ދިންނެވުމާ ފުއްސެވުމުގެ މައްސަރު ވައްކަން ކުރާމައްސަރަކަށް ހައްދަވައިގެން ނުވާނެ

Loading

Facebook
Twitter
WhatsApp

ރަމަޟާންމަހަކީ ވަގުން ވައްކަން ކުރުމަށް ގިނަފުރުޞަތު ފަހިވެގެންދާ މައްސަރެއްކަމުގައި ވެއެވެ. ރަމަޟާންމަހު މުސްލިމުން ރޭއަޅުކަމުގައި ހޭލާ އުޅުމަށްފަހު ފަތިސްނަމާދު ކޮށްގެން ގެއަށް އައިސް މެންދުރުވަންދެން ނިދާލުމަކީ އާދައެކެވެ. މިގަޑިތަކަކީ ވަގުން މިފަދަ ގޭގެއަށް ފާރަލައިގެން ތިބެ ވައްކަންކުރާ ގަޑިތަކެއްކަން ފާހަގަ ކުރަމެވެ. މީގެ އިތުރުން މާރުކޭޓްގެ ގޮޅިތަކާ ފަޅުއޮޑިފަހަރުން ވެސް ރޯދަމަހު ވައްކަން ކުރުން އިތުރުވެފައިވެއެވެ.

ބާޒާރުމަތީގެ ފިހާރަތަކާ ގުދަންތައް ފެޅުންވެސް ރޯދަމަހު ގިނަކަން ފާހަގަކުރަމެވެ. މީގެ އިތުރުން މާރާމާރީގެ މައްސަލަތައްވެސް ރޯދަމަހު އިތުރުވެއެވެ.

މާލެއަކީ އެއްމެ ތިން އަކަކިލޯމީޓަރު ހަމަނުވާ ރަށަކަށްވިއަސް މިވަގުތު މާލޭގެ ސަރަޙައްދު މިވަނީ ޢަމަން ބަލަހަށްޓާ މީހުނަށް ބޮޑު ސަހަރަކަށްވެފައި ކަހަލައެވެ. ވައްކަންކުރާމީހުންގެ ކުޅަދާނަކަން ވެސް މިދަނީ ދުވަހެއް ދުވަހެއް އިތުރުވަމުންނެވެ. މިސަރަހައްދާއި އަޅާބަލާއިރު މިސަރަޙައްދު ބެލެހެއްޓޭވަރަށް ފުލުހުން ނެތީއޭ ބުނެވިދާނެ ހެއްޔެވެ. މާލޭގައި ނުހަނު މީހުން މަދުއިރުވެސް ފުލުހުންނަށް މާލެ ބެލެހެއްޓިފައެއް ނުވެއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ބައެއްފަހަރު މިފަދަ ވަގުން ވައްކަންކުރަނީ ފުލުހުންފޯރިއަށް ބައިތިއްބައިގެންކަމަށް ބައެއްމީހުން ބުނެއުޅެއެވެ.

މިހާރު މުޅިމާލޭގެ ހުރިހާ މަގުތަކާ ފިހާރަތަކާ ގެދޮރުގައި ވެސް ކެމަރާތައް ހަރުކޮށްފައިވާއިރު ކުށްކުރާމީހުން ހޯދަން ކަމާއި ބެހޭފަރާތްތަކަށް މާފަސޭހަވާނެއެވެ. ޒަމާނީ ޓެކްނޯލޮޖީގެ ވާސިލާއިން ފުލުހުންނަށް ކުށްކުރާމީހުން ނުހޯދެއެވެ. އެހެންކަމުން ޒަމާނީ ޓެކްނޯލޮޖީއަށް ރައްޔިތުންނަށް ބަރޯސާނުވެވެނީ މިހެންވެގެން ކަމަށް ވެދާނެއެވެ.

އަދި ރޯދަމަހަށްފަހު އަންނަ ފިތުރުޢީދުގެ ބަންދަކީވެސް ވައްކަން ކުރާމީހުނަށް ލިބިގެންދާ ރަނުގެ ފުރުޞަތެއް ކަހަލައެވެ. ފިހާރަތަކާ ގުދަންތައް ބަލަހައްޓަން ވޮޗަރުން ތިބެއެވެ. ފިހާރަތަކާއި ގުދަންތައް ފަޅަނީ ބައެއް ވޮޗަރުންވެސް ބައިވެރިވެގެންނޭ މީހުންބުނެއެވެ. ބައެއްވޮޗަރުންބުނާ ގޮތުގައި ވޮޗަރުންނަށް ތިބޭ ގިނަމީހުންނަކީ މުސްކުޅިވެ ގައިގެ ބާރުހުސްވެފައި ތިބޭ މީހުންނެވެ. އެހެންކަމުން ވައްކަން ކުރަން އުޅޭމީހުނާ ކުރިމަތި ލުމުގެ ހިއްވަރު ނެތުމުން ފުރާނަ ސަލާމަތްކުރުމަށް ދެން އޮންނަމަގަކީ ވަގުންނާ ބައިވެރިވުމެވެ.

އަދި ވައްކަން ކުރަން އަންނަ ބައިގަނޑަށް ވޮޗަރު އަތުލެވޭގޮތަށް މަގުމަތީގައި ގޮނޑި އަޅައިގެން އިނުމަކީ ރައްކާތެރި ކަމެއްވެސް ނޫންކަން ސިކުއުރިޓީ ތަމްރީންދޭ ފަރާތްތަކުންވެސް ބުނެދެއެވެ.

އެހެނަސް ޢާންމުކޮށް ވޮޗަރުން ތިބެނީ މިދެންނެވި ގޮތަށެވެ. އަޅުގަނޑު މިހެން މިދެންނެވީ ގުދަނާ ފިހާރައާ ވޮޗަރުންގެ ސަލާމަތައްޓަކައެވެ. އެމީހުންނަކީވެސް އަނގަޔާއި އަތާއި ދިމާކުރުމަށް ކޮންމެހެން މަސައްކަތެއްކުރަން މަޖުބޫރުވާތީ އެފަދަ ވަޒީފާ އަދާކުރާ ފަރާތްތައްކަމުގައި ގަބޫލުކުރެވޭތީއެވެ.

ވަޒީފާ ނުލިބިގެންއުޅޭ ބައެއް ޒުވާން ހަށިގަނޑު ވަރުގަދަ މީހުން ސެކިއުރިޓީ އޮފިސަރުންގެ ވަޒީފާތަކަށް ކުރިމަތި ނުލަނީ ކީއްވެބާއެވެ. ޒުވާނުންނަށް ސެކިއުރިޓީ ޖޮބު އަދާ ނުކުރެވޭނީ ބާވައެވެ. ހަމަ ގިނައިން ސިކިއުރިޓީންނަށް ފެންނަނީ މުސްކުޅިވެ ގައިގާ ހަކަތައެއް ނެތް މީހުނެވެ. ސަބަބެއް އޮންނާނެތާއެވެ.

މިފަހަކަށްއައިސް ބައެއް ޒުވާނުން ގޮނޑު ހޮވައިގެން ލިބޭތަކެތިކޮޅު ވިއްކާލައިގެން ވެސް މާލޭގައި އެބައުޅެއެވެ. ރައްޔިތުން ސަރުކާރެއް އެކުލަވާލާފައި އެވަނީ ގައުމުގެ ސަލާމަތާއި މުސްތަގްބަލަށްޓަކާކަން ކަށަވަރެވެ. ގައުމުގެ މާދަމާއަކީ އަދި ރައުސުލްމާލަކީވެސް މިއަދުގެ ޒުވާނުންނެވެ. މިއަދުގެ ޒުވާނުންނާމެދު އަޅާލެވޭ މިންގަނޑުން ނޫނީ ގައުމުގެ ޒުވާނުން އަންނަނިވި ޖީލުތަކާ ހަމައަށް ގައުމާއިގެން ދަތުރެއްނުކުރެވޭނެއެވެ.

ދައުލަތް ހިންގުމަށް ހަވާލުވާ ސަރުކާރުތަކުން މިރާއްޖޭގެ ޒުވާނުންނާމެދު އަޅާލުންވަރަށް ކުޑައެވެ . ފަރުވާދޭންޖެހިފައިވާ ޒުވާނުންނަށް ފަރުވާނުލިބި މަގުމަތީގައި ސަލާންޖަހަން އުޅޭމަންޒާރު ފެންނަމުންދާ ދިއުމަކީ ޒުވާނުންނާމެދު އަޅާލުން ކުޑަކަމަށް، މީހުން އެދައްކާ ވާހަކަތަށް ތެދުކަން ރަމްޒުކޮށްދޭ ދަލީލެކެވެ.

ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ އެގައުމުގެ ޒުވާނުންކަމާއި މެދު ދެކޮޅުވާނެ މީހަކު ނެެތެވެ. ޒުވާން ޖީލެއް މި ސައްތައިން ސައްތަ ގައުމުގައި ބިނޭކުރަށް އެއްވެސް ވެރިޔަކު މަސައްކަތް ކޮށްފައެއް ނެތެވެ. ދައްކަނީ އަބަދުވެސް މޮޅުވާހަކައެވެ.

ތަރައްގީ އަކީ އިންސާނާއަށް ނުވަތަ އިންސާނިއްޔަތައް އަންނަ ހެޔޮބަދަލަކަށް ކިޔާ އެއްޗެއްކަމުގައި ވިސްނޭ ސިޔާސީމުފައްކިރުން ބުނެ އުޅެއެވެ. އެހެނަސް މި ދިވެހި ރާއްޖޭގައިކަންކަން ކުރެވެނީ ކޮންކްރީޓް ތަރައްގީ އަށް ބަލައިގެން ކަން މާޒީއިން ދައްކާފައިވާ ތަޖްރިބާތަކުން ހާމަވެއެވެ. ކޮންކްރީޓް ތަރައްގީއިން ޖީބުތައްފުރެއެވެ. ޔަގީނުންވެސް އެނގޭ އެއްޗަކީ އިންސާނުން ތަރައްގީ ނުވެ ގައުމު ތަރައްގީ އެއްނުވާނެކަމެވެ.

އަޅުގަނޑުގެ އުންމީދަކީ މިހެޔޮކަމުގެ މައްސަރުގައި މާލޭގަޔާއި ރާއްޖެތެރޭގައިވެސް ވައްކަންކުރުން މަދުވުމެވެ. އަދި ރައްޔަތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބިފަރާތްތަކުން އެމީހުންގެ ވަޒީފާ ޒިންމާދާރުގޮތުގައި އަދާކޮށްދީ އަޅުގަނޑުމެން ދިރިއުޅެމުންދަނީ އަމާން ވެއްޓެއްގައިިކަން ގާއިމުކޮށްދެއްވުމެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް