ޤާސިމްގެ މަރުގެ މައްސަލަ: އަދަބު ލުއިކޮށްދެވޭކަށް ނެތް

Loading

Facebook
Twitter
WhatsApp

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑުރައިވަރު ޤާސިމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އަދުހަމް މުޙައްމަދު (ފޮޓޯ) ޝަރީއަތުގައި އިއުތިރާފުވީ ނަމަވެސް އަދަބު ލުއި ކޮށްދެވެން ނެތް ކަމަށް ނިންމައިފިއެވެ. މިކަން މިގޮތަށް ނިންމެވީ މައްސަލައާ އަލަށް ހަވާލުވެލެއްވި ގާޒީ އަލީ ނަދީމެވެ.

ޓެކްސީ ދަތުރެއް ކޮށްދެނިކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ރޭ ހަމަލާ ދިނުމަށްފަހު ޤާސިމް މަރަލާފައި ވަނީ ހުޅުމަލޭގައެވެ. މި މައްސަލައާ ގުޅިގެން އޭގެ 15 ދުވަސް ފަހުން، 2019 ވަނަ އަހަރުގެ ޑިސެމްބަރު 15ވަނަ ދުވަހު އަދުހަމް ހައްޔަރުކޮށްފައި ވެއެވެ. އަދުހަމަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ފޭރުމާއި ވައްކަމުގެ ރެކޯޑު ވެސް އޮތް މީހެކެވެ.

ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފުވެ އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް، އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން އެއްބަސްވި ނަމަވެސް ފަހުން އަދުހަމް ވަނީ ކުށަށް އިންކާރު ކޮށްފައެވެ. ކަންމިހެން އޮތް ނަމަވެސް، އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް އަނެއްކާ ވެސް ކުށަށް އިއުތިރާފުވެ، ދައުލަތާ އެކު ގާއިމުކޮށްފައިވާ އެއްބަސްވުމުގެ ދަށުން އަދަބު ލުއިކޮށްދޭން އޭނާ އެދިފައިވެއެވެ. އެހެނަސް ޝަރީއަތް ފެށި ފަހުން ކުށަށް އިއުތިރާފުވި ނަމަވެސް އަދަބު ލުއިކޮށްނުދެވޭނެ ކަމުގައި ދައުލަތުން ފާހަގަ ކޮށްފައިވެއެވެ.

ގާޒީ އަލީ ނަދީމް ވިދާޅުވި ގޮތުގައި އަދަބު ލުއިކޮށްދެވެން އަންނަނީ އިބްތިދާއީ މަރުހަލާގައި ކުށަށް އިއުތިރާފުވިނަމައެވެ. އެކަމަކު އޭރު ކުށަށް އިންކާރު ކޮށްފައި ފަހުން ކުށަށް އިއުތިރާފުވި ނަމަވެސް އަދަބު ލުއިކޮށް ނުދެވޭނެ ކަމުގައި ގާޒީ ކަނޑައެޅުއްވިއެވެ.

އަދުހަމް ދަނީ އެއީ އޭނާ ގަސްދުގައިކުރި ކަމެއް ނޫންކަމަށް ބުނަމުންނެވެ. ނަމަވެސް ދައުލަތުން އެއީ އޭނަ ގަސްދުގައި ކުރި ކަމެއްކަން ސާބިތުކޮށްދިނުމަށް ބޭނުންވާތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކި ބަސް ނަގަން ގާޒީ ނިންމާފައިވެއެވެ.

އެގޮތުން ހާދިސާ ހިނގި ސަރަހައްދަށް ހާޒިރުވި ފުލުހުންގެ ފޮރެންސިކް އޮފިސަރަކާއި، ގާސިމްގެ ހަށިގަނޑު ތަހުލީލު ކުރި ފުލުހުސް އޮފިސަރެއްގެ ހެކިބަސް ހިމެނޭ ގޮތުން މިއަދުގެ ޝަރީއަތުގައި ތިން ހެއްކެއްގެ ހެކި ބަސް ނަގާފައިވެއެވެ.

ދެން ތިބި ހެކިންގެ ހެކިބަސް ނެގުމަށް ތާވަލެއް އެކުލަވަލާފައިވެއެވެ.

އެއީ އަންނަ މަހުގެ ފަސްވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު އަޑުއެހުމެއް، 11 ވަނަ ދުވަހުގެ މެންދުރު 2:00 ޖަހާއިރު އަޑުއެހުމެއް، 13 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އަޑުއެހުމެއް، އަދި 14 ވަނަ ދުވަހު ހެނދުނު 11:00 ޖަހާއިރު އަޑުއެހުމެކެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް