އިންޑިއާ އިން ރާއްޖެއަށް އެހީވަނީ ވެރިކަމުގައި ތިބީ ކޮންބައެއްތޯ ބެލުމެއްނެތި: ރައީސް

Loading

Facebook
Twitter
WhatsApp

 

އިންޑިއާ އިން ރާއްޖެއަށް އެހީވަނީ ރާއްޖޭގެ ވެރިކަމުގައި އެ ވަގުތު ތިބީ ކޮންބައެއްތޯ ބެލުމަށް ފަހުގައި ނޫންކަމަށް ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫސިޓީގައި ތަރައްގީކުރި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އިންޑިއާއިން އެހީވުމުގައި ސަރުކާރުގައި ތިބެނީ ކޮންބައެއްތޯ ނުބަލާކަމަށެވެ.

”އިންޑިއާ އިން ދިވެހީންނަށްވާ އެހީތަކަކީ އޭރު ރާއްޖޭގެ ވެރިކަމުގައި ތިބީ ކޮން ބައެއްތޯ ނޫނީ ކޮން ޕާޓީއެއްތޯ ބެލުމެއް ނެތި ގައުމުގެ ތަރައްގީއަށް ދިވެހީންގެ ކުރިއެރުމަށްޓަކައި ވެދެމުން އަންނަ އެހީތަކެއް. މިއަދު ހުޅުވިގެން މިދާ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަކީ މި ދެންނެވި ހަގީގަތުގެ އެއް މިސާލް“ ރައީސް ސާލިހު ވިދާޅުވިއެވެ.

އެގޮތުން އިންޑިއާ ސަރުކާރުން އެކި ދުވަސްވަރުމަތިން ރާއްޖެއަށް ވެދީފައިވާ އެހީތައް މިސާލެއްގެ ގޮތުގައި ނަންގަވައިގެން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި، ރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާއި، އަދި 34 ރަށުގެ ފެނާއި ނަރުދަމާއާއި، ތިލަމާލެ ބްރިޖާއި، ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި، ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓާއި، އައްޑޫ މަގުތައްހެދުމާއި ބިން ހިއްކުމާއި، ކޯސްޓް ގާޑު ބިލްޑިންގ ފަދަ މަޝްރޫއުތަކަކީ އިންޑިޔާގެ ހިލޭ އެހީއާއި ލޯން އެހީގެ ދަށުން ހިންގާ ތަރައްގީގެ މަޝްރޫއުތައްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮލެޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދީލަތި ބޮޑު އެހީއެއް ވެދެއްވިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި، އިންޑިޔާ ސަރުކާރަށާއި، އިންޑިޔާގެ ރައްޔިތުންނަށް ވަރަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފައެވެ.

ރައީސް ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ މަޝްވަރާތައް ރާއްޖެއާއި އިންޑިޔާ ސަރުކާރާ ދެމެދުގައި ފުރަތަމަ ފެށުނީ 2009 ވަނަ އަހަރުކަމަށާއި، މި މަޝްރޫއު ހިންގަން ނިންމާފައިވަނީ 2014 ވަނަ އަހަރު އޮތް ސަރުކާރުންކަމަށެވެ.  މީގެ އިތުރުން ވެސް މި މަޝްރޫއުގެ ޕްލޭނިންގ މަސައްކަތް ނިންމުމަށްފަހު އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު ޖުލައި މަހުގައިކަން ފާހަގަކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫއު ހަގީގަތަކަށް ހެދުމުގައި ކުރީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތައް އަލިއަޅުއްވާލައްވައި ރާއްޖޭގައި އޭރު ވެރިކަމުގައި ތިއްބެވި ރައީސުންނަށް ޝުކުރު ދަންނަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ  ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށް އެ ކޮލެޖް ވެގެންދާނެކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ހިދުމަތްދިނުމަކީ މިސަރުކާރުގެ ވައުދެއްކަމުގައިވާއިރު ކޮންމެ ގއުމެއްގައިވެސް ފުލުހުންނަކީ މުޖުތަމައުގެ ތެރޭގައި އާންމު ރައްޔިތުންނާ ލާމެހިގެން، ރައްޔިތުންނަށް އަމާންކަމާ ހަމަޖެހުމާ ސުލްހަމަސަލަސްކަން ހޯދައިދޭން ތިބޭ ބައެއް ކަމަށެވެ. މިގޮތުން ފުލުހުންގެ ހިދުމަތެއް އޮތުމުގެ ބޭނުމަކީ، ރައްޔިތުންނާއި އެކުގައި އަދި ރައްޔިތުންނާ ގާތުން މަސައްކަތްކޮށްގެން މުޖުތަމަޢުގައި ހުންނަ މައްސަލަތައްހައްލުކުރުންކަމަށާއި، ފުލުހުންނަށް ވަކި ހާއްސަ ތަމްރީނުތަކެއް ދޭންޖެހެނީ އެސަބަބަށްޓަކައިކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

 

Loading

2 Responses

  1. ތިވަރުގެ ތެދެއް މީހަކު ހަދާނީ! އިހަކަށް ދުވަހު އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ކުރި ދުއްތުރާލާއި ދިވެހިންނަށް ޖެއްސި އުނދަގޫތަކުގެ ވާހަކަ އަދި މިއުޅެނީ ދެންމެ ހިނގިކަމެއް ފަދައިން ހަނދާނުން ފޮހެނުލެވިގެން، ވީއިރު މިއަދު ތިފަދަ ޙަޤީޤަތާޚިލާފު ވާހަކަދެއްކުމުން އަންތަރީސްވާނެ ވަރު އިޙްސާސްވެސް ކޮށްނުލެވޭ.

  2. ރައީސް ހަމަ އެހެންތޯ. އަންނި އެބުނާކަހަލަ ގޮތަކަށްނޫން ދޮއްތޯ؟ 2023 ގައި ވެސް ކުޑަ ވިންޑޯއެއް ހުޅުވާލާނެތޯއެވެ. އެމްޑީޕީއަށް އިލެކްޝަން ކާމިޔާބު ކޮށްދޭން.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް