އެމްޑީޕީގެ ނަމުގައި އިތުރު ޕާޓީއެއް ހަދަން ބަޔަކު އެބައުޅޭ ކަމަށް އެމްޑީޕީން ތުހުމަތުކުރޭ

Facebook
Twitter
WhatsApp
MDP LOGO

އެމްޑީޕީގެ ނަމުގައި އިތުރު ޕާޓީއެއް ހަދައި އެޕާޓީގެ ރިޔާސީ ކެންނޑަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ހަމަޖައްސަން އުޅޭކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އެމްޑީޕީގެ ނަމުގައި ރައީސް ނަޝީދު ބާކީ ކޮށްފައި ނެރޭ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާނެ ކަމަށް ހީފުޅު ނުކުރައްވާށެވެ!

ރައީސް ޔާމީނު ވެސް ރައީސް މައުމޫނުގެ ޕާޓީ އަތުލައްވައި 2019ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވިއެވެ. ކާމިޔާބު ލިބުނު ހެއްޔެވެ؟

ރައީސް ނަޝީދުގެ ތާއީދު ނުލިބި އެމްޑީޕީގެ ނަމުގައި ނުކުންނަ ކެންޑިޑޭޓަކަށް ރިޔާސީ އިންތިޚާބު ކާމިޔާބެއް ނުވާނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވެސް ކުރިމަތި ވެގެން ދާނީ ރައީސް ޔާމީނަށް ދިމާވެގެން ދިޔަ ގޮތެވެ.

މުސްލިމުންނަކީ ވަޢުދާ ޚިލާފުވާނެ ބައެއްނޫނެވެ. އެހެނަސް ދިވެހިންގެ ތެރެއިން އަބަދުވެސް ފެންނަމުން މިދަނީ ވެރިކަމުގެ ލައްޒަތާއި ޖާހަތަށް ޓަކައި ތިމާ ނަގާ ކޮޅަށް ޖަހައިދޭ މީހާގެ ކަރުކަނޑަން އުޅޭ ތަނެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަކީ އަމިއްލަ އެދުން ވަރަށް ބޮޑު ބޭފުޅެކެވެ. އެމަނިކުފާނަށް ރައްޔިތުން ވޯޓު ދިނީ ރައީސް ނަޝީދު ވިދާޅުވެގެންނެވެ. އެހިނދު ރައީސް ނަޝީދު ބުޅަލެއް ދައްކަވާފައި އެއަށް ވޯޓުދޭށޭ ވިދާޅު ވިޔަސް ރައްޔިތުން ވޯޓު ދޭނެއެވެ. އޭރުވެސް އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއަށް ވުރެ ގާބިލު ތަޢުލީމީ އެތައް ބޭފުޅުންނެއް ތިއްބެވި އެވެ. އެހެނަސް ރައީސް ނަޝީދަށް އެވަގުތު އެންމެ އިތުބާރު ކުރެވުނު ބޭފުޅަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެވެ. އެހެނަސް ވެރިކަމުގެ މުގޫ އަތުޖެހުމާއެކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނިޔަތް ގޯސްވެ ރައީސް ނަޝީދު އެމްޑީޕީ އިން ބާކީ ކުރުމުގެ މަސައްކަތް ފެށްޓެވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަފާތު ރޮނގުތަކުން ހަދިޔާ ބައްސަވައި މަޖިލިސްގެ ބާރު ހޯއްދެވީއެވެ. ރައީސް ޞާލިހަކީ ރައީސް ނަޝީދުގެ އެންމެ އަރިސް އެންމެ އިތުބާރު ކުރެއްވި އެންމެ ގާތް ރަހުމަތް ތެރިޔާއެވެ. އަދި ޅިޔަނު ވެސް މެއެވެ. އެހެނަސް ވެރިކަމުގެ ލައްޒަތާއި ޢިއްޒަތާއި ޝާން ޝައުކަތު ފެނިވަޑައިގަތުމުން ޒަމާންވީ އެކުވެރިކަމާއި ގާތްކަމާއި ރަޙުމަތްތެރިކަމާއި ހުރިހާކަމެއް ހަނދާނުން ފޮހެލެއްވިއެވެ.

ރައީސް ޔާމީނަށް ވެސް ވީ މިހެންނެވެ. ރައީސް މައުމޫނު ގެ އެހީގައި ވެރިކަން ހޯއްދަވައި ވެރިކަމުގެ އިއްޒަތާއި ޖާހަތު ފެނުމުން ރައީސް މައުމޫނު އެއްކައިރިކުރެއްވިއެވެ.

ވެރިކަމަކީ ތިމާއަށް ތިމާ އޮޅޭ ކަމެއް ތާއެވެ! ތާރީޚުގެ ތެރެއަށް ވަދެލުމުންވެސް ފެނުނީ މިކަހަލަ އެތަކެއް ވެރީންގެ ހިޔަޅު ރޭވުންތަކެވެ. ވެރިކަން ލިބޭ މަދު ބޭފުޅަކު މެނުވީ ރައްޔިތުންނާއި ގައުމަށް އިޚުލާޞްތެރިވެ ވަޑައެއްނުގަންނަވާނެއެވެ. ވެރިކަން ނިމުމަށްފަހު ގިނަބޭފުޅުންގެ ވިސްނުން ބިނާވަމުން ދަނީ ޙަޔާތުގެ ބާކީބައި ޙަރާމް ފައިސާއާއި ޙަރާމް މުދަލުގެ މަތީގައި ދެމެހެއްޓުމަށެވެ. މިހެން މިވަނީ ﷲ ގެ މަތިން ވެސް ހަނދުމަ ނުކުރާތީއެވެ. މަރުވާނެ ކަންވެސް ހަމަ ނުވިސް ނެނީއެވެ.

މުސްލިމް އުންމަތެއްގެ ނަމުގައި ކަންކަން ބައްޓަން ކުރެވިފައިވާ މި ރާއްޖޭގެ ކޮންމެ ސިޔާސީ މަގާމަކަށް އާދެވެނީ ތެދުވެރިކަމާއި އަމާނާތް ތެރިކަމާއެކު ރައްޔިތުންގެ ޙައްގުތަކަށާއި ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތް ތެރިވާނެ ކަމަށް ﷲ ގަންދީ ހުވާކުރައްވައިގެންނެވެ.

ކަން މިހެން ހުރި ނަމަވެސް ސިޔާސީ މަގާމުތަކަށް ވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އެބޭފުޅަކު ކުރައްވާފައިވާ ހުވާގެ މަތިން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމާއެކު ހަނދުމަފުޅެއް ނުހުރެއެވެ. މަދު ބޭފުޅަކު ފިޔަވައި މަގާމުގެ ހުވާކުރެއްވުމަށްފަހު މަގާމުގެ ނާޖާއިޒު ފައިދާ ޙާޞިލް ކުރުމާއި ރިޝްވަތު ނެންގެވުމާއި ގުޅިގެން މާސިންގާ ބޮޑެތި ވައްކަން އެދަނީ ކުރައްވަމުންނެވެ. މިފަދަ ބޭފުޅުންނަކީ ލާދީނީ ބޭފުޅުންނޭ ބުނާ ޢިލްމުވެރި ޝެއިޚެއް ވެސް އަދި ޢިލްމުވެރިއެއް ވެސް ނުފެނެއެވެ. މިޒަމާނުގައި ދީނީ ޢިލްމުވެރިންގެ ތާޖު އަޅުއްވައިގެން ވެސް ތިއްބަވަނީ ޖާހަތާއި ލައްޒަތަށް ޓަކައި ދީނުގެ ނަން ބޭނުން ކުރައްވައިގެން ދޮގުފަތުވާ ނެރެ މުޖުތަމައުގައި ފިތުނަ އުފައްދަވާށެވެ.

މިހާރަކަށް އައިސް ދީނަކީ ވައްކަމާއި ރިޝްވަތަށް ހުޅުވިފައިވާ ދޮރެއް ކަމަށް ބައެއް މީހުންނަށް ސިފަކުރެވެން ފަށައިފިއެވެ.

އެއްވެސް ގައުމެއް އެގައުމުގެ ވެރިން ނުބައިވެއްޖެނަމަ ރަނގަޅެއް ނުވާނެއެވެ.

އެގޮތުން މި ރާއްޖެ އަކީ ވެރިންގެ އިޚުލާޞްތެރިކަން ގެއްލި ރައްޔިތުންނާއި ވެރިންގެ މެދުގައި އިންޞާފު ގެއްލި ފިތުނަފަސާދަ އުފެދެމުން އަންނަ ރާއްޖެއެކެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމާއި ފައިސާއަށް ޓަކައި ދޮގު ހެކިބަސް ދިނުމާއި ޢިލްމުވެރިންގެ ތެރެއިން ބައެއް ޢިލްމުވެރިން އިސްވެ ތިބެ މީހުން މެރުމާއި ބޮން ތައްޔާރުކޮށް ބިރުވެރި ނާމާން ކިއްލާއެއްގެ ސިފަ މިގައުމުގައި ޖައްސައިފިއެވެ. މިއީ ވެރިން ނުބައިވުމުގެ ނަތީޖާއެވެ.

 

 

2 Responses

  1. Thibinaa Raees Nasheedhah feahineesure inthikhaabeh kaamiyaabu vejjetho? E ee kon inthikhaabeh kithah % vote MDP Anni ah libgentho eve. Anni e ee eynaage vafaatheri supportarun nulai zero ekeve. Ekan emme rangalhah engeynee Mdm Laila asheve. Ehenee Laila abadhuves hamaheyga ulhuvvanee eve. Thi Anni dhen vitakun hoveyne evves magaameh noannaane mi ududhashaku. Eheneh noon honorary Professor degree eh kaafaraku aruvafaane. Eves Hanna gothah.

  2. މިލިއުމުގެ 9 ވަނަ ޕެރެގްރާޕް އަދި އެއްފަހަރު ލިއުންތެރިޔާ ވިދާޅުވެލުމަށް ދަންނަވަމެވެ.
    މުސްލިމް އުންމަތެއްގެ ނަމުގައި ކަންކަން ބައްޓަން ކުރެވިފައިވާ މި ރާއްޖޭގެ ކޮންމެ ސިޔާސީ މަގާމަކަށް އާދެވެނީ ތެދުވެރިކަމާއި އަމާނާތް ތެރިކަމާއެކު ރައްޔިތުންގެ ޙައްގުތަކަށާއި ރައްޔިތުންގެ މުދަލާއި ފައިސާ އަށް ޚިޔާނާތް ތެރިވާނެ ކަމަށް ﷲ ގަންދީ ހުވާކުރައްވައިގެންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް