އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރަން ދަތިވާ ކަންކަން ހައްލުކޮށް ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.
އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރަން ދަތިވާ ކަންކަން ހައްލުކޮށް ދޭނެ ކަމަށް ރައީސް އޮފީހުން ބުނެފައި މިވަނީ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމާ ގުޅޭގޮތުން ހުރި އުނދަގޫތަކުގެ މަށްޗަށް އަލި އަޅުވައިލައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އަންހެނުންގެ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވުމާއި ގުޅިގެންނެވެ.
ރައީސް އޮފީހުން ބުނީ ފަޒްނާ ފާހަގަކުރައްވައިފައިވާ އިސްލާމީ މަރުކަޒުގައި އަންހެނުންނަށް ނަމާދުކުރުމާ ގުޅޭގޮތުން ހުރި އުނދަގޫތަކަށް ހައްލެއް ހޯއްދަވައިދެއްވައި، ރޯދަ މަހަށް ހާއްސަކޮށްގެން އިސްލާމީ މަރުކަޒުގެ ގްރައުންޑް ފްލޯރގައި އަންހެނުންނަށް ނަމާދުކުރަން ތިބެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖެއްސެވުމަށް ނިންމާފައިވާ ކަމަށެވެ.
މިގޮތުން އިސްލާމީ މަރުކަޒުގެ އޮފީހުގެ ރިސެޕްޝަން ކުރިމައްޗަށްވާ ގޮތަށް ރޯދަމަހަށް ހާއްސަކޮށްގެން ދެ ވަނަ ފްލޯރ އަށް އަރަން އުނދަގޫވާ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް ވެސް ރައީސް އޮފހުން ބުނެއެވެ.
ރައީސް އފީހުން ބުނީ މިކަން މިގޮތަށް ހަމަޖައްސަވާފައިވީ ނަމަވެސް ސަރުކާރުގެ އިލްތިމާސަކީ ދެ ވަނަ ފްލޯރއަށް އެރޭވަރުގެ ކުޅެދުންތެރިކަން ހުރި އަންހެނުން ނަމާދުކުރުމަށް ދެވަނަ ފްލޯރ ބޭނުންކުރުން ކަމަށާ އަދި އެފަދަ މީހުން ގްރައުންޑް ފްލޯރ ބޭނުންކުރާނަމަ، ދެ ވަނަ ފްލޯރ އަށް އެރުމަށް ދަތިތަކާދިމާވާ އަންހެނުންނަށް އަނެއްކާވެސް ދަތިތައް ދިމާވެ މިކަން ކުރުމުގެ މަގްސަދު ގެއްލޭނެ ކަމަށެވެ.
މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަންހެނުންގެ ހަގީގީ ބާރުވެރިކަން ހޯދައި ދިނުމަށް ކުރަން އޮތީ އިތުރު ކޮންކަންތައްތަކެއް ތޯ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަނީ ސުވާލު އުފައްދަވާފައެވެ. މި ޖަލްސާގައި އެކަމަނާ ވަނީ ނިންމުންތައް ނިންމުމުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން އޮންނަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ފިރިހެނެއްގެ ނަޒަރުން ވިސްނިފައިނުވާ ތަޖުރިބާ ކޮށްފައިނުވާ ކަންތައްތަކެއް އަންހެނެއްގެ ނަޒަރުން ވިސްނާ ސުވާލުކޮށް ހުށައެޅުންތައް ހިއްސާކުރާނެތީއާއި ނިންމުމުގެ މޭޒަށް އަންހެނުންގެ ވިސްނުން ނުގެންނަހާ ހިނދަކު ކަންކަމަށް ހަގީގީ ހައްލެއް ހޯދުން ދަތިވާނެތީ ކަމުގައި ވިދާޅުވެފައި ވެއެވެ.
މިގޮތުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން މިސާލު ޖައްސަވަމުން ވިދާޅުވީ އިސްލާމީ މަރުކަޒުގެ އާބާތުރަ ފިލުވާ ރަމަޟާން މަހަށް ތައްޔާރުވާއިރު އިތުރަށް ވިސްނާލަންވީކަމެއް އޮތްތޯ އަންހެނެއް ގާތު އެހުމަށާއި މިފަދަ ސުވާލެއް ކޮށްފިނަމަ ޖަވާބަކަށް ދެ ވަނަ ފްލޯރއަށް ނޭރޭނެ އަންހެނުންވެސް ތިބޭނެކަމަށާއި އަންހެނުންނަށް ވެސް ގްރައުންޑް ފްލޯރގައި ނަމާދުކުރަން ތިބެވޭނެ ޖާގައެއް ހޯއްދަވައިދެއްވުމަށް ބޭނުންވާނެކަމަށެވެ.