އައްޑޫ ސިޓީގެ ބިން ހިއްކުމަށް ބަޔަކާ ހަވާލުކޮށްފި

Facebook
Twitter
WhatsApp
FO1jnM3agAMh3MP

 

އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމަށް ނެދަލޭންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ނެދަލޭންޑްގެ ވެން އޫޑް ޑްރެޖިންއާ ހަވާލުކޮށްފައިވަނީ 18 މަސް ދުވަހުގެ ތެރޭ ބިންހިއްކުމުގެ މަޝްރޫއު ނިންމާގޮތަށެވެ.

މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އައްޑޫ ސިޓީގައި މިއަދު ހުޅުވި ޕޮލިސް އެކަޑަމީގެ އޮޑިޓޯރިއަމްގަ އެވެ.

ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނާ އަހުމަދު ހަމީދެވެ. ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޑްރެޖިން ކޮނީލިއަސް އެޑްރިއާންޑް ޑިބްރީން އެވެ.
މި މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ހިއްކާ ބިމުގެ ތަފްސީލް:

-ހިތަދޫގައި 90 ހެކްޓަރު ބިން (ޒޯން 1 ގައި 50 ހެކްޓަރ، ޒޯން 2 ގައި 40 ހެކްޓަރު)
-މަރަދޫ އަދި މަރަދޫފޭދޫ ގައި 76 ހެކްޓަރުގެ ބިން
-ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން އައްޑޫ ސިޓީ ފަޅުތެރޭގައި 8.3 ހެކްޓަރުގެ 3 ރަށް. މީގެން ކޮންމެ
ރަށެއްގައި 8.3 ހެކްޓަރު. (3 ރަށުގެ ޖުމްލަ 25 ހެކްޓަރު)
-4 ލޭން ޑިޓުއަރ ލިންކު ރޯޑުގެ ބްރިޖުގެ އެމްބޭންޓްމަންޓަށް 3.3 ހެކްޓަރުގެ ބިން

މި މަޝްރޫގެ ދަށުން ހިމާޔަތް ކުރާ ސަރައްދުތައް:
– ހިތަދޫ: 4700 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
– މަރަދޫ އަދި މަރަދޫ-ފޭދޫ: 3800 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
– 4 ލޭން ޑިޓުއަރ ލިންކު ރޯޑު: 1575 މީޓަރު (ބޮޑު ހިލަ ރިވެޓްމަންޓް)
– ފަތުރުވެރިކަމަށް ހާއްސަކުރެވިގެން ހަދާ 03 ރަށް: 4140 މީޓަރު (ޖިއޯޓިއުބް ރިވެޓްމަންޓް)

 

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

މީގެ އިތުރުން ވެސް ދިވެހި ސަރުކާރުގެ ބަޖެޓުން ވެސް އައްޑޫސިޓީގައި ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދެއެވެ.  އެ މަޝްރޫގެ ދަށުން އެ ސިޓީ ހުޅުދޫ އާއި މީދޫން 32.3 ހެކްޓަރުގެ ބިން އަދި ފަތުރުވެރިކަމަށް ޚާއްސަކުރެވިގެން 5 ހެކްޓަރުގެ 2 ރަށެއް ހިއްކުމަށް ނިންމާފައިވެއެވެ.

 

އައްޑޫ ސިޓީގައި ބިން ހިއްކުމުގެ މަޝްރޫއުތައް ސަރކުރުން ކުރިއަށް ގެންދާއިރު އެ ސިޓީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ތިމާވެއްޓަށް ބޮޑެތި ގެއްލުން ވާގޮތަށް ކަމަށް ބުނެ ތިމާވެށި ހިމާޔަތްކުރާ ބައެއް ޖަމިއްޔާތަކުން ވަނީ އެކަމާ ދެކޮޅަށް ތެދުވެފައެވެ.

އައްޑޫ ބިންހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި، ރާއްޖޭގެ ފޮރިން މިނިސްޓަރ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް