ދެ ސިޓީއަށް ރައީސުލް ޖުމުހޫރިއްޔާ ކުރެއްވި ދަތުރު ނިންމަވާލައްވާފަ މާލެ ވަޑައިގަންނަވައިފި

Loading

Facebook
Twitter
WhatsApp

 

ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރެއްވި 4 ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީއަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ފުވައްމުލައް ސިޓީއާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެ ދެކަނބަލުންގެ ފަރާތުން މާހެފުން ދެއްވާފައެވެ. މި ދެ ސިޓީގައި ބޭއްވި މާހެފުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ސިޓީގެ ތަރައްގީއަށް ކުރިޔަށް ރޭވިފައި ހުރި މިހާރު ކުރިޔަށްދާ މުހިންމު މަޝްރޫއުތަކެއްގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ދެސިޓީގެ ސިޓީ ކައުންސިލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި މި ދެސިޓީގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިދަތުރުފުޅުގައި ވަނީ އިންޑިޔާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ތަރައްގީކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫސިޓީ މަރަދޫ ބަނދަރާއި މަރަދޫފޭދޫ ބަނދަރުގެ އިތުރުން މީދޫ ބަނދަރު ރަސްމީގޮތުން ހުޅުވައިދެއްވާފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އައްޑޫ ސިޓީގެ މަގު ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަރަދޫ ސްކޫލްގައި އަލަށް އިމާރާތްކުރި 12 ކްލާސްރޫމް އިމާރާތް ރަސްމީގޮތުން އިފްތިތާހްކޮށްދެއްވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަނލުން ވަނީ މި ދެސިޓީގައި ކުރިޔަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލެއްވުމުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވާފައި ވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް