މަސްވެރިންނަށް ރައީސް ނަޝީދު ތިޔަކުރެއްވީ މަލާމާތެއް!

Loading

Facebook
Twitter
WhatsApp
news

ރާއްޖެއާއި ސްރީލަންކާގެ ކަނޑުތައް ދެޤައުމަށް ވެސް އާމްދަނީ ލިބޭނެހެން މަސްވެރިކަމަށް ހުޅުވާލުމަކީ އެމްޑީޕީގެ ވިސްނުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ގިނަ މަސްވެރިންވަނީ މިއީ ދިވެހި މަސްވެރިންނަށް ކުރި މަލާމާތެއް ކަމަށް ސިފަކޮށްފައެވެ.

ކުރީގެ ރައީސް، އަދި މިހާރުގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވެފައިވަނީ އިއްޔެ ބޭއްވި ސްރީލަންކާ މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 12 ވަނަ އާންމު އަހަރީ ޖަލްސާގައެވެ. މިކައުންސިލަކީ ދެޤައުމުގެ ދޭތެރޭގެ ވިޔަފާރީގެ ގުޅުން ރަނގަޅު ކުރުމަށް 2007 ވަނަ އަހަރު އުފެދުނު ކައުންސިލެކެވެ.

ރައީސް ނަޝީދު ވަނީ ދިވެހި މަސްވެރިން ސީދާ ލަންކާގެ ބާޒާރަށް ގޮސް މަސްވިއްކުމަކީ ސަރުކާރުގެ ތަސައްވަރެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ވިދާޅުވީ ދެޤައުމުގެ ދެމެދުގައި ތާރީޚަށް ބަލާއިރުވެސް އެންމެ ގިނައިން ވިޔަފާރީގެ މުޢާމަލާތް ކުރެވިފައިވަނީ މަސްވެރިކަމުގެ ދާއިރާއިން ކަމަށެވެ.

މިއީ މަސްވެރިންނަށް ރައީސް ނަޝީދު ކުރެއްވި މަލާމާތެއް ގޮތަށް މަސްވެރިން ސިފަކުރަން ޖެހުނު ސަބަބުތައް އިންތިހާއެވެ. ރާއްޖޭގައި މަސްވެރިން ތިބީ ޒަމާނެއް ކޮޅުން ވެސް ނުޖެހޭ ފަދަ ދަތިހާލެއްގައި ކަމަށް އެމީހުން ދަނީ ބުނަމުންނެވެ. މަސްވެރިންނަށް ހަމަ އަގު ނުލިބޭ އިރު، ލިބޭ ފައިސާ ކޮޅުވެސް މި ލިބެނީ މަސް ދެމަސް ވާ ފަހުންނެވެ. އޮޑިވެރިން ތިބެން ޖެހެނީ ގޮތް ހުސްވެ ދަރަނިވެރި ވެފައެވެ. ކިއުގައި ޖެހި މަސް ނުކިރިގެން ހަފްތާއެއް ވަންދެން މަހަށް ނުފުރި ތިބެންޖެހޭ ފަހަރެއް މަދެއް ނޫނެވެ.

އަދި ކޮބައިތޯއެވެ. ބޭރުގެ މަސްވެރިންނަކީ ރާއްޖޭގައި ކުރާ ބީދައިން ދޮށީގެ މަސްވެރިކަން ކުރާ ބައެއް ނޫނެވެ. އެމީހުންނަކީ ދާ އެޅުމާއި، ލޭނު އެޅުންފަދަ އުކުޅުތަކުން މަސްވެރިކަން ކުރާ ބައެކެވެ. މިކަމަކީ ރާއްޖޭގެ މަސްވެރިކަމަށް ނުހަނު ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށް ކަމުގެ ތަޖުރިބާ ކާރުން ދަނީ ބުނަމުންނެވެ. މެރިން ރިސަރޗް  ސެންޓަރގެ ކުރީގެ ޑިރެކްޓަރެއްވެސް ވަނީ ސޯޝަލް މީޑީޔާގައި މިކަމަށް ފާޑުކިޔުއްވާ ޕޯސްޓެއް ކުރައްވައިފައެވެ.

މިއަދު މަސްވެރިން އާދޭހާއި އެކު ގޮވަމުން ދަނީ މަސްވެރިންނަށް އަދަށް ވުރެން ރަނގަޅު ދުވަހެއް ހޯދައިދިނުމަށެވެ. އިހު ޒަމާނުއްސުރެން ރާއްޖޭގެ އިޤްތިޞާދީ ލޭނާރު އަލުން ކޮޅަށް ޖަހައިދިނުމަށެވެ. މިއީ މިއަދުވެސް ދިވެހި އެތައް އާއިލާއެއްގެ އާމްދަނީ ލިބޭ ހަމައެކެނި ވަސީލަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް