ޢަޒުމަކަށް ހަދަންވީ، މި ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް: ރައީސް ޞާލިޙު

Loading

Facebook
Twitter
WhatsApp

މި ފެށުނު ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، ބަރަކާތްތެރި މައްސަރުގެ ރޭތަކާއި ދުވަސްތަކުގައި މާތް ﷲ ލައްވާފައިވާ މަތިވެރި ރޫޙާނީ ފައިދާތަކުގެ ނަސީބުވެރިން ކަމުގައި ވުމަށް ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާކިޙު ވިދާޅުވެއްޖެއެވެ.

”ހަމައެފަދައިން، ރޯދައިގެ އަޅުކަމުގެ ތެރެއިން އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް އިޞްލާޙުކުރުމަށް، ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެއްވާފައިވާ ނަބަވީ އިރުޝާދުތަކަށް ފުރިހަމައަށް ޢަމަލުކުރާ ބަޔަކަށް ވުމަށް.“ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. “ ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރަކަށް ވީހިނދު، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރިކަން އިސްކޮށް، އިސްލާމީ އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ދިރުވައި އާލާކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް.“

ރައީސް ޞާލިޙު ވިދާޅުވި ގޮތުގައި ރަމަޟާން މަހަކީ ފުއްސެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު، އެކަކު އަނެކަކާ މުޢާމަލާތު ކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ބޭނުންތެރި ކަމެކެވެ. ހަމައެފަދައިން، މިއީ ދިންނެވުމުގެ މޫސުމަކަށް ވީހިނދު، އަޅުގަނޑުމެންވެސް އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ، އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންކަމެކެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަދި ހިތްހަމަޖެހުމަކީވެސް، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަވެވި، މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީގޮތުން އަދާކުރަންޖެހޭ އެންމެހައި އަޅުކަންތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުތަނަވަސްވެފައި ވުމެވެ. އެހެންކަމުން، މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމައަށް ރޯދަހިފުމާއި، ތަރާވީޙް ނަމާދުކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރުކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

”ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވީތީ، މި ބަރަކާތްތެރި ދުވަސްތަކުގައި ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލައްވަންޖެހެއެވެ. ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގައި ހީވާގިވުމަކީ އެހާމެ ބޭނުންތެރި ކަމެކެވެ.“ ރައީސް ޞާލިޙުގެ ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. “ ރަމަޟާން މަހަކީ اللهُ سُبْحَانَهُ وَتَعَالَى މުޅި އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ، ނިޢުމަތްތަކުން ފުރިގެންވާ މޫސުމެކެވެ. ރަޙްމަތާއި ފުއްސެވުމާއި ދިންނެވުމުން ފުރިގެންވާ އުފާވެރި ދުވަސްތަކަކާއި ރޭތަކެކެވެ. ހަމައެފަދައިން، މި މައްސަރަކީ އަޅުގަނޑުމެންގެ ޢަމަލުތައް އިޞްލާޙުކޮށް، އާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރުމަށް ދެއްވާފައިވާ ވަރަށް ތަނަވަސް ފުރުޞަތެކެވެ.“

މިއަހަރުގެ ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަރިސްކުރުމުގެ އިތުރަށް އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ ރައްޔިތުންނަށާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް، ރަމަޟާން މަހުގެ ތަހުނިޔާ ރައީސް ޞާލިޙު ވަނީ ދަންނަވާފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް