ޑޮކްޓަރުގެ އެޕޮއިންޓް މަންޓް ކެންސަލް ވުމަކީ ބޮޑު އަނިޔާއެއް

Facebook
Twitter
WhatsApp
IGMH

ބަލި ބޮޑުވަމުންދާތީ ރަށުގެ ސިއްޙީމަރުކަޒުގެ ޑޮކްޓަރ ލަފާދެއްވީ އެތަންތަނުގެ ސިއްޙީ ޚިދުމަތް ހުންނަ ނިކަމެތިކަމުން މާލެ ދިއުމަށެވެ. އެހެންކަމާއެކު އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރަކަށް އެޕޮއިންޓް މަންޓެއް ވަރަށް އުނދަގުލުން ނޯޓް ކުރީމެވެ. ނޯޓްކުރުމަށް ފަހު ހޮސްޕިޓަލުން ވިދާޅުވީ އެޕޮއިންޓް މަންޓް ހަމަޖެހުނުހާ އަވަހަކަށް ގުޅުއްވާނެ ކަމުގައެވެ.

ހަމަޖެހޭނެ ދުވަހެއް ނޭނގޭ ކަމަށް ވެސް ވިދާޅުވިއެވެ. ހޮސްޕިޓަލުން މިހެން ވިދާޅުވުމުން މާލެ ގޮސް ބޭސްފަރުވާ ކުރަން ހުރުމާއި ކެއުމުގެ ޚަރަދު ރައްޓެހިންގެ އަތުން ހޯދާ ތައްޔާރު ވެލީމެވެ.

ކޮންމެއަކަށް އެޕޮއިންޓްމެންޓް ނޯޓުކުރިތާ މަހަކާ ދެދުވަސް ވީތަނާ އައިޖީއެމް ހޮސްޕިޓަލުން އަޅުގަނޑާ ގުޅުއްވާ އެޕޮއިންޓް މެންޓް ހަމަޖެހިއްޖެ ކަމަށް ވިދާޅުވިއެވެ. އެއިރު މިހާރު މިހުރީ ރަށުގައިކަމުގައި ދެންނެވުމުން މާލެ އަންނަންވީދުވަސް ހޮސްޕިޓަލުން އެންގެވިއެވެ.

ކޮންމެއަކަސް ހޮސްޕިޓަލުން އަންގަވާފައިވާ ދުވަހަށް މާލެގޮސް މެމޯހައްދަން ހޮސްޕިޓަލުގެ މެއިން ކައުންޓަރަށް ގޮސް ޑޮކްޓަރުގެ ނަން ބުނެ މެމޯހައްދައި ދިނުމަށް އެދުނީމެވެ. ކައުންޓަރުގައި އިން އަންހެން ކުއްޖާ މެމޯހަދައިދިނެވެ. ޑޮކްޓަރ އިންނެވީ ބުދަދުވަހު ހެނދުނު 8ޖަހާއިރުކަމަށް ވެސް ބުނުންވިއެވެ. ލިބުނީ 14ވަނަނަމްބަރެވެ. މެމޯހެއްދީ ހޯމަދުވަހުއެވެ.

މާލޭ ކަނބާއައިސާރަނި ހިނގުމުގައި ހުރި ގެސްޓް ހައުސްއަކުން 400ރުފިޔާއަށް ރޫމެއް ނަގައިގެން ހުންނަތާ 3ވަނައަށް ވީދުވަހަކީ ބުދަ ދުވަހެވެ. އެދުވަހު ހެދުނު 8 ޖެހިއިރު ހޮސްޕިޓަލަށް ގޮސް ޑޮކްޓަރ އިންނަވާ ރޫމްކައިރިއަށް ދިއުމުން އެތާގެ ބޭރުގައި ހުރި ކައުންޓަރުގައި އިން އަންހެންކުއްޖާ ބުނުއްވިއެވެ. ޑޮކްޓަރ ވީ އިމަރޖެންސީ ލީވް އެއްގައެވެ.

ހިތަށްލިބުނު ހާސްކަމާއި ނުތަވަސްކަން އިންތިހާ އަށް ބޮޑުވިއެވެ. އެއީ އިތުރަށް މާލޭގައި ހުރެވޭނެ ފައިސާ އަތުގައި ނެތުމުންނެވެ. ކޮންމެއަކަސް މެއިންކައުންޓަރަށް ޝަކުވާ ކުރަން ދިއުމުން ވިދާޅުވީ އަލުން ޑޮކްޓަރަށް ނަން ނޯޓުކުރެވުދާނެ ކަމަށެވެ. ލަފާކުރެވޭ ގޮތުން 15ދަވަސް ވަރުވެދާނެ ކަމަށްވެސް ވިދާޅުވިއެވެ. ކޮންމެއަކަސް ފަރުވާ ވަރަށް މުހިންމެވެ. ވުމާއެކު އެނބުރި ގެސްޓްހައުސްއަށް ގޮސް ދެގަޑިއެއްހާއިރު ވިސްނާލަން ބުރާންތިވެފައި އޮތީމެވެ.

އަނެއްކާވެސް ލާރިކޮޅެއް ލިބިގެން ނޫނީ ޑޮކްޓަރަށް ދެއްކެންދެން މާލޭގައި ހުރެވޭނެ ގޮތެއް ނެތެވެ. އެވްރެޖްކޮށް ކެއުމާބުއިމާ ހުރުމާ ޓެކްސީއަށް ދުވާލަކު-/700އެއްހާ ރުފިޔާ ޚަރަދުވެއެވެ.

ލިބުނު އެޕޮއިންޓް މެންޓް ކެންސަލް ވީހިސާބުން ދައުލަތުން އެމީހާއާޙަވާލުވެ ޒިންމާ ނަންގަވަން ޖެހޭނެކަމަށް ދެކެމެވެ. އެހެނީ އައިޖީއެމްއެޗް އަކި ދައުލަތުން ރައްޔަތުންނަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖައްސައި ރައްޔަތުންގެ ޓެކްސް ފައިސާއިން ހިންގަމުން އަންނަ ތަނަކަށްވުމާއި އެކުގައެވެ. ރައްޔަތުންނަށް މިފަދަ ނިކަމެތިގޮތްތައް ދިމާކުރުވާގޮތަކަށް އެތަން ހިންގިގެން ނުވާނެތީއެވެ.

ފަގީރުންނަށް އެހީވެދޭ ފަންޑުތައްވެސް ހުންނަވާހަކަ އަހަމެވެ. އަދި އާސަންދައިން ބޮދު ޚަރަދުތަކެއް ކުރާކަންވެސް އެނގެއެވެ. އެހެނަސް ރާއްޖެތެރޭގައި ދިރިއުޅޭ ފަގީރުންނަށް ބޭސްފަރުވާ ކޮށްދޭނަމޭ ބުނެ މާލެ ގެނެސް ފަގީރުމީހާ ސަލާންޖައްސުވަން ސަރުކާރުތަކުން ލަދުނުގައްނަނީ ވަރަށް ގޮތެއްނެތީމައެވެ.

ރައްޔިތުންގެ ފައިސާއިން ހޮސްޕިޓަލް ހިންގާ ޑޮކްޓަރުން ގެނެސް ރައްޔިތުންގެ ފައިސާ އިންމުސާރަ ނަގައިގެން ތިބެ މިވަރުގެ ޖަރީމާ ހިންގީމާ ރައްޔިތު މީހާގެ ދޫ ބޭރަށް ނުކުންނާނެ ތާއެވެ. ބޭސްފަރުކުރަން މާލެ އަންނަ ފަގީރުމީހާ އަށްވާގޮތް ރައްޔިތުންނަށް އެބަފެނޭ ނޫންހެއްޔެވެ. ނަމަވެސް ހެޔޮވެރިކަމެއް ކޮށްދޭނަމޭ ކިޔާފަ ވެރިކަމާއި ޙަވާލުވެތިބި ބަޔަކަށް ނުފެނެއެވެ. އެކަކު ކައިރިން އަނެކަކު ކައިރިން ސަލާމްޖަހައިގެން ޑޮކްޓްރުގެ ދެވަނަ އެޕޮއިންޓްމަންޓައް އިންތިޒާރު ކުރަންޖެހުނީއެވެ.

ރާއްޖޭގެ ހަސްފަތާލުތައް ހުންނަނީ އިންޑިއާ ހަސްފަތާލުތަކާ ގުޅިފައެވެ. ރާއްޖޭގައި ދޭނެ ފަރުވާއެއް ނެތްކަމަށް ބުނެ ބޭސްފަރުވާއަށް މާލެ އަންނަ މީހުނަށް ލިއުންދެނީ ބައެއް ޑޮކްޓަރުންނަށް އިންޑިއާގެ ހޮސްޕިޓަލް ތަކުން ކަމިޝަންލިބޭތީކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ކޮންމެއަކަސް ރާއްޖޭގައި 25 ބުރީގެ އައު ހޮސްޕިޓަލެއް އެޅުނު ފަހުންވެސް މިހާރުވެސް ރައްޔިތުން އުޅެންޖެހިފައި އޮތީ މިފަދަ ނިކަމެތި ޙާލެއްގައެވެ. ޙައްލަކީ ސިޔާސީވެރީންގެ އަތްދަށުން ރައްޔަތުންނަށް ޚިދުމަތްކުރެވޭ މިފަދަ ތަންތަން ސަލާމަތްވެ ވަކި ކުލައަކަށް ވަކި ބޭފުޅަކަށް ނުބަަލައި ޚިދުމަތްދެވޭފަދަ ފެންވަރުގެ ޚާދިމުންތަކެއް މިތަންތަން ރައްޔަތުންނަށް ހިންގަދިނުމެވެ.

ކަންމިހެން ހުރުމާއިއެކު ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށް ވަޢުދުވެގެން އައި މިސަރުކާރުން ފަގީރު ރައްޔިތު މީހާއަށް ބޭސްފަރުވާ ނުދީ މަގުމައްޗަށް ދޫކޮށްލުމުން މިސަރުކާރުގެ އިޚުލާސް ތެރިކަމާމެދު ސުވާލު އުފެދިއްޖެއެވެ.

 

 

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް