އެމްޑީޕީގެ ބައެއް މެންބަރުންނަކީ މިހާރުގެ ކޯލިޝަން ސަރުކާރުގެ "ބޯއިން"

Loading

Facebook
Twitter
WhatsApp

ރިޔާސީ އިންތިޚާބު 2018، ކޯލިޝަނެއް ނެތަސް އެމް.ޑީ.ޕީ އަށް ކާމިޔާބު ކުރެވޭނެއެވެ.

މިހާރުގެ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނަށް ރައްކާތެރިކަމެއް ލިބޭނީ އެމްޑީޕީ އަށް ވެރިކަން ލިބިގެންނެވެ. ކަންމިހެން ހުރިނަމަވެސް ކޯލިޝަންގެ ބޭފުޅުންނަށް އެމްޑީޕީގެ މެނިފެސްޓޯ ހަޖަމެއް ނުވިއެވެ. އެ މެނިފެސްޓޯ ތަންފީޒުކޮށްފިނަމަ ކޯލިޝަންގައި ހިމެނޭ ވަގުންނާއި ބާޣީންނާއި ގާތިލުން ސަލާމަތް ނުވާނެކަން އެނގި އިބްރާހީމް މުޙައްމަދު ޞާލިޙުގެ އިސްތަށިފުޅަށް ސަވާރުވެގެން ކޯލިޝަނެއް ހަދަން ނިންމިއެވެ.

ކޯލިޝަނަކީ މުޅި ދައުލަތް ޣަނީމާ ކުރުމުގެ މަގުސަދުގައި އެކުލަވާލި އެއްބަސްވުމެއްގެ ދަށުން ހެދި އެއްޗެކެވެ. މި އެއްބަސްވުން ބުނާ ގޮތުން ކޯލިޝަންގެ ބައިވެރީންނަށް މުޅި ސަރުކާރުގެ 60 އިންސައްތަ މިލްކު ވާނެއެވެ.

ކޮންމެއަކަސް މިދެންނެވި ހިޔަޅު ރޭވުމާ އެއްގޮތަށް ކަންކަން ރޭވުމަށް ކޯލިޝަންގެ ބައިވެރިން ގިނަގުނަ މަސައްކަތްތައް ކޮށް ބޮޑެތި ހޭދަކުރެއްވިއެވެ.

ކޯލިޝަން ނެތި އެމްޑީޕީއަށް ވެރިކަން ލިބެންއޮތް ހަމަ އެކަނި ފަހަރު އެމްޑީޕީއަށް ގެއްލުވާލީ އިބްރާހީމް މުޙައްމަދު ޞާލިޙު ކޯލިޝަންގައި ތިބި ޣައްދާރުންނާ ބައިއަތު ހިއްޕެވުމުގެ ސަބަބުންނެވެ. ކޮންމެއަކަސް ކަސްތޮޅުގައި ތިބި ހުރިހާ ޣައްދާރުން އެމްޑީޕީއަށް ވެރިކަން ލިބުމުން މިނިވަން ވެއްޖެއެވެ.

ކޯލިޝަންގައި ހިމެނޭ ޣައްދާރުން މިނިވަންވެ ހިންދަމާލުމަށްފަހު ދެން ރޭވި ހިޔަޅު ރޭވުން ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާތޯއެވެ؟ އެމްޑީޕީއިން ކެމްޕޭނުކޮށްގެން ރައްޔިތުންގެ މަޖިލީސްގެ 60 އިންސައްތަ ކޯލިޝަނަށް ހޯދައި ދިނުމަށް ހުށަހެޅީއެވެ. ކޮންމެއަކަސް މި މަޝްރާގައި ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަރޝިޕުން އެގޮތަށް އެއްބަހެއް ނުވިއެވެ. އެއްބަސްވެވުނީ ކޯލިޝަންގައި ހިމެނޭ ޕާޓިތަކުން ވަކިވަކިން ނުކުމެ މެންބަރުން ހޮވުމަށެވެ. އެމްޑީޕީއިން އެގޮތާ ނުރުހުނީ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދު ތަކަށް ހުރަސް އެޅިގެން ދާނެތީއެވެ. އެމްޑީޕީއިން ވަކިން ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 65 ގޮނޑި ކާމިޔާބު ކުރީ ރައީސް ނަޝީދުގެ ކޮނޑުމަތިންނެވެ.

އެމްޑީޕީ އިން ވަކިންނުކުމެ މަޖިލިސްގެ އަޣްލަބިއްޔަތު ހޯދީ ވަރަށް މާތް މަގުސަދެއްގައެވެ. އެމްޑީޕީން ރައްޔިތުންނަށް ގިނަގުނަ ވަޢުދު ވެފައި ވާތީ ސަރުކާރަށް އަޣުލަބިއްޔަތު ލިބިގެން ރައްޔިތުންގެ އެ އުންމީދުތައް ފުރިހަމަ ނުވާނޭކަން އެނގޭތީއެވެ. އެމްޑީޕީން ވަކިން ނުކުމެ ކެމްޕޭނުކޮށްގެން މަޖިލީހުގެ 65 ގޮނޑި ހޯދީ ރާއްޖެއިން ގެއްލިފައިވާ ޢަދުލު އިންޞާފު އަލުން ހޯދައި ރައްޔިތުންނަށް ގެއްލިފައިވާ އިޖްތިމާޢީ ރައްކާތެރިކަން އަނބުރައި އިޢާދަ ކޮށް ޚިޔާނާތުގެ މައްސަލަތަކާއި މަރުގެ މައްސަލަ ތަކާއި ބަޣާވާތުގެ މައްސަލަ ބަލައި ގައުމުގެ ޑިމޮކްރަސީ ހަރުދަނާ ކުރުމުގެ މާތް މަގުސަދުގައެވެ.

މިދެންނެވީ އެމްޑީޕީގެ މަގުސަދު ކަމުގައި ވީނަމަވެސް ކޯލިޝަނުން ބޮޑު ހޭދައެއް ކޮށްގެން އެމްޑީޕީގެ ގިނަމެންބަރުން ގަނެ މަޖިލިސްގެ ކޮމެޓީތަކުގެ ކޮންޓްރޯލް ނަގައި މަޖިލިސް ކޯލިޝަންގެ ބާރުގެ ދަށަށް ޖަމާކޮށް ސަރުކާރުގެ ކޯލިޝަނުން އެވަނީ ރައްޔިތުންގެ އުންމީދުތަކަށް ފައިން އަރާފައެވެ.

އެމްޑީޕީގެ މެންބަރުންގެ ތެރެއިން ކޯލިޝަނަށް ވިކުނު މެންބަރުންނާ މެދު ރައްޔިތުން ވިސްނައި ކުރިއަށް އޮތް އެއްވެސް އިންތިޚާބެއްގައި އެ މެންބަރުންގެ އަޑު ނުއެއްސުވުން ގައުމަށް ވަރަށް މުހިންމު ވާނެއެވެ. އެމްޑީޕީން ސަރުކާރަށް ބައްލަވައިގަތް ”ބޯއިން“ އެ ޣައްދާރުވީ އެމްޑީޕީއަށް އެކަންޏެއް ނޫނެވެ. ތިމާމެން ހައްދަވައި ވުޖޫދު ކުރެއްވި ފަރާތަށާއި މުޅި ގައުމާއި ރައްޔިތުންނަށެވެ.

ކޯލިޝަންގެ ބޭފުޅުން އެ ތިއްބެވީ މުޅި ދައުލަތް ޣަނީމާ ކުރުމަށް ބޭނުންވާ ބާރުތައް ހޯއްދަވައިގެންނެވެ. ކޯލިޝަނުން އެމްޑީޕީގެ މެންބަރުން ”ބޯއިން“ގެ ގޮތުގައި ބައްލަވައިގަތީ އަންނަ ރިޔާސީ އިންތިޚާބު އެ ”ބޯއިން“ ބޭނުންކޮށްގެން ކާމިޔާބުކޮށް ހެދިފައިވާ ގާނޫނުތަކަށް އަތްބާނައި އެފުށް މިފުށަށް ޖަހައި ވައްކަންކޮށް އެވައްކަން ފޮރުވުމުގެ ބޭނުމުގައެވެ. މި ސަރުކާރުން މަޖިލީހުން ބައްލަވައިގެންނެވި ”ބޯއިން“ ތިއްބަވަނީ ވަޒީރުންނާ ކުންފުނިތަކުގެ އެމްޑީންގެ ގެކޮޅުތަކުގައި ފުއްޕި ހަކުރު ބަންދު ކުރެއްވުމަށެވެ.

އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ދަހިވެތި ކަމުގައި ކޯލިޝަންގެ ވަގުންނާ ގުޅިވަޑައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބާރު މުށުތެރެއަށް ލައްވައިގެން ހުސްވެފައިވާ އެމްޑީޕީ ޗެއަރޕާސަންގެ ގޮނޑިވެސް އަތުލެއްވުމަށް އެވަނީ މަސައްކަތް ފަށްޓަވާފައެވެ.

ރައީސް އިބޫއަށް އެމްޑީޕީގެ ޗެއަރޕާސަންގެ ގޮނޑި އިބޫ ބޭނުންފުޅުވާ ގޮތަށް ގަނެވިއްޖެ ނަމަ އެމްޑީޕީ ފުނޑޭނެއެވެ. އެހެނަސް އެމްޑީޕީއަކީ ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފު ކުރި ޕާޓީ ކަމަށްވާތީ އެމްޑީޕީގެ ޢާންމު ގިނަ މެންބަރުން ތިބީ ރައީސް އިބޫ ބޭނުންފުޅުވާ ގޮތާ މުޅިން އިދިކޮޅަށެވެ. ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި އެމްޑީޕީގެ ޢާންމު ގިނަ މެންބަރުން ތިބީ އިންތިއާ އެކުގައެވެ.

މިހާރު ރައީސް އިބޫ އެ ދަތުރުކުރައްވާ މަގު ބަދަލު ނުކުރައްވައިފިނަމަ އެމްޑީޕީއަކަށް އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެވޭނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ރަޝީދު ބޮންޑާ ވިދާޅުވިގޮތުގައި އެހެން ވެއްޖެނަމަ އެމްޑީޕީން ތާއިދު ކުރާނީ ޣައްދާރުން ޖަލަށް ލާނެ ރައީސަކަށެވެ.

ނުނިމޭ

ފޮޓޯ: ވަން އޮންލައިން

 

Loading

3 Responses

  1. ވާނެ ގޮތެއް ވެ ނިމިއްޖެ ދެން އަލުން ހުވަފެން ނުދައްކާ ފުދިއްޖެ ނަމަވެސް ނަޝީދު ކުރެއްވި މަސައްކަތް ކޮންމެ ވެރިޔަކަ އަދި ކޮންމެ ދިވެހި ދަރިއަކަށް މިއަދު އިހުސާސް ނުކުރެވޭނެ އެވެ

  2. ސަންދާނުގެ މޮޓޯ އަކީ އަދުލު އިންސާފު ގާއިމުކުރުމަކީ މުޖުތަމަޢުގެ ހަމަޖެހުން ކަމަށްބުނާއިރު މިހާބޮޑަށް ސިޔާސީ ޕާރޓީއެއްގެ ވިސްނުން ރައްޔިތުންނަށް ވިއްކަވަން ލިއުންތެރިޔާ މަސައްކަތްކުރައްވާއިރު އެކަމުން މުޖުތަމަޢުތަށް ކުރާނެ ނޭދެވޭ އަސަރުތަކާމެދު އެޑިޓަރ ހަމަހިމޭނުން ހުންނަވާތީ ޙައިރާން ވަމެވެ. ވަކި ސިޔާސީ ޕާރޓީއަކަށް ވެރިކަމާ މަޖިލީސްވެސް ހިތުހުރިގޮތަކަށް ލިބުނީމާ ދެން އެބޭފުޅުން ފާޅުކުރަމުން ގެންދާ އަމާޒުން ކައްސާލައިގެން ދިއުމުގެ މާނައަކީ ކޮބައިތޯ ސުވާލު ނުކުރިޔަސް ޖަވާބު އެންމެންނަށްވެސް އެނގެއެވެ. އަމާޒަކީ އަމިއްލަ އެދުން އެކަންޏެވެ. އަމިއްލަ އެދުމަށްއޮތް ތެދުވެރިކަމެއް ފިޔަވައި އެހެން އެއްވެސް ތެދުވެރިކަމެއް ނެތެވެ.

  3. އައި ހޯޕް ފަހަލަ ޑްރީމް ކަމް ޓުރޫ. އެންމެން ގުޅިގެން އިންޑިއާއިން ހުޅުވާލަދިން ކުޑަދޮރު ބޮޑުދޮރުން ބޭނުންކޮށްގެންވެސް ކިރިޔާ ޔާމީނު އަތްދޮށުން ސަލާމަތްވީ. އަދި އެއީވެސް ބޮޑު ޝޭޚު އިލްޔާސްމެން ލައްވާ ބޮދު ފަތުވާނެރެ ޝޭޚު އިމްރާން މާތްﷲ ގަންދީ ދޮތު ވާހަކަ ފަތުރައި ރޮއި ހޭރިގެން އަދި ގާސިމާއި މައުމޫނު އިނޑިއާ އާއި ގުޅިގެން ބަޣާވަތްވެސް ކޮށްގެނޯ. ދެން ފަހަލަ އަށް ކީއްވެބާ އެހާ ހަނދާން ބަލީ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް