ހުޅުމާލެ ފޭސް 2ގެ ފްލެޓްތަކުން ރޯދަމަހާ ދިމާކޮށް އިތުރުފައިސާއެއް ނަގަން ހެޔޮނުވާނެ!

Loading

Facebook
Twitter
WhatsApp

ހުޅުމާލެ ފޭސް 2ކުން ރައްޔިތުންނަށް ފުލެޓް ދީފައިވަނީ އަމާބުނީތީ ފަރަށްދިޔަހެންނެވެ. މީ މިހާތަނަށް އަޅުގަނޑު ދެކެފައިވާ އެއްވެސް ސަރުކާރަކުން ފުލެޓް ދިން ގޮތެއް ނޫނެވެ. ފުލެޓެއް ލިބުނު މަރިޔަމް ރަޝީދާ ބުނުއްވިއެވެ. ބައެއް މީހުންނަށް އަދިވެސް ފުލެޓަށް ނުވަދެވެއެވެ. އެކަމަކު ސަރުކާރުން ހީވަނީ ކުލިނުނެގިގެން މަރަށް ތެޅޭ ހެންނެވެ.

ފޭސް 2ގެ ފުލެޓޭ ކިޔާފައި ދީފައި ހުރި ފުލެޓްތަކަކީ މިހާތަނަށް ސަރުކާރަކުން ރައްޔިތުންނަށް ދިން އެންމެ ފެންވަރު ދަށް އަދި އެންމެ ކުލިވެސް ބޮޑު ފުލެޓެވެ. މަރިޔަމް ރަޝީދާ ބުނުއްވިގޮތުގައި އޭނާއަށް ލިބުނު ފުލެޓަށް ވަދެވުނީ މިހިނގާ ރަމަޒާން މަހުގެ ފުރަތަމަ ދުވަހުއެވެ. 320000ރ ތިންލައްކަ ވިހިހާސް ރުފިޔާ އަށް ދަރައިގެން ފުލެޓަށް ވަދެވޭ ވަރުވީ މިރޯދަމަހުގެ ފުރަތަމަ ދުވަހުއެވެ. މާލީ ޙާލަތު ދެރަކަމުން ފުލެޓް ނުހެދި ގިނަ ދުވަސްތަކެއްވެ މިހާބޮޑު ދަރަންޏެއް ބޮލުގައި އެޅިފައި ވަނިކޮށް އަނެއްކާ އިތުރު ބުރައެއް ބޮލުގައި އަޅަން ޖެހުމަކީ ތަޙައްމަލް ކުރަން އުނދަގޫ ކަމެކެވެ.

ފުލެޓަށް ވަދެ ހަމަނޭވާނުލެވިގެން ކުރިޔަށް މިއޮތް މަހު ކުލިނަގަން ފައްޓައެވެ. މަރިޔަމް ބުނުއްވިއެވެ. ރަމަޟާންމަހަކީ އެހެންމަސްތަކާ އަޅާބަލާ އިރު ނުހަނު ޚަރަދު ބޮޑު މަހެއްކަން އެންމެން ވެސް ގަބޫލު ކުރާއިރު ސަރުކާރުން ރައްޔިތުންނަށް މިވަރުގެ ބުރައެއް އުފުލަން ޖެއްސުމުގެ ޚިޔާލު މިއަންނަނީ ކީއްވެ ބާއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވެހީގައި ދިތިއުޅޭ ފަރާތްތަކަށް އެފިޔަވަހިން ބޭނުންވާ އަސާސީ ޚިދުމަތްތައް އަދިވެސް ނުލިބޭކަން ސަރުކާރަށްވެސް އެނގެންވާނެ ތާއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އުޅޭ އެތައްހާސް މީހުން ނަމާދުކުރަން އަދިހުރީއެންމެ މިސްކިތެކެވެ، ވިޔާފާރި ކުރާނެ ފިހާރަތަކާއި ރަށުމާރުކޭޓެއްވެސް ނެތްތާގައި ފައިސާ ނަގާނެ އޭޓީއެމެއްވެސް ނެތެވެ. ކައުންސިލްގެ އޮފީސްގަނޑެއްވެސް ނެތްއިރު ކަރަންޓްބިލާ ފެންބިލާ ކުނީގެ ބިލްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމެއް ވެސް އެފިޔަވައްސަކު އަދި ނެތެވެ.

އެކަމަކު ފްލެޓް ތަކުގެ ކުލި ނުނެގިގެން މިސަރުކާރު މޮޔަވަނީއެވެ. މީ އޯގާވެރި ހެޔޮވެރިކަމެއް ކުރާސަރުކާރަކުން ޢަމަލު ކުރަންޖެހޭ ގޮތް ހެއްޔެވެ. މުޅި ދުނިޔޭގައި ފެތުރެމުން ދިޔަ ކޯވިޑް19 އާއެކު ރައްޔިތުން އިނދަޖެހިފައި ތިބި މިދަނޑިވަޅުގައި ރައްޔިތުންނަށް މިވަރުގެ ބުރައެއް ކުއްލިއަކަށް އުފުލަން ޖެހުމުން ރައްޔިތުން ތިބީ މާޔޫސް ވެފައެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހަދާވެސް ނިމުނީއެއް ނޫނެވެ. އަސާސީ މުހިންމު ޚިދުމަތްތައް ގާއިމް ނުވާ ތަނެއްގައި ދިރިއުޅޭ ރައްޔިތުންނަށް އިތުރު ތަކުލީފާ ކުރިމަތި ލާން ޖެހުމަކީ ބަލައިގަންނަން އުނދަގޫވާނެ ކަމެކެވެ. ސަރުކާރުން ރައްޔިތުންގެ ޙާލަތަކަށް ނުބައްލަވާ ކަން މިފަދަ ކަންކަމުން އެނގެއެވެ.

ހެޔޮވެރިކަން ރައްޔިތުންނަށް އޮޅިއްޖެއެވެ. ދައްކާ ވާހަހަކައަކާ ޢަމަލާކާ ދިމައެއް ނުވެއެވެ. ރައްޔިތުންނަށް ތަނަވަސް ދިރިއުޅުމެއްނުލިބި ގައުމު ތަރައްގީއެއް ނުވާނެއެވެ. ހުރިހާ މޮޅެއް އޮތީ ރައްޔިތުންގެ ތެރެއިން ތަނަވަސްކަން ހުރި މީހުންނަށެވެ. ފަގީރުން އިތުރަށް ފަގީރުވެ އަނގަޔާ އަތާ ދިމާނުވިއަސް ސަރުކާރަށް އޯކޭ އެވެ. ސަރުކާރުން ދޭ ޚިދުމަތް ލިބެނީ ތަނަވަސް ކަން ހުރި ފަރާތް ތަކަށެވެ. ފަގީރުން އެޚިދުމަތް ހޯދަންޖެހެނީ ސަލާން ޖަހައިގެންނެވެ. ކެއިންބުއިމާ ޚިދުމަތުގެ ފީއާ ގެދޮރު ކުލި ކަނޑައެޅުމުގައި ވެސް ފަގީރުންނަށް ބަލާފައެއް ނުވެއެވެ.

ފަގީރުންނަށް ދޭ ސަބުސިޑީއެއް ވެސް ނެތެވެ. ހަނޑު ހަކުރު ކޮޅު ވެސް ގަންނަނީ ރެސޯޓްތަކަށްވެސް އެތަކެތި ވިއްކާ އަގުގައެވެ. ތަކެތީގެ އަގުތަކާ ކެއިންބުއިމަށް ބޭނުންވާ ތަކެތީގެ އަގުތައްވެސް ހުރީ ރައްޔިތުންގެ އަތް ފޯރާ ހިސާބެއްގައެއް ނޫނެވެ. އެންމެ ކުޑައުޖޫރަލިބޭ މީހާގެ ދިރިއުޅުން ބިނާވާން މިޖެހެނީ ވިޔާފާރި ވެރިންނާ އެއް ހަމައިގައެވެ. މިހާ ހެޔޮ ވެރިކަމެއް ދެން ރައްޔިތުން ބޭނުމެއް ނޫނެވެ. އޭނާ ބުނީ ސަރުކާރަށް ޝުކުރިއްޔާއޭ ދަންނަވައިދެއްވާށެވެ.

 

Loading

4 Responses

  1. މިލިއުއްވުމުގައި މިހުރީ ވަރަށް ރަނގަޅުވާހަކަތަކެެވެ. ފަހަލަ ސައީދުގެ ގިނަ ލިއުއްވުންތަކާ ޚިލާފަށް ވަކިފަރާތަކަށް ނުޖެހި ރައްޔިތުންގެތެރޭން ބަޔަކަށް ދިމާވެފައިވާ މައްސަލައަކަށް މިއޮތީ އަލިއަޅުވާލައްވާފައެވެ. ހަމައެނޭވާގައި ހަނދާންކޮށްލަންޖެހޭ އެހެން ބައެއްކަންތައްވެސް ދެންފަހަރަކުން ލިއުއްވާނެކަމަށް އުންމީދުކުރަމެވެ. ވެރިކަމަށް އިސްކުރެވޭ މީހުން ދައްކާވާހަކަތަކާއި ކުރާ ހުވާތަކާއި ކުރާ ކަންތައް ދިމާވި ވެރިކަމެއް ދިވެހި ފަސްގަނޑުން ފެނުނު ޒަމާނެއް އެނގިވަޑައިގަންނަވާނަމަ ލިއުއްވާދެއްވާށެވެ. ޒަމާންތަކަށް އަންނަ ކުރިއެރުންތަކާގުޅިގެން ނުފޯރާފޮށައިން ފޫގަޅާ ގޮތަށް ތިމާއަށް ލިބޭ މަދު އާމްދަނީން ކޮފީއަށް ދިއުމާއި އަހަރަކު އެއްފަހަރު މޯބައިލް ފޯނު ބަދަލުކުރުމާއި މިކަހަލަ މިކަހަލަ ޚަރަދުތަށްވެސް ކޮންމެހެން ބޭނުންވާ މިންވަރާއި ލިބޭ މިންވަރަށް ހަމަޖައްސަން ޖެހިއްޖެކަން ރައްޔިތުންވެސް ވިސްނަން އެބަޖެހެއެވެ. އާމްދަނީ ލިބޭނެ މަގުތައް މަދުވަމުންދާތީއެވެ. އެހެންނޫނީ ގައުމު ބަނގުރޫޓު ވުމުގެކުރިން އާއިލާތައް ބަނގުރޫޓުވެގެންހިނގައިދާނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް