އިންޑިއާއައުޓު ކުރުމުގެ ޖިހާދަކީ ކުރަންޖެހޭ ޖިހާދެކެވެ!

Loading

Facebook
Twitter
WhatsApp

މެދުއިރުމައްޗަށް އެމެރިކާއިން ގެނައި ރަބީއުމޫސުމަށް ފަހު، އޭޝިއާ ގައުމުތަކަށް ސިޔާސީގަނޫރޯޅިއެއް ސިފައިގައި ގެންނަމުން މިދަނީ ނުވިސްނައި ތިބެގެން ވާނެ ޚަރާބުކުރުމުގެ މޫސުމެއް ނޫނެވެ.

އަޅުވެތިކަމުގެ އެންމެ ބޮޑު ފަސާދައެވެ. ހަންފެތުރުމުގެ ސިޔާސަތެވެ. ދިވެހިރާއްޖެއަށް ވަނީ އެފަސާދަ އަރާފައެވެ. އަބަދު ވެސް ރާއްޖެއަކީ ކުޑަގައުމަކަށް ވާތީ، އެފަދަ ތަޖުރިބާ ކުރަން ފަށަނީ ރާއްޖެއިންނެވެ.

މެދުއިރުމައްޗަށް ރަބީއު ގެނައުމަށް ކުރީ ތަޖުރިބާ އަކީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ގެނައުމެވެ. މިފަހަރުގެ ރަބީއަކީ ޗައިނާ އާއި ރަޝިއާ އިން ގެންގުޅޭ ދުނިޔެބިނާކުރުން ފަނާކޮށްލުމުގެ އޭޝިއާވީ މޫސުމެވެ. ޕާކިސްތާނުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ގެނެސް ވެރިކަން ބަދަލު ކުރަން ފާޅުގައި އުޅެފިއެވެ.

ސުރީލަންކާ އަށް މިތޫފާނުގެ އަސަރު ގަދައަށް ކޮށްފިއެވެ. އަދި އަނބުރާ މެދުއިރިމައްޗާ ދިމާއަށް މިތޫފާނު ވަނީ ފޯރުވާފައެވެ. ޕާކިސްތާނާއި ސުރީލަންކާ ފަދައިން ސައޫދިއާ އާއި ޔޫއޭއީ އިން ޗައިނާގެ އިގުތިސާދީ ބެލްޓު އެންޑު ރޯޑު އިނިޝިއޭޓިވް އައި ގުޅުމުންނެވެ. އަދި އެމަގުން މެދުއިރުމަތީގެ ގިނަ ގައުމުތައް އެނބުރިގެން ހިނގައިދާނެ ކަމުގެ ބިރަށް ކުވައިތަށް މިތޫފާނު ވަނީ މިސްރާބު ޖަހާފައެވެ.

މިކަމަށް އެކިނަންނަމުގައި އެމެރިކާގެ ކުޅަދާނަ ގީދަޅު މުވައްޒަފުން ހޮވައިގެން ކަނޑައަޅާފައި ތިބެއެވެ. އޭގެ ތެރޭގައި މިސަރަހައްދަށް ފާހަގަ ކުރެވިފައި ތިބޭ މީހުންގެ ތެރޭގައި އިސްކޮށް ފާހަގަކުރެވޭ މީހުންނަކީ، ޑޮނަލްޑު ލޫ އާއި ޚަލީލްޒާދާ އެވެ. މިމީހުންނަކީ ކަނޑިބަޑީގެ ހަނގުރާމައަކައި ނުލާއި ފައިސާއިން ކުޅެ އެތެރެއިން ރިޖީމްތައް ބަދަލުކޮށް ލުމުގެ ހުނަރުވެރި މޭސްތިރިންނެވެ.

ސުރީލަންކާގެ ޚަރާބީއާއި ޕާކިސްތާނުގެ ޚަރާބީގެ އަޑީގައި ހުރީ ޑޯނަލްޑުލޫ އެވެ. މިގައުމުތަކަށް އިންޑިއާ އާއެލު މީނާ ވަނީ ދަތުރުތަކެއް ކުރައްވާފައެވެ.

ޕާކިސްތާނު ފަދައިން ސުރީލަންކާ ގައި ވެސް ހިންގަމުން އެދަނީ ހަމައެއް ކަމެކެވެ. އަދި ކުވައިތަށް ފޯރާފައި އެވަނީ ހަމައެއް ޚަރާބު ކުރުމެވެ. ސީދާ ފަނާ ކުރުމެވެ. ފަހަތުގައި އޮތީ އެމެރިކާ އާއި އިސްރާއީލެވެ. ބޭނުމަކީ ކުރިއަރާއި ދުނިޔޭގެ ބާރަކަށް ވަމުންދާ ޗައިނާ ރަޝިޔާގެ އިގުތިސާދީ ގުޅުމުގެ ބާރު ހުއްޓުވާ ލުމެވެ.

އިންޑިއާ އިން މެދުމިން ގަނޑެއްގައި ރަޝިއާއައި އެކު ވިޔަފާރި ކުރަމުން ދާއިރު ވެސް އެކުވެރި ބާރުވެރި އަތެއްގެ ގޮތުގައި ގެންގުޅެމުން އެދަނީ މާސިންގާބޮޑު ސަބަބެއް އޮވެގެންނެވެ. ޗައިނާ އާއެކު ހަނގުރާމަ ކުރެވޭނީ އިންޑިއާ ބޭނުންކޮށްގެން ކަމުގައިވާތީއެވެ.

ޕާކިސްތާނާއި ލަންކާގައި ވެސް ބޭނުންވަނީ، މިމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ގައިމުކޮށްފައި ބާއްވާށެވެ. ރާއްޖޭގެ ވެރިކަން ބަދަލުކޮށްލި ގޮތަށް ފައިސާއަޅައިގެން ޕާކިސްތާނާއި ސްރީލަންކާގެ ވެރިކަމަށް އެމީހުންގެ ގޮނޑިކޮއްކޮ ސަރުކާރެއް ސަވާރުކުރާށެވެ.

އިމްރާންޚާނުގެ ހިތްވަރުން އިތުބާރުނެއްކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށް ލުމުން ސުޕްރީމްކޯޓު މެދުވެރިކޮށް ވެސް، އެކިގޮތްގޮތުން އެބަލަނީ އެކަން ރުޖޫއަކޮށްލެވޭތޯއެވެ. އަނބުރާލެވޭތޯއެވެ. ޕާކިސްތާނުގެ ސިފައިންގެ ޗީފައި ޚަލީލްޒާދާ ބައްދަލު ކުރައްވައިފިއެވެ. އަދި ޕާކިސްތާނުގައި އިމްރާނުޚަނަށް އިތުބާރުނެތްކަމުގެ މައްސަލަ އެޖެންޑާކުރި އިރު ޑޮނަލްޑުލޫ ހުންނެވީ އިންޑިއާގައެވެ.

ތައްޔާރުވެ ހުންނެވި ޕާކިސްތާނަސް އާބޮޑުވަޒީރު ސަވާރުވުމުން ކުރަންޖެހޭ މުހިންމު ކަންކަން ކުރައްވާށެވެ. އެހެނަސް އެދުވަހު އިމްރާނުޚާން ކުޅުއްވި ކުޅިއަކުން އާސަރުކާރަށް އާދެވޭގޮތެއް ނުވިއެވެ. އެނބުރިދާން ޖެހުނީ އާ އިންތިޚާބަކައި ދިމާއަށެވެ.

ފަހެ، ދަންނައެވެ!

މިކަން ބިނާވެފައި އޮތީ ރިޖީމްބަދަލުކޮށްލާއި އިދިކޮޅަށް ވެރިކަން ހޯދައިދިނުމާ ހަމައަށް އެކަންޏެއް ނޫނެވެ. އޭގެ ފަހަތުގައި މާބޮޑެތި ސިއްރުތައް އެކުލެވިފައި އެބަހުއްޓެވެ. ރާއްޖޭގެ ޣައްދާރު ސަރުކާރުން ބުނަމުންގެންދާ ގޮތަށް ޕާކިސްތާނުގެ އިދިކޮޅުގައި ތިބި ބޮޑެތި ޣައްދާރުން ވެސް ބުނަމުން ދަނީ ހަމަ އެކައްޗެކެވެ. ކިޔަނީ އެއްރިވާޔަތެކެވެ.

ބޮޑުބާރެއް އަހަރުމެން ފަހަތުގައި ނެތި އަހުރެމެން “ސަލާންޖަހާ ފަގީރުންނަށް ސާހިބުންނަކަށް ނުވެވޭނެ” އެވެ. ވަރަށް ހެއްވައެވެ. އެމީހުންދޭ ވެންޓިލޭޓަރުތަކުގެ އެހީގައި ނޭވާލައިގެން ނޫނީ ދިރި ނުތިބެވޭނެއެވެ. އެމީހުންދޭ ބިހާއި ފިޔާއަލުވި ކޮޅު ނުލިބޭނަމަ ފުރާނަމުއްތި ނުވާނެއެވެ.

ހަމަ މިރާގަށް ޕާކިސްތާނުގައި ނަވާޒުޝަރީފު ޕާޓީންނާއި ބުއްޓޫޕާޓީން ރައްޔިތުންނަށް ބުނެދެމުން ދަނީ ހަމަ މިވާހަކަތަކެވެ. ކިޔައި ދެމުންދަނީ މިރިވާޔަތްތަކެވެ. ޖަހަމުންދަނީ މިލަވައެވެ. ރާއްޖޭގެ ޣައްދާރު ކޯލިޝަން މާފިއާއިން ރައްޔިތުންނަށް ހުތްލައިދޭ ރިވާޔަތްތަކައި ހަމަހިލާ އެއްވެސް ތަފާތެއް ނެތެވެ. އެއްފަސާނާއެކެވެ.

ހަމަ ކަށަވަރުން ސާފުކޮށް އެނގޭއެއްޗަކީ، އަރައިގެން މިއުޅޭ ސިޔާސީ ނަގޫރޯޅިއަކީ އެމެރިކާ އާއި އިސްރާއީލާއި ނޭޓޯއިން އީޖާދުކޮށް ގެން އަރުވައިގެން އުޅޭ ރޯޅިއެއްކަމެވެ. ޚަރާބީއެއް ކަމެވެ. މިއަވާގައި ޖެހިފައި ތިބޭ ޣައްދާރުން ރައްޔިތުންގެ ހިތްތަކަށް ވައްދައިދޭނީ މިބާވަތުގެ ރިވާޔަތްތަކެވެ. ފަސާނާތަކެވެ. ފޮރުވިފައި އޮތީ ފަނާކުރުމެވެ. ބިނާކުރުމެއް ނޫނެވެ.

ޗައިނާ އާއި ރަޝިޔާ މާކުރިން މިކަން ދަނެ އިސްނަގައި ފަށާފައި ވަނީ ގުޅިގެން ދުނިޔެ ބިނާކުރުމެވެ. އެއީ “ބީއާރުއައި” ބެލްޓު އެންޑުރޯޑު އިސްނެގުމެވެ. އެއީ ބިނާކުރުމެވެ. ފަނާކުރުމެއް ނޫނެވެ.

އަޅުވެތިކަމުގެ ފަސާނާ، މިރިވާޔަތް ތަކުގައި ރައްޔިތުން ރީތިކޮށް ޣަރަގުކޮށް ޖެއްސުމަށް ފަހު، ވެރިކަމަށް ގޮނޑިކޮއްކޮއެއް ގެނެސް ސަވާރު ކުރާނެއެވެ. ދެން ވޯލްޑުބޭންކާއި އައިއެމްއެފާއި އިންޓަނެޝެނަލް މުޖުތަމުގެ އެކިޖަމާއަތްތައް ލައްވާ ގައުމު ކުރިއަރުވާއި ޚިދުމަތް ދިނުމުގެ ނަމުގައި އިއާދަ ނުކުރެވޭ ވަރަށް ގައުމު ދަރުވާލާނެއެވެ.

ހެސްކިޔާފަ ފަގީރުކޮށްލާނެއެވެ. ދައުލަތުގެ ބޮޑެތި އިމާރަތްތަކާއި އަގުހުރި އެސެޓުތައް ރަހުނު ކުރުވާނެއެވެ. އަދި ސިފައިންގެ ބާރު ކަނޑުވާލާއި އަމިއްލަފައިސާގެ އަގުވައްޓާލާއި ރައްޔިތުން ބަޑަށް ޖައްސާލުމަށް ފަހު، އެމީހުންގެ މަގުސަދުތައް ޙާސިލުކުރުމުގެ މަގުކޮށާނެއެވެ.

ދެން އެޙާލަތުން އަރައިގަތުމަށް ކޮށްދޭ ކަންތައްތަކުގައި ގައުމުގެ މުސްތަގިއްލުކަމާއި މިނިވަންކަމުގެ ބާރު ގެއްލުވާލާނެއެވެ. ޕާކިސްތާނުގައި ނަމަ، އެޓަމީ ޕުރޮގުރާމުގައި ހުރި ނިއުކުލިއަރ ހަތިޔާރަށް ޔުކުރޭނުގައި، 2014 ގައި ހެދިގޮތަށް ހަދާފައި ފައިނޭންޝަލް އެހީތަކާއި ލޯނުތައް ރީތިނަންނަމުގައި ދީ ގައުމު ތަރައްގީކޮށް ދޭނަމޭ ބުނެ އެސެޓުތަކާއި އެހަތިޔާރުރައް ފަނާކޮށް ނައްތާލާނެއެވެ.

ފަހެ، ދަންނައެވެ!

އެމީހުންގެ މަގުސަދު ޙާސިލު ކުރަނީ މިފަދަ އެތައް ގެއްލުންތަކެއް މުސްލިމް ދައުލަތްތަކަށް ދިނުމާ އެކުގައި ފަނާކޮށްލާފައެވެ. އިއާދަވާން ގަރުނެއް ނަގާނެއެވެ.

ހުރިހާ ވެސް ބޭނުމަކާއި އަމާޒަކީ މިނިވަން ގައުމުތައް އަޅުވެތިކޮށް އެމީހުންގެ ދަށުލާފައި ބޭތިއްބުމެވެ. ޑިމޮކްރެސީގެ ކެހިވެރި ދަޅަދައްކައިގެނެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ މީސްތަކުން މުއްސަނދިވެ ކުރިއަރާއި ތަރައްގީ ވިޔަ ނުދިނުމެވެ. ރާއްޖެއަށް ވެސް އިންޑިއާ ލައްވާ ޖައްސާފައި މިވަނީ އެހާލަތެވެ.

ވީމާ އަވަށްޓެރި އިންޑިއާގެ ޒަމާނީ އަޅުވެތިކަމުން ދިވެހިންނާއި ދިވެހިރާއްޖެ މިނިވަންވާޖެހެއެވެ. އެކަން ކުރެވޭނީ ރައްޔިތު އެންމެން ނުކުމެ #އިންޑިއާއައުޓު ކޮށްގެންނެވެ.

 

 

 

 

Loading

4 Responses

  1. ސަންދާނުން ހުއްޓާނުލާ ތިޖިހާދަކީ ވަކިދެރަ ޖިހާދެއްތަ.. ސަންދާނައް ހީވާކަހަލަ އިންޑިއާ އައުޓުކޮއް ޗައިނާ ގެނެވިދާނޭ.. ތީވަރައްބޮޑު ކުންހީއެއް.. އަދި އިންޑިއާ އައުޓުވެގެންނޭ ޔާމިނައް ވެރިކަން ލިބެންއޮތީ.
    ހެޔޮނުވާނެ ރައްޔިތުންނައް ހެވެއް އެދެންޔާ ސަރުކާރައް ޕްރެސަރ ކޮއްބަލަ މިވެނި އެވެނި ރަށަކައް މިވެނި އެވެނި ކަމެއް ކޮއްދޭށޭ..
    ޕީ،ޕީ،އެމް އިންވެސް މިދައުރު ނިންމާލަނީ އިންޑިއާ އޭކިޔަކިޔަ.. އެހެންނޫނަސް ޕީ،ޕީ،އެމް ގެ ތަސައްވުރެއްނޫންވީޔާ ރައްތައް ތަރައްގީ ކުރުމަކީ.. އިދިކޮޅު ޕާޓީއެއް ނެތް މިސަރުކާރަކައް ޕޮރޮޖެކްޓެއް ނުހިންގާތީ ޕުރެސަރ ކޮއްލާނެ.. މުޅިންވެސް އިންޑިއާ އައުޓެއްގަ.. މިހާރު ހައެއްކަ ބުރައް އައުޓުވެއްޖެ…. 😂

    1. އޮންލައިން ނޫސްތަކަށް ލިޔާ ލިޔުންތެރިންގެ ޚިޔާލާއި ވިސްނުމަކީ އެއްވެސް އޮންލައިން ނުވަތަ ނިވްސްގެ ޚިޔާލާއި ފިކުރެއް ނޫނެއްނޫންތޯއެވެ. އެބޭފުޅެއްގެ ޚިޔާލެވެ. ވީމާ ސަންދާނުވިޔަސް ސަން ވިޔަސް އެ ލިޔުންތެރިޔާގެ ފިކުރާއި ޚިޔާލު ފެންނަގޮތް ލިޔުނީމާ ކޮންމެވެސްވަރަކަށް އެޑިޓްކޮސްފައި ޕަބްލިޝް ކުރަނީ ނޫންތޯއެވެ. މިއީ އަހަރެން ގަބޫލުކުރާގޮތެވެ. އެހެނީ އަހަރެންވެސް ނޫސް މަޖައްލާގައި މަސައްކަތްކުރީމެވެ. ހަމަ އެހެންމެ ތިބޭފުޅާގެ ޚިޔާލުވެސް އެ ޕޯސްޓްކުރީ ނޫންތޯއެވެ. ރަނގަޅަށް ލިޔެލާފައ ފޮނުވާލަން ފެނޭ ތިބޭފުޅާގެ ޚިޔާލާއި ފިކުރުވެސް ނަޒަރިއްޔާތު ލިޔުންތެރިންގެ މިންގަނޑުން. އެހެޔޮވާނެ އެމެރިކާ އައުޓް ޖެއްސިޔަސް. ނޫނީ ތިބުނާ އެމީހާ ނުލިޔާ ތިބާއަށް ކަންބޮޑުވާ ކަންތައްތައް ޕޯސްޓްކުރެވޭތޯ ލިޔުއްވަން ފަށްޓެވުން އަޅުގަނޑުގެ ލަފާއަކީ.

  2. ޕާރޓީސިސްޓަމާއި ޑިމޮކްރެސީ އައުޓޭ ގޮވިއްޔާ މާރަނގަޅުވާނެއެވެ. މިރާއްޖެއަށް އައިސްގެން އުޅޭ ހުރިހާ މުސީބާތެއްގެ އަސްލަކީ މާމޮޅުކަމަކަށް ހަދައިގެން ގެނައި ޑިމޮކްރެސީ އަކާއި ޕާރޓީ ސިސްޓަމެކެވެ. މި ރާއްޖެއަށް ލިބޭ ހާ އެއްޗަކާއި ދަރަންޏަށް ނަގާހާ އެއްޗެއްގެ ބޮޑުބައި ހޭދަވެގެންދަނީ މިބުނި ސުންޕާ ދެ ބަލިމަޑުކަމާހެދިގެންނެވެ.

  3. އޮންލައިނަށް ވިޔަސް އޮފް ލައިނަށްވިޔަސް އެޑިޓަރަކު ހުންނަނީ ވަރަށް މުހިންމެ ބޭނުމަކަށްޓަކައެވެ. މީހަކު ލިޔާ ކޮންމެ އެއްޗެއް އެގޮތަށް ޝާޢިއު ކުރުމަކީ ލިއުންތެރިކަމުގެ މިނިވަންކަން ދޭހަކޮށްދޭ މިންގަނޑެއްނޫނެވެ. ބައެއްލިއުން ތެރިންނަށް އެމް.ޑީ. ޕީ. ގެ ވަކިބޭފުޅަކު ނޫނީ ކަމަކު ނުދެއެވެ. އަނެއްބޭފުޅުންނަށް ޕީ. ޕީ. އެމް. ވަރެއް ނެތެވެ. އެކަމަކު ރައްޔިތުން މިހާތަނަށް ކުރި ތަޖްރިބާގައި އެދެބައިމީހުންގެވެސް އޮތީ އަމިއްލަ އެޖެންޑާއެކެވެ. ކަންތައްކުރީ އެ އެޖެންޑާއެއް ހާސިލުކުރާށެވެ. ލިއުންތައް އަމާޒުކުރަންވީ އީސާ ބުނެފާއޮތްގޮތަށް “ ހެޔޮނުވާނެ ރައްޔިތުންނައް ހެވެއް އެދެންޔާ ސަރުކާރައް ޕްރެސަރ ކޮއްބަލަ މިވެނި އެވެނި ރަށަކައް މިވެނި އެވެނި ކަމެއް ކޮއްދޭށޭ.. “ މިކަން ޕްރޮމޯޓްކުރެވޭތޯ އެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް