އިރާގުގައި ހުރި އިޒުރޭލުގެ ޖާސޫސީ މަރުކަޒަކަށް އީރާނުން މިސައިލު ހަމަލާތަކެއް ދީފި

Loading

Facebook
Twitter
WhatsApp

އިރާގުގެ އުތުރު ސަރަހައްދެއްގައި އިޒުރޭލުން ހަދާފައިވާ ޖާސޫސީ މަރުކަޒަކަށް އީރާނުން މިސައިލު ހަމަލާތަކެއް ދީފިއެވެ.

އިރާގުގެ އޮފިޝަލަން ވަނީ އިމާރާތަކަށް ގެއްލުން ވީކަމަށް ބުނެފައެވެ. ނަމަވެސް ލިބުނު ގެއްލުމުގެ ތަދުސީލު ހާމަކޮށްފައެއްނުވެއެވެ.

ކުރުދީންގެ ވެރިރަށަށް މިސައިލް ހަމަލާތަކެއް ދީފައިވާކަމަށް އިރާގުގައި ހުންނަ އިރާނުގެ ޓީވީން ބުނިކަމަށް ވިޔަސް ހަމަލާ ދިނީ ކޮންބައެއްކަމެއް އީރާނުގެ ސްޓޭޓު ޓީވީން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ހަމަލާ އަމާޒުވެފައި ވަނީ ކުރުދީންގެ ވެރިރަށް އިރުބީލްގައި ހުރި އިޒުރޭލްގެ ޖާސޫސީ އިމާރާތަކަށް ކަމަށް ބުނެފައިވެއެވެ.

އިރާގުގެ ބޮޑު ވަޒީރު މުސްޠަފާ އަލް ޚާދިމީ ވިދާޅުވިގޮތުގައި އެ ހަމަލާތަކުގެ ސަބަބުން އިރުބީލްގެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމެއް ވަނީ ފެތުރިފައެވެ.

އެމެރިކާގެ ޢަސްކަރީ އޮފިޝަލަކު ބުނި ގޮތުގައި މިސައިލް ހަމަލާ ދީފައި ވަނީ އިރާގާއި އަވައްޓެރި އީރާނުގެ ތެރެއިންނެވެ. ހަމަލާ ދީފައި ވަނީ ކިތައް މިސައިލު ފޮނުވައިގެންކަމެއް އަދި މިހާތަނަށް ޔަގީނެއް ނުވެއެވެ. ނަމަވެސް ހަމަލާ ދިނުމަށް 12 ވަރަކަށް މިސައިލު ފޮނުވާފައިވާކަމަށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

އީރާނުން ހަމަލާ ދިނީ ބެލެސްޓިކް މިސައިލުން

މިސައިލް ހަމަލާތަކުގައި އިމާރާތްތަކަށް ގެއްލުން ލިބުނު ކަމަށް ވިޔަސް އެއްވެސް މީހަކަށް އަނިޔާވީކަމެއް ނޫންނަމަ މަރުވީ ކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ. މިސައިލް ހަމަލާތަކާ ގުޅިގެން އެމެރިކާއިން ބުނީ އެއްވެސް ގެއްލުމެއް ނުލިބޭކަމަށެވެ. ނަމަވެސް އިރާގުގެ އޮފިޝަލުން ވަނީ އެމެރިކާގެ މަސްލަހަތު ހުރި ތަންތަނަށް ވެސް ހަމަލާ އަމާޒުވީކަމަށް ބުނެފައެވެ.

އެމެރިކާގެ އޮފިޝަލަކު ބުނި ގޮތުގައި މިސައިލް ހަމަލާގެ ކަންތައް އިރާގު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ކުރުދީންގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އެމެރިކާއިން ތަހުގީގު ކުރާނެއެވެ.

މީގެ ދުވަސްތަކެއް ކުރީން ސީރިޔާގައި ތިބި އީރާނުގެ އިންގިލާބީ ސިފައިންނަށް އިޒުރޭލުން ދިން ހަމަލާއެއްގައި ދެ މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އެ ހާދިސާއާ ގުޅިގެން އީރާނުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވާހަކަދައްކަމުން އޭގެ ބަދަލު ހިފާނޭކަމަށް ވަނީ ބުނެފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި އިޒުރޭލުގެ ޖާސޫސީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި ބޭނުންކޮށްފައި ވަނީ ބެލެސްޓިކް މިސައިލެވެ.

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް