އުޖާލާ ޙަޔާތެއްތޯ؟ ހިތްދަތިކަންތޯ؟

Loading

Facebook
Twitter
WhatsApp

ބާއްޖަވެރި ޒަވާޖީ ޙަޔާތަކީ ކޮންމެ މީހެއްގެވެސް އެންމެބޮޑު އެއް އުންމީދެވެ. ރަނގަޅު ބައިވެރިޔަކު ހޯދައި އުފާވެރި ޙަޔާތަކީ ”ވަޔަކުން“ ލިބޭހައި ފަސޭހަ އެއްޗެއްނޫނެވެ. އެއީ ތިމާގެ ދިރިއުޅުމުގައި ތިމާ ގެންގުޅޭ އުޞޫލުތަކާއި ތިމާ ޤަބޫލުކުރާ ޤަބޫލުރުންތަކުގެ މައްޗަށް ބިނާވެފައިވާ އެއްޗެކެވެ. ހަމަޖެހޭ ދިރިއުޅުމެއް ބިނާވަނީ ޙަޔާތުގެ މައިދާނުގައި ތިމާ ނިންމާ ނިންމުންތަކާއި ގެންގުޅޭ ރަނގަޅު އާދަތަކުގެ މައްޗަށެވެ. މިގޮތުން އަޅުގަނޑު ބަލައިލާނީ ޒަވާޖީ ޙަޔާތެއް ބާއްޖަވެރިކުރުމުގައި ދުރުހެލިވާންޖެހޭ އާދަތައް އަދި ގެންގުޅެންޖެހޭނެ އާދަތަކާއި ސިފަތަކުގެ މައްޗަށެވެ.

ދިރިއުޅުމުގައި އެއްބާރުލުން ނުދޭ މައްސަލައަކީ ވަރަށްގިނައިން ދިމާވާ ކަމެކެވެ. އަދި ބައިވެރިޔާ އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިންނަމަ މިކަން މިހެންނުވާނޭ ހިތަށްއަރާ ޙާލަތްތަކާއި ވަރަށްގިނައިން ދިމާވެއެވެ. މިހެންކަންކަން ދިމާވަނީ ތިމާމެން ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުންނެވެ. ރަނގަޅު އާދަތަކަށް ބަލައިލުމުގެ ކުރިން ދިރިއުޅުން ވީރާނާވާ ސަބަބުތައް ދެނެގަތުމަކީ މުހިންމުކަމެއްކަމުގައި ދެކެމެވެ.

ނުރަނގަޅު އާދަތައް

ދެމަފިރިއެއްގެ ގުޅުމުގައި މައްސަލަތައް ކުރިމަތިވާ ޢާންމު ސަބަބުތައް ކަމުގައި ބެލެވެނީ ޝަކުވާ ގިނަކުރުމާއި، އެކަކު އަނެކަކުގެ ކުށްދެއްކުން ނުވަތަ ކުށްވެރިކުރުމާއި، ފާޑުކިއުމާއި، ރުޅިއެރުވުމާއި، ބިރުދެއްކުމާއި އެކިކަހަލަ އަދަބުދިނުމުގެ ޢަމަލުތަކެވެ. ބައެއް މީހުން އެމީހުންގެ ބައިވެރިޔާ ތިމާ ބޭނުންވާގޮތަކަށް މިވެނިއެވެނި ކަމެއް ކުރުވުމަށް އިންތިހާއަށް ނުފޫޒުފޯރުވައެވެ. އަދި ބައިވެރިޔާ ތިމާދެކެވާ ލޯބީގެ ނާޖާއިޒް ފައިދާނަގައި އޭނާ އެގޮތަށް އަނބުރައިލުމަށް މަޖުބޫރު ކުރުވައެވެ. މިގޮތުން، ތިމާ ބޭނުންވާ ގޮތަށް ކަންތައް ނިމިދެއެވެ. ނަމަވެސް އޭގެ ބަދަލުގައި ތިމާގެ ދިރިއުޅުމުން ބީވެގެންދާ ބައި ނުހަނު ބޮޑެވެ. ދެމަފިރިންގެ ގުޅުމުގެ ބަދަހިކަމާއި ލޯބި ނެތިގެންދެއެވެ. ބައެއް މީހުން ޤަބޫލުކުރާގޮތުގައި ތިމާގެ ބައިވެރިޔާ ހިތްދަތިކޮށްލީނުންގޮސް އޭނާއަށް ކެތްނުކުރެވޭވަރުކޮށްލައިގެންވެސް ތިމާބޭނުން ވާގޮތަށް ކަންކަން ކުރެވުމަކީ އަނބިދަށު ނުވުމެވެ. އަދި އެގޮތަކަށް ކަންކަން ވުމަކީ ތިމާއަށް ލިބޭ ކާމިޔާބެއްކަމުގައި ދެކެއެވެ. މިއީ ވަރަށްބޮޑު ކުށްހީއެކެވެ. ތިމާއަށް ނޭނގިނަމަވެސް، މިކަންކަމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި އޮންނަ ގާތްކަމާއި އޯގާތެރިކަން ފޫހިކަމަށް ބަދަލުވެގެންދެއެވެ. މިފަދަ ބައެއް ނުރަނގަޅު އާދަތަކަށް ބަލައިލަމާ ހިނގާށެވެ.

ޝަކުވާ ގިނަކުރުން

ކަންކަމާއި ހިތްހަމަނުޖެހުމުން ޝަކުވާ ކުރުމަކީ އިންސާނާގެ ޠަބީޢަތެވެ. އެހެންނަމަވެސް ތިމާ ޝަކުވާކުރާއިރު އެޝަކުވާ ކުރެވެނީ އެކަމަށް އެކަށޭނަ ސަބަބަކާއި ލައިގެންތޯ ބެލުމަކީ މުހިންމު ކަމެކެވެ. އަދި ސަބަބަކާއި ލައިގެންވިޔަސް، ޝަކުވާ މާގިނަ ކުރުމަކީ މައްސަލަތައް ކުރިމަތިވާނެ ކަމެކެވެ. އޭގެ ބަދަލުގައި، އޯގާތެރިކަމާއެކު ވާހަކަދައްކައިގެން، ރީތިގޮތުގައި، ރަނގަޅު ވަގުތުގައި ތިމާގެ އިޙުސާސްތައް ޙިއްސާ ކުރުމަކީ މައްސަލަތައް މަދުކުރެވޭނެ ސަބަބެކެވެ. ޝަކުވާގެ ބަދަލުގައި ތިމާ ވެސް ޝަކުވާއިން ޖަވާބުދާރީ ވެއްޖެނަމަ ޙާލަތު އިތުރަށް ގޯސްވެގެންދެއެވެ.

ފާޑުކިއުން

އެކަކުއަނެކެއްގެ ކަންކަމަށް ފާޑުކިޔާހެދުމަކީ ޒަވާޖީ ގުޅުމުގައި ކިލަނބުކަން އުފައްދާކަމެކެވެ. މިކަމުގެ ސަބަބުން ބައިވެރިޔާގެ އަމިއްލަ ނަފްސުގެ އިތުބާރުގެއްލި ދިރިއުޅުންމަތިން ފޫހިވާގޮތްވެއެވެ. ދިވެހިބަހުގައި ”ކޮންސްޓްރަކްޓިވް ކްރިޓިސިޒަމް“ އަށް ބޭނުންކޮށް އުޅެނީ ބިނާކުރަނިވި ފާޑުކިއުމެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެއްވެސް ސިފައެއްގައި ފާޑުކިއުމާއި ދުރުހެލިވުމަކީ ރަނގަޅުގޮތެވެ. ބިނާކުރަނިވި ފާޑުކިއުމަކީ އަޅުގަނޑުދެކޭގޮތުގައި ނަޞޭޙަތްތެރިވުމެކެވެ. ނުވަތަ މަޢުލޫމާތު ޙިއްސާކުރުމެކެވެ. އެހެންކަމުން، ބައިވެރިޔާ ހިތުގައި ނުޖެހޭނެގޮތަށް ނަޞޭޙަތްތެރިވެ ރީތިގޮތް ބުނެދިނުމަކީ ދިރިއުޅުން އުޖާލާ ކުރުމަށް ކުރެވިދާނެ މުހިންމު ކަމެކެވެ.

ކުށްދެއްކުން ނުވަތަ ކުށްވެރިކުރުން

އިންސާނާއަކީ ޠަބީޢީގޮތުން ކުށަށް އަރައިގަނެވޭ ބައެކެވެ. އެހެންކަމުން ކުށެއް ކުރެވޭއިރަށް އެކަކު އަނެކަކު ކުށްވެރިކޮށް ކުށްދެއްކުމުގެ އާދަ ދޫކޮށްލަންޖެހެއެވެ. ކުށްދެއްކުމަކީ، ތިމާ ހުރިހައިކަމަކުން ބަރީޢަވެގަނެ އަނެކާއާއި ދިމާލަށް އިނގިލިދިއްކުރުމަށް ކުރެވޭކަމެއްކަމުގައި ގިނަފަހަރު ވެދެއެވެ. ބައިވެރިޔާއަށް ކުށެއް ކުރެވިއްޖެނަމަ އެކަންތައް އެވަނީ ވެނިމިފައެވެ. އެކަމުގައި ”ހިފައިދަމައިހެދުމުގެ“ ބަދަލުގައި މައްސަލަ ޙައްލުކުރުމުގެ ރިވެތިމަގު ޚިޔާރުކުރުމަކީ އަމާންދިރިއުޅުމުގެ އައްސޭރި ސާދާކޮށްލުމަށް ކޮށޭނެ މަގެކެވެ. އަދި މިފަދަ ކަންކަމުގައި، މާފުކުރުމުގެ އިސްލާމީ ރިވެތި އުޞޫލުގެ ބޭނުންހިފަންޖެހެއެވެ. މާފުކުރުމަކީ ތިމާ ދަށުދަރަޖައަށް ވެއްޓޭނެކަމެއްކަމުގައި އެއްގޮތަކަށްވެސް ދެކިގެންނުވާނެއެވެ.

ރުޅިއެރުވުން

ބައިވެރިޔާ ރުޅިއަންނަ އެންމެހައި ކަންކަމުން ދުރުހެލިވާށެވެ. އެއްކަމެއް ކުރުމަށް ބައިވެރިޔާ ކިބައިން ތަކުރާރުކޮށް ނޭދޭށެވެ. ދެތިންފަހަރު ކަމެއް ކުރަން ބުނުމުން ނުކޮށްފިނަމަ އޭގެ މާނަ ތިމާއަށް ވަރަށް ސާފުވާން ޖެހޭނެއެވެ. އެއީ، ބައިވެރިޔާ އެކަންތައް ކުރަން ބޭނުން ނުވުމެވެ. ނުވަތަ އޭނާގެ އަމިއްލަ ވަގުތުގައި އެކަންތައް ކުރާނެކަމެވެ. އިތުރަށް ތަކުރާރުކޮށް އެކަމަށް އެދުމަކީ ބައިވެރިޔާ ރުޅިއަންނާނެ ކަމެއްކަމުގައި ވެދެއެވެ. ނަމަވެސް، ޒަވާޖީ ޙަޔާތުގެ ބައިވެރިން އެކަކު އަނެކަކު އެދޭކަންކަން ކޮށްދިނުމަކީވެސް ލޯބިދެމެހެއްޓުމަށް މުހިންމު ކަމެކެވެ. މިތަނުގައި އަޅުގަނޑު މިމާނަކުރަނީ، ބައިވެރިޔާއަށް ބައެއްފަހަރު ކަމެއް ނުކޮށްދެވުމުން އޭނާ ރުޅިއަންނާނެހެން ކަންކަން ނުކުރުމަށެވެ. އެއީ އަބަދު އެވާހަކަދެއްކުމުން ބައިވެރިޔާ ހިތްނުތަނަވަސް ނުކުރުމެވެ.

ބިރުދެއްކުން

ބައިވެރިޔާއަކީ ތިމާ ގެންގުޅޭ ކުޅޭކުޅޭ ބުދެއްކަމުގައި ނުދެކޭށެވެ. އޭނާގެ ހުރިހާކަމެއް ތިމާގެ އަތްދަށުލައި ”ދަށުކޮށްގެން“ ގެންގުޅޭ ބީދައިން އޭނާއާއި ކަންކަމުގައި މުއާމަލާތު ނުކުރާށެވެ. މިވެނިކަމެއް ނުކޮށްފިއްޔާ، މިވެނިއެވެނި ގޮތެއް ހަދާނަމޭ، ނޫނީ ދެންހަދާނެގޮތް އެނގޭނީ ތިމަންނާއަށޭ، މިފަދަ ޖުމްލަތަކުން ބައިވެރިޔާއަށް ބިރުދައްކައި މާޔޫސް ކުރުވާނަމަ ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ހުރި ހިމާޔަތެއް ކަމުގައި އޭނާ ނުދެކޭނެއެވެ. އަދި އޭނާ ދެކޭނީ، ބައިވެރިޔާއަކީ ހަރުކަށި އުޞޫލުގެ މީހެއްކަމުގައެވެ. ނަތީޖާއަކަށްވަނީ އޭނާއަށްވުރެ އޯގާތެރިވާނެ އެހެން ފަރާތަކަށް ބޭނުންވުމެވެ. އެއީ އިންސާނީ އާދައެވެ. މިފަދަކަންކަމުން ޒަވާޖީޙަޔާތް ރޫޅެންދިމާވުމަކީ ވަރަށް ޢާންމުކަމެކެވެ.

އަދަބުދިނުން

ބިރުދައްކައިން ތިމާބޭނުންވާ ކަންކަން ޙާޞިލު ނުވެއްޖެނަމަ ބައިވެރިޔާއަށް އެކިކަހަލަ އަދަބު ދިނުމަކީވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާކަމެކެވެ. އަދަބޭ ބުނުމުން އޭގެ މާނައަކީ ހަމައެކަނި ޖިސްމާނީގޮތުން އަދަބުދޭ ވާހަކައެއްނޫނެވެ. ޢާންމުގޮތެއްގައި ފިރިހެނުން، ބައިވެރިޔާގެ އަޑުނޭހުން، ސަމާލުކަން ނުދިނުންފަދަ ކަންކަން ކުރެއެވެ. އަންހެނުން ގެންގުޅޭ އުޞޫލުތަކުގެ ތެރޭގައި ލޯބިކުރުމަށް އިންކާރުކުރުން އަދި އެއްވެސް ކަމަކަށް ތަޢުރީފުކޮށް އިޙްތިރާމް ނުކުރުންފަދަ ކަންކަން ހިމެނެއެވެ. މިފަދަ ކަންކަމުގައި ބައިވެރިން ބޮޑަށް ބަލަނީ އަނެކާ އެންމެ ބޭނުންވާ ކަމަކުން މަހުރޫމް ކުރުމަށް ނުވަތަ ތަހަންމަލް ކުރަން އުނދަގޫކަމެއް ކުރުމަށެވެ. ނަމަވެސް މިފަދަކަންކަމުން ނުކުންނާނެ ނަތީޖާއަކީ ދިރިއުޅުން ބަނގުރޫޓްވުންނޫން ދެން ކޮންކަމެއްތޯއެވެ؟

ޒަވާޖީ ހަޔާތުގެ ގުޅުން ބަދަހި ގުޅުމަކަށް ހަދަން ޖެހޭ

އުފާވެރި ޙަޔާތަކަށް ބޭނުންވާ މާއްދާތައް

1. ރަނގަޅަށް މުޢާމަލާތު ކުރުން

2. އިޙުތިރާމް ކުރުން

3. އިތުބާރު ކުރުން ނުވަތަ ތެދުވެރިކަން

4. އެކުގައި ވަގުތު ހޭދަކުރުން

5. އެހީތެރިވެދީ ހިތްވަރުދިނުން

6. ހިނިތުންވުމާއި ސަމާސާކުރުން

7. ދިރިއުޅުމަށާއި ބައިވެރިޔާއަށް އަހަންމިއްޔަތުކަން ދިނުން

8. އިޚްލާޞްތެރި ބައިވެރިވުމެއް

9. އަޑުއެހުން

10. ދުޅަހެޔޮ ޖިންސީ ގުޅުން

11. ދެމީހުން ގަޔާވާ ކަންކަން ހުރުން

12. އެކަކު އަނެކަކު ބަލައިގަތުން

13. ރޫޙާނީ ގޮތުން ނަފްސު ތަރައްޤީ ކުރުމުގައި ޙިއްސާވުން

14. ދެމީހުންގެ ވެސް އެއްގޮތް ޤަބޫލު ކުރުންތަކާއި އުޞޫލުތައް ހުރުން

15. އެކުވެރިކަން

16. މަޝްވަރާކުރުން

17. އެކުގައި މަޖާވަގުތުތައް ހޭދަކުރުން

18. ލޯބިވެތި ޙަރަކާތްތައް ނުވަތަ ރޮމޭންސް

19. ބައިވެރިޔާގެ އިޙްސާސްތައް ދެނެގަތުން

އެމެރިކާގެ ނަފްސާނީ ޢިލްމުވެރިއެއްކަމުގައިވާ ވިލިއަމް ގްލޭޒަރ ލިޔެފައިވާ ”އެއިޓް ލެޒަންސް ފޮރ ހެޕިއަރ ރިލޭޝަންޝިޕް“ މިފޮތުގައި ބާއްޖަވެރި ޙަޔާތަކަށް ބޭނުންވާ ރަނގަޅު ހަތް އާދައެއް ބަޔާންކޮށްފައިވެއެވެ. އެއީ؛

1. އަޑުއެހުން

2. އެހީތެރިވުން

3. ހިތްވަރުދިނުން

4. އިތުބާރުކުރުން

5. އިޙްތިރާމްކުރުން

6. ޤަބޫލުކުރުން

7. ތަފާތުތައް ނައްތައިލުން (ކިމް އޮލިވަރ، ސީކްރެޓްސް އޮފް ހެޕީ ކަޕްލްސް، 2011)

މިއިން ކޮންމެ ސިފަޔަކީ ތަފްޞީލުކޮށް ބަޔާންނުކުރިނަމަވެސް ޢާންމުކޮށް އެނގޭނެކަންކަންކަމެވެ. އެހެންކަމުން ޒަވާޖީ ޙަޔާތެއް ބާއްޖަވެރިކުރުމުގައި، ޙަޔާތަށް އުނިކަން ގެނުވައި ގޯސް އާދަތަކާއި ދުރުހެލިވުމަކީ ދިރިއުޅުން އުޖާލާކުރުމަށް މުހިންމު ކަމެކެވެ. ދެނެގަންނަންޖެހޭނެ ޙަޤީޤަތަކީ، އެއްވެސް މީހަކީ ކުށްތަކުން ބަރީއަވެފައިވާ މީހެއް ނޫންކަމެވެ. އެހެންކަމުން، ތިމާގެ ބައިވެރިޔާގެ އުނިސިފަތަކާމެދު ފިކުރުކުރުމުގެ ބަދަލުގައި ތިމާގެ ކިބައިގައި ހުރި ނުރަނގަޅު އާދަތަކަކީ ކޮބައިކަން ހޯދައިބަލައި، އެކަންކަން ރަނގަޅުމަގަށް އެޅުވުމަކީ ޒަވާޖީ ޙަޔާތެއްގެ މައްސަލަތައް ހައްލުކުރުމަށް އޮތް އެންމެ ފަސޭހަ މަގެވެ. ބައިވެރިޔާގެ މައްޗަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ބަދަލުގައި އުޖާލާ ދިރިއުޅުމަކަށް ބޭނުންވާ މާއްދާތަކަށް ފިރިމީހާ އަދި އަނބިމީހާވެސް އިސްކަން ދޭންޖެހެއެވެ. ބަދަހި ވަރުގަދަ އަދި ލޯބިވެތި ދިރިއުޅުމެއް ލިބޭނީ އޭރުންނެވެ.

ރިފަރެންސް: ކިމް އޮލިވަރ، 2011، ސީކްރެޓްސް އޮފް ހެޕީ ކަޕްލްސް، ފުރަތަމަ އެޑިޝަން، އެމެރިކާ، އިންސައިޑް އައުޓް ޕްރެސް.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް