖަމްޢިއްޔާތަކަކީ ބޭކާރު ޖަމްއިއްޔާތަކެއްކަން އެ ޖަމްޢިއްޔާތަކަށް އަންގަންވީހެއްޔެވެ؟