ރައީސްކަން ކުރި ބޭފުޅުންނަށް ދައުލަތުން ފައިސާގެ ޢިނާޔަތު ދެމުންއަންނަނީ ގާނޫނު އަސާސީގެ މަފުޙޫމާ ޚިލާފަށް

Loading

Facebook
Twitter
WhatsApp

ޢަމަލު ކުރެވެމުންދާ ގާނޫނު އަސާސީގައި ބުނަނީ މިގާނޫނު އަސާސީގެ ދަށުން ކުށްވެރި ނުވެ ރައީސުލް ޖުމއހޫރިއްޔާކަމުގެ ދައުރު ފުރިހަމަ ކުރާ ކޮންމެ ރައީސަކަށް ދައުލަތުން ފައިސާގެ ޢިނާޔަތާ ރައްކާ ތެރިކަން ދޭންވާނެއެވެ.

ކަން އޮތީމިހެން ކަމުގައިވިއަސް ރައްޔިތުން ލޯބޯފިއްސައިގެން އަތްވާ ވިއްސާރައިގައި ކުރާ ބުރަމަސައްކަތުން ހޯދާ ފައިސާއިން ދައުލަތަށް ނަގާ ޓެކްސް ފައިސާ ގާނޫނު އަސާސީގެ މަފުޙޫމާ ޚިލާފަށް ބައެއް ރައީސުންނަށް ދައުލަތުންގެ ޚަޒާނާއި ދެއްވުމަކީ ރައްޔިތުންގެ ޙައްގު ތަކަށް އަރައިގަނެވި ހިންގަމުން ގެންދާ ބޮޑު ޚިޔާނާތެއް ކަމަށް ގާނޫނީ މާހިރުން އަންނަނީ ވިދާޅުވަމުންނެވެ.

އެގޮތުން މިގާނޫނުއަސާސީގެ ދަށުން ރައީސްކަން ނުކުރައްވާ ރައީސަކަށާއި ރައީސްކަމުގެ ދައުރު ފުރިހަމަ ނުކުރައްވާ ރައީސަކަށާއި، ރައްޔިތުން އިންތިޚާބު ނުކުރާ ރައީސަކަށް ދައުލަތުން ފައިސާގެ ޢިނާޔަތް އެބަދެއްވައެވެ. ގާނޫނީ ވެރިކަމެއް ކޮށްދޭން ސަރުކާރާއި ޚަވާލުވާ ކޮންމެ މީހަކުވެސް އިންޞާފުކުރަން ޖެހޭނީ ގާނޫނަށެވެ. މިހާތަނަށް މިރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅުންގެ ތެރެއިން ދައުލަތުން ފައިސާގެ ޢިނާޔަތު ޙައްގުވަނީ ގާނޫނު އަސާސީގައި ދަންނަގޮތުން ނުވަތަ ބުނެދީފައިވާ ގޮތުން 2013އިން 2018 ވަނަ އަހަރާހަމައަށް ރައީސްކަން ކުރެއްވި ރައީސަށެވެ.

ރައްޔިތުން ބުރަ މަސައްކަތް ކޮށްގެން ދައުލަތް ދެމިއޮތުމަށް ނުވަތަ ދައުލަތް ހިންގުމަށް ޓެކްސްގެ ގޮތުންނާއި އެހެނިހެންގޮތްގޮތުން ހޯދާ ދައުލަތާއި ޚަވާލުކުރެވޭ ފައިސާ ދައުލަތް ހިންގަދޭން ޙަވާލުކުރެވޭ ސަރުކާރަކުން އެއްވެސް މީހަކަށް ދޭންވާނީ ހަމަ އެކަނި ގާނޫނު އަސާސީއިން ކަނޑައަޅާފައިވާ ގޮތުގެ މަތީންނެވެ. ބަޔަކު އެއްތަންވެ މަޝްވާރާކޮށް އަމިއްލަ މަންފާއެއް ނުކިއްސަރުކޮށް ގާނޫނު މާނަކޮށް، ހިތުހުރިބަޔަކަށް ރައްޔިތުންގެ ފައިސާ ދެވިގެން ނުވާނެއެވެ.

ގަބޫލު ކުރިއަސް ނުކުރުއަސް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު މިއަދުވެސް ތިބީ ނިކަމެތި ހާލުގައެވެ. މިހެން އޮއްވާ ރައްޔިތުންގެ ފައިސާއަށް ރައްޔިތުން ވެރިކަން ޙަވާކުރާ ފަރާތުން ޚިޔާނާތް ތެރި ވަމުން ދަނީ މުސްލިމް އުންމަތެއްގެ މުސްލިމް ބަޔަކު ނުކުރާނެހާ ޚަރާމް މިންވަރަކަށެވެ.

ރައީސުންނާ ރައްޔިތުންގެ މަޖިލިސްގެ މެންބަރުން ﷲ ގަންދީ ބޮޑު ހުވައެއް ކުރިއަސް އެހުވާގެ މަތީގައި އިޚުލާސްތެރިކަމާއި އެކު ދެމިތިބޭތަނެއް ނުފެނެއެވެ. ހީވާކަހަލައެވެ. މާތްﷲ ދެނެވޮޑިގެނެއް ނުވެއޭ ނުވަތަ އަޑު އައްސަވާ ބައްލަވާ ވޮޑިގެންވެސް ނުވެޔޭ! ވީމާ މާތްﷲ ގަންދީ ކުރެވޭ ހުވަޔަކީ ހަމަ ލަވައެއްހެން ކިޔާލި ކިޔުންކޮޅެއް ކަމުގައި ދެކުމީ ކޯފާ އާއި ޢަޒާބަށް ހުށަހެޅުންކަން ދަނެ ބިރުވެތިނުވަނީ ކީއްވެތޯއެވެ؟

ހުރިހާވެސް މައްސަލައަކީ މިރާއްޖޭގެ ވެރިން ރައްޔިތުންނާ މެދު ވިސްނާ ނުލާ ކަމެވެ. އަދި ރައްޔިތުންގެ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓާ އެފައިސާ އިތުރުކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ކުރުމުގައި ބޮޑުތަނުން އިހުމާލު ވާކަމެވެ. މިފަހަކަށް އައިސް އަންނަ ކޮންމެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތް ތެރިވުން އަންނަނީ އިތުރު ވަމުންނެވެ.

މިހެންގޮސް ގައުމެއް ގަނެވޭހާ ފައިސާ ދައުލަތުގެ ބައިތުލްމާލުން ގެއްލިފައި ވާއިރު އެފައިސާ ހޯދުމުގެ އެއްވެސް ވިސްނުމެއް ޚިޔާލާތެއް ސަރުކާރުގެ ބާރުތަކުން ނުގެންގުޅުއްވައެވެ. ދައުލަތް ހިންގުމާއި ޚަވާލުވި އެންމެހައި ބާރުތަކުގެ ވެރިންނަށް ބައި އެޅި ރައްޔިތުންގެ ފައިސާއިން އެބައިމީހުންގެ ޖީބުތައް ބޮޑުކޮށް އަދި އުދުހެމުން ދަނީއެވެ. ރައްޖެއާ ބޭރުގުގެ ގައިމުތަކުން ލަގުޒަރީ ކޮންޑޯގަނެ އަގުބޮޑު ކާރުތައް ދުއްވާ ހޭބޯނަރާ މަޖާކުރަނީއެވެ. މިތަން ފެންނަބަޔަކުވެސް ނެތްކަހަލައެވެ. ހުރިހާ ގެއްލުމަކާއި ހާސްކަމެއް ރައްޔިތުމީހާއަށެވެ.

ވެރިކަމަށް އަންނަންވީމާ މޮޅުވާހަކަތަކެއް ދައްކާ ރައްޔިތުން ޅޮސް އުނދޯއްޔަށް ލައިގެން ބޯ ކާލައެވެ. އެކަން މިހާރު ވަރަށް ސާފުކޮށް ރައްޔަތުމީހާއަށް އެނގިއްޖެއެވެ. ދައްކާ ވާހަކަޔާ ޢަމަލާ ކުޑަކޮށްވެސް ދިމައެއްނުވެއެވެ.

ގައުމާ ރައްޔިތުންނާ މެދު ވިސްނާ ވެރިންތަކެއް މިގައުމުގައި ބިނާކުރަވޭނެ ހުވަފެނެއްވެސް ނެތެވެ. ކޮންމެބަޔަކުވެސް ހެޔޮވެރިކަމެއް ކޮށްދޭން ބުނެ ވެރިކަމަށް އާދެވޭނެހާ ވާކަތަކެއް މެނިފެސްޓޯގައި ލިޔެގެން ވެރިކަމަށް ވެޑުވެނީއެވެ.

ރައީސް ކަން ކުރައްވާބޭފުޅުން އެބޭފުޅުންގެ ދައުރު ނިމޭއިރު ވެފައިވަނީ ބޮޑު މަހުޖަނަކަށެވެ. އެއީ ރައީސްކަން ކުރައްވާ އެއްވެސް ބޭފުޅަކަށް ސަރުކާރުގެ މަގާމެއް ނުލިބޭތީއެވެ.

އެހެން ކަމުން ރައީސް ކަމުގެ ދައުރު ނިމޭއިރު ޢުމުރު ދުވަހު އުޅެވޭވަރަށް ފައިސާ އެއްކޮށްލައެވެ. މީ ފެނިފައިހުރި ޙަގީގަތެވެ. ރައީސްކަމުގެ ހުވަޔާ ޚިލާފުވިޔަސް ގާނޫނީ ގޮތުން ކުށްވެރިވާ ގޮތަށް ގާނޫނު ހަދާފައި ނެތުމުން ރައީސް އާއި އޭނާއަށް އާހބަސް ކިޔާ އެންމެން ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތް ތެރިވުމާ ދައުލަތުގެ ފައިސާއިން ވައްކަން ކުރާ ބޮޑުން ޙިމާތްކުރުމަކީ ބައެއްރައީސުންގެ ފަރާތް ޕުޅުން ފެންނަމުންދާ މަންޒަރެކެވެ.

މިރާއްޖެއަކީ ބައިނަލް އަގްވާމީ ކުންފުންޏެއްގެ މުވައްޒަފުންނަށް ވުރެ އާބާދީ ކުޑަ ގައުމަކަށް ވީއިރު މިގައުމަށް ލިބޭ އާމްދަނީން މިދެންނެވިފަދަ ކުންފުންޏެއްގެ މުވައްޒަފުންނަށް ދެވޭ ވަރުގެ މުސާރައެއް މިގައުމުގެ އާބާދީގައި ހިމެނޭ 18 އަހަރުން މަތީ ކޮންމެ ރައްޔިތަކަށް ނުދެވެންވީ އެއްވެސް ސަބަބެއް ނެތެވެ. އެހެނަސް ވެރިން އެކި ގޮތްގޮތުން ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް އެގެންދަނީ އެވެރިންގެ ޖީބަށް އަޅާ ފުރަމުންނެވެ.

ރައްޔިތުންނަށް ދޭނެ ފައިސާ ދައުލަތުގެ މާލިއްޔާގައި ނުހުންނަނީ މިސަބަބާ ހުރެއެވެ. ރައްޔިތުން ހޭލުންތެރި ނުވުމުގެ ނާޖާއިޒް ފައިދާ ވެރިން އެގެންދަވަނީ ނަންގަވަމުންނެވެ. ރައްޔިތުން ދަރާވިކި ދައުލަތުގެ މާލިއްޔާ ޑެބިޓްވަނީ ވެރިންގެ ޖީބު ފުރާލުމުގެ ފަލްސަފާގެ ތެރެއިން ނޫން ދެން އެހެން ކޮން ގޮތަކުން ތޯއެވެ؟

ރައީސް ކަން ކުރިފަރާތްތަކަށް ރައްކާތެރިކަން ދިނުމަކީވެސް ނުހަނު ބޮޑު ޚަރަދެކެވެ. އެހެނަސް އެކަމަކީގާނޫނު އަސާސީ ބުނާގޮތުން ކުރަންޖެހޭ ކަމަކަށްވާތީ ހުދޫދެއްގެ ތެރޭގައި ކުރުން ގޯހެއްނޫނެވެ. އެހެނަސް ރައީސް ކަން ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ގޮތާ ޚިލާފަށް އޭނާގެ ޚަރަދުބަރަދު ދިނުމަކީ ކަނޑަ އެޅިގެން ގާނޫނުއަސާސީއާއި ޚިލާފަށް ކުރާ ކުށެއް ކަމުގައި ދަންނަވަމެވެ. މިއީ ގާނޫނީ ފުންނާބު އުސް ބޭފުޅުން މިއަދު ދައްކަމުންދާވާހަކައެކެވެ.

 

Loading

2 Responses

  1. އަބަދުވެސް ރާއްޖޭގައި އޮންނާނީ ބާރުގައި ތިބޭ ބަޔަކު ބޭނުންގޮތެވެ. މިހާރުގެ ޖޭއެސްސީ އެއީ މިހާރުގެ މީގެ މިސާލެކެވެ. އެތަނުގެ ބޮދު ދެމީހުންނަކީ ޖަބިރު ވިދާޅުވަގޮތުން ދެ ލޯބިވެރިންނެވެ. އެދެމީހުން ނުރުހޭގޮތަކަށް ޝަރިޢަތެއް ނިންމައިފި ޖަޖަކު އެދެމީހުންނާއި އެދެމީހުންގެ ޕާޓީކުދިންކޮޅު ހިންގާ ޖޭ.އެސް.ސީ ގެ ބާރު ބޭނުންކޮސް ސަސްޕެންޑްކޮށްލައެވެ. އެނެއް ދެމަރުޙަލާ އޮތަތަސް އެޕީލް މަރުޙަލާ ނިންމުމަށް ޗާން ދިނުމުގެ ބަދަލުގައި ޖަޖް ސަސްޕެންޑްކޮށްލީމަ ދެން ތިބޭ ޖަޖުން ތިބެނީ ޝަރިޢަތް ނިންމުގައި ބިރުވެރިކަން މަތީގައެވެ. ވީމާ ޢަދުލް އިންސާފުގެ ބާރުވެސް ދެލޯބިވެރިން ނެގީއެވެ. އޭގެ ސަބަބުން ގޯހުން ގޯހަށް އެކަންވެސް ދިޔައީއެވެ. ފަނޑިޔާރުގެ ވީ ގޯހެވެ. ދައުލަތް ރޮބްކޮށްގެން އަމިއްލަ މަންފާލިބުމުގެ ޗާންސް ހޯދާ ބަޔަކު ރައްޔަތުންގެ ފައިސާ ޚަރަކުރުމުގައި ބަލާނެހެއްޔެވެ. ނެގުނުގޮތަކަށް ނެގުނުވަރަކަށް ނަގާނީ ނޫންހެއްޔެވެ. މަ ބޮޑުވަގު ދައްކާނީ ކަލޭ ކުޑަވަގުގެ ވާހަކައެވެ. އެމީހަކާއި އެމީހެކެވެ. ސަހަރޯ ހީވެއްޖެއެވެ.

  2. ވަރަށް ބޭނުންތެރި ލިއުމެކެވެ. އެކަމަކު ކިޔާނެ މީހުން ވަރަށް މަދުވާނެއެވެ. މުސްކުޅިއަކު ޒުވާނަކާ ކައިވެނިކުރި ކަހަލަ ވާހަކައެއް ލިޔެފިނަމަ ރައްޔިތު އެންމެންވެސް ކިޔާފާނެއެވެ. ގާނޫނު ލިޔާމީހުން އޭތި މާނަކޮށް ދެން ނެގެންހުރި ހުރިހާ ފައިދާއެއް ނަގަނުން އެ ގެންދަނީ ދިވެހި ރައްޔިތުންނަށް ނޭގޭތީއެއް ނޫނެވެ. ދިވެހިރައްޔިތުންގެ ފަރާތުން އެއްވެސް ކަހަލަ ސުވާލެއް ނާންނާނެކަން ކަށަވަރުވާތީއެވެ. ދެތިންދުވަހަކު އެވާހަކަ ދައްކާލާފާ ދެންފަށާނީ އެހެން ދެބޯގެރިއެއް ދުއްވާށެވެ. ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ތަނަކަށްވީދުވަހަކުން ސަޢީދު ތިޔަ ދެކޭ ހުވަފެން ހަގީގަތަކަށްވެދާނެއެވެ. މިހާރު މިއޮންނަނީ ނަމުގައި ރައްޔިތުންގެ މަޖިލީހެކެވެ. އެކަމަކު ސަރުކާރަށް މެޖޯރިޓީ ނުލިބިގެން ތެޅިފޮޅެނީއެވެ. ބާކީ ތިބި ބަޔަކު ޕާރޓީ އަށްޓަކައި މަރުދެނީއެވެ. ލިއުއްވަމުން ގެންދަވާށެވެ. އެއީ އީމާންކަމުގެ އެންމެ ކުޑަމިންވަރުކަމުގައި ދަންނަބޭކަލުން ވިދާޅުވަމުންގެންދަވާތީ އަޑުއަހަމެވެ. ސަޢީދަށް ކުރެއްވޭނެ މާބޮޑު އެހެން ކަމެއް އޮތްހެން ހިއެއްނުވެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް