ރައްޔިތުންގެ ޖީބަށް ލުއިކޮށް ވަޢުދުތައް ފުއްދަވައި ދެއްވުމަށް ރައްޔިތުން އެދޭ

Loading

Facebook
Twitter
WhatsApp

މިނީ ބަހުގެ ޚިދުމަތަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވާނެ ކަމަށް ވެފައިވާ ވަޢުދެކެވެ. މި ވަޢުދު ފުއްދަވައި ދެއްވިނަމަ ޓެކްސީ ތަކުގެ އަގުބޮޑު ކުރިއަސް ރައްޔިތުން ކަންބޮޑުވާކަށް ނުޖެހުނީހެވެ. ޕަބްލިކް ޓްރާސްޕޯޓުގެ ޚިދުމަތް ތަޢާރަފްވެފައި އޮތްނަމަ ޓެކްސީ ދަތުރުތަކަށް ރައްޔިތުން ބަރޯސާވާކަށް ނުޖެހުނީސްތާއެވެ!

ސަރުކާރުން މިނީ ބަހުގެ ޚިދުމަތް ލަސްކުރުމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާ ކުރިމަތި ލާން ޖެހެއެވެ. މިހާރު ވެސް ޓެކްސީ ދަރުތައް ހުރީ ރައްޔިތުންގެ ޙާލަތާ ނުބައްދަލު މިންވަރަކަށެވެ. ރައްޔިތުންގެ ތެރޭ ވާރޭވެހޭ ބީދައިން ފައިސާ ވެހޭ ބަޔަކު ނުއުޅެއެވެ. ޓެކްސީ ދަތުރުތަކު އަގު ހުންނަން ޖެހޭނީ އެންމެ ކުޑަ އުޖޫރަ ލިބޭ މީހާގެ އަތްފޯރާ ފަށުގައެވެ. އެހެނަސް ޓެކްސީތަކުން އަގުނަގަނީ ހިތަށް އެރި ވަރަކަށެވެ.

ޕަބްލިކް ޓްރާންސް ޕޯޓުގެ ޚިދުމަތަކީ މިވަގުތު މާލޭގެ ސަރަޙައްދައް ނުހަނު ބޭނުން ވެފައިވާ ޚިދުމަތެކެވެ. މާލޭގެ ސަރައްދު ދުވަހެއް ދުވަހެއް ބޮޑުވަމުން އަންނައިރު މިހާރު ޓެކްސީތަކުން ނަގާ ފީ ތިންހަތަރު ސަތޭކައަށް ބޮޑު ކުރާނެއެވެ. މިއީ ރައްޔުތުންގެ މާލީ ޙާލަތާ ނުބައްލު މިންވަރެކެވެ. ގުޅިފަޅާއި ތިލަފުއްޓާއި ވިލިމާލެއާއި ހުޅުމާލެއާއި ފޭސް2 ގުޅުމުން ދަތުރު ކުރަން ޖެހޭ ހިސާބުތައް ވަރަށްދުރެވެ.

ކަންމިހެން ހުރުމާއެކު ސަރުކާރުން ރައްޔިތުންގެ ޖީބަށް ލުއިވާނެހެން ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ތައާރުފް ކުރަން ޖެހެއެވެ. މިހާރު ވެސް މިސަރަޙައްދާ ނުބައްދަލު މިންވަރަކަށް އިންޖީނުލީ އުޅަނދު ފަހަރު ގިނަވުމުގެ ސަބަބުން އިންސާނީ މުޞީބާތަކަށް ވެއްޖެއެވެ. ދުނިޔޭގައި ނިސްބަތުން މާލޭގެ ސަރަޙައްދަކީ ބިމުގެ ޖާގަ ކުޑަ ސަރަޙައްދެކެވެ. އިންޖީނުލީ އުޅަނދު ގިނަކަމުން ރައްޔިތަކަށް އަމާންކަމާއެކު މަގުހިނގޭކަށް ނެތެވެ. ރައްޔިތުން މިފަދަ ބޮޑު ތަކުލީފް އުފުލަން ޖެހިފައިވާއިރު އަދިވެސް ޓެކްސީތަކުގެ އުނދަގޫ އުފުލަންވީ ހެއްޔެވެ؟

ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ނުހަނު މީހުން މަދު ގައުމެކެކެވެ. އެހެންކަމުން ރައްޔިތުންނަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދިނުމަކީ ސަރުކާރަށް ނުކުރެވޭވަރުގެ ކަމެއް ނޫނެވެ. މާލޭގެ ސަރަޙައްދުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް އަތްފޯރާފަށުގައި ދޭންފަށައިފިނަމަ ރައްޔިތުން ޓެކްސީތަކަށް ނައަރާނެ އެވެ.

އަނެއް ކޮޅުން ބަސްދަތުރުތަކުގެ ޚިދުމަތް ވެސް ރަނގަޅު ފެންވަރެއްގައި ލިބެމުން ނުދެއެވެ. ހުޅުމާލެ ފޭސް ދޭކުން މާލޭގެ ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމުގެ ދަތިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދެ ދަރިން ތިން ދަރިން ދެ ދަންފަޅިއަށް ސްކޫލްތަކަށް ކުދިން އުފުލަން ޖެހިފައިވާ ބެލެނިވެރިންގެ ތެރެއިން ބައެއް ބެލެނިވެރިން ދެކޮޅަށް 6 ދަތުރު ނަގަންޖެހިފައިވާތީ މިފަދަ ބެލެނިވެރިންނަށް ލިބޭ އުޖޫރަ އޮންނަނީ ދަތުރުތަކަށް ހޭދަކޮށް އަތްމަތި ހުސްވެފައެވެ. ތަކެތީގެ އަގުތަކާއި ކެއިންބުއިމަށް ބޭނުންވާ ބާވަތްތަކުގެ އަގުވެސް އެހާމެ ބޮޑެވެ. އެޕާރޓްމަންޓް ކުއްޔާއި ކަރަންޓާއި ފެނާއި ކުނި އުކާލުމާއި ކެއިންބުއިމާ އޮނުފޭރާމާ ކޮސްމެޓިކް ފަދަ ތަކެއްޗަށް ކުރަންޖެހޭ ޚަރަދު، ލިބޭ އުޖޫރައިން ހަމަޖައްސައެއް ނުލެވެއެވެ، ރައްޔިތުންގެ ތެރެއިން ގިނަބަޔަކަށް އެވަނީ ދިރިއުޅެން ދަތިވެފައެވެ،

ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތުގެ މައްޗަށް ސަރުކާރަކުން ނުބައްލަވައެވެ، ރައްޔިތުން ހަނާވަނީއެވެ،ފުދުންތެރި ރައްޔިތަކު ހުރީވިއްޔާ އެރައްޔިތުމީހާ ފުދިގެން ހުންނަނީ ނުސީދާ މަގަކުން ހޯދާ ފައިސާއިންނެވެ،ޙަލާލުމަސައްކަތުން ދިރިއުޅެވެނީ މަދު މީހަކަށެވެ، އެހެނީ ރައްޔުތުންނަށް ލިބޭ އުޖޫރައިގެ ކުޑަކަމާ އަސާސީ ޚިދުމަތްތަކުގެ އަގު އަތްނުފޯރާ މިންވަރަށް ބޮޑުކަމުންނެވެ.

ބޭސް ފަރުވާޔާ ޢުމުރުން ދުވަސްވީ މީހުނާ އެކަނިވެރިމައިންނާ ނުކުޅެދުންތެރިކަން ހުންނަފަރާތްތަކަށް ދައުލަތުން ދެއްވާ ފައިސާ ނުލިބޭނަމަ ރާއްޖޭގެ އިޖްތިމާޢީ މައްސަލަތައް އިންތިހާއަށް ބޮޑުވެގެން ދާނެއެވެ.

ދުނިޔޭގެ ނިސްބަތުން އާބާދީ ކުޑަ މިގައުމުގައި ފަގީރުން މިހާ ގިނަ ވެގެން އުޅޭ ސަބަބު ސަރުކާރުން ހޯދައި ބަލަން ނުޖެހޭހެއްޔެވެ؟

ޓެކްސީ ދަތުރުތަކުގެ އަގު ބޮޑުކުރަން ޖެހެނީވެސް ގައުމުގައި ދިރިއުޅުމުގެ އަގު ބޮޑުކަމުންނެވެ. ޓެކްސީކުރާ މީހާ އޭނާގެ އަނބިދަރީންނަށް ކާންބޯންދީ ގެދޮރު ކުލި ދައްކައި އަސާސީ ޚިދުމަތަކަށް ފައިސާ ދައްކަން ޖެހޭ އިރު ޓެކްސީކޮށްގެން އެމިންވަރަށް ފައިސާ ހޯދަން ބޭނުންވާނެތާއެވެ!

މި ގައުމުގައި ދިރިއުޅެވޭ މިންވަރަށްވުރެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެއްޖެއެވެ. އަމިއްލަ ބޯހިޔާވަހި ކަމުގައި ޙަލާލު މަސައްކަތް ކޮށްގެން މީހަކަށް ނުދަރައި އަމިއްލަ ފައިމަތީގައި ރައްޔިތުމީހާއަށް ދިރިއުޅެވޭނެ މާހައުލެއް މާލޭ ސަރަޙައްދުގައި އުފައްދަން ޖެހެއެވެ. ރައްޔިތު އެންމެން ސަރުކާރަށް ގެދޮރު ކުއްޔާއި އަސާސީ ޚިދުމަތުގެ ކުލި ދެވެނީ ހަރުމުދަލާއި އަނބި ދަރީންގެ ކަރުގިލޭފަތި ވިއްކައިގެންނެވެ. ނޫންނަމަ ވައްކަން ކޮއްގެންނެވެ. ނޫނީ ކޮންމެ ވެސް ނުސީދާ މަގަކުން ފައިސާހޯދައިގެންނެވެ. މިއީ ގައުމެއްގައި ރައްޔިތުން ދިރި އުޅެނީ ހެއްޔެވެ؟ ގަނަތެޅެނީ ނޫންހެއްޔެވެ؟ އަދިވެސް ރައްޔިތުން ވޯޓުދީގެން ސަރުކާރެއް އެކުލަވާލަން ވީހެއްޔެވެ؟ މިގައުމުގައި ދިރިއުޅޭ ކޮންމެ ރައްވެއްސަކަށް ކުލިދައްކަން ނުޖެހޭ އަމިއްލަ ބޯހިޔާވައްސެއް ލިބެން ޖެހޭނެއެވެ.

 

Loading

2 Responses

  1. Mikanrangalhukureveyneesarukaarunkoddeegen maalethereah 12varakahmeehunah ereyvarugekudhibas thaarafukohgen1boduthakurufaanumagugedhefaraathahdhebasameeneemagah 1bas majeedheemagah1basfareedheemagah 1basochidumagah 1bas mikan halluvaaneemikan baehtecseemeehun abadhveskuraneejehssun

  2. ރައްޔިތުންނަށް ސަރުކާރުން ޚިދުމަތްކޮށްދޭނެޖެހޭނެއެވެ. ރައްޔިތުންނަށް އުނދަގޫވާކަންތަކަށް ރަނގަޅުގޮތްތަކެއް ހޯދާދޭންވެސް ޖެހޭނެއެވެ. އެއްގަމު ދަތުރުކުރެވޭނެ ރަނގަޅު ނިޒާމެއް އަތްފޯރާ ފަށުގައި ހަމަޖެހިފައިއޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކޮންމެހެންވެސް ބޭނުންވެއެވެ. މިކަމުގައި މިހާރު އުފެދިގެން އުޅޭކަހަލަ މައްސަލަތަކަށް ސަރުކާރުން ގޮތެއް ނިންމަންޖެހޭތާ މާގިނަދުވަސްތަކެއް ވެގެންދަނީއެވެ. މިސާލަކަށް މިހާރުވެސް ހަމަޖެހިފައިވާގޮތަށް ޓެކްސީ ކުރުމަކީ ވަކި ޝަރުތުރަކެއް ފުރިހަމަ ކުރީމާ ދެވޭ ހުއްދައެއްގެގޮތުގައި ބޭއްވިދާނެއެވެ. އެކަމަކު އެއްގަމުދަތުރު ކުރެވޭނެ އެހެންގޮތްތަކެއްވެސް ހުއްދަކުރެވިފައި އޮވެއްޖެނަމަ ދިރާގާއި އުރީދޫ އައިމާ ވީގޮތްވުން ވަރަށް ގާތެވެ. ރައްޔިތުންނަށް އެހެންގޮތެއްވެސް ފެނުނީއެވެ. މިފަދަ މަގުތަކެއް ކޮށާ ސާފުކޮށް ރައްޔިތުންގެ ކުރިމައްޗަށް ނެރެދިނުމަކީ ސިޔާސީ ޕާރޓީތަކުގެ އިސްސަފުގައި ތިއްބެވި އިލްމުވެރި ތަޖްރިބާކާރުންނަށް އުނދަގޫ ކަމަކަށް ނުވާނެއެވެ. ބޭނުންވަނީ ހަމައެކަނި އެބޭފުޅުންގެ ވިސްނުމަށް ކުޑަކުޑަ ބަދަލެއް ގެނައުމެވެ. މި ފަސްއަހަރު އަހަރެމެންނަށް ނެގިދާނެ ފައިދާތަކަށްވުރެން ރައްޔިތުންނަށް ފައިދާކުރާނެ ވިސްނުމެކެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް