އިޒުރޭލުގެ ސިފައިން ފާއިތުވި އަހަރު ފަލަސްތީނުގެ ނޫސްވެރިންނަށް 260 އަށްވުރެ ގިނަ ހަމަލާ ދީފައިވޭ

Loading

Facebook
Twitter
WhatsApp

އިޒުރޭލުގެ ސިފައިން ފާއިތުވި އަހަރު ފަލަސްތީނުގެ ނޫސްވެރިންނަށް 260 އަށްވުރެ ގިނަ ހަމަލާ ދީފައި ވާކަމަށް ތަހުގީގީ ރިޕޯޓަކުން އެނގިއްޖެއެވެ.

ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ އިދާރާ ޖާނަލިސްޓު ސަޕޯޓު ކޮމިޓީ (ޖޭއެސްސީ)އިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އިޒުރޭލުން އެންމެ ގިނަ ހަމަލާ ދީފައި ވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޤުދުސް ސަރަހައްދާއި ޣައްޒާގައި ޚިދުމަތް ދެމުންދާ ނޫސްވެރިންނަށެވެ.

ޖޭއެސްސީގެ ބަޔާނުގައި ބުނެފައި ވަނީ އިޒުރޭލުގެ ސިފައިންގެ ހަމަލާތަކުގައި ފަލަސްތީނުގެ ނޫސްވެރިންގެ ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާކަމަށާއި ބައެއް ނޫސްވެރިން ދާއިމީ ގޮތެއްގައި ނުކުޅެދޭ މީހުންނަށް ވެފައިވާކަމަށެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިފައިވާކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ނޫސްވެރިންނަށް ހަމަލާ ދިނުމުގެ އިތުރަށް އިޒުރޭލުން ނޫސްވެރިކަމާ ގުޅޭ އިދާރާތައް ހިންގާ އިމާރާތްތަކަށް ހަމަލާދީ އެތަންތަން ފުނޑުފުނޑުކޮށްލާފައި ވެއެވެ.

އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަކީ ވަރަށް އަނިޔާވެރި އަމަލުތަކެއްކަމަށް ބުނެ އެކަން ކުށްވެރިކޮށް ވަރަށް ގިނަ ގައުމުތަކުންނާއި ބައިނަލް އަގުވާމީ ޖަމާޢަތްތަކުން ބަޔާންތައް ނެރެފައިވެއެވެ.

މިދިޔަ އަހަރުގެ ޖުލައިމަހު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖީ)އިން ވަނީ ފަލަސްތީނުގައި މަސައްކަތްކުރާ ނޫސްވެރިންނަށް އިޒުރޭލުންދޭ ހަމަލާތައް ކުށްވެރިކޮށް ބަޔާނެއް ނެރުމުގެ އިތުރަށް އިޒުރޭލުގެ އަމަލުތައް އ.ދ އިން ކުށްވެރި ކުރުމަށް ގޮވާލާފައިވެއެވެ. އަދި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވެސް އެދިފައި ވެއެވެ.

ޖެނީވާގައި ބޭއްވި އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 47 ވަނަ ޖަލްސާގައި އައިއެފްޖީ އާއި ޕީޖީއެސްގެ ގާނޫނީ މުޝީރު ޖެނިފަރ ރޮބިންސަން ވަނީ އިޒުރޭލުގެ ސިފައިން ގަސްތުގައި ފަލަސްތީނުގެ ނޫސްވެރިންނަށް ހަމަލާދޭކަމަށާއި އެކަން ހުއްޓުވުމަށް ބައިނަލްއަގުވާމީ ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ޖެނިފަރ ރޮބިންސަން ވިދާޅުވި ގޮތުގައި 2000 ވަނަ އަހަރު 46 ނޫސްވެރިން މަރާލާފައިވާ އިރު އެއިން އެއްވެސް މީހެއްގެ މަރުގެ ޒިންމާ ވާނެ ފަރާތެއް ހޯދައި ކަނޑައަޅާފައެއް ނުވެއެވެ.

އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންނަށާއި ނޫސްވެރިންނަށް އަނިޔާކޮށް މަރަމުންދާއިރު އެކަން ހުއްޓުވުމަށް ދުނިޔޭގެ ފެންވަރުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް